Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: މީހުންނާ މުއާމަލާތު ކުރުމުގައި ދަރިފުޅަށް ދަތިތަކެއް ދިމާވޭތަ؟

މިއަދު ލިޔެލަން ގަސްދުކުރަނީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން އެންމެ އާންމުކޮށް ފާހަގަކުރެވޭ ކަމަކާ ބެހޭގޮތުންނެވެ. އެއީ އާންމުކޮށް އުޅޭއިރު މީހުންނާ މުވާޞަލާތުކޮށް މުޢާމަލާތުކުރުމުގައި ފަށައިގަތުމާއި، ވާހަކަތައް ކުރިޔަށް ގެންދިއުމުގައި ހުންނަ ދަތިތަކާ ބެހޭގޮތުންނެވެ.

މިކަމަކީ ބަހުގެ ލިޔުންތެރިން މާނަކުރައްވާ ގޮތުގައި ބަހުގެ މުވާޞަލާތު ކުރުމާ ގުޅޭ ކަންކަމެވެ. މިކަމުގައި މައިގަނޑު ތިން ހުނަރެއް ކުދިން ބޭނުންކުރަން ޖެހެއެވެ. އެއީ ތަފާތު ކަންކަމަށް އިޝާރާތްކޮށް، ވާހަކަ ދައްކާއިރު ބަސް ބޭނުންކުރުން، އެކި ހާލަތްތަކަށް ބަދަލުކޮށްގެން ވާހަކަ ދައްކާގޮތާއި ބަސް ބޭނުންކުރާގޮތް ބަދަލުކުރުން، އަދި ހަމަ އެހެންމެ ދެކެވޭ ވާހަކަތައް ބައިވެރިވެރިވެގެން ކުރިޔަށްގެންދާން އެނގުން ފަދަ ހުނަރުތަކެވެ. މި ހުރިހާ ހުނަރުތަކަކީ ވެސް އޯޓިޒަމް ހުންނަ ދަރިވަރުންގެ ކިބައިގައި ތަރައްޤީކުރުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހިމެނޭ ހުނަރުތަކެކެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ބަހުގެ ހުނަރު ތަރައްޤީ ކުރުމަށް ދަތިތަކެއް ކުރިމަތިވާކަން ކުރިން ލިޔެފައިވާ ބައިތަކުގައި ވާހަކަ ދައްކައިފައިވާނެއެވެ. އެ ދަތިތަކުގެ ސަބަބުން މީހުން ބުނާ އެއްޗެއް ވިސްނުމަކީ ވެސް އެ ކުދިންނަށް ދިމާވާ ގޮންޖެހުމެކެވެ. ހަމަ އެހެންމެ އަތުގެ އިޝާރާތާއި ލޮލުގެ ކޮންޓެކްޓް/ ބެލުންތަކުގެ އިތުރުން މޫނުމަތީގެ ކުލަވަރުތަކުގެ ތެރެއިން ބަސްނުލައި ކުރާ މުއާމަލާތް ކުރުމަކީ ވެސް އެ ކުދިންނަށް އެހާމެ އުނދަގޫ ކަމެކެވެ. މިއީ ކުރީ ހަފުތާގައި ލިޔެލި ބައިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މުއުޟޫޢެކެވެ.

މިއަދު މިބައިގައި ހިމަނާލާ މަޢުލޫމާތަކީ މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް މަންފާ ކުރަނިވި ވާހަކަކޮޅެއް ކަމަށް ގަބޫލުކުރަމެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފާހަގަކުރެވޭ ވާހަކަ ދެއްކުމާ ގުޅޭ ބައެއް ކަންކަން

1. ތަކުރާރުކުރުން ނުވަތަ އެއްބަސްތަކެއް ބޭނުންކުރުން:

މިއީ އޯޓިޒަމް ހުންނަ ކުދިންގެ ވާހަކަ ދެއްކުމުގައި ފާހަގަކުރެވޭ ވަރަށް އާންމު ސިފައެކެވެ. އާންމުކޮށް ވާހަކަ ދައްކާލެވޭ އޯޓިޒަމް ހުންނަ ކުދިން ބޭނުންކުރާ ބަސްތަކުގައި ބައެއް ފަހަރު މާބޮޑު މާނައެއް ނެތް އަދި އެހެން މީހުން އޭނާއާ ދައްކާ ވާހަކައާ ނުގުޅޭ ގޮތަށް އިޖާބަދޭކަން ފާހަގަކުރެވެއެވެ. މިސާލަކަށް ކުއްޖާއާ ކުރާ ސުވާލެއްގެ ޖަވާބުގައި ސީދާ އެ ސުވާލު ކުއްޖާއަށް ކުރެވޭކަން ފާހަގަކުރެވެއެވެ. މާނައަކީ އިވުނު ޖުމުލަ ސީދާ އެގޮތަށް ބޭނުންކުރުމެވެ. ހަމަ މި ބީދައިން މީހަކު ބުނާ އެއްޗެއްގެ އަޑު އަހާފައި އެ އިވުނު ބަސްތައް މެދުނުކެނޑި ތަކުރާރުކޮށްފާނެއެވެ. މިސާލަކަށް ކުއްޖާގާތު އެއްޗެއް ބޯން ބޭނުންތޯ އެހުމުން ސީދާ އެގޮތަށް "ބޯން އެއްޗެއް ބޭނުންތަ؟" އަހާފާނެއެވެ. މީގެ އިތުރުން އޯޓިޒަމް ހުންނަ ބައެއް ކުދިން ވާހަކަ ދައްކަނީ ތަންކޮޅެއް ހަރުއަޑުން، ބާރަށް، ލަވަކިޔާ ގޮތަށް، އެއް ރާގެއްގެ އަޑަކުން ނުވަތަ ރޮބޮޓް ކަހަލަ ގޮތަކަށެވެ. މިހާލަތަށް ކިޔަނީ އެކޮލަލިއާ އެވެ. (ނީލީ، ގެރޯ، ރިސްޕޮލީ، ލެންގް، އަދި ޕުލެން، 2016).

މި ދިރާސާވެރިން ފާހަގަކުރާ ގޮތުގައި އޯޓިޒަމް ހުންނަ ވަރަށް ގިނަ ކުދިންގެ ކިބައިން މިކަން ފާހަގަކުރެވެއެވެ. މިކަމުގެ ފަރުވާއެއްގެ ގޮތުން އެކި ކުދިންނަށް ޚާއްޞަ ގޮތްތަކެއް ބޭނުންކުރުމަށް މި ޢިލުމުވެރިން އިރުޝާދު ދީފައިވެއެވެ. މާނައަކީ ކޮންމެ ކުއްޖެއްގެ ހުންނަ އެކޮލަލިއާގެ ގޮތްތައް ތަފާތުވުމެވެ. މި ދިރާސާވެރިންގެ ކަރުދާހުގައި ދުނިޔޭގެ އެކި ގައުމުތަކުގައި މި ހާލަތަށް ފަރުވާ ކުރުމަށް ބޭނުންކޮށްފައިވާ ގޮތްތަކުގެ ސިސްޓަމެޓިކް ލިޓްރެޗަރ ރިވިއުގެ ހޯދުންތައް ހިއްސާކޮށްފައިވެއެވެ. މި ހޯދުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމެ ނުކުތާއަކީ ބެލެނިވެރިންނާއި ކުއްޖާ ބަސް ބޭނުން ކުރުމަށް ތަމުރީނުދިނުމުގެ މުހިންމު ކަމެވެ.

2. ޝައުޤުވެރިކަން ހަނިވުމާއި ޚާއްޞަބައެއް ގާބިލިއްޔަތު:

ބައެއް ކުދިންނަކީ އެއް މައުޟޫޢު ނުވަތަ އެއް ދާއިރާއަކާ ބެހޭ ގޮތުން ވަރަށް ރަނގަޅަށް އެނގޭ ނަމަވެސް ޝައުޤުވެރިވާ ދާއިރާތައް ހަނި ކުދިބައެކެވެ. ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި މިއުޒިކް، ހިސާބު ބޭނުންކުރުން ފަދަ ކަންކަން ބައެއް ކުދިންގެ ޚާއްޞާ ޤާބިލުކަންކަމުގެ ތެރޭގައި ހިމެނެއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 10 އިންސައްތަ ކުދިންގެ ކިބައިގައި 'ސޭވަންޓް' ހުނަރުތައް، ނުވަތަ ހިތުދަސްކުރުން، ކެލެންޑަރ ހިސާބުކުރުން، މިއުޒިކް ނުވަތަ ހިސާބު ފަދަ ވަކި ދާއިރާތަކުން އިންތިހާއަށް މަތީ ޤާބިލުކަމެއް ފާހަގަކުރެވެއެވެ (ހޯލިން، ޕ ގުޑް، ހަޓަން، އަދި ރަޓަރ، 2009). މި ދިރާސާވެރިން ހާމަކުރާ ގޮތުގައި ސޭވަންޓް އެބިލިޓީސް ނުވަތަ ޚާއްޞަ ކޮގްނިޓިވް ސްކިލްސް ލިބިފައިވާ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ސިންގަލް ކޭސް ނުވަތަ ކުދި ގްރޫޕް ދިރާސާތަކެއް ކޮށްފައިވާ މިންވަރު މަދުވުމުން ސީދާ މި ކަންކަން މެނޭޖްކުރުމާއި މީގެ އިމްޕްލިކޭޝަންތަކާ ބެހޭ ސައްހަ މަޢުލޫމާތު ލިބިފައިވާ މިންވަރު މަދެވެ.

މި ދިރާސާގެ ފަހުބަހަކަށް އިޝާރާތްކޮށްލާފައިވަނީ ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ޚާއްޞަ ޤާބިލުކަން އިންތިހާއަށް ހުރި ފަސް ކުއްޖެއްގެ ކިބައިގައި އެންމެ ފާހަގަކޮށްލެވެނީ ހިސާބާ ގުޅުންހުރި އަދި ވިޝުއަލްސްޕޭޝަލް ޤާބިލުކަމެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތެކެވެ. ސަބަބަކީ އޯޓިޒަމްގެ ޢަލާމަތްތައް ފާހަގަކުރެވޭ އެއްވެސް ކުއްޖެއް ދެނެގަނެވިއްޖެނަމަ އެކުދިންގެ ކިބައިގައި ހުރި މި ޚާއްޞަ ޤާބިލުކަމުގެ ވައްތަރުތައް ހޯދުމެވެ. އަދި އެއަށްފަހު އެކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ލަފާދޭ ފަންނީ މީހުންނާއެކު ވާހަކަ ދައްކާ މަޝްވަރާކޮށް ހެދުމެވެ. ސަބަބަކީ މި ކުދިންނަކީ ދުނިޔޭގެ ޢިލުމުވެރިންގެ ތެރޭގައިވެސް ގުނާލެވޭ ބަޔަކަށް ހެދޭވަރުގެ ގާބިލު ކަންތައްތަކެއް ކުރިއެރުވޭނެ ކުދިންނަށްވުމެވެ.

3. ބަސްކުރިއަރާ މިންވަރު އެއްވަރުނުވުން:

އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް ވާހަކަ ދެއްކުމާއި ބަހުގެ ބައެއް ހުނަރުތައް ލިބިފައިވީ ނަމަވެސް އާންމުކޮށް އެ ޤާބިލުކަން ކުރިއަރާ މިންވަރު ހުންނަނީ އެއްވަރެއްގައި އެއްގޮތަކަށް ނޫނެވެ. މިސާލަކަށް ޝައުޤުވެރިވާ ވަކި ދާއިރާއެއްގައި ފުން މާނަތައް އެކުލެވޭ ބޮޑެތި ބަސްކޮށާރު އެނގޭ އިރު ވަރަށް އާދައިގެ ވާހަކައިގައި ބޭނުންކުރަން ޖެހޭ ބަސްތައް ނޭނގި ހިނގައިދާނެއެވެ. މާނައަކީ އެ ކުއްޖެއްގެ ޝައުޤުވެރި ދާއިރާގެ ބަސްކޮށާރު ވަރަށް އަވަހަށް ތަރައްޤީވަމުން ދިއުމެވެ. މިހެން ކަމުން ބައެއް ކުދިން އުމުރުން ފަސް އަހަރުގައިވެސް ބޮޑެތި ލަފުޒުތައް ކިޔަން އެނގި ނަމަވެސް އެ ލަފުޒުތަކުގެ އަސްލު މާނަ ނުވިސްނިދާނެ އެވެ. ސަބަބަކީ އެ ކުދިންނަކީ ޚާއްޞަކޮށް އެކިޔާ އެއްޗެހި ހަނދާން ވަރުގަދަ އެ ބަސްތައް ރަނގަޅަށް ހަނދާންކުރުމުގެ ވަރަށް ބޮޑަށް ގާބިލުކަމެއް ލިބިފައިވާ ކުދިންނަށް ވުމެވެ.

މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ކުދިން ކިޔުން ފަރިތަވަމުން އަންނައިރު، އެއާ އެއްވަރަށް އެކުދިންނަށް އެލަފުޒުތަކުގެ މާނަ ދޭހަނުވުމެވެ. މިކަމުގެ ސަބަބުން މި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނާއި ބެލެނިވެރިން، އެ ކުދިންގެ ލެވެލް ވަޒަންކުރުންތަކުގައި ނުވިސްނައިފިނަމަ ނުރަނގަޅު ގޮތަކަށް އިޖާބަދެވިދާނެއެވެ. ބައެއް ފަހަރު އެ ކުދިންނަށް ކިޔަން ފަރިތަވުމުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނިންމާ ދޭހައަށް މާބޮޑު ސަމާލުކަމެއް ނުދެވި ވާހަކަ ނުދެކެވި ކުރިޔަށް ގެންދެވޭ ތަން އާދެއެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ކިބައިގައި ކަންކަން ދޭހަކުރުމުގެ ޝައުގުވެރިކަން ކުޑަވުން އަދި ކިޔާ ބައިތަކާ މެދު ވިސްނުމުގެ ގާބިލުކަން ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިކަމަކީ ވަރަށް ބޮޑަށް މުދައްރިސުންނާއި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

4. ބަސްބޭނުންކުރުމާއި ބަސް ބޭނުންނުކޮށް ކުރެވޭ މުޢާމަލާތުގެ ހުނަރު ދަށްވުން:

އޯޓިޒަމް ހުންނަ ކުދިންނަށް ގިނަ ފަހަރަށް ވާހަކަ ދެއްކުމުގައި ބޭނުންކުރާ އިޝާރާތްތަކާއި، މޫނުމަތީގެ ކުލަވަރުތަކުގެ މާނަ ދޭހަވުމަށް އަދި އެކަންކަން އެކުދިންގެ މުޢާމަލާތުގައި ބޭނުންކުރުން ވެސް ދަތިވެއެވެ. އާންމުކޮށް އޯޓިޒަމް ހުންނަ ކުދިންގެ ލޮލުގެ ބެލުންތައް މަދުވުމާއި އަދި އެކަމާ ދުރުހެލިވާތީ، އެ ކުދިންނަކީ ކަންކަމަށް އަޅާނުލައި، ޝައުގުވެރިކަން ނެތް، ނުވަތަ ސަމާލުކަން ނެތް ބައެއް ކަމުގައި ހީވެދާނެއެވެ. އަނގަބަހުން ނުވަތަ އިޝާރާތަކުން ވެސް އެކުދިންގެ ނަފުސާނީ ކަންކަމާއި އިހުސާސްތައް ބުނެނުދެވުމަކީ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ކުރިމަތިލާން ޖެހޭ ކަމެކެވެ. މިހެން ކަމުން އޯޓިޒަމް ހުންނަ ގިނަ ކުދިންގެ އިހުސާސްތަކާއި ފިކުރުތަކާއި ބޭނުންތައް ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ނުހަނު ބޮޑެތި ގޮންޖެހުންތައް ހުރެއެވެ.

މިކަމުގެ ރައްދެއްގެ ގޮތުން މިބާވަތުގެ ކުދިން ކަންކަމުގައި މާޔޫސްވުންތައް ވަރަށް ގިނައެވެ. ހަމަ އެހެންމެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ކިބައިއިގައި އެ ކަންކަން ކޮންޓްރޯލްކުރުމަށް ވޯކަލް އައުޓްބަރސްޓް ނުވަތަ ބާރަށް އަޑުގަދަކޮށް، ޓެންޓްރަމް ފަދަ ކަންކަމާއި އެނޫންވެސް ހިތްހަމަނުޖެހޭކަމުގެ ސުލޫކުތަކެއް ފާހަގަކުރެވޭނެއެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނާއި އެފަދަ ކުދިން އުޅޭ ގޭގޭގައާއި ކުލާސްރޫމްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ރިޢާޔަތް ކުރަންޖެހޭ ކަންކަމެވެ.

(ފެބްރިއަންޓިނީ، ފިޓްރިއާޓީ، އަދި އޮކްޓަވިއާނީ 2021) ހާމަކުރާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ މުވާޞަލާތު ކުރުމުގެ ހުނަރު ރަނގަޅުކުރުމުގައި ނޮން ވާބަލް ކޮމިއުނިކޭޝަން (ބަސްބޭނުން ނުކޮށް ބޭނުންކުރާ އިޝާރާތްތައް ބޭނުންކޮށްގެން ގެންދިޔަ އިންޓަރވެޝަން ތެރަޕީތައް/ ފަރުވާތައް) ކާމިޔާބުކަމުގައި މި ދިރާސާއިން ސާބިތުވެފައިވެއެވެ. އެހެންކަމުން ދިރާސާވެރިންގެ ފަހުބަހުގައި ހާމަކޮށްފައިވަނީ މިފަދަ ހުނަރުތަކުގެ ރަނގަޅަށް ތަރައްގީކުރަން ބޭނުން ނަމަ މި ތެރެޕީތައް މެދުކެނޑުމެއް ނެތި ވަކި ރޫޓިންއެއްގެ ދަށުން ގެންދިޔުން މުހިންމު ކަމުގައެވެ.

5. ބަހުގެ ތަރައްޤީ ލަސްވުމާއި މުވާޞަލާތުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދެވޭ ފަރުވާތައް

އޯޓިޒަމް ހުންނަ ކުއްޖެއް ޑައިގްނޯސްކުރުމަށް ފަހު ވާހަކަ ދެއްކުން ލަސްވާ ކަމަށް ފާހަގަކުރެވިއްޖެނަމަ ޑޮކްޓަރުން ނުވަތަ ދެނެގަންނަ ފަރާތް ސްޕީޗް-ލެންގުއޭޖް ތެރަޕިސްޓަކަށް ދެއްކުމަށް ލަފާދޭނެއެވެ. ސްޕީޗްތެރަޕީގެ ތެރެއިން ކުއްޖާގެ މިހުނަރު ތަރައްގީކޮށް މުވާޞަލާތުކުރުން ކުރިއެރުވޭނެއެވެ. އޯޓިޒަމް ހުންނަ ކުދިންގެ މުވާސަލާތީ ހުނަރު ރަނގަޅު ކުރުމަށް ދަސްކޮށްދިނުމަކީ އެ ކުދިންގެ ފުރިހަމަ ގާބިލްކަން ހޯދުމަށް އެހީތެރިވެދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މުވާޞަލާތުކުރުން ތަރައްގީކުރުމަށް ބޭނުންކުރެވޭ އެތަކެއް ގޮތްތަކެއް މިހާރުވަނީ ހޯދައިފައެވެ. މިކަމަށް ފަރުވާ ފެށުން އެންމެ ރަނގަޅީ ކުއްޖާގެ އުމުރުން ވީހާވެސް ކުރީކޮޅު، ޕްރީސްކޫލް އަހަރުތަކުގައެވެ. މިފަދަ ޕްރޮގްރާމްތަކަކީ ކުއްޖާގެ އުމުރާއި ޝައުގުވެރިކަމަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. ބެލެނިވެރިން ނުވަތަ ޕްރައިމަރީގައި ކިޔަވައިދޭ މުދައްރިސުން އިތުރުން އާއިލާގެ އެހެން މެމްބަރުން ވެސް މި ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމަކީ ކުއްޖާގެ ދުވަހީ ދިރިއުޅުމުގެ ކަންކަމުގައި ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމެކެވެ. ކުއްޖާ ގެންގުޅޭ ހުރިހާ އެންމެން މިކަމުގައި ހިއްސާވާ މިންވަރުން ކުއްޖާގެ ދުޅަހެޔޮކަމާއި އޯޓިޒަމްގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދެއެވެ.

އަޅުގަނޑު އުއްމީދަކީ މިއަދު މި ހިމަނާލި ވާހަކަކޮޅަކީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ހާލަތުގައި އުޅޭ ކުދިންނާއި އެކުދިން ގެންގުޅޭ ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް ފައިދާކުރަނިވި ޚިޔާލުތަކަކާއި ވާހަކަކޮޅަކަށް ވުމެވެ.

ކުރިޔަށް ލިޔުމަށް ގަސްދުކޮށްފައިވާ މައުޟޫޢަކީ އޯޓިޒަމް ހުންނަ ކުދިންގެ ވިސްނުމުގެ ހުނަރުތައް ކުރިއަރުވާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

 

ހަވާލާދޭ ފަރާތްތައް

  • ހޯލިން، ޕީ، ގުޑް، އެސް، ހަޓަން، ޖޭ، އަދި ރަޓަރ، އެމް (2009). އޯޓިޒަމްގައި ސަވަންޓް ހުނަރުތައް: ސައިކޮމެޓްރިކް އެޕްރޯޗްތަކާއި ބެލެނިވެރިންގެ ރިޕޯޓްތައް. ފިލޯސޮފިކަލް ޓްރާންސެކްޝަންސް އޮފް ދަ ރޯޔަލް ސޮސައިޓީ ބީ: ބަޔޮލޮޖިކަލް ސައިންސަސް، 364(1522)، 1359-1367.
  • ފެބްރިއަންޓިނީ، ޑަބްލިއު.އޭ، ފިޓްރިއާޓީ، އާރް، އަދި އޮކްޓަވިއާނީ، އެލް (2021). އޯޓިސްޓިކް ކުދިންގެ ބަހުގެ މުވާޞަލާތާއި ބަހުގެ ނޫން މުވާޞަލާތުގެ ތަޙުލީލެއް. ޖާނަލް އޮފް ރިސާޗް އޮން ލެންގުއޭޖް އެޑިއުކޭޝަން، 2(1)، 53-56.
  • ނީލީ، އެލް، ގެރޯ، އެސް، ރިސްޕޮލީ، އެމް، ލެންގް، އާރް، އަދި ޕުލެން، ނ (2016). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކުގައި އިކޮލަލިއާ އަށް ފަރުވާ ދިނުން: ނިޒާމީ ރިވިއުއެއް. ރިވިއު ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 3، 82-91.