ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރޫސީ ސިފައިން ޔުކްރޭނުގެ 160 ހާސް ސިފައިން މަރާލައިފައިވާނެ ކަމަށާއި ތިން ހާސް ޓޭންކް ހަލާކުކޮށްލައިވާނޭ ކަމަށާއި ހަނގުރާމަމަތީ 121 މަތިންދާބޯޓާއި 23 ހެލިކޮޕްޓަރު ވައްޓައިލައިފާވާނެ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ރަޝިޔާގެ ޢާންމު ޗީފް އޮފް ސްޓާފް ވެލެރީ ގްރާސިމޯވް ހާމަކުރެއްވިގޮތުގައި ރޫސީ ސިފައިންގެ މުހިއްމު މަސައްކަތަކަށް ވެފައިވަނީ ޔުކްރޭންގެ އިދިކޮޅު ޙަމަލާތައް މަތަކުރުމާއި އެއްގަމު މަގުން ކްރިމިޔާ ސަރަޙައްދަށް އަރަން ކުރި މަސައްކަތްތައް ހުއްޓުވުމެވެ.
އޭނާ ވިދާޅުވިއެވެ. "ޔުކްރޭނާއި ޔުކްރޭންގެ ނޭޓޯ ބައިވެރިން ރަޝިޔާއަށް ދޭން މަސައްކަތްކުރި އިދިކޮޅު ޙަމަލާތައް އަހުރެމެން ވާނީ ނާކާމިޔާބުކޮށްލައިފައެވެ. ހުޅަނގުގެ މީޑިއާތަކުން ޔުކްރޭންގެ އިދިކޮޅު ޙަމަލާތައް ވަރަށް އޮފުދާރުކޮށް ވަރަށް ފުޅައުކޮށް ފަތުރަމުން ދިޔަނަމަވެސް އެމީހުންނަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އެޅިފައެއްނުވެއެވެ. މިލިޓޮޕޮލް ސަހަރު ޙިޞާރުކޮށް އާޒޯފް ކަނޑު ހުރަސްކޮށް މާރިޔޯޕޯލް ސަހަރުތެރެއިން ކްރެމިޔާ ސަރަޙައްދާ ހަމައަށް ވާޞިލުވުމުށް ވަރަށް ބުރަ މަސައްކަތްތަކެއް ޔުކްރޭނުން ކުރިއެވެ. ނޭޓޯއިން ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތާއި ޒަމާނީ ޢަސްކަރީ ހަތިޔާރު ދީގެން ވެސް އެމީހުންނަށް ވަނީ އެ މަސައްކަތް ނުކުރެވިފައެވެ."
އޭނާ ވިދާޅުވިގޮތުގައި ހުޅަނގުން ޔުކްރޭނަށް ވަނީ 5،200 ޓޭންކާއި 1،300 ބޮޑުބަޑިއާއި ހަނގުރާމަމަތީ 100 މަތިންދާބޯޓާއި ހެލިކޮޕްޓަރާއި 23،000 ޑްރޯން ދީފައެވެ. މީގެއިތުރަށް އެމެރިކާއާއި ޔޫރަޕުން ވަނީ 100 ހާސް ޔުކްރޭން ސިފައިންނަށް ނޭޓޯގެ ޒަމާނީ ހަތިޔާރުތައް ބޭނުންކުރުމަށް ތަމްރީން ދީފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން 500 މިސައިލް (އޭގެ ތެރޭގައި ސްޓޯރމް ޝެޑޯ އާއި އެޓަމެކްސް) ދީފައި ވެއެވެ.
އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި ސެޕްޓެންބަރު 2022 ން ފެށިގެން ޔުކްރޭނުން ވަނީ ރަޝިޔާގެ 3،700 ޑްރޯނުގެ ތެރެއިން 2،900 ޑްރޯން ވަނީ ވައްޓައިލައިފައެވެ. ހަނގުރާމައިގެ މައިދާނުގައި ޔުކްރޭނަށް ޙާޞިލުކުރެވުނު އެއްވެސް ކާމިޔާބީއެއްގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.



advertisment