Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންނާއެކު މުވާޞަލާތުކުރުމަށް އެހީތެރިވެދޭ ވިޝުއަލް ޝެޑިއުލްތައް

އިނގިރޭސި ބަހުން ބުނާނަމަ އެއީ ވިޝްއަލް ޝޭޑިއުލެވެ. މިއަށް ދިވެހިބަހުން ކިޔާނީ ސީދާ ކީކޭ ކަމެއް އަޅުގަނޑުގެ ވިސްނުމަށް އަދި ނާދެއެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަން، ކިހިނެއް ބޭނުންކުރާ އެއްޗެއްކަމާއި އަދި އެ ބޭނުން ކުރުމުން ލިބިދޭ ފައިދާތަކަށް މިއަދުގެ ލިޔުމުގައި އަލި އަލުވާލާނަމެވެ.

ވިޝުއަލް (ނުވަތަ ތަސްވީރު) ޝެޑިއުލް ތައްޔާރުކުރުމަކީ އޯޓިޒަމް ހުންނަ ކުދިންގެ މުވާޞަލާތުކުރުން ތަރައްޤީކުރުމަށާއި އަދި އެހެނިހެން ކަންކަން ތަންޒީމުކުރުމަށް ވެސް ވަރަށް ބޭނުންތެރިކަމެކެވެ. ވިޝުއަލް ޝެޑިއުލަކީ ދުވަހީ ދިރިއުޅުމުގައި ކުރާ ކަންކަމުގައި އަމިއްލައަށް ކަންކަން ކުރުމަށް އާދަކުރުވުމަށް ޓަކައި އެންމެ ގިނައިން ބޭނުން ކުރެވޭ އެއްގޮތެވެ. މީގެ ސަބަބުން ކުދިންގެ ވިސްނުން ތަރައްގީކޮށް އެކުދިންގެ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށް ހިތްވަރު ލިބި ތަމުރީނު ކުރެވެއެވެ. އޭގެ އިތުރުން އެކުދިންގެ އަމިއްލަ ކަންކަން މެނޭޖްކުރުމުގައި އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވެ ނަފުސުގެ އިހުތިރާމް އިތުރުވެގެންދެއެވެ.

ވިޝުއަލް ޝެޑިއުލަކީ ކޮބާ؟

ވިޝުއަލް ޝެޑިއުލަކީ އާދައިގެ މަތިން އާންމުކޮށް ކުދިން ކުރާ ކަންތައްތަކާ ގުޅޭ ތަސްވީރުތަކާއި އެ ކަންތައްތައް ތަމުސީލުކުރާ އެކި ކަންކަން ލިޔެފައިވާ ގޮތަށް ތައްޔާރުކުރެވޭ ގިނަ ކަންތައްތަކެއް ހިމެނޭ ފޯލްޑަރެކެވެ. މި ފޯލްޑަރަކީ ކުދިން ކުރަން ޖެހޭ ކަންތައްތަކެއް ހަރަކާތްތަކެއް (އެކްޓިވިޓީ) ނުވަތަ އާންމު ދިރިއުޅުމުގައި ބޭނުންޖެހޭ ކަންތައްތަކެއް ތަމްސީލުކުރާ ތަސްވީރުތަކުގެ އެކުލަވާލެވުމެވެ. (ހޭސް، ހިރާނޯ، މާކޫ، މޮނިބީ، އެންގްޔެން، އަދި ޔެގަންއަން، 2010).

މި ޢިލުމުވެރިން ފާހަގަކުރާ ގޮތުގައި ކުދިންނަށް ބޭނުންކުރެވޭ އިންޓަރެކްޓިވް ވިޝުއަލް ސަޕޯޓްތަކަށް ގައިޑްލައިންތައް ހަދައި، އޭގެ ނަތީޖާ ފެންނަ ނުފެންނަ ގޮތްތަކުގެ ތަޖުރިބާތަކަށް ދިރާސާތައް ހެދުން މުހިންމެވެ. މި ކަރުދާހުގައި ހުށަހަޅާފައިވާ ލަފާތަކުގެ ތެރޭގައި ވިޝުއަލް ޝެޑިއުލުތަކުގެ ޑިޒައިން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތާއި އިންޓަރަކްޓިވް އަދި ޑިޖިޓަލް ގޮތްތައް އޭގައި ހިމެނިދާނެ ގޮތްތައް ވެސް ބަލައި ހޯދުމަށް ބާރު އަޅައިފައިވެއެވެ.

ވިޝުއަލް ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ފިޔަވަޅުތަކަށް ބަހާލައިގެން ދުވަހީ ދިރިއުޅުމުގައި ބޭނުންވާ ކޮންމެ ރޫޓިން ހިމަނައިގެން ތައްޔާރު ކުރެވިދާނެއެވެ. ވިޝުއަލް ޝެޑިއުލްތަކުގައި ތަސްވީރުތަކާއި، ފޮޓޯތަކާއި، ގްރެފިކްސްތަކާއި، ބަސްތައް އެއްކޮށްލައިގެން ބޭނުންވާ ވަކި ވަކި ކަންކަމަށް އަމާޒުކޮށްގެން ތައްޔާރު ކުރުމުން މަޤްޞަދު ޙާޞިލުކުރުމަށް ބޮޑަށް އެހޭތެރިވެދޭނެއެވެ. އެހެން ގޮތަކުން ދަންނަވާނަމަ، ވިޝުއަލް ޝެޑިއުލްތަކުގެ ސަބަބުން ކުދިން އުޅެންވީ ގޮތާއި، ކުރަންވީ ކަންތައްތަކާއި، ތިބެންވީ ތަނާއި، ހަދަންވީ ގޮތާއި، ވަކި ވަކި ކަން ކުރަންވީ ކޮން އިރަކުކަން ހަނދާން ކުރުމަށް ތަމުރީނު ވެސް ދެވެއެވެ. އެއީ އޯޓިޒަމް ހުންނަ ކުދިންނަށް ދުވަހީ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވެސް އަމާޒުކޮށް ތައްޔާރު ކުރެވިދާނެ ބޭނުންތެރި ޝެޑިއުލެކެވެ.

ވިޝުއަލް ޝެޑިއުލްތަކުގެ ފައިދާތައް

ވިޝުއަލް ޝެޑިއުލްތަކަކީ ތަންފީޒުކުރަން ފަސޭހަ އަދި ހުރިހާ އުމުރެއްގެ ކުދިންނާއެކު ބޭނުންކުރެވޭނެ ޝެޑިއުލްތަކެކެވެ. ތިރީގައި މިވަނީ ވިޝުއަލް ޝެޑިއުލްތަކުގެ ގިނަ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތަކެވެ.

1. ސްޓްރަކްޗަރ އާއި ޕްރެޑިކްޓެބިލިޓީ

ވިޝުއަލް ޝެޑިއުލަކީ ގޭގައި އަދި ސްކޫލް ފަދަ އެކި މާހައުލުތަކުގައި ކުދިންގެ ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް އެކުލަވާލެވޭ އޮނިގަނޑަކޭ ބުނެވިދާނެއެވެ. ކަންތައްތައް ތަރުތީބު ކުރެވިގެން ގެންދިއުމަށް ހަމަޖައްސާލެވޭ މުހިންމު ރޫޓިން ގައިޑެކޭވެސް ބުނެވިދާނެއެވެ. މިގޮތުން މިބާވަތުގެ ޝެޑިއުލަކީ ވަކި ގޮތަކަށް ސްޓްރަކްޗަރ ކުރެވޭ އަދި ކުރިޔަށް ކަންކަން ލަފާކޮށްފައިވާނެ ކަންކަމާއި ވެދާނެ ކަންކަތައްތައް ހިމަނައިގެން އެކުލަވާލެވޭ އެއްޗެކަށް ވެސް ހެދިދާނެއެވެ.

ކުދިންނަށް ދުވަހީ ނުވަތަ ހަފްތާއަކު އެއްފަހަރު ކުރަންޖެހޭ ކަންތަކާއި އަދި ވަކިވަކި ދުވަސްތަކުގައި ކުރާ ކަންތައްތަކުގެ ރޫޓިންތައް ވެސް އެކުލަވާލާ ޝެޑިއުލުތަކުގައި ހިމަނާލެވިދާނެއެވެ. މީގެ ސަބަބުން ކުއްޖާއަށް ދިމާވެދާނެ ކަންކަމަށް ކުރިޔާލައި ތައްޔާރުކުރުމަށް ވެސް އެހީތެރިވެދޭ ގޮތަށް އަދި ކުދިންނަށް ކުރިމަތިވެދާނެ ގެއްލުމަކުން، ނުތަނަވަސްކަމުން، ހިތްހަމަނުޖެހުމަކުން ރައްކައުތެރިކުރުމާއި އަމާންކަމުގެ އިހުސާސް ކުރުވާނެ ކަންތައްތައް ވެސް އޭގައި ހިމެނައިލެވިދާނެއެވެ. މިފަދަ ޝެޑިއުލުތަކަކީ ގިނަ ފަހަރަށް ބައިވަރު ތަސްވީރުތައް ހިމެނޭ، އުފުލައިގެން ނުވަތަ އަބަދު ހިފައިގެން އުޅޭ އެއްޗަކަށް ވާތީ އެ އުފުލުމުގައި އެންމެ ތުއްތު ކުދިންނަށް އެހީތެރިކަން ބޭނުންވާނެއެވެ.

ވިޝުއަލް ޝެޑިއުލަކީ އެ ރަނގަޅަށް ބޭނުންކުރާނަމަ، އަބަދުވެސް ހިފައިގެން އުޅެންޖެހޭ އެއްޗަކަށްވާތީ އެ ތައްޔާރުކުރުމުގައި މާބޮޑަށް ބަރު ނުވާނެހެން، ލުއި ތަކެތި ބޭނުންކޮށްގެން، ގެންގުޅުމަށް ފަސޭހަގޮތަށް ތައްޔާރުކުރަންޖެހޭ އެއްޗެކެވެ. ވިޝުއަލް ޝެޑިއުލެއްގައި ކޮންމެ ދުވަހެއްގައި ކުރަންޖެހޭ ކަންކަން ސާފުކޮށް ލިޔެ، ތައްޔާރުކޮށްފައި ހުރުން މުހިންމެވެ. އަދި ވިޝުއަލް ޝެޑިއުލަކީ ކުއްޖާގެ ކަންކަން ވަކި އުސޫލަކުން ގެންދިއުމަށާއި ރޭވުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. ސްކޫލުގައާއި ގޭތެރޭގައި އަދި މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި ވެސް ވިޝުއަލް ޝެޑިއުލުގެ ބޭނުން އެދެވޭ ގޮތުގައި ކުރާނަމަ އޯޓިޒަމް ހުންނަ ކުދިންގެ ކަންކަން އިންތިޒާމުކުރުމަށް ނުހަނު ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

2. ވިސްނުން އިތުރުކުރުން

ދިރާސާތަކުން ހާމަކުރާ ގޮތުގައި ވިޝުއަލް ޝެޑިއުލަކީ ކުދިންނަށް ކަންކަން ކުރަންވާ ގޮތް ރަނގަޅަށް ދަސްވެ، ކުދިންގެ މުވާޞަލާތުކުރުމާއި އާންމު ދުވަހީ ދިރިއުޅުމުގެ ކަންކަމާ ގުޅޭ ވިސްނުންތައް ތަރައްގީކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އަދި އޭގެ ސަބަބުން އެ ކުދިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ނުތަނަވަސް ކަންކަމުން ދުރުކުރެވި ހަމަޖެހުމަށް ބޭނުންވާ ކަންކަމަށް ވެސް އެހީތެރިވެދެއެވެ. މިގޮތުން ތަފާތު ކަންކަމަށް ޝެޑިއުލުތައް ވަކިންވެސް ހެދިފައި ހުރެއެވެ. މިސާލަކަށް ކެއުމުގެ ވަގުތުތަކުގައި ކުއްޖާ ކުރަންޖެހޭ ކަންކަމާއި ހަދަންވީ ގޮތްތައް ބުނެދޭ ފިޔަވަޅުތައް ދައްކުވައިދޭ ޝެޑިއުލެއް ބޭނުންކުރުމުން މުދައްރިސުންނަށް ވެސް ސްކޫލުގައި އެހީތެރިވެދޭނެއެވެ. ހަމަ އެފަދައިން އަމިއްލަ ސާފުތާހިރުކަމާ ބެހޭގޮތުން ކިޔަވައިދިނުމަށް ތައްޔާރު ކުރެވިފައިވާ ވިޝުއަލް ޝެޑިއުލްތައް ވެސް އެ ކަމެއްގެ ބޭނުންޖެހޭ ވަގުތެއްގައި އެ ބޭނުންކުރުމުން އެހީތެރިވެދީ ތަމުރީނު ދެވެއެވެ.

މިފަދަ ކޮންމެ ކަމަކީވެސް އޯޓިޒަމް ހުންނަ ކުދިންގެ ވިސްނުން އިތުރުކުރުވާ ކަންކަމެވެ. އޯޓިޒަމް ހުންނަ ކުދިންގެ ދިރިއުޅުމުގެ ކަންކަން ރާވައި ތަންޒީމުކުރުމުގައި ކުއްޖާއަށް ތަމުރީނު ދޭންޖެހޭ ކަންތައްތައް ކުރިން ލިޔެވިދިޔަ ބައިތަކުގައިވެސް އިޝާރާތް ކޮށްފައިވާނެއެވެ.

3. ބައިވެރިވުން އިތުރުކުރުން

ތުއްތު ކުދިންނަކީ ތަބީޢަތުގައިވެސް ބޮޑެތި މީހުންގެ ސަމާލުކަން ބޭނުންވާ ބައެކެވެ. ޚާއްޞަކޮށް އޯޓިޒަމް ހުންނަ ކުދިންނަކީ ސަމާލުކަން އެހެން ކުދިންނަށް ވުރެ ބޮޑަށް ބޭނުންޖެހޭ ބައެކެވެ. ސަބަބަކީ އެކުދިންގެ އާންމު ދިރިއުޅުމުގެ ކަންކަން މެނޭޖްކުރުމުގައި އެތައް ގޮންޖެހުންތަކެއް އެ ކުދިންނަށް މެދުވެރިވުމެވެ.

ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމުން ދާއިމީ ގޮތެއްގައި ކުއްޖާއަށް ބޭނުންވާ އެހީތެރިކަމަށް ލުއިތަކެއް ގެނުވައި، އަދި ކުއްޖާ ވަކި ގޮތަކަށް ތަމުރީނު ކުރުވުމުގައި އޭނާގެ ބައިވެރިވުން އިތުރުކުރެވެއެވެ. ވިޝުއަލް ޝެޑިއުލްތައް ބޭނުންކުރަން ފެށުމުން ކުދިންނަށް އާންމުކޮށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު އާދަކުރުވެއެވެ. އަދި ވަކިވަކި ކަންކަން ކުރާއިރު ގެންދަންވާ ފިޔަވަޅުތައް ވެސް ދެނެގަނެވެއެވެ. މިސާލަކަށް ކެއުމުގެ ވަގުތުތައް ކަންކަންކުރަންވާ ގޮތް، ސާފުތާހިރުވުމުގައި ކަންކަން ކުރަންވާ ގޮތް، ސްކޫލަށް ގޮސް ވަނުމަށް ފަހު ކަންކަން ކުރަންވާ ގޮތް، މިއިން ކޮންމެ ކަމަކަށް ވިޝުއަލް ޝެޑިއުލު ބޭނުންކުރުމުގެ ސަބަބުން ކުއްޖާއަށް ތަމުރީނު ދެވެމުންދަނީ އެ ކުއްޖާގެ ބައިވެރިވުމާއި އެއްބާރުލުމާއެކުއެވެ. ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް މި ކަންކަން އާދަތަކަކަށް ވެގެންދެއެވެ. ނަމަވެސް މިކަންކަން ކުއްޖާގެ އާދަތަކަށް ހެދޭނީ ވިޝުއަލް ޝެޑިއުލު ފަދަ އެހީތެރި ގޮތްތައް އެކުދިން ތުއްތު އިރު ބައިވެރިކޮށްގެން ތަމުރީނު ކުރުވައިގެންނެވެ.

4. ނުތަނަވަސްވުން ކުޑަކުރުން

އޯޓިޒަމް ހުންނަ ކުދިންނަކީ ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަން ކުރުމުގައި ވެސް އުނދަގޫ އަދި ނުތަނަވަސް ކަންތައްތަކެއް ކުރިމަތި ކުރުވާފާނެ ބައެކެވެ. އާންމު ކުއްޖަކަށް ވަރަށް އާދައިގެ ކަމެއް ގޮތަށް ބެލެވުނަސް އޯޓިޒަމް ހުންނަ ކުއްޖަކަށް އެއީ ބޮޑު ކަމަކަށް ނުވަތަ ގޮންޖެހުމަކަށް ވެދާނެއެވެ. ގިނަ ފަހަރަށް ދިރިއުޅުމުގެ އާދައިގެ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން އެ ކުދިންގެ ދިމާވާ ހާސްކަމާއި ނުތަނަވަސްކަން އިތުރުވެގެންދަނީ ކަންކުރަންވާ ގޮތް ނުވަތަ ހަދަންވީ ގޮތް އެކުދިންނަށް ވެސް އަދި ގާތުގައި އުޅޭ މީހުންނަށް ވެސް އެއްގޮތް ތަކެއްގައި ނުހިފެހެއްޓޭތީއެވެ.

ވިޝުއަލް ޝެޑިއުލް ތައްޔާރުކުރުމުން ކުއްޖާއާއެކު މުޢާމަލާތު ކުރާއިރު އެއްގޮތަކަށް އެ ކައްޗެއް ދައްކައިގެން އެންމެން ވެސް އެއް ގޮތްތަކެއް ހިފަހައްޓައިގެން ކަންތައް ކުރުމުން ކުއްޖާއަށް ދިމާވާ ދަތިތަކުގައި، އުނދަގޫތަކުގައި އެހީތެރިވެދެވެއެވެ. އަދި ހަމަ އެހެންމެ، ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމުން ކުދިންގެ މުދައްރިސުންނާއި އެކުވެރިންނާއި މާހައުލުގައި ދިމާވާ ނުތަނަވަސްކަން މެދުވެރިވާ ކަންކަން މެނޭޖުކުރުމަށާއި އަދި ދިމާވާ ނުތަވަނަސްކަން މަދުކުރުމަށް ވެސް އެހީތެރިވެދޭނެއެވެ.

އާންމުކޮށް ކުދިންނަށް އެ ކުދީންގެ ދުވަހީ ކަންކަމުގައި ކޮންމެ ދުވަހަކު ދެންވާނެ ގޮތަކާމެދު ހާސްކަން ކުރިމަތިވުމަކީ ދުރުކަމެއް ނޫނެވެ. ވިޝުއަލް ޝެޑިއުލު ބޭނުންކުރަން ފެށުމުން އެކަން ތަންޒީމު ކުރުމުގައި ކުރިއަށް ހުންނަ ކަންކަމުގައިވެސް ކަންބޮޑުވުން ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ވަކި ޤަވާޢިދަކުން، ވަކި އުސޫލަކުން، ކަންކަން ތަރުތީބު ކުރުމަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ކަންކަން ތަރުތީބުވަނިވި ގޮތަކަށް، އެއް ގޮތްތަކަށް ކަންކަން ވެގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

5. ޒިންމާދާރުވާން ހިތްވަރުދިނުން

އޯޓިޒަމް ހުންނަ ކުދިންނަކީ ވަރަށް ގިނަ ފަހަރަށް އެ ކުދިންގެ ދުވަހީ ދިރިއުޅުމުގެ ކަންކަން މެނޭޖުކުރުމުގައި އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކުދިބައެކެވެ. އެ ކުދިންގެ އަމިއްލަ ކަންކަން އަމިއްލައަށް ތަންޒީމުކުރުމަށް ދަސްކޮށްދިނުމަކީ އެކުދިންގެ ދުޅަހެޔޮކަން އެތައް ގުނައެއް އިތުރުވާނެ ކަމެކެވެ. އެހެން މީހުންގެ އެހީތެރިކަމާއި އިރުޝާދެއް ނެތި އުނދަގޫ ކަންކަން އަމިއްލައަށް ކުރުމަށް ވިޝުއަލް ޝެޑިއުލު ބޭނުންކޮށްގެން ހިތްވަރުދެވޭނެއެވެ.

ކުއްޖާގެ އަމިއްލަފައިމައްޗަށް ތެދުވެ ކަންކަން ކުރަން ދަސްކޮށްދިނުމަށް މިއީ ވަރަށް ބޭނުންތެރިކަމެކެވެ. ވިޝުއަލް ޝެޑިއުލްތަކުގައި އެހީގައި އެއް ފިޔަވަޅުން އަނެއް ފިޔަވަޅަށް ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތުގައި ތަމުރީނު ދެވިއްޖެނަމަ، މިފަދަ ކުދިން އަމިއްލަ ކަންކަން ކުރުމުގައި ޒިންމާދާރު ކުރުވުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ. އޭގެ އިތުރުން އެހެން މީހުންގެ އެހީތެރިކަމަށް ހުރިހާ ފަހަރަކު ބޭނުން ނުޖެހި މިނިވަންކަމާއެކު ކަންކަން ކުރުމަށް އެހީތެރިވެދޭ ވިޝުއަލް ޝެޑިއުލު އެހީތެރިވެދެއެވެ.

މި ކުދިންނަށް އެ ކުދިންގެ އާންމު ދިރިއުޅުމުގެ ކަންކަން ފައިދާ ހުރި ގޮތެއްގައި ބެލެހެއްޓުމާއި، ރަނގަޅު ގޮތްތައް ނިންމުމާއި، ދުވަހީ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ވިޝުއަލް ޝެޑިއުލްތަކާއެކު އިންތިޒާމުކުރުމުން ކަންކަން އަމިއްލަށް ކުރެވުމުގެ ޔަގީންކަމާއި އިހުސާސް ތަރައްގީވާނެއެވެ.

6. އަމިއްލަ ނަފުސުގެ އިތުބާރު އުފެދުމާއި ޔަގީންކަން އިތުރުވުން

އާންމު ދިރިއުޅުމުގެ ކަންކަން އެހެން މީހުންގެ އެހީތެރިކަމާއެކު އަބަދު ކުރަން ޖެހުމަކީ އެ ކުދިންނަށް ނުތަނަވަސްކަމާއި އެހެން މީހުންގެ މައްޗަށް ބަރޯސާވުމުގެ ގޮތްތައް އަށަގަންނަމުންދާ ކަމެކެވެ. އެ ކުދިންނަށް ބޭނުންވާ ކަންކަން އަމިއްލައަށް ކުރެވުމަކީ ނަފުސުގެ އިތުބާރު އިތުރުވެ، އަމިއްލަ ގާބިލުކަން ޔަގީންކުރެވޭނެ ވެސް ގޮތެކެވެ.

ވިޝުއަލް ޝެޑިއުލު ބޭނުންކުރުމުން ދުވަހީ ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ މިންވަރު އެތައް ގުނައެއް މަދުކުރެވޭނެއެވެ. ހަމަ އެހެންމެ އެހެން މީހުންގެ ބެލުމުގެ ދަށުގައި ހުރިހާ ކަމެއް ކުރުމަށް މަޑުކުރުމަށް ޖެހޭ ޖެހުން މަދުވުމުން ދިމާވާ ނުތަނަވަސްކަމާއި ހަދާނެ ގޮތްހުސްވުމުގެ އިހުސާސް ކުޑަކުރެވޭނެއެވެ.

އާންމުކޮށް ގިނައިން މާޔޫސްވުމާއި، ކަންކަން ނުވުމުގެ އިހުސާސްގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފްސުގެ އިޙްތިރާމާއި އިތުބާރަށް ނުރަނގަޅު އަސަރުކުރުވައެވެ. ވިޝުއަލް ޝެޑިއުލްތަކުގެ ސަބަބުން ކުރަންވާ ކަންތައްތައް ކުރަންޖެހޭ ވަގުތުތައް، ކުރާނެ ގޮތް އެނގުމުން ކަންކަން ފަސޭހަވެ، އެމީހުންގެ ކަންކަން ތަންޒީމު ކުރުމުގެ ހުނަރު ތަރައްޤީވެއެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފުސުގެ އިތުބާރު ބޮޑުވެ، ކަންކަން ކުރެވުމުގެ ހިތްހަމަޖެހުމާއި ކާމިޔާބުގެ އިހުސާސް ތަރައްގީވުމަށް ހިތްވަރު ލިބިގެންދެއެވެ.

7. އުނދަގޫ ސުލޫކުތައް މެނޭޖުކުރުމަށް އެހީތެރިވުން

ވިޝުއަލް ޝެޑިއުލު ބޭނުންކުރަން ފަށާއިރު ބައެއް ކުދިން ދުވަހުން ދުވަހަށް ޝެޑިއުލް ހަރަކާތްތަކުގައި ބޭނުންކުރުމަށް ނުރުހުން ފާޅުކޮށްފާނެއެވެ. ސަބަބަކީ ބައެއް ކުދިންނަށް ކަމެއް ބަދަލުކުރުމުން ނުވަތަ ޓްރާންސިޝަންތަކުގެ ސަބަބުން މާޔޫސްކަން ނުވަތަ ހާސްކަން އުފެދި، ގޮންޖެހުންތަކެއް ގޮތަށް އިހުސާސްކުރެވުމެވެ. ނަމަވެސް އުނދަގޫ ކަންކަން އެ ޝެޑިއުލް ބޭނުންކޮށްގެން ކުރަން ފެށުމުން އަދި ތަމުރީނުގެ ތެރެއިން ކަންކަން ކުރެވެން ފެށުމުން ކުއްޖާއަށް މަޑުމަޑުން ހަމަޖެހުން ލިބެމުން ދާނެއެވެ.

އެއްވެސް ކަމެއް ފުރަތަމަ އަޖުމަ ބަލާއިރު އެންމެ ފުރިހަމައަށް ވާނެ ކަމަށް އުއްމީދު ކުރުން ރަނގަޅެއް ނޫނެވެ. ކެތްތެރިކަމާއެކު،އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކޮށް ވިޝުއަލް ޝެޑިއުލް ބޭނުންކުރުން މުހިންމެވެ.

ވިޝުއަލް ޝެޑިއުލްތައް ބޭނުންކޮށްގެން ކަންކަން ތަންފީޒުކުރުމަކީ އޯޓިޒަމް ހުންނަ ހުރިހާ ކުދިންނަށް ވެސް އިހުސާސްވާނެ ގޮތުގައި ބަދަލެކެވެ. ނަމަވެސް ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމަކީ ދިރިއުޅުމުގެ ކަންކަން ގެންދާވާ ތަރުތީބުތަކާއި، ގޮތްތައް ސާފުކޮށް އެނގުމާއި، އެ ޝެޑިއުލުގައިވާ ގޮތަށް މެނޭޖްކުރެވޭނެ ގޮތް ފަހިވެފައި އޮތުމާއި، އަދި ދެން އޮންނަ ކަންތައްތައް ކުދިންނަށް ޕްލޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ވެސް ކަމެކެވެ.

ދޭހަ ސާފު ޢިބާރާތްތަކާއެކު ހެދިފައިވާ ތަސްވީރުތަކާއި ގްރެފިކްސްއާ އެކު ސާދާ ފިޔަވަޅުތައް ހިމެނިފައިވާ ގޮތަށް ޝެޑިއުލް ތައްޔާރުކުރެވުމުން ކުދިން އެހެން މީހުނަށް ބަރޯސާނުވެ އުޅެން ދަސްކޮށްދެވެއެވެ. އަދި އަމިއްލައަށް ކަންކަން ތަންޒީމުކޮށް ގެންދާނެ ގޮތްތައް ދެނެގަނެވުމުގެ އެކުދިންގެ ހާސްކަމާއި މާޔޫސްކަން ކުޑަކުރެވޭ ގޮތަށް ދިރިއުޅުމުގެ ކަންކަން ގެންދިއުމަށް އެހީތެރިވެދެއެވެ.

އޯޓިޒަމް ހުންނަ ކުދިން ގޮސް އުޅޭ އެހެނިހެން ތަންތަނުގައި ވެސް ވިޝުއަލް ޝެޑިއުލްތައް ބެހެއްޓުމަކީ ގޮންޖެހުން ބޮޑު، އުނދަގޫ ސުލޫކުތައް މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް ދުވަސް ނިމުމުގެ ރޫޓިން ކްލާސްރޫމް ދޮރު ކައިރީގައި ހަރުކޮށްފައި ހުރުމުން ކޮންމެ ދުވަހަކު ގެއަށް ދާން ތައްޔާރުވާއިރު ކުރަންޖެހޭ ކަންކަން ކުއްޖާއަށް ވިޝުއަލް ހަރުފަތްތަކެއްގެ އެހީގައި ކުރިޔަށް ގެންދެވިދާނެއެވެ. މިފަދަ ކޮންމެ ގޮތަކީވެސް ކޮންމެ ފަހަރަކު މުދައްރިސް ބުނެ ހަދާންކޮށްދީ ހުރިހާ ކަމެއް ތަފުސީލުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި ވިޝުއަލް ޝެޑިއުލުގައި ވާ ތަރުތީބުން ކަންކަން ކުރުމަށް ކުއްޖާ ތަމުރީނު ކުރެވޭނެ ގޮތެކެވެ.

މިއަދު މި ހިމަނާލީ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވަރަށް މުހިންމު އެއްޗަކާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް މިއަދު މި ބަލައިލީ ދުވަހީ ދިރިއުޅުމުގައި މުވާޞަލާތުކޮށް ކަންކަން ކުރުމަށް ވިޝުއަލް ޝެޑިއުލުގެ ބޭނުންތެރިކަމާ ބެހޭގޮތުންނެވެ. ދެން ފަހަރަކުން ލިޔާ ބައިގައި ސީދާ ވިޝުއަލް ޝެޑިއުލް ހަދާ ގޮތުގެ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ހިމަނާލުމަށް ގަސްދުކުރަމެވެ. އުއްމީދަކީ މިއަދުގެ މަޢުލޫމާތުކޮޅަކީ ވެސް ބެލެނިވެރިންނާއި މުދައްރިސުންނަށް ލާބަކުރުވާނެ އެހީތެރިކަމެއް ފޯރުކޮށްދޭނެ މަޢުލޫމާތުކޮޅަކަށް ވުމެވެ.

ހަވާލާދޭ ފަރާތްތައް

  • ހޭސް، ޖީ.އާރް، ހިރާނޯ، އެސް، މާކޫ، ޖީ، މޮނިބީ، އެމް، ންގްޔެން، ޑީ.އެޗް، އަދި ޔެގަންއަން، އެމް (2010). އޯޓިޒަމް ހުންނަ ކުދިންނަށް އިންޓަރެކްޓިވް ވިޝުއަލް ސަޕޯޓްސް. ޕާސަނަލް އެންޑް ޔުބިކިއުޓަސް ކޮމްޕިއުޓިންގ، 14، 663-680.