Support Us

ދުނިޔޭގައި ކުޑަކުދިންނަށް ހުރި އެންމެ ބިރުވެރި ތަނަކީ ޣައްޒާ: ޔުނިސެފް

ދުނިޔޭގައި ކުޑަކުދިންނަށް ހުރި އެންމެ ބިރުވެރި ތަނަކީ ޣައްޒާކަމަށް ކުޑަކުދިންނާބެހޭ އދގެ ޖަމްޢިއްޔާ ޔުނިސެފުގެ ޑިރެކްޓަރު ޖެނެރަލް ކެތުރިން ރަސަލް އދގެ ސަލާމަތީ މަޖިލީހުގައި ރޭ ވިދާޅުވެއްޖެއެވެ.

ރަސަލް (ފޮޓޯގައި) ވިދާޅުވީ ޣައްޒާގައި ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ހަރުކަށި ޢަމަލުތަކުގެ އަސަރު ވަރަށް ކާރިސީކަމަށާއި ވަރަށް އަނާދިރު ކަމަށެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރަސަލް ވިދާޅުވި ގޮތުގައި އޮކްޓޫބަރު މަހުގެ ހަތެއްގެ ފަހުން ޣައްޒާގައި މިހާތަނަށް 5،300 ކުޑަކުދިން ވަނީ މަރައިލައިފައެވެ.

ރަސަލް ވަނީ މިދިޔަ ހަފުތާގައި ޣައްޒާއަށް ޒިޔާރަތް ކުރައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ހަނގުރާމައިގެ ޙަޤީޤީ ޚަރަދު ވަޒަންކުރަންޖެހޭނީ މި ހަނގުރާމައިގައި ޝިކާރަކުރެވޭ ކުޑަކުދިންގެ ޙާޔާތާ އަޅައި ކިރައިގެންނެވެ. އޭނާ ވިދާޅުވިގޮތުގައި މި ހަނގުރާމައިގައި ހިންގަމުންދާ ހަރުކަށި އަދި އަހިންސަ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ދޫކުރި ކުދިންނާއި އެކުދިންގެ ޙަޔާތަށް އައިސްފައިވާ ދާއިމީ ބަދަލުތަކުގެ ސަބަބުން މި ޚަރަދު އިތުރަށް ބޮޑުވެގެންދެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުއްޓުމެއްނެތި ހަނގުރާމަ ކުރިއަށް ދިޔުމާއި އިންސާނީ އެހީތަކުން ޣައްޒާ މަޙްރޫމުކުރުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަނީ ނުބައިވަމުންނެވެ.

ސަލާމަތީ މަޖިލީހުގައި އަންހެނުންނާބެހޭ އދގެ އިދާރާގެ އެގްޒެކަޓިވް ޑިރެކްޓަރު ސީމާ ބާޙޫސް ވިދާޅުވިއެވެ. "ޣައްޒާގެ އަންހެނުން އަޅުގަނޑު ގާތުގައި ބުނިގޮތުގައި އެމީހުންގެ ދުޢާއަކީ ޞުލްޙައެވެ. ސުލްޙަ ނުލިބިއްޖެނަމަ އެ މީހުންގެ އުންމީދަކީ މި ދުނިޔެއާ ވަކިވެދިޔުމެވެ. އެމީހުން ނިދަނީ އެމީހުންގެ ދަރިން އަތްދަނޑިމަތީ ބާއްވައިގެން ބޯހިޔާވަހިކަމެއް ނެތިއެވެ. މި ފަދަ ދުޢާއެއް ކުރާ މަޔަކު ދުނިޔޭގައި އިނުމަކީ އަޅުގަނޑުމެން އެންމެންނަށް ލިބޭ މަލާމާތެކެވެ."

އާބާދީއާ ބެހޭ އދ.ގެ ފަންޑުގެ އެގްޒަކަޓިވް ޑިރެކްޓަރު ނަޓާލިޔާ ކަނިމް ސަލާމަތީ މަޖިލީހުގައި ވިދާޅުވިއެވެ. "ޣައްޒާގައި މާބަނޑު 5500 އަންހެނުން އެބަ ތިއްބެވެ. މި މީހުން މި އަންނަ މަހު ވިހާނެއެވެ."

އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ މި ބިރުވެރި މާޙައުލުގައި ދުވާލަކު 180 އަންހެނުން އެބަ ވިހައެވެ. މި ކުދިންގެ ކުރިމަގާމެދު އެއްވެސް އުންމީދެއްނެތެވެ."

ކަނިމް އިތުރަށް ވިދާޅުވިއެވެ. "ވޭތުވެދިޔަ 47 ދުވަހުގެ ތެރޭގައި ޣައްޒާގައި ހަތް ހާސް އަންހެނުން ވަނީ ވިހައިފައެވެ. މި މައިންނަށް ޞިއްޙީ ޢިނާޔަތެއް ބޯފެންފޮދެއް ކާއެތިކޮޅެއް ލިބޭނެ ގޮތެއްނެތެވެ. އަދި  ޤަޟާޙާޖަތްކުރުމުގެ ވަސީލަތެއް ވެސް ނެތެވެ."

ޔުނިސެފްގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ޣައްޒާގެ ކުޑަކުދިންގެ ޙާލަތަކީ އެކަމާމެދު ދެރަވެ ރޮއެ ގިސްލަން ޖެހޭ ކާރިސީ ޙާލަތެކެވެ. އެކުދިންނަށް ބޯފެނެއް ނުލިބެއެވެ. ކާނޭ އެއްޗެއް ނުލިބެއެވެ. އެކުދިންގެ ތެރޭގައި ވަނީ ބަލިތައް ފެތުރިފައެވެ. ހަނގުރާމައިގެ ސަބަބުން 800 ހާސް ކުޑަކުދިން ވަނީ ގެދޮރު ދޫކޮށް ދާން މަޖްބޫރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *