މިއަދު ބާއްވަން ހަމަޖެހިފައިވާ ޢަރަބި ސަމިޓް ރިޔާޟުން ކެންސަލްކޮށް އެ ސަމިޓުގެ ބަދަލުގައި ގުޅިފައިވާ ޢަރަބި އިސްލާމީ ސަމިޓެއް ބޭއްވުމަށް ރިޔާޟުން ކަނޑައަޅައި އެކަން އިޢުލާންކޮށްފިއެވެ.
ސުޢޫދީ ޚާރިޖިއްޔާއިން މިކަމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި އެ ގޮތަށް ދެ ސަމިޓް ގުޅިފައިވާ ސަމިޓަކަށް ބަދަލުކުރީ ޢަރަބި ލީގާއި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއާ މަޝްވަރާކޮށްގެންނެވެ. މި ބަޔާން ބުނާގޮތުގައި ބޭއްވޭ ސަމިޓަކީ އާދަޔާޚިލާފު ޢަރަބި ސަމިޓާއި އިސްތިސްނާއީ އިސްލާމީ ސަމިޓްގެ ބަދަލުގައި ބޭއްވޭ ސަމިޓެކެވެ.
މި ދެ ސަމިޓް އެއް ސަމިޓަކަށް ބަދަލުކުރީ ޢަރަބި އިސްލާމީ މަސައްކަތްތައް ގުޅިގެން ކުރަންޖެހިފައިވާ ކަމަށް ހުރިހާ ޒަޢިމުން ދެކެވަޑައިގަންނަވާތީ ކަމަށް ރިޔާޟުން ބުންޏެވެ. ޣައްޒާއާއި ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ދެމުންދާ ޢުދްވާން ހުއްޓުވުމަށް ޓަކައި ގުޅިގެން ފިޔަވަޅު އަޅަން ޖެހިފައިވާތީއެވެ. ގުޅިގެން އެކަތިގަނޑަކަށް ވެގެން އަތުގުޅައިލައިގެން ތެދުވަން ޖެހިފައިވާތީއެވެ.
މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ މިހާރު ވަނީ ރިޔާޟަށް ވަޑައިގެންފައެވެ. މި ސަމިޓްގައި އިސް ދައުރެއް ކުޅުއްވާނެ ޒަޢީމުންގެ ތެރޭގައި ތުރްކީގެ ރައީސް އުރްދުޣާނާއި މިޞްރުގެ ރައީސް ސީސީ ވެއެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޢުދްވާނަށް 35 ދުވަސް ވަނީ ވެފައެވެ. މި ޢުދްވާނުގެ ސަބަބުން 11,078 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 4,506 ކުޑަކުދިންނާއި 3026 އަންހެނުންނާއި 668 މުސްކުޅިން ވެއެވެ. އަދި 27 ހާސް މީހުން ވަނީ ޒަޚަމުވެފައެވެ.



advertisment