Support Us

ކުވައިތުގެ އަމީރު ޝައިޚު ނައްވާފުލް އަޙްމަދުއްޞަބާޙު އަވަހާރަވެއްޖެ

ކުވައިތުގެ އަމީރު ޝައިޚު ނައްވާފުލް އަޙްމަދުއް ޞަބާޙު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ޢުމުރުފުޅުން 86 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ. އަމީރު ނައްވާފު އާލާސްކަންފުޅެއްގައި  ހަސްފަތާލަށް ވަދެވަޑައިގަތީ މި ހުސްވި ނޮވެންބަރުމަހުގެ ފަހުކޮޅުގައެވެ. 

އައްޝައިޚު ނައްވާފު ކުވައިތުގެ ވަލީ ޢަހްދު ކަމަށް އިސްކުރެވުނީ 2006 ގައެވެ. އޭނާ އަމީރު ކަމަށް އިސްކުރީ 2020ގައި އޭނާގެ އެއްބަފައި ބޭބޭފުޅު އަމީރު ޞަބާޙުލްއަޙްމަދު 91 އަހަރުފުޅުގައި އަވަހާރަވުމުންނެވެ. 

ޝައިޚު ނައްވާފު ދުނިޔެއަށް ވަޑައިގަތީ 1937 ގައެވެ. އޭނާއަކީ އައްޝައިޚު އަޙްމަދުލް ޖާބިރުގެ ފަސްވަނަ ދަރިކަލުންނެވެ. 

އައްޝައިޚު ނައްވާފު އަވަހާރަވުމާވިދިގެން އަރަބި ޤައުމުތަކުގައި ވަނީ ތިން ދުވަހަށް ހިތާމަ ފާޅުކުރުން އިޢުލާންކޮށް ބައި ދަނޑިއަށް ދިދަ ތިރިކޮށްފައެވެ. 

ޞައްދާމު ޙުސައިނުގެ ވެރކަމުގައި 1990 ގައި ޢިރާޤުން ކުވައިތަށް އެރިއިރު ޝައިޚު ނައްވާފު ހުންނެވީ ކުވައިތުގެ ދިފާޢީ ވަޒީރުކަމުގެ މަޤާމުގައެވެ. 

ޝައިޚު ނައްވާފަކީ ވަރަށް މަޑުމައިތިރި ވަރަށް ބޮޑަށް ސިއްރުތައް ހިފަހައްޓަވާ ޙިކްމަތްތެރި ވެރިއެކެވެ. ކުވައިތާ ކުރިމަތިލާން ޖެހުނު ސިޔާސީ ގަނޑުބަޑުތަކުގެ ތެރޭގައި ސަރުކާރު ވެއްޓި ބަރްލަމާނު ރޫޅިގެން ދިޔަ ދުވަސްވަރު ސަރުކާރު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވީ ޝައިޚު ނައްވާފެވެ. ދެހާސް ފަސް ވަނަ އަހަރު ކުވައިތު ދެކެފައިވާ ނިރުބަވެރި ޙަމަލާތަކުގެ ދުވަސްވަރުގައި ނިރުބަވެރިކަމާ ދެކޮޅަށް ޝައިޚު ނައްވާފު ހަނގުރާމަ ކުރެއްވީ ބޮޑުވަޒީރުގެ ނައިބުކަމުގައި ހުންނަވައިގެންނެވެ. 

އޭނާ ސިޔާސީ މައިދާނަށް ވަދެވަޑައިގަތީ ޢުމުރުފުޅުން 25 އަހަރުފުޅުގައި ޙަވައްލީ ސަރަޙައްދުގެ ގަވަރުނަރުކަމުގެ ވަޒީފާއިންނެވެ. ރަށްފުށުގެ ރަށެއްގެ ގޮތުގައި އޮތް މި ސަރަޙައްދަށް ޢުމްރާނީ ތަރައްޤީ ގެނެސްދެއްވައި ކުރިއަރައިފައިވާ ސަރަޙައްދަކަށް ޙަވައްލީ ހެއްދެވިއެވެ. އޭނާ އެ ވަޒީފާގައި 16 އަހަރު ހުންނެވިއެވެ. އޭގެ ފަހުން އޭނާ އިސްކުރެވުނީ ދާޚިލީ ވަޒީރުކަމަށެވެ. އެ މަޤާމުގައި 10 އަހަރު ހުންނެވިއެވެ.

އަމީރު ނައްވާފު އަވަހާރަވުމާ ވިދިގެން ކުވައިތުގައި މިހާރު ވަނީ ޤައުމީ ހިތާމައިގެ 40 ދުވަސް އިޢުލާންކޮށްފައެވެ. ކުވައިތުގެ ހުރިހާ ދާއިރާތަކެއް ތިން ދުވަހަށް ބަންދުކުރަން ވެސް ހަމަޖައްސައިފައެވެ.

ކުވައިތުގައި ކެބިނެޓުން މިއަދު ވަނީ އެ ޤައުމުގެ އަމީރުކަމަށް އައްޝައިޚު މިޝްޢަލުލް އަޙުމަދު އިސްކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *