Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިން އަމިއްލަ ނަފުސަށް ގެއްލުންދީ އަނިޔާކުރަނީ ކީއްވެ؟

"އެންމެ ދެރަވަނީ ބޮލުގައި ހިފައި ތަޅުވަން ފަށާގޮތަށް ހުއްޓަން ނޭގުމުންނެވެ. ބޯ ތަޅައިގަންނައިރު އެއްވެސް ކޮންޓްރޯލެއް ނެތި ތަޅާތަން ފެނުނީމައެވެ. ހާސްވެ ނުތަނަވަސްވީމަ ހަދަނީ އެހެންނެވެ. ވަރަށް ކުދިކުދި ކަންކަމުގައި ވެސް ހަދާނެގޮތް ހުސްވުމުން ގައިކަހާ، އުނގުޅާ އެއްތަންކޮޅެއްގެ ހަން ކުރަކިވެ މެށިގެންދާ ވަރަށް ވެސް ކާތަފާނެއެވެ."

މިއީ އެންމެ ހަތް އަހަރުގެ ކުއްޖެއްގެ ބެލެނިވެރިއެއް އޭނާގެ ދަރިފުޅުގެ ސުލޫކު ސިފަކޮށްލި ބަސްކޮޅެކެވެ. މި ވާހަކަކޮޅަކީ ބެލެނިވެރިއެއްގެ ގާތުން އޯޓިޒަމާ ގުޅޭ ފޮޅުވަތުގައި ލިޔަންވީ ކޮން މައުޟޫޢަކަށްތޯ އަހާލުމުން ޖަވާބުގައި 'ސެލްފް ހާމިން' އޭ ބެނެލުމަށްފަހު ހިއްސާކޮށްލި ވާހަކަކޮޅެކެވެ.

މިއީ އެއްވެސް ހާލެއްގައި ބެލެނިވެރިންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫންކަން ޔަގީނެވެ. މިކަންކަން ފެށެނީ ކޮން ޢުމުރެއްގައި ކިހިނެއްކަން އަދި އެކަންކަމާ މެދު ގެންގުޅެންވާ އުޞޫލުތަކަކީ ކޮބައިކަން، މިކަން ސީރިއަސްވެދާނީ ކިހާ މިންވަރަކަށް ކަން ދެނެގަނެ ބެލެނިވެރިން ސަމާލުވާން ޖެހެއެވެ. މިއަދުގެ ލިޔުމުގައި އަލި އަޅުވާލަން ގަސްދުކުރަނީ މިކަންކަމާ ބެހޭގޮތުންނެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ގަސްދުގައި އަމިއްލައަށް އަނިޔާކުރުމެވެ. އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭ.އެސް.ޑީ) ހުންނަ ކުދިންގެ ފަރާތުން އާންމުކޮށް ފާހަގަކުރެވޭ ސީރިއަސް މައްސަލައެކެވެ. ދިރާސާތަކުން ހާމަކުރާ ގޮތުގައި، އޯޓިޒަމް ހުންނަ ކުދިން ނުވަތަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ކިބައިން އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކު ފާހަގަކުރެވެއެވެ. މި ސުލޫކުތަކަށް ގިނައިން ކިޔަނީ ނޮން ސުއިސައިޑަލް ސެލްފް އިންޖަރީ (އެން.އެސް.އެސް.އައި) އެވެ. މިފަދަ ސުލޫކުތަކުގެ ތެރޭގައި ފާހަގަކުރެވެނީ ބޮލުގައި ތެޅުމާއި/ ޖެހުމާއި، ހަންގަނޑު ކެހުމާއި، ދަތްއެޅުން ފަދަ ކަންކަންކަމެވެ. މިއިން ކޮންމެ ކަމަކީ އޭގެ ގެއްލުން ކުރުމުއްދަތަށް އަދި ދިގު މުއްދަތަށް ވެސް ދެމިގެންދާ ކަންކަމެވެ. މިފަދަ ސުލޫކުތަކަކީ ގިނަ ފަހަރަށް އިމްޕަލްސް ކޮންޓްރޯލް (ކުއްލިއަކަށް ދިމާވާކަންކަން ކޮންޓްރޯލް) ދަށްވުމުގެ ސަބަބުން ޖަޒުބާތުތައް ރެގިއުލޭޓް/ މެނޭޖް ކުރުމަށް ދަތިވުމުން ކުރެވޭ އިހުސާސްތަކާއެކު ދިމާވާ ކަމެކެވެ. މިކަމަކީ ވަކި ޢުމުރަކަށް ދިމާވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް މިކަން އެންމެ ބޮޑަށް ނުރައްކާވާ ޢުމުރަކީ ފުރާވަރުގެ ޢުމުރެވެ. ނަމަވެސް އެއަށްވުރެ ފަހުންވެސް އެކަން ދެމިގެން ދިއުމަކީ ގިނައިން ފާހަގަކުރެވޭ ކަމެކެވެ.

އޯޓިޒަމް ހުންނަ ކުދިން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ސުލޫކުތައް މަދުކުރުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ސުލޫކުތައް ދިމާވާ ސަބަބުތައް ދެނެގަނެ އެކަން ކުދިންނަށް މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދީ ފަރުވާކޮށް ތައްޔާރު ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ.

އާންމުކޮށް އަމިއްލައަށް ގެއްލުން ދިނުން ފެށެނީ ކޮން އުމުރެއްގައި؟

އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކުތައް ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ އެވެ. ވަރަށް ޅަޢުމުރުގައި ވެސް އަދި ޢުމުރުން ތަންކޮޅެއް ބޮޑުވެ މިސާލަކަށް ފަސް އަހަރު، ހަ އަހަރުކުދިން ވެސް މާޔޫސްވުމުން ބޯ ތަންތާގައި ތެޅުންފަދަ ކަންތައް ކުރެއެވެ. ނަމަވެސް ކަންކަމުގައި ރަނގަޅަށް މުވާސަލާތު ކުރުމުގެ ހުނަރުތައް ތަރައްގީވަމުން ދާވަރަކަށް މި ސުލޫކުތައް މަދުވެއެވެ. އަމިއްލައަށް ގެއްލުން ލިބޭ ބައެއް ސުލޫކުތައް މިސާލަކަށް ބޯ ތެޅުން ފަދަ ކަންތައްތައް ފެނުމުން އެކަންކަމަށް އަޅާނުލައި ދޫކޮށްލުން ރަނގަޅެއް ނުވާނެއެވެ. އަދި ހަމަ އެހެންމެ މިކަންކަން ތަކުރާރުކޮށް ފާހަގަކުރެވޭނަމަ އެއީ އޯޓިޒަމް ސްޕެކްޓްރަމްގެ ޢަލާމާތެއްކަން ވެސް ދެނެގަންނަން ޖެހޭނެއެވެ.

ކުރިންވެސް ލިޔެފައިވާ ފަދައިން މިފަދަ ކަންކަން ގިނައިން ދިމާވަނީ މުވާސަލާތު ކުރުމުގެ ހުނަރުތައް ކުދިންގެ ކިބައިގައި ތަރައްގީވުން ލަސްވާތީއެވެ. ދާދި ފަހުން ޝާއިޢުކޮށްފައިވާ ކަރުދާހެއްގައި، އޯޓިޒަމާއި ގުޅޭ 36 ދިރާސާއެއްގެ ލިޓްރެޗަރ އެނަލިސިސް/ ތަހުލީލެއް ހަދާފައި ވެއެވެ. މި ކަރުދާހުގައި ހާމަކޮށްފައިވާ ގޮތުގައި، 29 ދިރާސާގެ ނަތީޖާގައި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވެއެވެ (ބްލެންޗާޑް، ޗިހޫރީ، ޑިގުއިސެޕީ، އަދި ލީ، 2021).

މި ދިރާސާވެރިންގެ ލިޓްރެޗަރ އެނަލިސިސް ހަދައިފައިވާ ދިރާސާތަކުގައި ހިމެނިފައިވާ ސާމްޕަލުތަކުގައި ފަސް އަހަރުން ފެށިގެން 19 އަހަރުގެ ކުދިން ހިމެނެއެވެ. މިކަމުން ދޭހަވަނީ އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކް އޯޓިޒަމް ކުދިންގެ ވަރަށް ޅަޢުމުރުގައި ވެސް ފެށިދާނެކަމެވެ. އަދި ހަމަ އެހެންމެ ޢުމުރުން ދުވަސްވާ ވަރަކަށް އެކަން ބޮޑުވެ ފުޅާވެގެން ހިނގައިދާނެކަމުގެ ނުތަނަވަސްކަން ދިރާސާވެރިން ވެސް ފާހަގަކުރައްވާފައިވެއެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި، އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން އަމިއްލައަށް ގެއްލުން ދިނުން އެންމެ ސީރިއަސް ކަންކަން ފަށާ ޢުމުރަކީ 15 އަހަރެވެ. (މޮސެލީ، ގްރެގޯރީ، ސްމިތު، އެލިސަން، އަދި ބެރަން-ކޯހެން، 2019). ނަމަވެސް އެހެން ދިރާސާ އަކުން ދައްކާ ގޮތުގައި ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން %50 އަށްވުރެ ގިނަ ކުދިންގެ އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކް ފާހަގަކުރެވެއެވެ. ހަމަ މި ދިރާސާގައި ބައިވެރިވި ފުރާވަރުގެ ކުދިންގެ %40 އާ ގާތްކުރާ އަދަދެއްގެ ކުދިންގެ ކިބައިން މިފަދަ ސުލޫކްތައް ފާހަގަކުރެވިފައި ވެއެވެ. (ސަމަރސް، ޝަހުރާމީ، ކާލީ، ޑީ’މެލޯ، ކާކޯ، ޕަލިކުސިން-ރެލްޖިން، އަދި ލަންސްކީ، 2017).

އޯޓިޒަމް ހުންނަ ކުދިން އަމިއްލައަށް ގެއްލުންދޭ ސުލޫކުގައި ފާހަގަކުރެވެނީ ކޮންކަމެއް؟

އޯޓިޒަމް ހުންނަ ކުދިން ކިބައިން އެންމެ އާންމުކޮށް ފާހަގަކުރެވޭ އަމިއްލައަށް އަނިޔާކުރުމުގެ ސުލޫކު ފެންނަ ކަންކަމަކީ، ބޮލުގައި ތެޅުން، ދަތްއެޅުން، ތަންތަނުގައި ބޯ ޖެހުން، ހަންގަނޑު ކެހުން، ނުވަތަ އުނގުޅުމެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ހިފައި ދެމުމާއި، ހޮޑުލުމާއި، ކެއުމުން ގެއްލުން ލިބޭ ފަދަ ތަކެތި ކެއުން ފަދަ ކަންކަމަކީ ވެސް އޯޓިޒަމް ހުންނަ ކުދިން ކުރާ ކަންތައްތަކެވެ. އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކުތަކަކީ ގިނަ ފަހަރަށް ފަސޭހައިން ހުއްޓޭ ކަންކަމެއް ނޫނެވެ. ނަމަވެސް މިފަދަ ސުލޫކްތައް އާންމުކޮށް ފެންނަނީ އެ ކުދިންނަށް ދިމާވާ އިހުސާސްތައް ރިލީޒުކޮށް އެހެން މީހުންނާއެކު އެކަމާ ބެހޭގޮތުން މުވާޞަލާތުކޮށް ޖަޒުބާތުތައް ކޮންޓްރޯލްކުރުމަށްޓަކައެވެ.

އަމިއްލައަށް އަނިޔާކުރުމަށް މެދުވެރިވެދާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އުދުވާނީ ސުލޫކުތައް
  • ހައިޕަރ އެކްޓިވިޓީ އާ އެއްގޮތަކަށްވެސް އިށީނދެ ނުތިބެވުން
  • ކަންބޮޑުވުން
  • ނިދުމުގެ މައްސަލަތައް
  • މޫޑު ބަދަލުވުމުގެ މައްސަލަތައް ނުވަތަ ޑިސްއޯޑަރސް

އަމިއްލަ އަށް ގެއްލުންދިނުން ދިމާވާ ސަބަބުތަކަކީ ކޮބާ؟

އޯޓިޒަމް ހުންނަ ކުދިން އަމިއްލައަށް ގެއްލުންދޭ ކަންކަން ކުރުމަށް ދިމާވާ ތަފާތު ސަބަބުތަކެއް އެބަހުއްޓެވެ.

އޭގެ ތެރޭގައި:

  • ޖަޒުބާތުތައް ރެގިއުލޭޓް ނުކުރެވުން
  • ނިދި ހަމައަށް ނުލިބުން ނުވަތަ ޖަޒުބާތީ އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭ ވަރަށް ވުރެ ބޮޑުވުން
  • ކަމެއް ގޯސްވުމުން އަމިއްލައަށް އަދަބު ދިނުން
  • ޚިޔާލު ފާޅުކުރުމުގެ ނުވަތަ އިޖުތިމާޢީ މުޢާމަލާތުކުރުމަށް ދަތިވުން

އަމިއްލައަށް ގެއްލުން ދިނުމުގެ ސުލޫކުތަކަކީ ގިނަ ފަހަރަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުމާއި، އެކަމާ މުއާމަލާތްކުރަން ނޭނގުމާއި، ކަންކަމާ ކުރިމަތިލުމުގެ ހުނަރު ދަށްވުމުގެ ނަތީޖާއެކެވެ. މިފަދަ ކަންކަމާ ކުރިމަތިނުލެވުމުން އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ ކުއްލިއަކަށް ދިމާވާ ކަންކަމުގައި ޖަޒުބާތު ކޮންޓްރޯލްކުރުން ދަށްވުމުން ވާ ކަންކަމެވެ. ގިނަ ފަހަރަށް ކުދިންގެ ފަރާތުން ފެންނަ ކަންކަމަކީ މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ވެސް ކަންކަމެވެ. އުނދަގޫ ހާލަތްތައް މެނޭޖްކުރުމުގެ ގޮތުން އެކުދިންގެ ސީދާ ގަސްދަކާ ނުލައި ކުރެވޭ ކޯޕިން މެކޭނިޒަމްއެކެވެ.

އަމިއްލައަށް އަނިޔާކުރުން ދިމާވުމުން ބެލެނިވެރިން ހަދަންވީ ކިހިނެއް؟

  • އަމިއްލައަށް ގެއްލުންދޭ ސުލޫކުތައް ބެލެނިވެރިންނަށް ދެނެގަނެވޭ މިންވަރަކުން އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަންވެސް ދެނެގަންނަން ޖެހޭނެއެވެ. މިސާލަކަށް ކުއްޖާގެ ފަރާތުން ދިމާވާ ކަމަކީ ވަކި ކަމެއް މެދުވެރިވެގެން ވާ ކަމެއްކަން ފާހަގަކުރެވުމުން އެކަން ދިމާވުން މަދުކޮށް ކުއްޖާ ބިޒީކޮށް ބެހެއްޓުމުން އެކަން ދަށްކުރެވޭނެއެވެ.
  • އަމިއްލައަށް އަނިޔާކުރުން ސުލޫކުތައް ގުޅިފައިވަނީ މުއާމަލާތް ކުރަން ނުކުޅެދުމުންނާއި އެކަމުގެ މާޔޫސްކަމުގެ ސަބަބުންނެވެ. މިފަދަ ހާލަތުގައި ކުއްޖާއަށް އެޕްލައިޑް ބިހޭވިއަރ އެނަލިސިސް (އޭބީއޭ) ތެރަޕީ އާއި ސްޕީޗް ތެރަޕީ ދީ އާންމު ކަންކަމުގައި މުއާމަލާތް ކުރަން ދަސްކޮށްދެވިދާނެއެވެ. އަދި މިކަމުގައި ކުއްޖާއަށް ބަހުގެ މުޢާމަލާތާ ނުލާ އިޝާރާތް ބަސް ވެސް މުއާމަލާތް ކުރަން ފަރިތަކުރުވިދާނެއެވެ. މިފަދަ އެކި ގޮތްގޮތަށް ކުދިން ތަމުރީނުކުރާ މިންވަރަކުން މާޔޫސްވާ މިންވަރު ކުޑަކުރެވޭނެއެވެ.
  • އަމިއްލައަށް ގެއްލުން ދިނުމަކީ ކުއްޖާއަށް އުނދަގޫވާ ކަމަކުން ސަލާމަތްވުމުގެ ގޮތުން ކުރާކަމެއް ނަމަ، އެކަމާ މެދު ޢަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ސަލާމަތްވުމަށް ބޭނުންވާ ކަންތައް ދެނެގަނެ އެކަމާ މުޢާމަލާތު ކުރާނެ ގޮތް ދަސްކޮށްދިނުމުގެ ތެރަޕީގެ ތެރެއިންނެވެ. މިސާލަކަށް ކުޑަކުއްޖަކު ވަކި ކަމެއް ކުރަން ބޭނުން ނުވާނަމަ، އެ ހާލަތުން ދުރުވުމަށް ޓަކައި އަމިއްލަ ނަފްސަށް ގެއްލުންދީފާނެއެވެ. މި ކަން ރަނގަޅު ކުރުމަށް ޓަކައި ބޭނުންވާ އެއްޗެއް ނުވަތަ ކަންތައް ހާސިލުކުރާނެ ގޮތުގައި ރަނގަޅު ގޮތް ދަސްކޮށްދީ ތެރަޕީގެ ތެރެއިން ތަމުރީނު ދެވިދާނެއެވެ.

މިއަދުގެ ވާހަކަކޮޅުގެ އެންމެ އުފާވެރި ޚަބަރަކީ، ބަޔާންވެދިޔަ ހުރިހާ މައްސަލަތަކަކީ ވެސް ފަރުވާ ކުރެވޭނެ ހައްލުކުރެވޭނެ ކަންކަމެވެ. އެންމެ ރަނގަޅު ގޮތަކީ ކުއްޖާއަށް ބޭނުންވާ ބޭނުންތައް ފުއްދައިދޭނެ ގޮތާއި އެ ކަންކަމަށް ރިޢާޔަތް ކުރެވޭނެ ގޮތްތައް ހޯދައި އެކަން މޮނިޓަރކޮށް ދެމެހެއްޓެނިވި ގޮތަކަށް ބަލަމުން ދިއުމެވެ. ގަބޫލުކުރަން ޖެހޭ އެންމެ ބޮޑު ހަގީގަތަކީ ގިނަ ފަހަރަށް އަމިއްލަ ނަފުސަށް ގެއްލުންދިނުން ތަކުރާރުވަނީ ކުއްޖާއަށް ބޭނުންވާ ކަމެއް ނުފުދުމުން ޖަޒުބާތު ކޮންޓްރޯލްކުރުމަށް ދަތިވުމުންނެވެ. މިކަމުގައި ދެވޭ ފަރުވާގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ކުދިންގެ ޖަޒުބާތުތަކާއި ސުލޫކު ރަނގަޅަށް ދެނެގަތުމެވެ. މައިންބަފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ތަފާތު ކަންކަމަށް އެންމެ އެކަށޭނަ ތެރަޕީ އަކީ ކޮބާކަން ޚާއްޞަ ފަރުވާދޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ދެނެގަނެ އެކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމާއި އަދި ޖަޒުބާތުތައް ރެގިއުލޭޓް ކުރަން ދަސްކޮށްދިނުމެވެ.

ހަވާލާ ދޭ ފަރާތްތައް

  • ބްލެންޗާޑް، އޭ، ޗިހޫރީ، އެސް، ޑިގުއިސެޕީ، ސީ.ޖީ، އަދި ލީ، ޖީ (2021). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަމިއްލަ ނަފްސަށް ގެއްލުން ލިބުމުގެ ނުރައްކާ: ނިޒާމީ ރިވިއުއަކާއި މެޓާ އެނަލިސިސްއެއް. ޖާމާ ނެޓްވޯކް ހުޅުވާފައި، 4(10).
  • މޮސެލީ، އާރް.އެލް، ގްރެގޯރީ، ނ.ޖޭ، ސްމިތު، ޕީ، އެލިސަން، ސީ، އަދި ބެރަން-ކޯހެން، އެސް.ޖޭ.އެމް.އޭ (2019). ‘ޗޮއިސް’ އެއް، ‘އެޑިކްޝަނެއް’، ‘ގެއްލިފައިވާ މީހުންގެ ތެރެއިން ނުކުމެވޭނެ’ ގޮތެއް: ބުއްދިވެރި ނުކުޅެދުންތެރިކަން ނެތް އޯޓިސްޓިކް މީހުންގެ އަމިއްލަ ނަފްސަށް އަނިޔާ ހޯދުން. މޮލިކިއުލަރ އޯޓިޒަމް، 10(1)، 1-23.
  • ސަމަރސް، ޖޭ، ޝަހުރާމީ، އޭ، ކާލީ، އެސް، ޑީ’މެލޯ، ސީ، ކާކޯ، އެމް، ޕަލިކުސިން-ރެލްޖިން، އޭ، … އަދި ލަންސްކީ، ވައި (2017). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަދި އިންޓެލެކްޗުއަލް ޑިސެބިލިޓީގައި އަމިއްލައަށް އަނިޔާވުން: ރިހުން އަދި ސެންސަރީ އިންޕުޓަށް ރިއެކްޓިވިޓީގެ ދައުރު ހޯދުން. ބްރެއިން ސައިންސަސް، 7(11)، 140.