Support Us

އަލީ އާޒިމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ތާއީދެއް ނެތް: މަހްލޫފް

އާޒިމް އުޅުއްވަނީ އެމްޑީޕީ ސަރުކާރު ހަލާކުކޮށްލުމަށް.

ސަރުކާރުގެ ބާރުގަދަ އިގްތިސާދީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ތާއީދު ހޯދުމުގެ މަސައްކަތް ފެށުމާ އެކު ސަރުކާރު ވަނީ ގަދަ ތޫފާނެއްގައި ޖެހިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަފާތެރި މަޖިލިސް މެންބަރުންނާއި މިނިސްޓަރުންގެ ހޫނު ހަމަލާތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނަށް ދަނީ ދެއްވަމުންނެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ރޭގެ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއެކު އެ ޕާޓީގެ ދެތިން މެންބަރުން އުޅުއްވަނީ ޕާޓީ ހަލާކުކޮށްލަން ކަމަށެވެ. ނަމަވެސް އެ ދެތިން މެންބަރުންގެ ނަން މަހްލޫފް ހާމައެއް ނުކުރައްވައެވެ.

"އަޅުގަނޑު މަގާމުން ދުރުކޮށްފާނެތީ އަލީ އާޒިމް ބުނާގޮތަށް މަސައްކަތެއް ނުކުރާނަން،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އެ އިޝާރާތްކުރެއްވީ މީގެ ކުރިން އެފްއޭއެމްއާ ޖެހުނު މައްސަލައަށެވެ. އެފްއޭއެމްގެ ކޮންގްރެސް ނުބޭއްވުމަށް އެފްއޭއެމަށް އަންގައިދެއްވުމަށް ޔޫތް މިނިސްޓްރީ އަށް މަޖިލީހުން އެންގި އެންގުމަށް އިޖާބަ ނުދިން މައްސަލައަށެވެ. އެ މައްސަލާގައިވެސް މަހްލޫފްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް މަޖިލިސްތެރޭގައި މަސައްކަތްކުރި ކަމުގެ އަޑުތަކެއް ގަދަވެގެން ދިޔައެވެ. ނަމަވެސް ފަހުން ވަނީ އެކަން ވައިހިނދިގެން ގޮސްފައެވެ.

"އަލީ އާޒިމަކަށް އަޅުގަނޑަށް ޔަގީން ޕީޖީ ގްރޫޕްގެ ތާއީދެއްވެސް ނޯންނާނެ. އަޅުގަނޑު ގާތުގައި ޕީޖީ މެންބަރުން އެބަވިދާޅުވޭ އަލީ އާޒިމަކީ ގަދަބާރުން، މުއްދަތު ހަމަވީމަވެސް އެތާ ހުރި މީހެއް ކަމަށް. ދެން އެތަނުގައި ހުރެގެން މުޅި އެމްޑީޕީ ހަލާކުވާ ގޮތަށް، ވަރުގަދައަށް އޮތް ސަރުކާރެއް ހަލާކުވާ ގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑަށް ހިއެއްނުވޭ ރަނގަޅު ކަމެއްހެނެއް،" ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާާރުނެތްކަމުގެ ވޯޓްނެގުމުގެ މައްސަލާގައި މިހާތަނަށް ރައީސް ނަޝީދުގެ ފަރާތުުން ވެސް އަދި އެ ބޭފުޅާއަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންގެ ފަރާތުންވެސް "ތިކިޔަނީ ކީކޭތޯވެސް" އަހާލާ އަޑެއް ނީވެއެވެ. ހަމަ އެއާއެކު މި ދަނޑިވަޅުގައި ވެސް ރައީސް ނަޝީދު އެންމެ އިސްކަމެއްދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ އުފަންދުވަހުގެ ތަހްނިޔާ ޓްވީޓް ކޮށްލެއްވުމަށެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ މަދު މެންބަރުން ކޮޅެއް ހިމެނޭ ގޮތަށް ވަޒީރުންނަށް ބިރުދައްކައި އެމްޑީޕީ ސަރުކާރު ހަލާކުލޮށްލަން މަސައްކަތް ކުރާ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ވަޒީރުން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި މަޖިލިސްތެރެއިން ކުރަން އުޅޭ މަސައްކަތް ކާމިޔާބުވާނެ ކަމަށް ނުފެންނަ ކަމަށެވެ.

"އެބޭފުޅުން އެ ކުރައްވާ މަސައްކަތް ކާމިޔާބުވާނެހެނެއް ހިޔެއްނުވޭ. ވަޒީރުންނާއެކު ވަރަށް ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން މަސައްކަތް ކުރައްވަނީ،" މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް އޮތް މަޖިލިހަކުން ސަރުކާރުގެ ބާރުގަދަ މިނސްޓަރަކު މަގާމުން ދުރުކުރަންޖެހޭ ވަކި ސަބަބެއް އެމްޑީޕީގެ ޕީޖީ ގްރޫޕާ ހިއްސާކުރުމެއް ނެތި އެ މަސައްކަތްކުރަން އުޅުމަކީ އާދައިގެ ކަމަކަށް ވެގެންދާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް މަޝްރަހް ދިރާސާ ކުރައްވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *