Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް ޚާއްޞަ

މިއަދު ލިޔެލަން ގަސްދުކުރާ ބަޔަކީ އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް ޚާއްޞަކޮށްލައިގެން ލިޔެލާ ލިޔުންކޮޅެކެވެ. މިކަމަށް ގަސްދުކުރީ ވަރަށް ގިނަ ބެލެނިވެރިންގެ އެދުމާއެކުއެވެ.

ބައެއް ފަހަރު، ދަރިފުޅަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ޖެހިފައިވާކަން ނުވަތަ ޖެހިދާނެކަން ގަބޫލުކުރުމަކީ ވެސް ދަތި ކަމެކެވެ. ޢިލުމީގޮތުން އެކަމާ ގުޅޭ މަޢުލޫމާތު ހުރި ނަމަވެސް އެފަދަ ކަމެއް ދަރިފުޅުގެ ކިބައިން ފެންނަކަން ގަބޫލުކުރުމަކީ ވެސް އުނދަގޫ ކަމެކެވެ. މިއީ އިންސާނީ ތަބީޢަތެވެ. ދަރިންގެ ކިބައިގައި އުނދަގޫ ހާލަތެއް ހުރިކަން އިހުސާސް ކުރެވުނު ނަމަވެސް އެކަން ބަލައިގަންނަން ދަތިވެއެވެ. މިއީ އެއްވެސް ހާލެއްގައި މައިންބަފައިންނަށް ނުވިސްނޭތީ ކުރެވޭ ކަމެއްވެސް ނޫނެވެ. ދަރިފުޅަކީ ދުޅަހެޔޮ ނޫން ކުއްޖެކަން އެހެން މީހުން ބުނާ އަޑު އެހުމަކީ ވެސް އަދި ފާހަގަކުރެވުމަކީ ވެސް އެއްވެސް ބެލެނިވެރިޔަކަށް ފަސޭހަކަމެއް ނޫނެވެ. ވަރަށް ގިނަ ފަހަރަށް އެފަދަ ކަމެއް ފާހަގަކުރެވުމުން ޑައިގްނޯސްކުރަން ވެސް ޖެހިލުންވެއެވެ. އަވަހަށް ޑައިގްނޯސް ނުކުރެވޭ ނަމަ، ފަރުވާ ނުކުރެވި ދިގުލާ ދެމިގެންދިއުން ވެސް ދިމާވެއެވެ. ފަރުވާ ކުރިނަމަ ވެސް ތަފާތެއް ނުފެނިދާނެ ކަމުގެ ކަންބޮޑުވުން ވެސް ވަރަށް ގިނަ ބެލެނިވެރިންގެ އޮވެއެވެ. މިހުރިހާ އިހުސާސްތަކަކީ ހަމައެކަނި ދަރިފުޅުގެ އެންމެ ގާތުން ބަލާ ބެލެނިވެރިންނަށް ކުރެވޭނެ އުނދަގޫ އިހުސާސްތަކެކެވެ.

އަށްޑިހައިގެ އަހަރުތަކުގައި ގިނަ ދިރާސާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ބެލެނިވެރިންނާ ވަރަށް ބޮޑަށް އެޓޭޗް (ތަތްވުން) ވެފައިވުމެވެ. ޚާއްޞަކޮށް މަންމައާ އެކު މާ ބޮޑަށް ވެސް އެޓޭޗްވާކަން ދިރާސާތަކުން ހާމަވެއެވެ (ކްރޮވެލް، ކެލޫސްކާރ، އަދި ގޮރެކީ، 2019). މި އެޓޭޗްމަންޓަކީ ސެކިއުރިޓީ އެޓޭޗްމަންޓް (އަމާންކަމުގެ ގާތްކަން) އެކެވެ. (ކްރޮވެލް، ކެލޫސްކާރ، އަދި ގޮރެކީ، 2019).

މި ސިފަތައް ފާހަގަކުރެވޭ ސަބަބަކީ އޯޓިޒަމް ހުންނަ ކުދިންނަކީ އެމީހުންގެ އެންމެ ކުދި ކުދި ކަންކަން ވެސް ބެލެނިވެރިންނަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކުރަންޖެހޭ ބައަކަށްވުމެވެ. ޚާއްޞަކޮށް މައިމީހާއަކީ ކުދިން އެންމެ ބޮޑަށް ބަރޯސާވާ މީހާއަށް ވާތީ މަންމައާ އެކު އޮންނަ ގުޅުމަކީ އެކުދިންގެ އަމާންކަން އިހުސާސްވުމުގެ މަސްދަރަށް ބަދަލުވެގެންދެއެވެ. އިތުރު ބައެއް ދިރާސާތަކުގައި ވާ ފަދައިން މިފަދަ ކުދިންގެ ދިރިއުޅުމުގެ އުނދަގޫ ބައެއް ހާލަތްތަކުގައި، ޚާއްޞަކޮށް ނުތަނަވަސްކަން ދިމާވާ ކަންކަމުގައި ކުއްޖާގެ ހަމަޖެހުމާއި، ހިތްހަމަޖެހުމަށް އެންމެ ބޭނުންތެރި ފަރާތަކަށް ވަނީ މަންމަކަމުގައި ހާމަވެއެވެ. (ސިގްމަން، އަދި އަންގޭރަރ، 1984؛ ކެޕްސް، ސިގްމަން، އަދި މުންޑީ، 1994).

މި ދިރާސާތަކުން އިތުރަށް ފާހަގަކުރާގޮތުގައި އޯޓިޒަމް ހުރި ކުދިންގެ ތެރެއިން ނުތަނަވަސްކަމެއް ދިމާވުމުން ގާތްގަނޑަކަށް %50 ކުދިން އެކުދިންގެ މައިންގެ ފަރާތުން ރައްކާތެރިކަމުގެ އިހުސާސްގެ ހޯދުމަށް މަސައްކަތް ކުރެއެވެ. ޚާއްޞަކޮށް މަންމައާ ވަކިވާ ވަގުތު ނުވަތަ ނުތަނަވަސްކަން އިހުސާސްވާ ހިނދު މަންމަމެންގެ ގާތްކަން ހޯދުމަށް އަތްދިއްކޮށްލާ ލޮލުން ބޮޅުން އެކަމަށް ބޭނުންވާކަން ހާމަކުރެއެވެ. މި ދިރާސާތަކުން އަދި ވެސް ފާހަގަކުރެވޭ ގޮތުގައި ސިކިއުރިޓީ އެޓޭޗްމަންޓާ ގުޅޭގޮތުން ބަލާއިރު، އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން މި އިހުސާސް ބޮޑަށް ލިބޭ ކުދިން ކަންކަމުގައި އިޖާބަދޭ މިންވަރު އިތުރެވެ. އެހެން ގޮތަކުން ބުނާނަމަ މީހުންނާއި މުޢާމަލާތުކުރުމުގެ ހުނަރު ރަނގަޅެވެ. ޚާއްޞަކޮށް މިކަން ފާހަގަކުރެވެނީ އެފަދަ ރައްކާތެރިކަމެއް އިހުސާސް ނުކުރެވޭ ކުދިންގެ ސުލޫކާ އަޅާބަލާއިރު އިޖާބަދޭ މިންވަރާއި ގޮތް ތަފާތުވެފައިވާ ކަމެވެ. (ސިގްމަން، އަދި އަންގޭރަރ، 1984؛ ކެޕްސް، ސިގްމަން، އަދި މުންޑީ، 1994).

މި ދިރާސާތަކުން ހާމަވަނީ އޯޓިޒަމް ހުންނަ ކުދިންގެ މި ޚާއްޞަ ހާލަތާއެކު ބެލެނިވެރިންގެ ކަންކަން ހުންނަ ގޮތާއި އަދި މުޢާމަލާތްކުރެވޭ ގޮތާ ގުޅިފައިވާ މިންވަރެވެ. ބެލެނިވެރިންނަކީ އެކުދިންގެ ހުރިހާ ކަމެއްގައި އެންމެ ބޮޑު ބަރޯސާއެއް ވާނެ ފަރާތެވެ. ސީދާ ބެލެނިވެރިންގެ ދުޅަހެޔޮކަމަކީ ވެސް އޯޓިޒަމްގެ ހާލަތުގައި ބޮޑެތިވަމުން އަންނަ ކުދިންނަށް މުހިންމު ކަމެކެވެ.

އޯޓިޒަމްގެ ހާލަތުގައި އުޅޭ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި، ޚާއްޞަ ޕްރޮގްރާމްތައް ވެސް ރާވައިފައި ހުރެއެވެ. ސަބަބަކީ އެމީހުންނަކީ ކަންކުރަންވީ ގޮތް އެނގޭ، އަދި އެމީހުންގެ އަމިއްލަ ދުޅަހެޔޮކަމަށް ވެސް ބަލަން ޖެހޭ ބައަކަށްވާތީއެވެ. ބެލެނިވެރިން ދުޅަހޮޔޮކޮށް ތިބެގެން ނޫނީ މިފަދަ ކުއްޖެއްގެ ކަންކަން ރަނގަޅަށް ބެލެހެއްޓުން އުނދަގޫ ވާނެކަން ޔަގީނެވެ. ބެލެނިވެރިންގެ ސުލޫކާއި ވިސްނުން ވަކިގޮތަކަށް ބައްޓަން ކުރަންޖެހެނީ ބެލެނިވެރިންގެ ފަރާތުން ދިމާވާ ކޮންމެ ކަމެއްގެ އަސަރު ސީދާ ކުރަނީ ކުއްޖާއަށް ކަމަށްވާތީއެވެ.

ބައެއް ގައުމުތަކުގައި މިފަދަ ބެލެނިވެރިންގެ ނަފުސާނީ ޞިއްހަތުގެ ދުޅަހެޔޮކަމަށް ޓަކައި، ބޭނުންވާ އެހީތެރިކަން ނިޒާމުގެ ތެރޭގައި ހަމަޖެހިފައި ހުރެއެވެ. ޚާއްޞަ ހާލަތްތަކުގައި ދިރިއުޅޭ ކުދިންނާއި އެކުދިންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިފަދަ ނިޒާމެއްގައި ހަމަޖެހިފައި ހުންނަން ޖެހޭ ކަމެކެވެ. މިސާލަކަށް ނިއުޒިލޭންޑްގެ މެކަންޒީން ސެންޓަރަކީ މިފަދައިން ފާހަގަކޮށްލެވިދާނެ މުއައްސަސާއެކެވެ. އެ ތަނުން ބެލެނިވެރިންނަށް ބޭނުންވާ ވާރކްޝޮޕްތަކާއި، ކުދިންނަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތަކާއި، އަދި ތަފާތު ބައްދަލުވުންތަކާއި، ފަރުވާތައް ވެސް ރޭވި އެއްފުރާޅެއް ދަށުގައި ހަމަޖެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިފައިވެއެވެ. މެކަންޒީ ސެންޓަރުގެ ވެބްސައިޓުން މިފަދަ ކޮންމެ ބެލެނިވެރިޔަކަށް ވެސް ކިޔާލެވޭ ފަދަ މަޢުލޫމާތުތަކާއި ބޭނުންކުރެވޭނެ ގައިޑްތައް ވެސް ފޯރުކޮށްދެއެވެ. މި ވެބްސައިޓް ބަލައިލުމަކީ ތިޔައިން ކޮންމެ ފަރާތަކަށް ވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެއް ކަމަށް ގަބޫލުކުރަމެވެ. މިވެބްސައިޓް ބަލާލުމަށް މެކަންޒީ ސެންޓަރުގެ ލިންކަށް https://www.mckenziecentre.org.nz/ ފިތާލާށެވެ. އަޅުގަނޑުމެން ރާއްޖޭގައި އެންމެ ފުރިހަމަ ގޮތުގައި މިފަދަ ކަންކަން ހަމަޖެހިފައި އަދި ނެތް ނަމަވެސް މި ކަންކަމަށް ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާތައް އުފެދެމުން އަންނަކަން އުފަލާއެކު ފާހަގަކުރަމެވެ. މިއަދުގެ ލިޔުމުގައި ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ އިތުރު ދެތިން ނުކުތާއަކަށް އަދި އަލި އަޅުވާލާނަމެވެ.

ޑައިގްނޯސްކުރެވެންދެން ލަސް ނުކުރުން

ތިމާގެ ދަރިފުޅުގެ ކިބައިން އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ޚާއްޞަ ސްޕެޝަލިސްޓެއް ޑައިގްނޯސް ނުކުރިނަމަވެސް އެކަމަށް ކުރެވެން ހުރި ކަންކަން ހޯދައި އަމިއްލައަށް ވެސް އެކަމާ ބެހޭގޮތުން އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކި ތަނަކުން ޑައިގްނޯސްކޮށްފައި ލިޔުމެއް ދެންދެން، އެކަން ލަސްކުރުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. މިފަދަ ކަމަކާ މެދު ޝައްކެއް ކުރެވުނުހާ އަވަހަކަށް އެހީތެރިކަން ހޯދައި ކުރެވެން ހުރި ކަންކަން ފައްޓާށެވެ. ފަހުން ވާނެގޮތް، އެހާ ބޮޑަށް ނުވިސްނާ، ކުއްޖާއަށް ކޮށްދެވެން އޮތް ކަންކަމަކީ ކޮބައިތޯ މަޢުލޫމާތު ހޯދައި މަސައްކަތް ފަށާށެވެ. ރަސްމީ ޑައިގްނޯސިސްއަކަށް ވެސް މަޑުނުކުރާށެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ ހުންނަ ކުދިންނަށް އެހީތެރިކަން އަވަހަށް ލިބޭ ވަރަކަށް ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަވަހަށް އިންޓަރވެންޝަން ދިނުމަކީ ދަރިފުޅުގެ ތަރައްޤީ އަވަސްކޮށްދީ، ކުއްޖާގެ އުމުރުގެ ކުރީކޮޅުގައި އޯޓިޒަމްގެ އަލާމާތްތައް ކުޑަކުރުމަށް އެންމެ ފައިދާހުރި ގޮތެވެ.

ޑައިގްނޯސް ކުރުމަށްފަހު އޯޓިޒަމްގެ ޢަލާމާތްތައް ޔަޤީންވުމުން

އޯޓިޒަމާ ބެހޭ ގޮތުން ފޮތްތަކާއި ލިޔުންތަކުން ކިޔާ މަޢުލޫމާތު ހޯދުމަކީ ބެލެނިވެރިން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ހަމައެކަނި ސްޕެޝަލިސްޓް ކިޔައިދޭ ކުޑަ ވަގުތުކޮޅެއްގެ މަޢުލޫމާތު ކޮޅަކަށްވުރެ، އަމިއްލައަށް އެކަމާ ބެހޭގޮތުން އެނގުނެވުނު ވަރަކުން ދަރިފުޅަށް އެހީތެރިވެދޭން ފަސޭހަވާނެއެވެ. ޚާއްޞަކޮށް ދެވިދާނެ ފަރުވާތަކާއި، ބާވަތްތަކާއި އެކިއެކި ފަރުވާގެ ބޭނުންތަކުގެ މަޢުލޫމާތު އެނގުނު މިންވަރަކުން ނެގޭ ޤަރާރުތަކާއި ނިންމުތަކުގައި އަމިއްލަ ނުފުސުގެ ޔަގީންކަން އިތުރުވެ އިތުބާރާއެކު އެކަމުގައި ބައިވެރިވެވޭނެއެވެ. މިގޮތުން ތިރީގައިވާ ދީފައިވާ ދެތިން ނުކުތާއަށް ވަކިން ސަމާލުކަން ދިނުން މުހިންމެވެ.

1. ދަރިފުޅުގެ ހާލަތުގެ މާހިރަކަށްވުން:

ތިމާގެ ދަރިފުޅަށް ދިމާވާ ކަންކަމަކީ އެހެން ކުދިންނަށް ދިމާވާ ކަންކަމާއި ކޮންމެހެން އެއްގޮތް ތަފާތުތޯ ބެލުމަށްވުރެ، ސީދާ ދަރިފުޅުގެ ކިބައިން ފެންނަކަންކަމުގެ މާހިރަކަށް ބެލެނިވެރޔާ ވުން މުހިންމެވެ. އުދަނގޫވަނީ ކޮން ކަންތައްތަކެއްތޯ، ވަކިކަމެއް ދިމާވަނީ ކޮން ސަބަބަކާ ހުރެތޯ، ދަރިފުޅު ކަންކަމަށް އިޖާބަދޭ ގޮތްތަކަކީ ކޮބާތޯ، ދަރިފުޅުގެ ކިބައިގައި ކަންކަމުގައި ހުންނަ ރިއެކްޝަން/ ކަމަކާގުޅިގެން ކުރާކަންތައް ތަކަކީ ކޮބާތޯ، މިފަދަ ހުރިހާ ކަމަކާގުޅޭ ފުރިހަމަ މަޢުލޫމާތު އެއްކުރުން މުހިންމެވެ. ޚާއްޞަކޮށް ދަރިފުޅަށް ނުތަނަވަސްކަން، ހިތްހަމަނުޖެހުން، ބިރުވެރިކަން، ސުލޫކު ހަމައިން ނެއްޓުން، ފަދަ ކަންކަން މެދުވެރިވާނަމަ، އެއިން ކޮންމެ ކަމެއްގެ އަސްލު ދިމާވާ ސަބަބު ބެލެނިވެރިން ހޯދަން ޖެހެއެވެ. މިގޮތުން، ކުއްޖާއަށް ކަމެއް ދިމާވުމުން، ދެންވަނީ ކިހިނެއް، ނުތަނަވަސްކަން ފެށުނީ ކިހިނެއް، މަޖާ ކުރަނީ ކިހިނެއް، މަޖާވީމާ ހަދަނީ ކިހިނެއް، މިފަދަ ވަރަށް އާންމުކަންކަމާ ބެހޭގޮތުން އޮބްޒާރވްކުރެވޭ ލޮލަކުން ބެލުމަކީ މުހިންމު ކަމެކެވެ. އޯޓިޒަމް ހުންނަ ކުއްޖެއްގެ ކަންކަން ބަލަހައްޓާ ބެލެނިވެރިޔާ ވާންޖެހޭނީ ކުއްޖާއާ ބެހޭގޮތުން ހުރިހާ ކަމެއް އެންމެ ބޮޑަށް އެނގޭ މީހަކަށެވެ.

2. ދަރިފުޅުގެ ހުރި ޚާއްޞަ ހާލަތެއް، ގޮތެއް، ކަމެއް ގަބޫލުކޮށް ބަލައިގަތުން:

ކުރިންވެސް އިޝާރާތްކުރިހެން، އަމިއްލަ ދަރިފުޅުގެ އުނިކަމެއް ފާހަގަކޮށް ބަލައިގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އެކަން ފާހަގަކުރެވުނު ނަމަވެސް އެކަމާ މެދު ނުވިސްނާ ހަދާން ނައްތާލާ އެކަމާ މެދު ވާހަކަ ނުދެއްކުމަށް މަސައްކަތް ކުރެވެއެވެ. އޯޓިޒަމްގެ ހާލަތު ހުރި ދަރިފުޅަށް މަދުވަނީ ކޮންކޮން ކަމެއްކަން، ނުކުރެވެނީ ކޮން ކަންތައްތަކެއްކަން، އުނދަގޫވަނީ ކިހިނެއްކަން ހޯދެވުމުން ކުއްޖާއަށް އެހީތެރިވެދެވޭނެ ވަރަށް ގިނަ މަގުތައް ހޯދޭނެއެވެ. މުހިންމު ކަމަކީ އެއިން ކޮންމެ ކަމަކީ ވެސް ކުއްޖާ ބެލެހެއްޓުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ގަބޫލުކޮށް އެކަމަށް އަތުކުރި އޮޅާ ތައްޔާރުވެ ކުއްޖާގެ ސީދާ ހާލަތަށް ބޭނުންވާ އެދެވޭ ގޮތްތައް ހޯދައިގެން ކަންކަން ކުރުމެވެ. އެއްވެސް ހާލެއްގައި ދަރިފުޅު އެހެން ކުދިންނާ އަޅާނުކިޔުމަކީ މިކަމުގައި ވަކިން ސަމާލުވާން ޖެހޭ ކަމެކެވެ. ކުއްޖާގެ ކިތަންމެ ދަތި އުނދަގޫ ހާލަތެއް ހުރިކަން ފާހަގަ ކުރެވުނު ނަމަވެސް އެދަރިފުޅު ދެކެ ލޯބިވާ މިންވަރު އެދަރިފުޅަށް އިޙްސާސް ކޮށްދިނުމަކީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ކުއްޖާގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެކެވެ.

3. އުއްމީދު ގެއްލުވާލައި ގޮތް ހުސްނުވުން:

އޯޓިޒަމްގެ ހާލަތުގެ ދަރިއެއް ބެލުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެކަމާ ކުރިމަތިލައިގެން ދިމާވާ ކަންކަމުގައި ކިތަންމެ ފަހަރަކު ނާކާމިޔާބު ވާކަމުގެ އިހުސާސް ވުމަކީ ވަރަށް ގާތްކަމެކެވެ. އަބަދުވެސް ރަނގަޅަށް ކަންކަންވާނެ ކަމަށް ގަބޫލުކޮށް އެދެވޭ ނަތީޖާތަކާއި ހަމައަށް ދިއުމުގެ އުއްމީދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ މުހިންމު މަގްޞަދަކަށް ވާންޖެހެނީ ދަރިފުޅަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ދަސްކޮށްދިނުމެވެ. ކުއްޖާގެ ހާލަތު ގޮސްވެދާނެތީ ހާސްވެ، ހިތްހަމަނުޖުހުމާއި ނުތަނަވަސްކަމާ ނުރަނގަޅު ވިސްނުންތަކެއް ބޮލަށް ލައިގެން އުޅުމަކީ ކަނޑައެޅިގެން ނަފުސާނީ ނުރަނގަޅު ފައްތަރަކަށް ބެލެނިވެރިޔާވެސް ދާނެ ކަމެކެވެ. އޯޓިޒަމްގެ ހާލަތަކީ މުޅި ޢުމުރު ދުވަހު އެއާއެކު އުޅެންޖެހޭ ކަމަކަށް ވާތީ އެއާއެކު ދަރިފުޅު ތައްޔާރުކޮށް ދިރިއުޅެން ދަސްކޮށްދިނުން އެއީ ބެލެނިވެރިންގެ ޒިންމާއެކެވެ. އުމުރުން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު ދިރިއުޅުމުގެ ދުވަހީ ކަންކަން މެނޭޖްކުރުމުގެ ގާބިލްކަން އެދަރިފުޅުގެ ކިބައިގައި ތަރައްގީ ކުރުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެކެވެ. މި މިސްއޫލިއްޔަތު އަދާ ކުރުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކީ ލިބޭ ފިލާވަޅުތަކެއް ކަމަށް ގަބޫލުކޮށް އެއިން ފިޔަވަޅުތައް ދަސްކުރުމަކީ މިލިޔުން ކޮޅުގައި ބެލެނިވެރިންނަށް ދެވޭ އެންމެ ބޮޑު އިރުޝާދެވެ.

އަޅުގަނޑު އުއްމީދަކީ މިއަދު މި ލިޔުނު ބައިގައިވެސް އޯޓިޒަމްގެ ހާލަތް މެދުވެރިވެފައިވާ ކުދިން ގެންގުޅޭ ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް ވެސް މުހިންމު ވާހަކަ ކޮޅެއް ހިމެނުނު ލިޔުމަކަށް ވުމެވެ. މިފަދަ ލިޔުންތަކުގެ ބޭނުމަކީ އާންމުން މިކަމަށް ބޮޑަށް ހޭލުންތެރިވެ ކުރެވެން ހުރި ކަންކަމަށް ތައްޔާރުވެ ކޮންމެ ހާލަތެއްގައި ވެސް އަޅުގަނޑުމެންގެ ދަރިން އެދެވޭގޮތަށް ބެލެހެއްޓުމުގެ ރޫހު އެފެއްދުމެވެ.

ހަވާލާދޭ ފަރާތްތައް

ކެޕްސް، އެލް، ސިގްމަން، އެމް، އަދި މުންޑީ، ޕީ (1994). އޯޓިޒަމް ހުންނަ ކުދިންގެ އެޓޭޗްމަންޓް ސެކިއުރިޓީ. ޑިވެލޮޕްމަންޓް އެންޑް ސައިކޯޕެތޮލޮޖީ، 6(2)، 249-261.

ކްރޮވެލް، ޖޭ.އޭ، ކެލޫސްކާރ، ޖޭ، އަދި ގޮރެކީ، އޭ (2019). ބެލެނިވެރިކަމުގެ ސުލޫކާއި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ކުދިންގެ ތަރައްޤީ. ކޮމްޕްރިހެންސިވް ސައިކިއޭޓްރީ، 90، 21-29.

ސިގްމަން، އެމް، އަދި އަންގޭރަރ، ޖޭ.އޭ (1984). އޯޓިސްޓިކް ކުދިންގެ އެޓޭޗްމަންޓް ބިހޭވިއަރސް. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 14(3)، 231-244.