Support Us

އަލީ ރަމީޒުގެ "ތިޔައޭ ރަސޫލަކީ"ގެ ރިމިކްސް އޮބިނޯވޭ، މާ ބޮޑަށްވެސް އަސަރުގަދަ

އަލީ ރަމީޒު މީގެ 23 އަހަރު ކުރިން ކިޔައިފައިވާ "ތިޔައޭ ރަސޫލަކީ"ގެ ރިމިކްސް ޔޫޓިއުބުގައި މި ހަފުތާގައި ރިލީޒްކުރުމުން ގިނަ ބަޔަކު އަންނަނީ އެ މަދަހައަށް ތައުރީފުކުރަމުންނެވެ. ލަވަކިއުމުގައި ރާއްޖޭގައި އެންމެ ބޮޑު މަގުބޫލްކަމެއް ހޯދި އަލީ ރަމީޒުގެ އެންމެ ފުރަތަމަ މަދަހަ، "ވިނަވި" ސީޑީގައި 2000 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީކޮޅު ރިލީޒްކުރިއިރު އެ މަދަހަ ކިޔައިފައި ވަނީ މިއުޒިކާއެކު ކަމަށް ވީ ނަމަވެސް ރިމިކްސްގައި މިއުޒިކްގެ ބަދަލުގައި ވަނީ ކޯރަސްއެވެ. އަދި ލައްވައިފައިވާ ބަނޑިތަކާއި އިމްޕްރޮވައިޒޭޝަންގެ ސަބަބުން އިހުސާސްވެގެން ދަނީ މުޅިން އެހެން އަސަރުތަކެކެވެ.

އަލީ ރަމީޒު ލަވަކިއުން ހުއްޓައިލީ 2003 ގައެވެ.

މަދަހައެއް ރެކޯޑުނުކުރާތާ ގިނަ ދުވަސްތަކަކަށްފަހު އަލީ ރަމީޒުގެ ރަން އަޑުން ވިރުވައި އަޅައިލި "ތިޔައޭ ރަސޫލަކީ"ގެ ރިމިކްސް މި މަހު އަށް ވަނަ ދުވަހުގެ ރޭ ނެރެފައި ވަނީ ވީޑިއޯއާއެކުގައެވެ. އެ ވީޑިއޯގައި ދައްކަނީ ރަސޫލް ޒަމާން ތަސްވީރު ވާ ކަހަލަ އެކިއެކި ކުރެހުންތަކެވެ. އެއީ ވެސް މި މަދަހައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެކެވެ. އެ ކުރެހުންތައް ކުރަހައިފައި ވަނީ މަޝްހޫރު ކުރެހުންތެރިޔާ ހދ. ވައިކަރަދޫ، މުހައްމަދު ޝިރުހާން (ސިރޫ) އެވެ. ޖުމްލަ 4.20 މިނިޓުގެ އެ ވީޑިއޯގައި އޭނާގެ 20 ކުރެހުން ހިމަނައިފައިވެއެވެ.

މި ކުރެހުންތައް ފޭސްބުކްގައި ހިއްސާކުރަމުން ސިރޫ ބުނީ ކުރެހިއިރު އޭނާ ބޮޑަށް ބަލައިފައި ވަނީ "ސިޔަރަތާ ގުޅުންހުރި ގޮތަށް ކުރެހޭތޯ" ކަމަށެވެ. އަދި މާތްވެގެންވާ ގެފުޅާއި މަސްޖިދުއްނަބަވީގެ އެންމެ އިހުގެ ކުރެހުންތަކާއި މޮޑެލްތައް ބަލައިގެން އެގޮތަށް ވެސް ކުރަހައިފައިވާ ކަމަށާއި އަދި ބައެއް ކުރެހުންތަކަކީ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، މާތްވެގެންވާ މައްކާ ކުރިން އޮންނާނެ ގޮތް ކަމަށް ޚިޔާލަށް ގެނެސްގެން ކުރަހައިފައިވާ ކުރެހުންތަކެއް ކަމަށެވެ.

މި ކުރެހުންތައް ސިރޫ ކުރަހައިފައި ވަނީ ހަފުތާއެއް ދުވަހުންނެވެ.

"ތިޔައޭ ރަސޫލަކީ…" އަކީ 2000 ވަނަ އަހަރުގެ ރަމަޟާން މަހަށް އަލީ ރަމީޒު ތައްޔާރުކުރި އޭނާގެ ފުރަތަމަ މަދަހަ ސީޑީ "ވިނަވީ"ގައި ހިމެނޭ މަދަހައެކެވެ. އެއީ މަޝްހޫރު ޅެންވެރިޔާ ޅ. ނައިފަރު އާދަމް ހަލީމު އަދުނާން ހައްދަވައިފައިވާ ޅެމަކަށް، އަލީ ރަމީޒުގެ އަމިއްލަ ރާގަކަށް ކިޔައިފައިވާ މަދަހައެކެވެ. ހިލޭ ބެހި "ވިނަވީ"ގައި ތައްޔާރުކޮށްފައި ވަނީ ޖުމްލަ 500 ސީޑީއެވެ.

އިނގިރޭސިންނާއި ދިވެހި ބަހުން ސަބްޓައިޓްލް އަރުވައިފައިވާ، "ތިޔައޭ ރަސޫލަކީ"ގެ ރިމިކްސް ޔޫޓިއުބުގައި ނެރުނުތާ ތިން ދުވަސް ތެރޭގައި 13 ހާހަށްވުރެ ގިނަ މީހުން ބަލައިފައިވެއެވެ.

އަލީ ރަމީޒުގެ އެންމެ ފުރަތަމަ މަދަހަ 23 އަހަރު ފަހުން، މިހާރު މާ އަސަރުގަދަ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *