...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: 2028- ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ދެވަނަ ދައުރަކަށް މަރުހަބާ!

ތިރީގައި އެވަނީ މީގެ ފަސް އަހަރު ކުރީން، 2018 ވަނަ އަހަރު، ކެޔޮނިރު ކޮލަމްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މައްޗަށް ބިނާކޮށް، ކުރިއަށް ލަފާކޮށް ލިއުނު ލިއުމަކަށް ބައެއް ބަދަލު ގެނެސްގެން އަޅުގަނޑު ލިއެފައިވާ ލިއުމެކެވެ. ފަސް އަހަރު ކުރިން ދުށް އެ ހުވަފެން ރައީސް ސޯލިހުގެ ޒައާމަތުގައި ހަޤީގަތަކަށް ނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތާމެދު ހަމަ އެ ހުވަފެންތައް ދެކެމުން ލިއުނު ލިއުމެކެވެ.

***

ދުވަހަކީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ތަނަކީ އައްޑޫ ސިޓީގެ ހުޅުމީދޫން ފެށިގެން ހިތަދޫ އަށް އަޅައިފައިވާ ދިގު، ހިތްގައިމު ބްރިޖުގެ މެދެއްހާ ހިސާބެވެ. ގަޑިން ފަހެއް ޖެހީ އެވެ. ހަވީރުގެ ނަލަ ވައިރޯޅިން ގަޔަށް ފިނިކަން ގެނުވަމުން ދިޔައިރު ރީތި ރަތް ވިލާތަކުން އުޑުމަތި ކުރަހާލެވިފައިވެއެވެ. ބްރިޖުގެ އަޑިން އޮއެ ދެމެމުން ދިޔައިރު ކައިރިފަށަށް ބީއްސަމުން ދިޔަ މަޑުމަޑު ރާޅުތަކުން ހިތުގެ ކުދި ނާރުތަކާ ކުޅެމުން ދިޔައެވެ. މި ހިތްގައިމު މަންޒަރުގެ ކުރިމަތީގައި، މި ރީތި، ޒަމާނީ ބްރިޖުމަތީގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ކެބިނެޓުގެ ގިނަ މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ވެރީންތަކަކާއި، އައްޑޫ ސިޓީގެ މޭޔަރާއި، ކައުންސިލަރުން އަދި ރައްޔިތުންގެ ގިނަ ބަޔަކު ތިއްބެވެ. އެންމެންގެ މޫނުމަތީންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ނިޝާންތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި އޮތް ސްމާޓް ޓެބްލެޓެއްގެ ފިތަކަށް ފިއްތަވައިލެއްވުމާ އެކު އައްޑޫސިޓީގެ "ރައީސް ޔާމީން ބްރިޖް" ހުޅުވިގެން ދިޔައީ އެވެ. މި ބްރިޖަކީ ކަނޑިހެރަގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އަޅައިފައިވާ ބުރިޖެކެވެ. ބްރިޖްގެ އަނެއް ބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅައިފައިވާ ކޯސްވޭއެކެވެ. ކަނޑިހެރައިގެ ދެފަރާތުން އޮތް ކަނޑުއޮޅި ހިއްކައިގެން އަޅައިފައިވާ ބްރިޖްގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ކިލޯ މީޓަރެވެ. އެއީ ސިނަމާލެ ބްރިޖަށްވުރެ ކުރު ބްރިޖެކެވެ. ހަވީރުގެ ރަތްވިލާގެ އަސަރު އުޑުމަތިން އެ ވަގުތު ފެނެއެވެ. ރީނދޫ ކުލައިގެ ވިލާތަކުގެ ކުލަ ކެނޑި، އުޑުމަތިން ފެންނަނީ އަސުރުމާ ކުލައިގެ ވިލާތަކެވެ. ބްރިޖުގެ ވަށައިގެންވާ މޫދުގައި ހުރި މަޑު ނޫކުލައަށް ވެސް ވަނީ އަސުރުމާ ކުލައިގެ ދަޅަ އެޅިފައެވެ. ބްރިޖުގެ ދެ ފަރާތުން ފެހި ކުލައިގެ ގަސްތައް ފޯދިގެން އަރައިފައި ހުއްޓެވެ. ބްރިޖްމަތީގައި ތިބި ރައްޔިތުންނަށް އައްޑު އަތޮޅު ހިތަދޫ ފަރުމަތިން އޮމާން ރާޅުތައް އައިސް ބްރިޖް ކައިރިއަށް ބީއްސާލާ މަންޒަރު ފެނެއެވެ. ޑރ. މުއިއްޒުގެ ފަސްއަހަރުގެ ރިޔާސީ ދައުރު ނިމިގެންދާއިރު އައްޑޫ ސިޓީ މި ވަނީ މުޅި ރާއްޖޭގެ "ބަގީޗާ ސިޓީ"ގެ ގޮތުގައި ތަރައްގީ ކުރައްވައިފައެވެ.

މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރ ބަނދަރު ހަދައި، ހިއްކި ބިމުގައި ރިސޯޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީތައް ވަނީ އަޅައި ނިންމާފައެވެ. އައްޑޫގެ ރަށްތަކުގެ މަގުތައް ވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައި، ފެންހިންދާ ނިޒާމު ގާއިމް ކުރެވި، މަގު ބައްތި ޖަހައި، ސީސީ ޓީވީ ކެމެރާ ހަރުކުރެވިފަ އެވެ. އަތޮޅުގެ ރަށްރަށުގެ ފުއްޓަރު ފަރާތުން މަގު ހަދައި، އެ މަގުތަކުން ދަތުރު ކުރާއިރު މޫދު ފެންނަ ގޮތަށް ތަރައްގީކޮށް، އެމަގުތަކުގައި ހިތްފަސޭހަ މައިޒާން ތަކެއް ވަނީ ހަދައިފައެވެ. އައްޑޫ ސިޓީސްކޮޔާ ވަނީ މާލޭގެ ރަސްރަނި ބަގިޗާގެ މިސާލަށް ޑިޒައިންކޮށް ތަރައްޤީ ކުރެވިފައެވެ. ސިޓީގެ މަގުތަކުގެ ދެ ފަރާތުގައި މާއަޅާ، ހިޔާ ލިބޭ ގަސްތައް އިންދި، އައްޑޫ ވަނީ ހަޤީޤީ މާނައިގައި ވެސް ބަގީޗާ ސިޓީއަކަށް ބަދަލުވެފައެވެ.

ސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫގައި 2،000 މީހުންގެ ޖާގައިގެ އިސްލާމިކް ލައިބްރަރީއަކާއި، ކޮންފަރެންސް ހޯލާ އެކު ބޮޑު ސިންގާ އިސްލާމީ މަރުކަޒެއް ވަނީ ހަދައި ހުޅުވައިފައެވެ. މި އިސްލާމީ މަރުކަޒު ހުޅުވުނީ މީގެ ތިން އަހަރު ކުރީން 2025 ވަނަ އަހަރު އެވެ. އަތޮޅުގެ ޒުވާނުން މަސްތުވާ ހިކި ތަކެއްޗާއި ދިޔާ ތަކެތިން ސަލާމަތްކޮށްދިނުމަށް ޓަކައި ޒަމާނީ ފެންވަރުގެ ރީހެބިލިޓޭޝަން ސެންޓަރެއް ވަނީ އައްޑޫސިޓީގައި ހުޅުވައިފައެވެ. އެއް އިމާރާތަކުން، ފަސޭހަކަމާ އެކު އައްޑޫގެ ރައްޔިތުންނަށް ހިދުމަތްދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަ ބުރީގެ އުސް އޮފީސް އިމާރާތެއް ވަނީ އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް ބިމުގައި ހަދައި ނިންމައިފައެވެ. މި އޮފީސް އިމާރާތުގެ ނަމަކީ "މާރަނގަ އޮފީސް ކޮމްޕްލެކްސް" އެވެ.

"ރައީސް ޔާމީން ބްރިޖް" ހުޅުވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތީ އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓެއްގަ އެވެ. އެ ބޯޓް ޖެއްސި ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު ހަޤީޤީ މާނައިގައި ވެސް ބައިނަލް އަޤްވާމީ އެއާޕޯޓެކެވެ. އެ އެއަޕޯޓްގައި ޒަމާނީ ފެންވަރުގެ ސީޕްލޭން ބޭސް އަކާއި އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި އެއާޕޯޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް އެބަހުއްޓެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު މަދުވެގެން ފަސް ޝެޑިއުލް ފްލައިޓް ޖައްސައެވެ.

ހިތަދޫން ހުޅުމީދޫ އަށް އަޅާފައިވާ "ރައީސް ޔާމީން ބްރިޖް" ހުޅުވައިދެއްވުމުގެ އުފާވެރި ރަސްމިއްޔާތަށް ފަހު ރައީސް ޑރ. މުއިއްޒު މިރޭ މަޑުކޮށްލެއްވުމަށް ހަމަޖެހިފައިވަނީ ގަމުގައި ހަދައިފައިވާ ތަފާތު ތިން ފެންވަރުގެ ތިން ހޮޓަލުގެ ތެރެއިން ފައިވް ސްޓާރ ފެންވަރަށް ހަދައިފައިވާ ބޮޑު ހޮޓެލްގައެވެ. މާދަމާ (އަންގާރަ ދުވަހު)، ހަމަޖެހިފައިވާ ގޮތުން އެމަނިކުފާނު ހުޅުއްވައިދެއްވާނީ ގަމުގައި ހަދައި ނިމިފައިވާ (ބޮޑެތި ފަސިންޖަރު ލައިނަރ ގާތްކުރެވޭ ވަރުގެ) ކްރޫސް ޝިޕް ޓަރމިނަލް އެވެ. އެ ރަސްމިއްޔާތަށްފަހު ބިލެތް މީރުކޮށްލެއްވުމެއް ހަމަޖެހިފައި ވަނީ ގަމުގެ ދޫގަސްގައި ހަދައިގެން މިހާރު ހިންގަމުންދާ "ގޭން މެރިނާ ހޮޓެލް"ގައެވެ.

އެއަށްފަހު މީގެ އެއް އަހަރު ދުވަސް ކުރީން، 2027 ވަނަ އަހަރު ގަމުގައި ހުޅުވުން އެއާކްރާފްޓް އިންޖިނިއަރިން ކޮލެޖާއި ޕައިލެޓް ޓްރެއިނިން ސެންޓަރުގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސް ޑރ. މުއިއްޒު ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މި ތަގްރީރްގައި، އައްޑޫސިޓީ އަށް މިހާރަށް ވުރެވެސް އިންވެސްޓްމެންޓް އިތުރު ކުރުމުގެ ގޮތުން އިތުރު ޓެކްސް ބްރޭކްތަކެއް އިއުލާން ކުރައްވާނެ ކަމަށް ރައީސްގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ. މިއީ އައްޑޫ ސިޓީގައި މީގެ ދެ އަހަރު ކުރީން، 2026 ގައި ހުޅުވުނު ބައިނަލްއަޤްވާމީ ޓަރާންސްޝިޕްމެންޓް ބަނދަރުގެ ވިޔަފާރިވެސް އިތުރުކޮށް އައްޑޫ ސިޓީގެ އިގްތިސޯދު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން އިއުލާން ކުރެވޭ ޓެކްސްބްރޭކްތަކެއް ކަމުގައި ރައީސްގެ ތަރުޖަމާން ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި އައްޑޫ ސިޓީ އަށް ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް ވަނީ ކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ޖާގަ އާއި ހިދުމަތްތައް ދެގުނައަށް އިތުރުކޮށް، އެމް.އާރް.އައި އަދި ސީ.ޓީ.ސްކޭން އާއި ޕެޓް ސްކޭންގެ ހިދުމަތްވެސް އެތަނުގައި ތައާރަފްކޮށްފައި ވެއެވެ. އެ ހޮސްޕިޓަލްގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި ޕެރަމެޑިކްސްއާ އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ލިބެން އެބަހުއްޓެވެ. އަދި އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވަށައިގެންވާ ކުޅިއާއި، އެ ކުޅީގައިވާ ކުދި ރަށްތަކާއި، ގަސްތައް ރޭގަނޑު ދިއްލޭ ގޮތަށް ހަދައި އެ ސަރަހައިދުގެ ވަށައިގެން ހިތްގައިމު ޕާކުތަކާއި ހިދުމަތްތައް ވަނީ ތައާރަފް ކޮށްފައެވެ. އަދި އެ ސަރަހައްދުގައި މެކްޑޮނަލްޑްސް އާއި ޕިއްޒާ ހަޓް ފަދަ ބައިނަލްއަޤްވާމީ ފްރެންޗައިސް ރެސްޓޯރެންޓްތައްވެސް ވަނީ ހަދައި ހުޅުވާފައެވެ. އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ތަރައްޤީގެ އިތުރުން، ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް.އާރް.އެޗް) މިހާރު ވަނީ ޕްރައިވެޓައިޒްކޮށް "އޭ.ޑީ.ކޭ އައްޑޫ ސިޓީ ހޮސްޕިޓަލް"ގެ ގޮތުގައި ހުޅުވައިފައެވެ.

ހަމަ އެފަދައިން 2025ގައި ރައީސް ޑރ. މުއިއްޒު ހުޅުއްވައިދެއްވި ފޭދޫ ސްޕޯޓްސް އެރީނާ އަކީ ވެސް އައްޑޫސީޓީ އަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ކޮށްދެއްވައިފައިވާ ގިނަގުނަ ކަންތައްތަކުގެ ތެރެއިން މުހިއްމު ކަމެކެވެ. ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓްތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑު ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ފޭދޫ ސްޕޯޓްސް އެރީނާގެ ބައެއްގެ ގޮތުގައި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިން ޕޫލް ކޮމްޕްލެކްސް"އެއް ވެސް ހަދައިފައިވެއެވެ. ދިވެހި އަދި ބޭރުގެ ފުޓްބޯޅަ ޓީމުތަކަށް ޓްރެއިނިން ކޭމްޕް ހިންގޭނެ ފަދަ ވަސީލަތްތައް ގާއިމްވެފައިވާ ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް ވެސް މި ސްޕޯޓްސް އެރީނާގެ ވަކި ބައެއްގެ ގޮތުގައި ހިމެނެއެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި، 2025ގައި އެންޓަޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއްގެ އިތުރުން ކަލްޗަރަލް ވިލެޖަކާއި ދާރުލް އާސާރެއް، އަދި ފޮޓޯގްރަފީ އާއި އާޓްގެ ފަންނުވެރިކަން ދައްކައިދޭނެ އާޓް ގެލެރީއެއް ވެސް މި ސިޓީގައި ގާއިމްކޮށް ރަސްމީކޮށް ހުޅުވައިދެއްވައިފައި ވެއެވެ.

"ރައީސް ޔާމީން ބްރިޖް" ހުޅުއްވައިދެއްވުމަށް ފަހު، އަދި އޭގެ ފަހުން ބުދަ ދުވަހު ހަމަޖެހިފައިވާ ރަސްމީ އެހެން ކަންތައް ތަކަށް ފަހު ރައީސް އާއި އާއިލާ ބުރާސްފަތި ދުވަސް ހޭދަކުރެއްވުމަށް ހަމަޖެހިފައި ވަނީ ނުރަސްމީ ޗުއްޓީ ދުވަހެއްގެ ގޮތުގައި އައްޑޫގެ "ދިވެހި ރިސޯޓް"ގަ އެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންނާއި ބިދޭސީ ވޯކްޕާމިޓް ހޯލްޑަރުންނަށް ޗުއްޓީ ހޭދަކުރެވޭ ގޮތަށް އައްޑޫސިޓީގައި ދެތަރީގެ ފެންވަރަށް ހަދައިފައިވާ 50 ކޮޓަރީގެ "ދިވެހި ރިސޯޓް" އެކެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް އަދި ވޯޓަރ ސްޕޯޓްސް އާއި ޑައިވިން ސެންޓަރެއްވެސް ހުރެއެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި އައްޑޫ ސިޓީގައި އިތުރު 6،000 ޓޫރިސްޓް އެނދު ނުވަތަ 3،000 ޓޫރިސްޓް ކޮޓަރި ވަނީ ތަރައްގީ ކޮށްފައެވެ. އޭގެ ތެރޭގައި "ހަންކެޑެ" ސަރަހައްދުގައި ހަދައިފައިވާ 200 ކޮޓަރީގެ ރިސޯޓާއި، ހެރެތެރޭގެ ދެކުނުން އެ ރަށާ އެއްފަޅެއްގައި އޮތް "މުލިކެޑެ"ގައި ހަދައިފައިވާ 300 ކޮޓަރީގެ ރިސޯޓް ހިމެނެއެވެ. ރިސޯޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަން ތަރައްޤީކޮށް އައްޑޫސިޓީ އަށް 3،000 ޓޫރިސްޓް ކޮޓަރި އިތުރުކޮށްފައި ވަނީ ގެސްޓް ހައުސް އާއި ރިސޯޓް އަދި މެރިނާ ހޮޓެލް ހިމެނޭ ގޮތަށެވެ. މި ބައިތައް ތަރައްޤީ ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ބިން ހިއްކައިގެންނެވެ. މި 3،000 ކޮޓަރި އިތުރު ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި "ޓޫރިޒަމް ޒޯން" ތަކެއް ކަނޑައަޅައި، އެޒޯން ތަކުގައި ވެލި އަޅައިގެން ބީޗް ހަދައި، ހޮޓެލް، ގެސްޓް ހައުސް، މެރިނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމްކޮށްފައިވަނީ ގަމުގެ ވައިގެ ބަނދަރާއި ގަމުގައިވާ ސީޕްލޭން ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވާނެ ފަދަ ގޮތަކަށެވެ.

ހޯމަ ދުވަހުގެ ހަވީރު ވަގުތުގައި ރައީސް ޑރ. މުއިއްޒު ހުޅުއްވައިދެއްވި "ރައީސް ޔާމީން ބްރިޖް"އާ އެކު މުޅި އައްޑޫ ސިޓީ ވަނީ އެއްފަސްވެ ތަރައްޤީގެ މުޅިން އައު މަރުހަލާއަކަށް ދަތުރުފަށައިފައެވެ. އެއާ އެކު ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ 17 ނޮވެމްބަރު 2028 އިން ފެށިގެން އިތުރު ފަސް އަހަރުގެ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވުމަށް، "ވިޝަން 2033″ ވެސް މި ހަފުލާތެރޭ އިއުލާން ކުރައްވައިފައެވެ.

އައްޑޫ ސިޓީ އަށް ވެސް އަދި މުޅި ދިވެހިރާއްޖެ އަށް ވެސް މިވަނީ ތަރައްޤީގެ މުޅިން އައު ގުލްޝަނެއް ފަރިވެ ފޮޅިފައެވެ. ތަރައްޤީގެ މި ގުލްޝަނުގެ އިތުރު ފަސް އަހަރުގެ ފެށުން، ނުވަތަ "ވިޝަން 2033″ އިއުލާން ކުރައްވަން އެންމެ އައުލާކަން ބޮޑުވެގެންވާ ތަނަކީ ދިވެހިރާއްޖޭގެ "ބަގީޗާ ސިޓީ"އެވެ. އާދެ ޒަމާނީ އައްޑޫސިޓީ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. ވަރަށް ފުރިހަމަ ޤަބޫލުކުރެވޭ ފަދަ ތަރައްޤީ އައިސްފައިވާކަން އެންމެނަށްވެސް ވަރަށްސާފު. ނަމަވެސް މާލެސިޓީ މެދަށްލާފައި އުތުރުގައިވެސް ތިޔަފަދަ ތަރައްޤީއެއް ގެނެވިފައިނުވާތީވެ ރާއްޖޭގެ އާބާދީގެ ބޮޑުބައި ޑޮކްޓަރ މުޢިއްޒުއަށް ތާޢީދު ނުކުރުމުގެ ސަބަބުން ރައީސް ޞާލިޙްއަށްވެސް ލިބިވަޑައިގެންނެވި ތާޢީދު ލިބިވަޑައިގެންފައި ވާތީ އަޅުގަނޑު ވަރަށް ދެރަވެއްޖެއެވެ!

  2. އައްޑޫސިޓީން ރަންވަޅެއް ފެނުނަސް ތިޔައީ ހަމަ ހުވަފެނެއް. ހެހެހެހައްހައްހާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.