...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މަހުވެއި ބިއްލާހި…

އައްޑުއަތޮޅު މީހުން، އައްޑޫ ބަހުން ހުވާ ކުރަންޏާ ފަށަނީ "މަހުވެއި ބިއްލާހި" އޭ ކިޔައިފައެވެ. ރާއްޖޭގެ ރައީސް ކަމަށް އަދި މިހާތަނަށް އައްޑޫ މީހަކު ނުހޮވެއެވެ. އެހެންވީމާ "މަހުވެއި ބިއްލާހި" އޭ ކިޔާފައި ހުވާކުރާނެ ރައީސެއް އަދި މިހާތަނަކަށް ނާދެއެވެ.

ރާއްޖޭގެ ރައީސް ކަމަށް މުހައްމަދު އަމީން ވަޑައިގެންނެވީ 1953 ވަނަ އަހަރު އެވެ. މި ހިނގާ 2023 ވަނަ އަހަރަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އަށް 70 އަހަރު ފުރުނު އަހަރެވެ. ފާއިތުވި 70 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސްކަމުގެ ގޮނޑި ހަތް ބޭފުޅަކު ހޫނު ކުރައްވައިފައިވެއެވެ. މިއަދު މި ހުވާ ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސެވެ. ފާއިތުވި ހަތްދިހަ އަހަރު ދުވަހު ވެސް ދިވެހީން ދުށް ހުރިހާ ރައީސުންގެ ވެރިކަމުގައި ވެސް ރައްޔިތުން އެދުނު ފަދަ ހެޔޮ ވެރިކަމެއް ކޮށްދެވިފައެއް ނުވެއެވެ. ހުރިހާ ބޭފުޅުން ވެސް ކުރައްވައިގެން ތިއްބެވީ ވަރަށް އެހެން ޒާތެއްގެ ހުވައެއް ކަމުގައި ވެދާނެ އެވެ.

އަހުރެން، ދިވެހި ދައުލަތުގެ ބައިތުލްމާލު ވަގަށް ކާލުމަށާއި، ޤައުމުގެ ހަރުމުދާ، ނުއަގުގައި އެކި ފަރާތްތަކަށް ވިއްކުމަށާއި، ބީލަމުގެ ނަމުގައި މަކަރު ހަދައިގެން އަހުރެންގެ ގާތް މީހުންނަށާއި، އަހުރެންނަށް ތާއީދު ކުރާ ފަރާތްތަކަށް ރަށްރަށާއި ޕްރޮޖެކްޓްތައް ބަހާލުމަށާއި، ހިތުހުރި ގޮތަކަށް ފައިސާ ޗާޕްކޮށްގެން، އިންފްލޭޝަނަކަށް ބެލުމެއްނެތި އިގްތިސޯދު ހަލާކުކޮށްލުމަށާއި، އަހުރެންގެ އާއިލާގެ މީސް މީހުންނަށް ބޮޑެތި މަޤާމްތައް ދިނުމަށް ހުވާކުރަމެވެ!

އަދި އަހުރެންނަށް ފާޑުކިޔައިފި ރައްޔިތެއް ނަމަ ކޮންމެވެސް ކަމެއް ބޮލުގައި އަޅުވައި، ޖަލަށް ލައި، އެމީހަކާއި އެމީހެއްގެ އާއިލާގެ ވެސް ދުވަސް ދުއްވާލުަމަށް ހުވާ ކުރަމެވެ. އަދި ވެރިކަން ފެށިގެން އަންނަނީ ވެސް، އަދި ވެރިކަން ދެމިއޮންނަނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް ބޭރު ފުށުން ބުނެ، ރައްޔިތުން ގުނބޯ ހެއްދުމަށް ފަހު، ވެރިކަމުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައި، ވެވުނުހާ ހުދުމުހުތާރެއްވެ، އަމިއްލަ އެދުމުން ފުރިގެންވާ ވެރިކަމެއް ކުރުމަށް ހުވާ ކުރަމެވެ.

އަދި ދީނީ މީހުންގެ ތެރެއިން ހުރިހާ މުނާފިޤުން އަރިސްކޮށް، އިހްލާސްތެރި ދީންވެރި މީހުން ބާކީކޮށް، ދީން ހަތިޔާރަކަށް ހަދައިގެން، ދީނުގެ ނިވާފަތްގަނޑުގެ ފަހަތުން މުނާފިޤް ވެރިކަމެއް ކުރަން އަހުރެން ހުވާ ކުރަމެވެ. އަދި ހުރިހާ މަޤާމް ތަކަށް ޤާބިލް ނޫން މީހުން ލައި، ޤަބިލް މީހުން އެއްފަރާތްކޮށް، ކޮރަޕްޓް ޖާހިލުން ލައިގެން ދައުލަތާއި ސަރުކާރުގެ ހުރިހާ ކަމެއް ހިންގުމަށް އިޤްރާރުވެ އަހުރެން ހުވާ ކުރަމެވެ.

އަދި ދިވެހި މަސް ކަނޑު ތަކާއި، ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތި ރަށް ތަކާއި، ދިވެހީންގެ އެންމެ ބޮޑު ވަސީލަތް ކަމުގައިވާ އިންސާނީ ވަސީލަތާއި، އެހެނިހެން ހުރިހާ ވަސީލަތެއްވެސް ލޫޓުވައި، ވަގަށް ނަގައި، ކޮރަޕްޝަން ހިންގައި، އަހުރެންގެ އަމިއްލަ ފައިދާ އަށާއި އަހުރެންގެ ސިޔާސީ ކުރިމަގު ބިނާ ކުރުމަށް ހޭދަކޮށް، ރައްޔިތުންނަށް ކުޑައެތިކޮޅެއްދީ، އޮޅުވާލައިގެން ދައުލަތް ދަވާލުމަށް އަހުރެން ހުވާކުރަމެވެ.

ހަތްދިހަ އަހަރުގެ ޖުމްހޫރީ ވެރިކަމުގައި މިފަދަ ގޮތަކަށްހުވާ ކުރައްވައިގެން ތިއްބެވި ކަމަށް ބެލެވޭ ބަޔަކު ވެރިކަންކޮށް ޤައުމު ދަވާލައިފިއެވެ. މިއަދު މިފެށޭ މުޅިން އައު ވެރިކަމަކީ 70 އަހަރުގެ މި ނުބައި ވެރިކަމުގެ ސިލްސިލާ ބަދަލުކޮށް، ދިވެހި ރައްޔިތުންނަށް ޓަކައި، ދިވެހި ޤައުމަށް ޓަކައި، ދިވެހީންގެ ދީނަށްޓަކައި ހަޤީޤީ ހެޔޮ ވެރިކަމެއް ކޮށްދޭނެ ވެރިކަމެއް ކަމަށް އުއްމީދު ކުރެވެއެވެ. މި އުއްމީދު ނާއުއްމީދަކަށް ނުވެ ދިވެހީންނަށް 2028 ވަނަ އަހަރާ ހަމައަށް ފޯރޭނެ ކަމަށް ހީކުރަމެވެ. ސިޔާސީ ހުރިހާ ކަމެއް އޮޓޯ ޕައިލެޓަށް ލެވި، ސިޔާސީ މީހުން ހުރިހާ ކަމެއް ކުރާނީ ތެދުވެރިކަމާ އެކު ކަމުގެ ޔަޤީންކަމާ އެކު ދިވެހި ރައްޔިތުންނަށް އަރާމުގައި، އުފަލުގައި ދިރިއުޅެވޭނެ ދުވަހެއް ފެނުމަކީ މި ޤައުމު ރައްޔިތުންގެ އުއްމީދެވެ. މިބުނީ ހަމަ ތެދެކެވެ. މަހުވެއި ބިއްލާހި އެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.