Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންނަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމާއި އެކަމުގެ އަސަރު

މިއަދު އަޅުގަނޑު ލިޔެލަން މިއުޅެނީ އޯޓިޒަމްގެ ސަބަބުން ކުދިންގެ އިޖުތިމާޢީ ހުނަރުތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުންނެވެ. އޯޓިޒަމާ ގުޅޭ ގޮތުން އެންމެ ގިނަ ދިރާސާތައް ޒަމާނުއްސުރެ ހެދޭ އެއް ދާއިރާއަކީ ވެސް މިއީއެވެ. (ވައިސް & ހެރިސް، 2001؛ ރެޑްލީ، ޑާރޓް، ބްރެނަން، ހެލްބިގ، ލެމަން، ސިލްބަރމަން، & މެންޑަންހަލް، 2020). ސަބަބަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރގެ ސަބަބުން ދިރިއުޅުމުގެ އެންމެ ގިނަ ކަންތައްތަކަށް އަސަރު ކުރަނީ އިޖުތިމާޢީ ހުނަރުތަކުގެ ގާބިލުކަން އެކުދިންގެ ތަރައްގީކުރުމުގައި ހުންނަ ދަތިތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން އެ ކަންކަން ތަރައްގީ ނުވުމުން އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު އުޅެން ކުދިންނަށް ދަސްކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުގެ ވެސް ސަބަބުންނެވެ.

ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އަދި ބޮޑެތި މީހުންނަށް ވެސް ދިރިއުޅުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިޖުތިމާއީ ހުނަރުތައް ދަށްވުމެވެ. ބައެއް ޢިލުމުވެރިން ފާހަގަކުރައްވާ ގޮތުގައި އިޖުތިމާޢީ ހުނަރުތައް ތަރައްގީކުރުމުގައި ތަފާތު ގިނަ ގޮތްތައް ބޭނުންކުރަމުންދިޔަ ނަމަވެސް އެ ކުދިންނަށް އެހެން މީހުންނާއެކު ގުޅުން ބަދަހިކުރުމުގެ ދަތިކަން ޢުމުރުން ދުވަސްވާއިރު ވެސް ފާހަގަކުރެވެއެވެ. (ސްކަޓޯން، 2007).

ދިރާސާވެރިން ހާމަކުރާގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަށް އިޖުތިމާޢީ ހުނަރު ދަސްކޮށްދިނުމުގައި ތަފާތު އެކިއެކި އިންޓަވެންޝަންތައް ބޭނުންކުރެވެއެވެ. މިގޮތުން މިސާލަކަށް ސޯޝަލް ސްޓޯރިސް/ އިޖުތިމާޢީ ވާހަކަތައް (ސާނީ ބޮޒްކަރޓް & ވުރަން، 2014) ނުވަތަ ހަމަ އެބާވަތުގެ ސޯޝަލް ސްޓޯރިސް ވީޑިއޯ މޮޑެލިން/ ވީޑިއޯއިން ނަމޫނާ ދައްކައިގެން ވެސް އިޖުތިމާޢީ ހުނަރުތައް ތަރައްގީކޮށް ދަސްކޮށްދިނުމަށް ބޭނުންކުރެވެއެވެ. (ހާލް، ނިންނެސް، ނިންނެސް، & ލޯސަން، 2016).

އިސްވެދިޔަ ދިރާސާތަކުން އަދި ފަހުގެ އެހެން ދިރާސާތަކުން ވެސް ހޯދައިފައިވާ ހޯދުންތަކާއި ހުށަހެޅުންތަކުގެ ތެރެއިން މިސާލަކަށް ޕީޓަރސް، އަދި ތޮމްޕްސަން (2018) ހާމަކުރައްވާ ގޮތުގައި 'އެޕްލައިޑް ޕާސްޕެކްޓިވް ޓޭކިން' އަކީ އިޖުތިމާޢީ ހުނަރުތައް ދަސްކުރުމުގެ ދަތިތަކަށް އެހީތެރިވެދޭނެ އުނގަންނައިދިނުމުގެ ގޮތެކެވެ. މިގޮތުން މި ދިރާސާގައި ޚާއްޞަކޮށް ފާހަގަކޮށްފައިވާ ”އެޕްލައިޑް ޕާސްޕެކްޓިވް“ގެ ބައެއް މިސާލުތައް ކަމަށްވާ ސީދާ ނޫން ގޮތަށް ކުއްޖާއަށް ނޭނގުމުގެ ތެރޭގައި ބޭނުންކުރެވޭ ގޮތްތަކާއި، ވާހަކަ ދެއްކުމުގައި ކުއްޖާއަށް އެކަށީގެންވާ ތަފްސީލެއް ފޯރުކޮށްދިނުމާއި، ވިސްނައިދިނުމާއި، އެކަންކަމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން (ސްޕީޗްތެރަޕީ، ވިޝުއަލްފޯލްޑަރ، މެންޓަރިން) ފޯރުކޮށްދިނުމެވެ. ޚާއްޞަކޮށް ވާހަކަ ކުރިޔަށް ގެންދިއުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމުން އޯޓިޒަމް ހުންނަ ކުދިންނަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށް ޕްރެކްޓިސް ކުރުމަށް އެހީތެރިވެދެއެވެ.

ބެލެނިވެރިންނަށް ކުރެވޭނީ ކޮންކަމެއް؟

ދަރިންނަށް އިޖުތިމާއީ އަސާސީ ހުނަރުތައް ދަސްކުރުމަށް މައިންބަފައިންނަށް އެހީތެރިވާން ފަށާނެ ގޮތްތަކެއް އިސްވެދިޔަ ދިރާސާވެރިންގެ ތަފާތު ލިޔުންތަކުގައި އިޝާރާތްކޮށްފައިވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ މައިންބަފައިން އެ ދަރިންގެ އިޖުތިމާޢީ ހުނަރުތައް ކުރިއެރުވުމުގައި ދަތިތައް ހުންނާނެ ކަމުގެ ނުތަނަވަސް ވެސް 'ޕެނިކް’/ ގޮތްހުސްވުން ފަދަ އިހުސާސްތައް ދުރުހެލިވުމެވެ. ދިރާސާވެރިންގެ އިރުޝާދަކީ އެއްގޮތަކަށް ވެސް މިކަމުގައި ޕެނިކް ނުވެ ކުދިންނަށް ދެވެން އޮތް އެހީތެރިކަމެއް ދިނުމެވެ. މިގޮތަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމުގެ ތެރޭގައި ކުއްޖާ އަށް ބޭނުންވާ އެކި ފަންނީ އެހީތެރިކަން ހިމެނެއެވެ. މިސާލަކަށް ތަފާތު ތެރަޕިސްޓުންގެ އެހީއާއި އަދި މުދައްރިސުންނާ ވާހަކަ ދައްކައިގެން ބޭނުންވާ ތަމުރީނުތަކަށް އަހުލުވެރިވެ ބެލެނިވެރިން ވެސް ކަންކަން ކުރަންވީ ގޮތް ދަސްކުރުމެވެ. ހަމަ އެއާއެކު ކުއްޖާއަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ލަފާދޭ ފަރާތްތަކާއި ހިއްސާކޮށް ފަންނީ ލަފާއާ އެކު މަސައްކަތް ކުރުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެކެވެ. މިކަމުގެ ބެލެނިވެރިންގެ ހިއްސާ އެންމެ ބޮޑުވަނީ އޯޓިޒަމް ހުންނަ ކުދިންނާ ބެހޭގޮތުން ހަދައިފައިވާ ކިތަންމެ ގިނަ ދިރާސާތަކެއް ހުރި ނަމަވެސް އެ ނަތީޖާތަކަކީ ސީދާ އަމިއްލަ ދަރިފުޅަށް ކަންކަން ދަސްކޮށްދޭން އެންމެ ކާމިޔާބު ގޮތް ނޫން ކަމުގައި ވެދާނެތީއެވެ.

ދިރާސާތަކުގައި ތަފާތު ކަންކަމަށް ލަފާ ދީފައިވީ ނަމަވެސް ސީދާ ވަކި ވަކި ކުދިންގެ ތަފާތުތައް ގިނަކަމުން ކޮންމެ ކަމަކީ އެންމެ އެދެވޭގޮތަށް ކާމިޔާބު ނުވެދާނެ ކަމެއްކަން ވެސް ގަބޫލު ކުރަންޖެހުމެވެ. އެހެންކަމުން ބެލެނިވެރިޔާ ކުރަންޖެހޭ އެންމެ މުހިންމުކަމަކީ އަމިއްލަ ދަރިފުޅުގެ އެކްސްޕާރޓަކަށް ވުމެވެ. މިއީ ކުރިންވެސް އަޅުގަނޑުގެ ލިޔުންތަކުގައި އިޝާރާތްކުރެވިފައިވާނެ ނުކުތާއެކެވެ. ލިބޭ އިރުޝާދުގެ އަލީގައި ސީދާ ދަރިފުޅުގެ ކިބައިގައި ހުރި ފަރުދީ ތަފާތުތަކަށް ރިޢާޔަތްކޮށް އެކަމަށް އަމާޒުކުރުމަކީ ބެލެނިވެރިން ސަމާލުވާންޖެހޭ ކަންކަމެވެ. އަދި ވަކިކަމެއް ކުރެވިދާނެގޮތް ޔަގީންކަމާއެކު ލަފާދޭ ފަންނީ މީހުންނާއެކު މަޝްވަރާކޮށް ހެދުމަކީ މުހިންމު ކަމެކެވެ. ހުރިހާ ގޮތެއް ވެސް އަޖުމަބަލައި އެއިން ތިމާގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ދެނެގަނެވޭ އެންމެ މުހިންމު ފަރާތަކީ ބެލެނިވެރިޔާއެވެ.

މިއީ އެހާ ފަސޭހަ ނޫން އަދި ވަގުތާއި އަދި ހިތްވަރު ބޭނުންވާ ކަމެކެވެ. ބެލެނިވެރިޔާ މިކަމަށް އަހުލުވެރިވަމުންދާ މިންވަރަކުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކާމިޔާބީ ލިބުން ގާތްވާނެއެވެ. މަތީގައިވާ ދިރާސާތަކުން އިތުރަށް ލަފާދީފައިވާ ގޮތުގައި އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމުގައި ފަށައިގަތުމަށް އެންމެ އިސްކަމެއް ދޭންޖެހޭނީ ކުއްޖާ ގަޔާވާ، އޭނާއަށް ކަމުދާ ކަންތައްތައް ދެނެގަނެވިގެންނެވެ. މިސާލަކަށް ކުޅޭ އިރު އާންމުކޮށް ގަޔާވަނީ ކޮން ބާވަތެއްގެ އެއްޗެއްތޯ ރޭލްތޯ، ކާރު ފަދަ ފޮރޮޅުލީ ތަކެތިތޯ، ސޮފްޓް ޓޯއީސްތޯ، ޕްލެނެޓް ފަދަ ތަކެތިތޯ މިއިން ކޮންމެ އެއްޗެއްވެސް ދެނެގަތުން މިއީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިން މިގޮތަށް މަސައްކަތްކުރާއިރު، ލަފާދޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ޕްލޭނެއް ހެދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ކަމެއް ދާނެގޮތަކަށް ވަގުތު ވީއިރަކުން، އެއްފަހަރު ކޮށްފައި އަނެއްފަހަރު ނުކޮށް، އެއްފަހަރު އެހެން ގޮތަކަށް އެހެން ފަހަރަކު ތަފާތު ގޮތަކަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ހެދިފައިވާ ޕްލޭނަކާ އަދި ގޯލްތަކެއް ކަނޑައެޅުމާ އެކު، އެކި ގޮތްތައް އަޖުމަބަލައި، އެކަންކަން ނިޒާމީ ގޮތަކަށް ގެންދިޔުން މުހިންމުވާނެއެވެ.

ޕްލޭން ކަނޑައެޅުމުގައި ބެލެނިވެރިން ކަންކަން ކުރަންވީ ކިހިނެއް؟

ބެލެނިވެރިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމާޒް/ ޓާގެޓްކުރާނެ އިޖުތިމާޢީ ހުނަރުތައް ކަނޑައެޅުމެވެ. ހުރިހާ ކަމެއް އެއްފަހަރާ ރަނގަޅުކުރުމަށް އުޅުމަށްވުރެ ވަކި އަމާޒަކާ އެކު ކަންކަން ރޭވިގެން ދިޔުމަކީ ކާމިޔާބަށް ވާސިލުވާން ފަސޭހަވާނެ ގޮތެކެވެ. މިގޮތުން ޕީޓަރސް، އަދި ތޮމްޕްސަން، (2018) ލަފާދެއްވާ ގޮތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ ބެލެނިވެރިޔާއަށް އެންމެ ފަސޭހައިން ފަށައިގަނެވޭނީ އިޖުތިމާޢީ ކޮން ހުނަރަކުންތޯ ދެނެގަތުމެވެ.

މި ދިރާސާވެރިންގެ ވިދާޅުވާ ގޮތުގައި މިކަމުގައި އެންމެ ބޮޑަށް ބަލާނީ ކުއްޖާގެ ކިބައިގައި މިހާރު ހުރި ހުނަރާއި، އެ ކުއްޖާގެ އިޖުތިމާޢީ-ޖަޒުބާތީ ތަރައްޤީގެ ކަންކަން ހުރި ކިހާ ހިސާބެއްގައިތޯ ދެނެގަތުމެވެ. ނަމަވެސް ކޮންމެ ހާލަތެއްގައި އެކަންހުރި ނަމަވެސް ކުއްޖާ އޭރަކު ހުރި ހާލަތުން ފަށައިގެން އިޖުތިމާޢީ ހުނަރުތައް ތަރައްގީކުރަންޖެހޭކަން ގަބޫލުކުރަންޖެހޭނެއެވެ. ސަބަބަކީ ދަރިން ދިރިއުޅެންޖެހޭކަން، ދުނިޔޭގެ މީހުންނާއެކު މުޢާމަލާތުކުރަންޖެހޭކަން، ބޮޑުވަމުންދާއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި، އަބަދު މައިންބަފައިން ކައިރީގައި ނުތިބޭނެކަން، އެކުދިން އަމިއްލަ ފައިމައްޗަށް ނަގަންޖެހޭކަން، އަދި ޚާއްޞަކޮށް މިއީ ދަރިންގެ މަސްލަހަތަށްޓަކައި ލާޒިމުވާ ކަމެއްކަން ބެލެނިވެރިން ތަޞައްވަރުކުރުމެވެ.  އެހެންކަމުން އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދީ ތަމުރީނުދީގެން ނޫނީ މިކަން ނުވާނޭކަން ބެލެނިވެރިން ދަންނަންޖެހޭކަމަށް މި ދިރާސާވެރިން އިލުތިމާސްކޮށްފައިވެއެވެ. މިގޮތުން ޕީޓަރސް އަދި ތޮމްޕްސަން (2018) ލަފާދެއްވާ ގޮތުގައި އިޖުތިމާޢީ މުޢާމަލާތްތައް ބިނާވެފައި އޮންނަންވާނީ neurotypical ‘rules’ for interactions/ މުޢާމަލާތްކުރުމަށް ބޭނުންވާ ނިއުރޯޓިޕިކަލް ޤަވާޢިދުތަކަށް ނޫންކަމެވެ. މާނައަކީ ސީދާ އާންމު މީހުން މުޢާމަލާތްކުރާއިރު ގެންގުޅޭ ވަކިގަވާޢިދުތައް ސިކުނޑީގައި ހިނގާގޮތްތަކަށް ނޫނެނެވެ. އެއާ ޚިލާފަށް ކުއްޖާ ކަންކަމުގައި އުފާވެ ހިތްހަމަޖެހޭ ގޮތްތަކަށް ބަލައިގެން އޭނާގެ އިންޓްރިންސިކަލީ ޝައުގުވެރިކަންކަމަށް ސަމާލުކަންދިނުމެވެ. މިގޮތުން ކުއްޖާގެ އަމިއްލަ ޝައުޤު/ އިންޓިރިސިކް މޯޓިވޭޝަންގެ ސަބަބުން ފުރަތަމަ އެކުއްޖާ އެކަމަށް ބޭނުންވުން އަދި އެކަމުގެ ސަބަބުން އުފަލެއް ހާޞިލުވުން، އަމިއްލައަށް އެކަންކުރުމުގެ ރޫހެއް އުފެއްދުން އެއީ ކޮންމެހެންވެސް ސަމާލުވާންޖެހޭ ކަމެކެވެ. މިކަމަށް ސަމާލުވެވޭނަމަ ކުއްޖާއަށް އިޖުތިމާޢީ ހުނަރު ދަސްކޮށްދިނުމުގައި ލުއިތަކެއް ލިބޭނޭ ކަމަށް މި ދިރާސާވެރިން ލަފާ އަރުވާފައިވެއެވެ.

މި ދިރާސާވެރިންގެ ލިޔުންތަކުގައި ހާމަކުރައްވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަށް ގޭގެ ތެރެއިން ވަރަށް ގިނަ މުއާމަލާތްތައް ކުރާނެ ގޮތް ދަސްކޮށްދެވޭނެއެވެ. މިގޮތުން ސްޕީޗް ތެރަޕީ ފަދަ އިންޓަރވެންޝަންތައް ބޭނުންކޮށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިދާނެއެވެ. އަދި މިފުރުސަތުތައް ގިނަވާ މިންވަރަކުން ކުއްޖާގެ ދިރިއުޅުމުގެ ކަންކަމުގައި ބޭނުންވާ އިޖުތިމާޢި ގިނަ ހުނަރުތައް ސްކޫލަށްވުރެ ވެސް ބޮޑަށް ގޭގައި ފަހިކޮށްދެވޭނެއެވެ. މިގޮތުން ބެލެނިވެރިންގެ ހިތުގައި އުފެދިދާނެ މުހިންމު އެއްސުވާލަކީ މި ކަންކަމުގެ ތެރެއިން 'އަހަރެންގެ ދަރިފުޅަށް ރައްޓެހިން ހޯދާނެގޮތް ދަސްކޮށްދެވިދާނެތޯ؟' އެވެ.

އިޖުތިމާޢީ ހުނަރުތައް ތަރައްޤީކުރުމުން ރައްޓެހިން ހޯދާނެގޮތް ދަސްކޮށްދެވިދާނެތޯ؟

އޯޓިޒަމް ހުންނަ ކުދިންނަށް އިޖުތިމާޢީ ތަފާތު މުޢާމަލާތްތަކަށް އަމާޒުކޮށް ގެންދެވޭ ތަފާތު އިންޓަވެންޝަންތަކުގެ ތެރެއިން ބަހުގެ ކުރިއެރުން ލިބި، މުވާޞަލާތުކުރުމާއި، އެހެނިހެން ހުނަރުތައް އިތުރުވުމުގެ ފުރުޞަތު ބޮޑުވެއެވެ. މުވާސަލާތާއި ކުޅިވަރާއި ޖަޒުބާތީ ހުނަރުތައް ޕްރެކްޓިސްކޮށް/ ތަމުރީނު ލިބުމަށް އަދި އެގޮތްތައް ދިރިއުޅުމުގައި ބޭނުންކުރުމަށް ހާލަތްތަކެއް ފަހިވެއެވެ. އެހެންކަމުން، އެކަންކަމުގެ ތެރެއިން އޯޓިޒަމް ހުންނަ ކުދިންނަށް ރައްޓެހިން ހޯދައި، ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވެ، މުއާމަލާތްކޮށް، އިޖުތިމާއީ ގޮތުން މުވާޞަލާތު ކުރުމަށް ފަށައިގަނެ އިތުރަށް ތަރައްގީވެއެވެ. ބެލެނިވެރިންނާއި މުދައްރިސުންނަށް މި ހުނަރުތައް އިތުރުކުރެވޭނީ ވިޝުއަލް ސަޕޯޓް ބޭނުންކޮށްގެންނާއި، ރޯލް ޕްލޭއިންގ އާއި، ޕީއާރ މެންޓަރނިން ފަދަ އުކުޅުތައް ބޭނުންކޮށްގެންނެވެ. އޯޓިޒަމް ހުންނަކުދިންނަށް އެކިއެކި ހާލަތްތަކުގައި އިޖުތިމާޢީ ގޮތުން ކަންކަންކުރަންވާ ގޮތްތަކަށް މި ސަޕޯޓްތަކުގެ އެހީގައި ހޭނެންވެސް އާދަވެ އާ ހާލަތެއް މެދުވެރިވެއްޖެނަމަ ކަންކުރަންވާ ގޮތްތަކަށް ފަހިވެގެންދާނެއެވެ.

އާ ހުނަރުތައް އޯޓިޒަމް ހުންނަ ކުދިން ޕްރެކްޓިސްކޮށް/ ކުރުމަށް ފުރުސަތުދިނުމަކީ އެކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރު އުފެއްދުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. މިގޮތުން އުފެއްދޭ އިތުރުބާރުގެ ސަބަބުން އިޖުތިމާއީ ތަފާތު މާހައުލުތަކުގައާއި އެކި ހާލަތްތަކުގައި ކަންކުރަންވާ ގޮތް/ ރައްދުދޭނެ ގޮތްތައް އެނގުމަށް ފަސޭހަވެގެންދާނެއެވެ. އޯޓިޒަމް ހުންނަ ކުދިން އިޖުތިމާއީ ހުނަރުތައް ދަސްކުރާއިރު ގޮންޖެހުންތައް ހުރުމަކީ އާންމު ކަމެއް ކަމަށް ދުށުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް އެމީހުންގެ އިޖުތިމާއީ ހުނަރުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމުން އެކުދިންގެ ދިރިއުޅުން އާންމު އެހެން ފަރުދުންނެކޭ އެއްފަދައިން ތަރައްޤީވަމުން އަންނަ މިންވަރުން އެކުވެރިންނާއި ކްލާހުގައި އެހެން ކުދިންނާއެކު ވެސް މުއާމަލާތް ކުރަން ފަސޭހަވެ ރައްޓެހިން ހޯދަން ދަސްވާނެއެވެ.

ޚުލާޞާކޮށްލާނަމަ، އިޖުތިމާޢީ މުޢާމަލާތްތައް ދަސްކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކުގެ ވާހަކަ މުޅި ލިޔުމުގައި ހިމެނިފައިވީ ނަމަވެސް އެ ކުދިންނަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަކީ އެއްވެސް ހާލެއްގައި ނުވާނެކަމެއް ކަމަށް އެއްވެސް ދިރާސާއެއްގައި ބުނެފައެއް ނެތެވެ. މިއިން އެއްވެސް ކަމަކީ އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް މުސްތަޙީލު ކަމެއް ކަމަށް ޤަބޫލުކުރަން ޖެހޭ ކަންކަމެއް ނޫނެވެ. ދިރާސާތަކުގައި ހާމަކޮށްފައިވަނީ ބެލެނިވެރިންނާއި، ޓީޗަރުންނާއި، ޚިދުމަތްދޭ ފަރާތްތައް ބައިވެރިވެގެން މިގޮންޖެހުންތަކުން އަރައިގަތުމަކީ އުނދަގޫކަމެއް ނޫންކަމެވެ. އެންމެ މުހިންމު ކަމަކީ ރަނގަޅު ޕްލޭނަކާއެކު ކުއްޖާގެ ކަންކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް އެއްބަސްކިޔައިގެން އިޖުތިމާޢީ ހުނަރުތައް ތަރައްޤީކޮށް ތަރުބިއްޔަތު ކުރުމަށް ފަށައިގަތުމެވެ. މިގޮތުން އެކުލަވާލާ ޕްލޭނެއްގެ ވަކި ޚާއްޞަ އިންޓަވެންޝަންތަކެއް ކަނޑައަޅައިގެން ކުރިޔަށް ދިޔުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކަނޑައަޅާ އިންޓަވެންޝަންތަކުގެ ސަބަބުން އޯޓިޒަމް ހުންނަ ކުދިންނަށް މުޢާމަލާތް ކުރުމަށް ބޭނުންވާ އިޖުތިމާޢީ ހުނަރުތައް ތަރައްޤީވެ، ދިރިއުޅުމުގައި ބޭނުންވާ ކަންކަމަށް، މާނަހުރި ގޮތަކަށް މުޢާމަލާތް ކުރަން އެނގި އެކުވެރިން ހޯދި، އާންމު މީހުންނާއި މުޢާމަލާތްތައް ދަސްކޮށްދެވޭނެއެވެ.

ބެލެނިވެރިންނާއި މުދައްރިސުންނަށް މި ހުނަރުތައް ތަރައްޤީކުރެވޭނީ ވިޝުއަލް ސަޕޯޓް ބޭނުންކުރުމާއި، ރޯލް ޕްލޭއިންގ އާއި، ޕީއާރ މެންޓަރުން/އެހީތެރިން ބޭނުންކޮށްގެންނެވެ. އިނގިރޭސި މުސްކުޅި ބަހެއްގައިވާ ފަދައިން “It takes a village to raise a child.”/”ކުއްޖަކު ތަރުބިއްޔަތު ކުރުމަށް ރަށެއް ބޭނުންވެއެވެ“. މި ބަސްކޮޅުގައި ފާހަގަކުރެވޭ މާނައަކީ ކުއްޖަކަށް ކަންކަން ދަސްކޮށްދިނުމުގައި އޭނާގެ ވަށައިގެންވާ ހުރިހާ އެންމެން ބައިވެރިވާންޖެހޭ ފުޅާ މިންވަރެވެ. ހަގީގަތުގައި ވެސް އޯޓިޒަމް ހުންނަ ކުއްޖަކަށް ދިރިއުޅުމުގެ އިޖުތިމާއީ ދިރިއުޅުމުގައި ބޭނުންވާ ހުނަރުތައް ދަސްކުރުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާނެއެވެ. މިކަމުގައި އެންމެ ބައިވެރިވެ ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. މިކަމަކީ އޯޓިޒަމް ހުންނަ ކުދިންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ އުމުރަށް ވެސް އެކުދިންނަށް ބޭނުންޖެހޭނެ ކަންކަމެވެ. މިއަދުގެ ލިޔުންކޮޅުވެސް މިނިންމާލަނީ މިވާހަކަ ކޮޅުތަކުން މުދައްރިސުންނާއި ބެލެނިވެރިންނަށް އޯޓިޒަމް ހުންނަ ކުދިން ގެންގުޅުމުގައި އަދި ކަންކަމަށް ތަމުރީނުދީ ދަސްކޮށްދިނުމުގައި އެހީތެރިކަމެއް ފޯރުކޮށްދޭނެ ލިޔުމެއްކަމަށް ގަބޫލުކުރާ ހާލުގައެވެ.

ހަވާލާދޭ ފަރާތްތައް

ހާލް، އެސް، ނިންނެސް، ސީ، ނިންނެސް، އެސް.ކޭ، އަދި ލޯސަން، ޑީ (2016). އޯޓިޒަމް ހުންނަ ދަރިވަރުންނަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުން: އިޖުތިމާޢީ ވާހަކަތައް މޮޑެލްކުރާ ވީޑިއޯއެއް. ބިހޭވިއަރ އެންޑް ސޯޝަލް އިޝޫސް، 25، 42-54.

ޕީޓަރސް، އެލް.ސީ، އަދި ތޮމްޕްސަން، އާރް.އެޗް (2018). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ފަރުދުންނަށް ޕާސްޕެކްޓިވް ޓޭކިންގ ކިޔަވައިދިނުމުން އިޖުތިމާޢީ ހުނަރަށް އަސަރުކުރާ ގޮތް: ދިރާސާތަކުން ހޯދިފައިވާ ހޯދުންތަކާއި ޕްރެކްޓިޝަނަރުންނަށް ދޭ ހުށަހެޅުންތައް. ބިހޭވިއަރ އެނަލިސިސް އިން ޕްރެކްޓިސް، 11، 467-478.

ރެޑްލީ، ކޭ.ސީ، ޑާރޓް، އީ.އެޗް، ބްރެނަން، ކޭ.ޖޭ، ހެލްބިގް، ކޭ.އޭ، ލެމަން، އީ.އެލް، ސިލްބަރމަން، އެމް،& މެންޑަންހަލް، ކޭ (2020). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރުދުންނަށް އިޖުތިމާޢީ ހުނަރުތައް ކިޔަވައިދިނުން: ނިޒާމީ ރިވިއުއެއް. އެޑްވާންސެސް އިން ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 4، 215-226.

ސްކަޓޯން، ޑީ.(2007). އޯޓިޒަމް ހުންނަ ކުދިންނަށް އިޖުތިމާޢީ ހުނަރުތަކުގެ އިންޓަރވެންޝަންތައް. ސައިކޮލޮޖީ އިން ދަ ސްކޫލްސް، 44(7)، 717-726.

ސާނީ ބޮޒްކަރޓް، ސ.، އަދި ވުރަން، ސ.(2014). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ކުދިންނަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމުގައި ސޯޝަލް ސްޓޯރީސް ބޭނުންކުރުމުގެ ތަޙުލީލެއް. އެޑިއުކޭޝަނަލް ސައިންސަސް: ތިއަރީ އެންޑް ޕްރެކްޓިސް، 14(5)، 1875-1892.

ވައިސް، އެމް.ޖޭ، އަދި ހެރިސް، އެސް.އެލް (2001). އޯޓިޒަމް ހުންނަ މީހުންނަށް އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުން. ބިހޭވިއަރ މޮޑިފިކޭޝަން، 25(5)، 785-802.