Support Us

ޣައްޒާގެ ޖަބާލިޔާ ސަރަޙައްދުގައި އައު ގަތުލުޢާންމުތަކެއް

އުތުރު ޣައްޒާގެ ޖަބާލިޔާ ސަރަޙައްދުގައި އިސްރާއީލުގެ ބޯޓުތަކުން ދެ ގެއަކަށް ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލައިފިއެވެ.

މި ގަތުލުޢާންމުގެ އިތުރަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ ދެކުނުގެ ޚަންޔޫނުސަށާއި މެދުތެރޭގެ ދައިރުލްބަލަޙަށާއި ޣައްޒާ ސަހަރުގެ އިރުމަތީގެ އައްޝުޖާއިއްޔާ އަވަށަށް ވެސް ބޮމުގެ ޙަމަލާތައް ދިނެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ޖަބާލިޔާގައި ޚުއްލާ ޢައިލާ މީހުންގެ ގެއަށް އެޅި ބޮމުގެ ސަބަބުން 11 މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. 

މީގެއިތުރަށް ޖަބާލިޔާގެ ޝިހާބު ޢާއިލާގެ މީހުންގެއަށް ބޮންއެޅުމުގެ ސަބަބުން 24 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަކަމުވިއެވެ. އިސްރާއީލުން މި ގެއަށް އަމާޒުކޮށް ބޮންއެޅުމުގެ ސަބަބުން އަވަށްޓެރި އެތައް ގެއަކަށް ގެއްލުން ލިބުނެވެ. ޒަޚަމުވި މީހުން އިތުރުވީ މި ކަމުގެ ސަބަބުންނެވެ. 

ޖަޒީރާގެ ރިޕޯޓަރު ބުނިގޮތުގައި ޝަހީދުވި މީހުންނާއި ޒަޚަމުވިމީހުންގެ ތެރޭގައި ކުޑަކުދިން ހިމެނެއެވެ. ޖަބާލިޔާގެ ހަސްފަތާލުތައް ހަލާކުކޮށްލައިފައިވާތީ އެ ތަންތަނުން ލިބެނީ ހަމަ އެކަނި ފުރަތަމަ އެހީގެ ޚިދްމަތްތަކެވެ. 

ޚާން ޔޫނުސް 

ޖަޒީރާ ބުނާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޚާން ޔޫނުސްގެ ދެކުނުގެ މަޢިން ސަރަޙައްދަށާއި ޚާން ޔޫނުސްގެ އިރުމަތީގެ ބަނީ ސުހައިލާ ސަރަޙައްދަށާޢި ޚާން ޔޫނުސްގެ އުތުރުގެ އަލްޤަރާރާ ސަރަޙައްދަށް ވެސް ބޮންއެޅިއެވެ. 

އަލްޤަރާރާއާއި ބަނީ ސުހައިލާ ސަރަޙައްދުގައި އިސްރާއީލް ސިފައިންނާ ފަލަސްޠީނުގެ ހަނގުރާމަވެރީންނާ ދެމެދުގައި ކުރިމަތިލުންތައް ވެސް ހިނގިއެވެ. ފަލަސްޠީނުގެ ހަނގުރާމަވެރިން ތިބި ތަންތަން ހޯދަންވެގެން އިސްރާއިލުން ޖައްވުގެ ތެރޭގައި އަލި ބޮން ގޮއްވިއެވެ.  

ތުރްކީގެ އަނާޟޫލް އޭޖެންސީ ބުނަގޮތުގައި ރޭ ފަތިހު ހިނގި ކުރިމަތިލުންތައް ހެނދުންވީ އިރު ވެސް ނުހުއްޓެއެވެ. 

މަތިންދާބޯޓުގެ އިތުރަށް އިސްރާއީލު ސިފައިން ބޮޑުބަޑިއާއި ޓޭންކުން ވަރަށް ވަރުގަދަ ޙަމަލާތަކެއް މިއަދު ދިނެވެ. 

ދައިރުލްބަލަޙާއި ނުޞައިރާތާއި ޝުޖާޢިއްޔާ 

އިސްރާއީލުން ވައިގެ ޙަމަލާތައް ދިން ޣައްޒާގެ ރަށްރަށުގެ ތެރޭގައި ދައިރުލަ ބަލަޙު ފޭލިގެއަވަށާއި ނުޞައިރާތު ފޭލިގެ އަވަށާއި ޣައްޒާގެ ޝުޖާއިއްޔާ އަވަށް ހިމެނެއެވެ. 

ކަމާލް ޢުދްވާން ހަސްފަތާލު

އަނެއްކޮޅުން ބަލާއިރު އުތުރު ޣައްޒާގެ ބައިތު ލާހިޔާގައި ހުންނަ ކަމާލް ޢުދްވާން ހަސްފަތާލު ދުވަސްކޮޅަކަށް ޙިޞާރުކުރުމަށްފަހު މިއަދު އެ ހަސްފަތާލަށް އިސްރާއިލު ސިފައިން ވަދެގަތްފިއެވެ.

އިސްރާއީލް ސިފައިންގެ ބުލްޑޯޒަރުތަކާއި ކްރޭންތައް މި ހަސްފަތާލަށް ވަދެ އިސްރާއީލު ސިފައިން ވަނީ މި ހަސްފަތާލު މުޅިން ތަޅައި ހަލާކުކޮށްފައެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި އިސްރާއީލު ސިފައިން މިހާރު ވަނީ އެ ހަސްފަތާލުގައި ކުރަންދިޔަ މަސައްކަތްތައް ކޮށް ނިންމައިފައެވެ. އިސްރާއީލުން ތުހްމަތުކުރާ ގޮތުގައި މި ހަސްފަތާލުން ފަލަސްޠީނުގެ 80 ހަނގުރާމަވެރިންގެ  ހައްޔަރު ކުރެވުނެވެ. އަދި އެ ތަނުން އެތައް ބައިވަރު ހަތިޔާރުތަކެއް ފެނުނެވެ.

ޣައްޒާއިން ބުނާގޮތުގައި އިސްރާއީލު ސިފައިން އެ ހަސްފަތާލުގެ މެޑިކަލް ކަވާދިރުންގެ ތެރެއިން 70 މީހުން ހައްޔަރުކުރިއެވެ. މި ހަސްފަތާލުގެ އިސް ޑަކްޓަރެއް ކަމުގައިވާ އަޙްމަދުލް ކަޙްލޫތު ވިދާޅުވާ ގޮތުގައި އިސްރާއީލު ސިފައިން މި ހަސްފަތާލުގެ ހުރިހާ މުވައްޒަފުން ހައްޔަރުކޮށްގެން ތަޙްޤީޤަށް ގެންދިޔައެވެ. 

ޣައްޒާގެ 38 ހަސްފަތާލުގެ ތެރެއިން މިހާރު ކޮންމެވެސް މިންވަރަކަށް މަސައްކަތް ކުރަނީ އެންމެ 11 ހަސްފަތާލެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *