Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްޞަ ވިޝުއަލް ޝެޑިއުލްތައް ތައްޔާރުކުރާނެ ގޮތް

ކުރީ ހަފުތާގެ ލިޔުމުގައި އިޝާރާތްކޮށްލި ފަދައިން، މިފަހަރު މި ލިޔެލަނީ ވިޝުއަލް ޝެޑިއުލް ތައްޔާރުކުރާނެ ގޮތާ ބެހޭގޮތުންނެވެ.

ވިޝުއަލް ޝެޑިއުލަކީ ކުރިންވެސް ފާހަގަކުރި ފަދައިން އޯޓިޒަމް ހުންނަ ކުދިންގެ ގެއަށާއި ކުލާސްރޫމުގެ މާހައުލަށް ބޭނުންތެރި، މުހިންމު އެއްޗެކެވެ. ވިޝުއަލް ޝެޑިއުލްގެ ބޭނުންތެރިކަމާ ބެހޭގޮތުން ވަރަށް ގިނަ ދިރާސާވެރިން ލިޔުއްވާފައިވެއެވެ. ބައެއް ދިރާސާވެރިން ހާމަކުރާ ގޮތުގައި ވިޝުއަލް ޝެޑިއުލް ބޭނުންކުރުމަކީ ކިޔަވައިދިނުމުގެ ނިޒާމުގައި ޝާމިލު ކުލާސްރޫމެއްގައި ހުރިހާ މުދައްރިސުންވެސް ބޭނުންކުރަން ޖެހޭ އެއްޗެކެވެ. (މެކްޑޮނަލްޑް، ޓްރެމްބަތު، އެޝްބަރނަރ، ކޮސްޓްލީ، އަދި ކީން، ،2018).

ވިޝުއަލް ޝެޑިއުލަކީ ސްކޫލެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށް މުޢާމަލާތްކޮށް ކަންކަން ރޭވުމަށް ގޭގައިވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ދިރާސާތަކުން ހާމަކޮށްފައިވެއެވެ. (ރަދަރފޯޑް، ބެކްސްޓަރ، ގްރޭސަން، ޖޯންސްޓަން، އަދި އޯ’ހެއާ، 2020). މިފަދަ ދިރާސާތަކުން ހެކިދޭގޮތުގައި ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމުގެ ސަބަބުން ކުއްޖާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތައް ތަރުތީބުވަނިވި ގޮތަށް ގެންދިއުމަށް އެހީތެރިވެދެވޭނެއެވެ.

ކުރިންވެސް ބަޔާންކުރި ފަދައިން، ވިޝުއަލް ޝެޑިއުލް ބޭނުން ކުރުމުން ގިނަ ފައިދާތަކެއް ލިބެއެވެ. އެންމެ މުހިންމު ކަމަކީ ވިޝުއަލް ޝެޑިއުލްތަކުން ކުދިންނަށް ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު ލިބިގެންދިއުމެވެ. މީގެ އިތުރުން ކުދިންނަށް ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި އަމިއްލަ ހިއްސާ ބޮޑުވެ، ބައިވެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަމަ އެހެންމެ ވިޝުއަލް ޝެޑިއުލަކީ ކުދިންނަށް ދިމާވާ ސުލޫކީ ދަތިތަކަކަށް ލުއިކަމެއް ވެސް ގެނެސްދޭ އެއްޗެކެވެ.

މި ހުރިހާ ކަމެއްގެ އިތުރުން ވިޝުއަލް ޝެޑިއުލްތަކުގެ އެހީގައި ކުދިންނަށް މުވާސަލާތުކޮށް ބަހުގެ ހުނަރުތައް ތަރައްގީކުރުމަށް ވެސް އެހީތެރިވެދެއެވެ. ތިރީގައި ދެވިފައި އެވަނީ ވިޝުއަލް ޝެޑިއުލްތައް ހަދާއިރު ޢަމަލީކޮށް އެކަން ކުރާނެ ގޮތްތަކުގެ ކުރު ޚުލާޞާ ފިޔަވަޅުތަކެކެވެ.

1. ދުވަހުގެ މައިގަނޑު ކަންކަން ކުދި ބައިތަކަކަށް ބަހާލުން

ކުއްޖާ އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހޭ ކަންކަން ފާހަގަކޮށް އެ ތަންތަނާ ގުޅޭގޮތަށް ޝެޑިއުލްތައް ހެދުން މިސާލަކަށް:

  • އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ބަދަލުވުން
  • ކްލާސްރޫމްގެ ތެރޭގައި ހުންނަ އެއްތަނުން އަނެއް ތަނަށް ބަދަލުވުން (ބޮޑު މޭޒުން ފެށިގެން ވަކިވަކި ޑެސްކްތަކަށް ނުވަތަ އެއް ކަނެއްގައި ކާޕެޓްގައި އިށީނދެގެން ތިބެން ޖެހޭ ވަގުތު، ކޮޓަރި ހުރަސްކޮށް ގޮނޑިތަކުގެ ވަށައިގެން ތިބުން)
  • ތަފާތު ތަކެތި ބޭނުންކުރާ ހަރަކާތަށް އަންނަ ބަދަލުތައް
  • ކާ ގަޑިތަކާއި ކާން ތިބޭ ތަންތަން
  • ގޭގައި އެކި ކަންކަން ކުރަންޖެހޭއިރު އެކިކަންކަން ކުރާތަންތަނާއި ގުޅުވުން މިސާލަކަށް ފާޚާނާ، ނިދާ ކޮޓަރި، ސިޓިންރޫމު، ޓީވީ ބެލުން، ކެއުން، ބަދިގެ، ގެއަށް އައުން، ގެއިން ބޭރަށް ދިއުން މިނޫންވެސް އާންމުކޮށް ބޭނުންވާ ކަންކަމަށް ގުޅުވައިގެން ތަފާތު ޝެޑިއުލްތައް ހެދިދާނެއެވެ.

މަތީގައި ދީފައިވާ މިސާލުތަކާއެކު ކުއްޖާއަށް އެންމެ މުހިންމުވާ ކަންކަމަށް ވިޝުއަލް ޝެޑިއުލް ހެދުން ރަނގަޅުވާނެއެވެ. ޚާއްޞަކޮށް ދުވަހެއްގެ ތެރޭގައި ކުރަންޖެހޭ އެންމެ ބޭނުންވާ ހަރަކާތްތަކަށް ލިސްޓް ކުރެވިދާނެއެވެ. ދުވަހުގެ ހުރިހާ ކަމެއް ލިސްޓްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މިގޮތުން ބަލާނީ ކުއްޖާއަށް މާނަހުރި ކަންކަމަށް ސަމާލުވެގެން ވިޝުއަލް ޝެޑިއުލު ހެދުމަށެވެ. ނަމަވެސް މީގައި ހިމަނާ ބާވަތްތަކާއި ހަރަކާތްތަކާއި ހޮވުމުގައި އެންމެ ބޮޑަށް ބަރޯސާވާންޖެހޭނީ ކުއްޖާއަށް ކަންކަން ވިސްނޭ މިންވަރާއި އެނގޭ ކަންކަމުގެ މައްޗަށެވެ. އެހެން ނަމަވެސް ވަކި ގަޑިއަކަށް ބޭނުންވާ ނުވަތަ ވަކިވަކި ހަރަކާތްތަކެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއްގެ ތަފްސީލުތައް ވެސް "މިނީ ޝެޑިއުލް" ގޮތަށް ހެދިދާނެއެވެ.

2. ވިޝުއަލް ޝެޑިއުލުގައި ހިމަނާ ކޮންމެ ބަޔަކަށް ވެސް ނަމެއް ދިނުން

ވިޝުއަލް ޝެޑިއުލުގައި ހިމަނާ ބައިތަކުގެ/ ސެގްމަންޓްތަކުގެ ނަންތަކުން ކުއްޖާގެ ވިސްނުމާ ގުޅުން މުހިންމެވެ. ކަމެއް ކުރަންޖެހޭ ތަން، ކުރަންޖެހޭ ކަންތަކުގެ މުހިންމު ނުކުތާ ކުއްޖާއަށް އެނގޭ ގޮތަށް ތައްޔާރުކުރެވޭކަން ކަށަވަރުކުރަން ވާނެއެވެ. މިގޮތުން ތައްޔާރުކުރާ ވިޝުއަލް ޝެޑިއުލެއްގައި ހިމަނާލެވިދާނެ މިސާލުތަކެއް ތިރީގައި އެވަނީއެވެ. 

މަތީގައި އެވާ ކަންކަމަކީ މިސާލުތަކެކެވެ. އެނޫނަސް ވިޝުއަލް ޝެޑިއުލު ތައްޔާރުކުރާނެ ކަންކަން ނިންމާނީ ކުއްޖާގެ ބެލެނިވެރިންނާއި މުދައްރިސުގެ ބައިވެރިވުމާއެކު ކުއްޖާއަށް އެންމެ ބޭނުންތެރިކަންކަމަށް ބަލައިގެންނެވެ.

3. ވިޝުއަލް ޝެޑިއުލް ތައްޔާރުކުރުމުގައި އެކުލަވާލާނެ ގޮތް

ވިޝުއަލް ޝެޑިއުލުގައި އެކި ބައިތައް ހިމަނާނެ ގޮތް ނިންމާނީ ކުދިންނަށް އެންމެ ފަސޭހައިން ދެނެގަނެވޭ ފޯމެއްޓެއް އިޚްތިޔާރުކޮށްގެންނެވެ. މިކަމުގައި އެންމެ މުހިންމުވާނީ އެ ކުދިންނަށް އެތަކެތި އަވަހަށް އަދި ފަސޭހައިން ނަގައިގަނެ ދެނެގަނެވޭނެ ގޮތް އޭގައި ހުރުމެވެ. މިގޮތުން ތައްޔާރުކުރާއިރު ތަފާތު ނިޝާންތައް/ އައިކަންތައް އަދި ކުރެހުން ފަދަ، އަދިވެސް މުހިންމު ބަސްތަކާއި ކުލަތައް ވެސް ކުދިންނަށް ދޭހަވާން ފަސޭހަކޮށް ތައްޔާރުކުރެވިދާނެއެވެ.

ބައެއް ފަހަރު ވިޝުއަލް ޝެޑިއުލް މުޅި ކުލާހަށްވެސް ތައްޔާރުކުރެއެވެ. އެފަދަ ހާލަތްތަކުގައި ޝެޑިއުލް ހަދާއިރު ހުރިހާ ދަރިވަރުންނަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށް ހެދުން މުހިންމެވެ. ހުރިހާ ކުދިންނަށް ވެސް އެކަމަޑޭޓް/ ގުޅޭ ގޮތަށް މިބާވަތުގެ ޝެޑިއުލްތައް ކުލާހުގައި ތައްޔާރު ކުރުމަކީ ޚާއްޞަ އެހީއަކަށް ބޭނުންވާ ދަރިވަރަށްވެސް މެއިންސްޓްރީމް/ އާންމު ކުލާހުގައި ހިމެނޭ ކަމުގެ އިހުސާސް އިތުރުކޮށްދޭ ކަމެކެވެ. ހަމައެއާއެކު މުދައްރިސަކު ބަދަލުވާ ހާލަތްތަކުގައި، ފަސޭހަކަމާއެކު ކުރީގެ ގޮތްތަކަށް ތަރުތީބުވަނިވި ގޮތަށް ކުދިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެހީތެރިވެދޭނެއެވެ.

ވިޝުއަލް ޝެޑިއުލް ތައްޔާރުކުރާއިރު ތިރީގައިވާ ކަންތައްތަކަށް ހިމަނައިގެން ފަރުމާ ކުރެވިދާނެއެވެ.

  • ލިޔެފައިވާ ބަސްތައް
  • ކުރެހުން ބޭނުންކޮށްގެން (ގިނަ ކްލިޕް އާޑް ޕްރޮގްރާމްތައް މި ބާވަތުގެ ކުރެހުންތައް ވަރަށް ފަސޭހައިން މިހާރު ލިބެން ހުރޭ)
  • އައިކަންތައް، ލޯގޯތައް، އަދި އެކި ކަންކަމާ ގުޅޭ އަސްލު ތަކެތީގެ ފޮޓޯ

4. ވަކި ފޯމެޓެއް ޚިޔާރުކުރުން

އެ ވިޝުއަލް ޝެޑިއުލް ތައްޔާރުކުރަނީ އިންޑިވިޖުއަލް ކުއްޖަކަށްތޯ ނޫނީ ގުރޫޕަކަށްތޯ ބަލައި އެކަމަށް ބޮޑަށް ރިޢާޔަތްކުރުން ވަރަށް މުހިންމެވެ.

  • ވިޝުއަލް ޝެޑިއުލު ބޭނުންކުރާނެ ގޮތް ކަނޑައެޅުން

ކުލާހެއްގައި ނަމަ، ކޮންމެ ދުވަހެއް ފަށަން ވާނީ އެ ދުވަހެއްގެ ޝެޑިއުލް ހަދާ ދަރިވަރުންގެ މެދުގައި އެ މަޝްވަރާ ކުރުމަށް ފުރުސަތު ފަހިކޮށްދީގެންނެވެ. ގޭގައިވެސް މިފަދައިން އެ ދުވަހަކަށް ބޭނުންވާ ހުރިހާ ހަރަކާތްތަކުގެ ފޮޓޯތަކާއި ކާޑުތައް ހިމަނައިގެން ޝެޑިއުލު އެކަލަވާލާއިރު ކުއްޖާގެ ފުރިހަމަ ބައިވެރިވުމާއެކު ކަންކަން ކުރުން މުހިންމެވެ.

މިގޮތަށް މިކަން ގެންދިއުމަށް ކުރަންޖެހޭ ކަމަކީ ކޮބާ؟

  • ކުލާހެއްގައި ނަމަ މުދައްރިސް ކްލާހުގެ ޝެޑިއުލް ލިޔެ ނުވަތަ އެސެމްބްލް ކުރުން
  • ގޭގައި ނަމަ އެ ދުވަހަކު ކުރާނެ ކަންތައްތަކަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭ ފޮޓޯތަކާއި ބަސްތައް ހިމަނައިގެން ދުވަހުގެ ހަރަކާތްތަކުގެ ފޯލްޑަރ ހެދުން.
  • ދަރިވަރަށް އެކަލަވާލާފައިވާ ވިޝުއަލް ޝެޑިއުލް މުދައްރިސާއެކު މަޝްވަރާކުރުން
  • ވިޝުއަލް ޝެޑިއުލްގައިވާ ކަންތައް ދަރިވަރު ފަންސުރުން ލިޔެ ކޮޕީކުރުން ނުވަތަ ކޮމްޕިއުޓަރ ނުވަތަ އިލެކްޓްރޯނިކް ޑިވައިސް އަށް ޓައިޕްކުރުން
  • ދަރިވަރު އަމިއްލަ ޕިކްޗަރ ޝެޑިއުލް ހޯލްޑަރސްގައި ތައްޔާރުކޮށް، މާސްޓަރ ޝެޑިއުލް ކޮޕީކުރުން
  • ކުދިން އަމިއްލައަށް ޝެޑިއުލް ކޮޕީކޮށް ނުވަތަ ކޮމްޕިޔުޓަރ އިންވެސް ހަދަން ދެވިދާނެއެވެ.
  • ކުދިން އަމިއްލައަށް އެ ކުއްޖަކަށް އެ ދުވަހަށް ބޭނުންވާ ހުރހާ ފޮޓޯތަކާއި ކަންކަން ހިމަނައިގެން ޝެޑިއުލް އެކުލަވާލެވިދާނެއެވެ.
  • ދަރިވަރު ޝެޑިއުލް އެސެމްބްލް ކުރުމުގައި ބައިވެރިކުރުމަކީ މުހިންމު ކަމެކެވެ. ސިދާ އެހެން މީހަކު ނުވަތަ އެހެން ކުއްޖަކު ތައްޔާރުކޮށްފައިވާ އެއްޗެއް ގެންގުޅުމަށްވުރެ އެކުއްޖެއްގެ ޚާއްޞަ އެއްޗެއް އަމިއްލައަށް ހަދައިގެން ބޭނުންކުރުމަކީ ކުއްޖާގެ ބައިވެރިވުން އޭގައި އިތުރުވެ އެކަންކަން ތަންފީޒުކުރުމަށްވެސް ފަސޭހަވާނެ ގޮތެކެވެ. ނަމަވެސް މި ކަންކަން ކުރިއަށް ގެންދިއުން ބިނާވެފައި އޮންނާނީ ކުދިންގެ އުމުރާއި ވިސްނުމުގެ ޤާބިލުކަމުގެ މައްޗަށެވެ. ކުއްޖާގެ ފުރިހަމަ ބައިވެރިވުމަކީ ޝެޑިއުލް ބޭނުންކުރާނެ ރޫޓިންއެއް/ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު އަސާސެކެވެ.

5. ބޭނުން ކުރާ ރޫޓިން ބަސްކޮށާރު އެކުލަވާލުން

  • ޝެޑިއުލް ބޭނުންކުރުމާއި ބަދަލުކުރުމުގެ ޕްރޮސެސްއަކީ ބަހުގެ ހަރަކާތަކަށް ހެދުން:

ޝެޑިއުލް ބޭނުންކުރާއިރު އެއް ކަމަކުން އަނެއްކަމަށް ބަދަލުވާންޖެހޭނީ މުދައްރިސް ނުވަތަ ދަރިވަރާއެކު ވާހަކަ ދެއްކުމުގެ ތެރެއިންނެވެ. މިސާލަކަށް "ހުސްވަގުތު ނިމިއްޖެ. ވޯކް ސްޓޭޝަންތަކުގެ ވަގުތު." މި ޕްރޮސީޖަރއަކީ ކުލާހެއްގައި ނަމަ ދަރިވަރުން އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވުމަށް ބޭނުންކުރާ ޓްރާންސިޝަން ކާޑެކެވެ. އޭގެ ސަބަބުން އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވާއިރު ކުއްޖާ ކަންކުރަންވާ ގޮތް އެނގި ސާފުވެއެވެ. ޚާއްޞަކޮށް މިއީ އޯޓިޒަމް ހުންނަކުދިންނަށް ދަސްކޮށްދޭ 'އޯގަނައިޒްޑް ރޫޓިން' އެކެވެ. އޭގެ ސަބަބުން އޯޓިޒަމް ހުންނަ ކުދިންނާއި މުވާޞަލުތުކޮށް ކަންކަން ތަރުތީބުކޮށް ގެންދިއުމަށް ނުހަނު ބޮޑަށް އެހީތެރިވެދޭނެއެވެ.

  • ބަސް ބޭނުންކުރުމުގެ ރޫޓިންގައި ދަރިވަރުން ފުރިހަމައަށް ބައިވެރިވުމަށް ހިތްވަރު ދިނުން

ނޮންވަރބަލް (ބަސްބޭނުން ނުކޮށް) ނުވަތަ މަދު ބަސްކޮޅަކުން ބުނާ، އަދި ބަސްބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތަކަށް ވެސް ދަރިވަރުން ފަރިތަކުރުން ބޭނުންތެރިއެވެ. މިސާލަކަށް ފިލް-އިން-ދަ-ބްލެންކް (ހުސްތަންފުރާ ބާވަތުގެ) ޓައިޕް އެކްޓިވިޓީއެއް ބޭނުން ކުރަން ފަރިތަކުރެވިދާނެއެވެ. މިސާލަކަށް "ހުސްވަގުތު ނިމިއްޖެ. ވަގުތު___ އަށް." ކުދިންނަށް ފޯރުކޮށްދެވިފައިވާ ކޮންމެ އެއްޗެއްވެސް ހުސްތަން ފުރިހަމަ ކުރުމަށް ފުރިހަމަ ފުރުސަތު ދެވޭކަން ޔަގީންކުރުން. މިގޮތުން ދެވިފައިވާ ހުންނަ ތަސްވީރު ނަމްބަރާއި އަދި ބައެއްފަހަރު ދެވިފައި ހުންނަ އެއްޗެއް ނެގުމާއި، އިޝާރާތެއް ނުވަތަ ބަސް ބޭނުންކޮށްގެން ވިޝްއަލު ޝެޑިއުލް ރާވާލާއިރު މުޢާމަލާތު ކުރުން މުހިންމެވެ. މުހިންމުވަނީ އެކުދިން ކުރަންޖެހޭ ކަންތައްތައް އެކުދިންގެ އަމިއްލަ ވިސްނުމުން ވެސް ރާވާލާއިރު ކަންކަން ނަމްބަރު ޖަހާ ހެދުމެވެ. މި ފަދަ ހަރަކާތުގައި ބަހުގެ އަކުރުތައް ތަކުރާރުކޮށް ބޭނުންކުރުމުން ގިނަ ކުދިންނަށް އެބަސްތައް ނަގައިގަނެ ފަންކްޝަނަލް ވޮކޭބްލަރީއެއް ތަރައްގީކުރުމަށް ވެސް އެހީތެރިވެދޭނެއެވެ.

  • ވިޝުއަލް ޝެޑިއުލް ބޭނުންކުރާނަމަ އާންމުކޮށް ބަސްކޮށާރު ރަނގަޅުވެ ދަރިވަރުންގެ މުވާޞަލާތުކުރުމަށް ގިނަ ބަސްތައް ބޭނުންކުރާނެއެވެ. މިސާލަކަށް ނިމިފައިވާ ކަންކަމާއި ދެން ކުރަން ހުރި ކަންތައްތަކުގެ ވާހަކަ އެކުދިންނާއެކު ދައްކާށެވެ. މިބާވަތު މަޝްވަރާ ކުރުމަށް ރަނގަޅު ވަގުތުތަކަށް ސަމާލުވުމަކީ ވެސް މުހިންމު ކަމެކެވެ. މިގޮތުން ކުއްޖާއާ އެކު ވާހަކަ ކުރިޔަށް ގެންދާއިރު:
  • ދެން ވާނީ ކިހިނެއް؟
  • ކޮންތާކަށް ދާންވީ؟
  • ކޮން މާއްދާއެއް ދެން އޮތީ؟
  • ދެން ކުރާނީ ކީއް؟
  • ކިހިނެއް ހަދާނީ؟

މިފަދަ ގޮތަކަށް ވާހަކަ ގެންދިއުމުން ކުއްޖާއަށް ވިސްނަން ފުރުސަތު ދެވި ތައްޔާރުކުރެވިފައިވާ ޝެޑިއުލުގެ ތެރެއިން ކުއްޖާގެ މުވާޞަލާތު ކުރުންވެސް އިތުރަށް ތަރައްޤީކުރެވޭނެއެވެ.

6. ވިޝުއަލް ޝެޑިއުލް ބޭނުންކުރާނެ ގޮތްތައް

ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމުގައި އެންމެ ބޮޑަށް ސަމާލުވާންވީ ކަންކަން:

  • މެދުކެނޑުމެއް ނެތި ގަވާއިދުން ބޭނުންކުރުމަށް
  • ބޭނުން ނުކުރެވޭނަމަ، ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރުން
  • ދުވަހުން ދުވަހަށް ކުރާ ކަންކަމުގެ ބޭނުންވާ ބަޔަކަށް ހެދުން
  • ޝެޑިއުލުގައި ހިމެނޭ ކަންކަމާ ބެހޭގޮތުން އެކި ކަންކަން ކުރާއިރު ރިފަރ/ ހަވާލާދީ ގުޅުވައިދީ ހެދުން.
  • އަބަދުވެސް އެއީ މުހިންމު އެއްޗެއް/ ވަސީލަތެއްގެ ގޮތުގައި ބެލުން
  • އެންމެ ފައިދާ ހުރި ގޮތުގައި އެ ބޭނުން ކުރުމަށް އަމިއްލައަށް ވެސް ޕްލޭންކޮށް އެކަމަށް އެކަށީގެންވާ ވަގުތު ދިނުން.
  • ކުރަންޖެހޭ ކަންކަމާއި، ކުއްޖާއަށް ކިޔައިދޭން ޖެހޭ މުހިންމު ކަންކަމަށް ބޭނުންކުރެވޭ ގޮތަށް މާހައުލުގެ ކަންކަން ބައްޓަންކުރުން
  • ވާހަކަ ދެއްކުމާއި ބަސްކޮށާރު މުއްސަނދި ކުރުމަށް ބާރުއެޅުމަށް ޓަކައި މަސްދަރެއްގެ ގޮތުގައި ބޭނުންކުރުން

7. އެހެން މީހުންނާ މުވާޞަލާތުކުރުމަށް ވިޝްއަލް ޝެޑިއުލް ބޭނުން ކުރުން

އެކި ދުވަސްދުވަހުގެ ޝެޑިއުލަކީ ދަރިވަރުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެހެން މީހުންނާ މުއާމަލާތް ކުރުމުގައި ވެސް ބޭނުންކުރެވިދާނެ އެއްޗަކަށް ހެދުން މުހިންމެވެ. އަދި ކުދިން ލައްވާ އެ ބޭނުންކޮށްގެން އެމީހުން ކުރަންޖެހޭ ކަންކަން އަމިއްލައަށް މުވާޞަލާތުކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް ބޭނުންކުރާ އެއްޗަކަށް އެ ހެދުން ވެސް މުހިންމެވެ. މި ޝެޑިއުލަކީ އެކި މާހައުލުތަކުގައި/ ތަންތަނުގައި ކުއްޖާއަށް ބޭނުންވާ ކަންކަމުގައި މުވާޞަލާތުކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިގޮތުން:

  • އެހެން މީހުންނާ މުއާމަލާތް ކުރުމަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ޝެޑިއުލް ބޭނުންކުރުން
  • އާއިލާއާ މުއާމަލާތް ކުރުމަށް ޝެޑިއުލް ނުވަތަ ޝެޑިއުލްގެ ކޮޕީއެއް ގެއަށް ގެންދިއުން
  • ގޭގައި އަދި ސްކޫލާ މުއާމަލާތް ކުރުމުގެ އެއް ގޮތްތަކެއް ހިފެހެއްޓުމަށް އެހީތެރިވުމަށް ޝެޑިއުލް ބޭނުންކުރުން

ކުލާސްރޫމުގެ މާހައުލުތަކުގައި ވިޝުއަލް ޝެޑިއުލް ބޭނުންކުރުން ގާއިމްކުރެވުމަކީ ހުރިހާ ދަރިވަރުންނަށް ވެސް އެކަމުން ފައިދާ ލިބޭނެ ކަމެކެވެ. ޚާއްޞަކޮށް އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވިޝުއަލް ޝެޑިއުލްތައް ތައްޔާރުކުރެވިފައިވާކަން ޔަގީންކުރުމަށް ވެސް މުހިންމު މިއީ މުހިންމެ ކަމެކެވެ.

މިއަދު މި ހިމަނާލީ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވަރަށް މުހިންމު އެއްޗަކާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް މިއަދު މި ބަލައިލީ ދުވަހީ ދިރިއުޅުމުގައި މުވާޞަލާތުކޮށް ކަންކަން ކުރުމަށް ވިޝުއަލް ޝެޑިއުލުގެ ތައްޔާރުކުރާނެ ގޮތާ ބެހޭގޮތުންނެވެ. މިހަފުތާގެ މަޢުލޫމާތުކޮޅަކީ ވެސް މުދައްރިސުންނާއި ބެލެނިވެރިންނަށް މުހިންމު ބައިތަކެއް ހިމަނާލެވުނު ލިޔުންކޮޅަކަށް ވުމަށް އެދެމެވެ.

ހަވާލާދޭ ފަރާތްތައް

މެކްޑޮނަލްޑް، އެލް، ޓްރެމްބަތު، ޑީ، އެޝްބަރނަރ، ޖޭ، ކޮސްޓްލީ، ޑީ، އަދި ކީން، ޑީ (2018). މެއިންސްޓްރީމް ކްލާސްރޫމްތަކުގައި އޯޓިޒަމް ސްޕެކްޓްރަމްގައި ދަރިވަރުންގެ އޮން ޓާސްކް ބިހޭވިއަރ އިތުރުކުރުމަށް ވިޝުއަލް ޝެޑިއުލްތަކާއި ވޯކް ސިސްޓަމްތައް ބޭނުންކުރުން. ޖާނަލް އޮފް ރިސާޗް އިން ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް، 18(4)، 254-266.

ރަދަރފޯޑް، އެމް، ބެކްސްޓަރ، ޖޭ، ގްރޭސަން، ޒެޑް، ޖޯންސްޓަން، އެލް، އަދި އޯ’ހެއާ، އޭ (2020). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ފަރުދުންނަށް ގޭގައި އަދި މުޖުތަމަޢުގައި ވިޝުއަލް ސަޕޯޓްސް: ސްކޯޕިންގ ރިވިއުއެއް. އޯޓިޒަމް، 24(2)، 447-469.