Support Us

އަލީ ރަމީޒުގެ އެންމެ ފުރަތަމަ މަދަހަ 23 އަހަރު ފަހުން، މިހާރު މާ އަސަރުގަދަ

"ތިޔައޭ ރަސޫލަކީ…" އަކީ އަލީ ރަމީޒުގެ އެންމެ ފުރަތަމަ މަދަހައެވެ. "ވިނަވި" ސީޑީގައި ހިމެނުމަށް އެ މަދަހަ ރެކޯޑުކުރީ، މީގެ 23 އަހަރު ކުރިން، 2000 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީކޮޅުއެވެ. އެއީ ރާއްޖޭގެ އެންމެ މަޝްހޫރުވި ލަވަކިއުންތެރިޔާގެ އެންމެ ރަންޒަމާނެވެ.

އެ މަދަހަ ރެކޯޑުކުރި މުއާވިއަތު ސްޓޫޑިއޯގައި އަޅުގަނޑުވެސް އެރޭ ހުރީމެވެ. މަދަހަ ރެކޯޑުކޮށް ނިމުމުން، ރަނގަޅަށް އަޑުއަހައިލަން ބޭނުންކަމަށް ބުނުމުން އޭގެ މަސައްކަތު ކޮޕީއެއް އަލީ ރަމީޒު އަޅުގަނޑަށް ދިނެވެ. ދެން ގެއަށް އައިސް، ހެޑްސެޓް އަޅައިގެން ފިސާރި ބާރަށް އެ މަދަހަ ޖަހަން ފެށުމުން ހިތަށް ވެރިވެގެންދިޔަ ޝުއޫރުތަކަކީ، ދުލަކުން ގަލަމަކުން އެހާ ފަސޭހައިން ބުނެދޭން ނޭނގޭހާ އަސަރުގަދަ ޝުޢޫރުތަކެކެވެ. ކައު ސާބިހާގެ މާތްވި ސިފަފުޅުތަކާއި ޚުލްގުފުޅުތައް ޅެންވެރިކަމުގެ ފަށުވި ލަފުޒުތަކުން ގަތަމުން އަލީ ރަމީޒުގެ ރަން އަޑުން ވިރުވައިއަޅަމުންދިޔައިރު އެ ޖަޒުބާތުގައި ޖެހި އަޅުގަނޑުގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުންދިޔައެވެ. އެކަމަކު ވެސް ހުއްޓައެއްނުލަމެވެ. ކަރުނަތައް ފޮހެމުން، މަދަހަ އަޑުއަހަމުން ދިޔައީމެވެ. އެރޭ ހަމަ ޔަގީނުން ވެސް ވިއްސަކަށް ފަހަރު އެ މަދަހަ އަޅުގަނޑު ތަކުރާރުކޮށް ޖެހީމެވެ.

މިއަދު މިއީ އޭގެ 23 އަހަރު ފަހެވެ. އެ މަދަހައިގެ ތަންކޮޅެއް އަލީ ރަމީޒު މިއަދު ވަނީ އޭނާގެ ފޭސްބުކްގައި ޕޯސްޓްކޮށްފައެވެ. އަލުން ކިޔައިފައެވެ. އެއާއެކު ކުރީގެ ހަނދާންތައް އާވާންފެށިއެވެ. އޭގެ އެންމެ ތާޒާކަމާއެކުގައެވެ. މިފަހަރުގެ މަދަހައިން އިވެނީ މައިގަނޑު އެކަނި ކަމަށް ވިޔަސް އެ ތަންކޮޅު އަލީ ރަމީޒު ކިޔައިފައިވާލެއް ކުރިއަށް ވުރެވެސް މާ ފުރިހަމަ އެވެ. މާ އަސަރު ގަދައެވެ.

"ތިޔައޭ ރަސޫލަކީ…" އަކީ 2000 ވަނަ އަހަރުގެ ރަމަޟާން މަހަށް އަލީ ރަމީޒު ތައްޔާރުކުރި ފުރަތަމަ މަދަހަ ސީޑީ "ވިނަވީ"ގައި ހިމެނޭ މަދަހައެކެވެ. އެއީ މަޝްހޫރު ޅެންވެރިޔާ އާދަމް ހަލީމު އަދުނާން ހައްދަވައިފައިވާ ޅެމަކަށް، އަލީ ރަމީޒުގެ އަމިއްލަ ރާގަކަށް ކިޔައިފައިވާ މަދަހައެކެވެ. ހިލޭ ބެހި "ވިނަވީ"ގައި ތައްޔާރުކޮށްފައި ވަނީ ޖުމްލަ 500 ސީޑީއެވެ.

ހަވީރު ނޫސް، 27 ނޮވެމްބަރު 2000 (1 ރަމަޟާން 1421)

މި މަދަހަ އަލީ ރަމީޒު ކިޔައިފައި ވަނީ އޭނާގެ ލަވަކިއުމުގެ އެންމެ ރަން ޒަމާނުގައި ކަމަށް ވާތީ އެ މަދަހަ ރެކޯޑުކޮށްފައި ވަނީ ވެސް މިއުޒިކާއެކުގައެވެ. އަލީ ރަމީޒު ލަވަކިއުން ހުއްޓައިލީ 2003 ގައެވެ.

"ޓަޗް ހުރިތޯ ބަލައިލަން،" މަދަހަ ޕޯސްޓުކުރަމުން އަލީ ރަމީޒު މިއަދު ބުނެފައިވެއެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އޭނާގެ ރަން އަޑަށާއި އާދަޔާޚިލާފު ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އަދިވެސް އަލީ ރަމީޒުގެ އިތުރު މަދަހަތަކެއްގެ އިންތިޒާރުގައި ތިބި ކަމަށް ބުނެފައެވެ.

މި ވީޑިއޯ އަލީ ރަމީޒު ޕޯސްޓްކުރިތާ ގަޑިއެއްގެ އިރު ނުވަނީވެސް 500 އަށްވުރެ ގިނަ މީހުން ޝެއާކޮށް އަދި 500 އަށްވުރެ ގިނަ މީހުން ކޮމެންޓުވެސް ކޮށްފައިވެއެވެ. އަޅުގަނޑު ހީކުރި 23 އަހަރަށް ފަހު އެ މަދަހައިގެ ތަންކޮޅެއް ނަމަވެސް އަލުން އަޑުއިވުމުން މާޒީ ހަނދާންވާނީ އަޅުގަނޑު އެކަނި ކަމަށެވެ. އެކަމަކު އެއީ އަޅުގަނޑަށް އެކަނި ވެގެން އުޅޭ ގޮތެއް ނޫންކަން މިހާރު އެނގިއްޖެއެވެ. ތިރީގައި މިވާ ކޮމެންޓްތަކުން އެކަން ކަށަވަރުވީމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *