Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޑރ.މުއިއްޒާ ދެކޮޅަށް ކުރާ ނަފުރަތާއި ހަސަދައިގެ އެންޓި ކެމްޕެއިން

ކީރީތީ ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާ މުޙާތަބް ކުރައްވައި ނެރުއްވި ހިތޯބުގައި ވިދާޅުވި ބަހާއި އެމަނިކުފާނުގެ އަމަލާ ދިމައެއްނުވެއެވެ. ނަފްރަތާއި ހަސަދައިން އެއްކިބާވެ، އަނެކުނަށް އިހްތިރާމް ކުރުމަށް އިބޫ ސޯލިހުގެ މިއަދުގެ ހިތޯބުގައި އޮތް އިރު އެމަނިކުފާނަށް ތާއީދުކުރާ ޓީވީއަކާއި އޮންލައިން ނޫހަކުން ވަނީ އެމަނިކުފާނާ އިންތިހާބުގައި ވާދަކުރައްވާ ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަބުރު ކަތިލައި ފޮތިފޮތިކޮށްފައެވެ. ޑރ. މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމުގެ ކުރިން ކައިވެނި ކުރައްވައިގެން އުޅުއްވި ސްރީލަންކާގެ ރައްޔިތެއްގެ ބޮލަށް އެރިގެން، ބުނެވޭ ގޮތުގައި ސަރުކާރުން ރިޝްވަތު ދީގެން، ޑރ. މުއިއްޒުގެ އަގުވެއްޓޭ ގޮތަށް އިންޓަވިއު ނަގައި، އަބުރު ކަތިލައިފައެވެ. އިބޫ ސޯލިހު ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރީން ރާއްޖޭގެ ފަޅު ރަށެއްގައި ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ސަބަބުން ކޯޓުން ހުކުމްކޮށް އަރުވާލި ވާހަކަ ޑރ. މުއިއްޒު އެބަ ދައްކަވާތޯއެވެ؟

ޑރ. މުއިއްޒުގެ ބައްޕަ އަވަހާރަވުމަށް ފަހު، ދޮންމަންމަ ނުހައްގުން ޑީޕޯޓްކޮށްލި ކަމަށް ބުނެ ރައީސް ސޯލިހުގެ ފަޅިން މިއައި އެންޓި ކެމްޕެއިނަށް ރައްދު ދެއްވައި، ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ، ޒާތީ ގޮތުން ޖައްސާލި ނަމަވެސް ހާސްވާންޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ޒާތީ ގޮތުން ޖައްސާލައިގެން އެެކި ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، މި ސަރުކާރުން ގޯހުން ކޮށްފައިވާ ކަންކަން ބަދަލުނުވާނެ ކަމަށެވެ.

"ޒާތީ ވާހަކަ ދެއްކިޔަސް އިންޑިއާ ސިފައިން (ރާއްޖޭގައި) ނެތް ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިޔަސް އިގުތިސޯދު އަނދަވަޅަކަށް ވައްޓާލައި ވަކި ގައުމަކަށް އަޅުވެތި ނުކުރާ ކަމަކަށް ނުވާނެ،" ޑރ. މުއިއްޒު ރޭ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އެ ގެންދަނީ ކެމްޕެއިން ނޫންކަން ފާހަގަކުރައްވައި، ޑރ. މުއިއްޒު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ފަހު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވަން ކަމަށާއި ޕީޕީއެމް/ޕީއެންސީން ގެންދަނީ އެކަން ކުރަމުން ކަމަށެވެ. ނަމަވެސް އިބޫ ސޯލިހުގެ ފަޅިން މިހާރު މުޅިންވެސް ފެންނަނީ އެހެން މީހުންގެ މުޅަމަސް ކާތަނެވެ. އަބުރު ކަތިލާ ތަނެވެ. ދޮގު ހަދާ ތަނެވެ.

ނަފްރަތާއި ހަސަދައިން އެއްކިބާވުމަށް ރައްޔިތުންނަށް ގޮވާލައްވާފައި އިބޫ ސޯލިހު މި ދައްކަވަނީ ޑރ. މުއިއްޒާ މެދު ހިތުގައި އޮތް ނަފްރަތާއި ހަސަދަ އެވެ. އިންސާފުވެރި ކެމްޕެއިނެއް ކޮށްގެން ޑރ. މުއިއްޒު ބަލިނުވާނެކަން އެނގިވަޑައިގަތުމުން ޒާތީ ގޮތުން ޖައްސާލައްވައި، އެންޓި ކެމްޕެއިން ކުރެއްވުމަށް ފަހު ރައްޔިތުންނަށް މި ދެއްވާ ނަސޭހަތަކީ ހަމަ މުނާފިޤް ނަސޭހަތެވެ. ބަހާއި އަމަލާ ދިމައެއް ނުވެއެވެ.

ރާއްޖޭގެ ސިޔާސީ ގިނަ މީހުންނަކީ ހަސަދައިން ފުރިފައިވާ މީހުންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ސަން އައިލޭންޑުގައި، އަޑިއަޑިން، ރައީސް ސޯލިހާއި ޑީލް ހައްދަވާފައި، ވަކި އަތަކަށް ޖެހިވަޑައިނުގަންނަވާ ކަމަށް ހެދިވަޑައިގެން ހުންނެވިއަސް ޤާސިމް ހުންނެވީ ސޯލިހު ފަޅީގައި ކަމުގެ ހެކި ދަނީ ފެންނަމުންނެވެ. އޭގެ އެއް ހެއްކަކީ ޤާސިމާއި އެއްބަނޑު އެއްބަފާ ބޭބޭ، އާދަމް އިބްރާހިމް، ވަަރަށް ފާޅުގައި ރައީސް ސޯލިހަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމެވެ. ޤާސިމްގެ ރުހުން ނެތި ޤާސިމްގެ ބޭބެ ރައީސް ސޯލިހަށް ކެމްޕެއިން ނުކުރައްވާނެ ކަމުގައި އެ އާއިލާ ވަރަށް ރަނގަޅަށް ދަންނަ މީހަކު އަޅުގަނޑާ ހިއްސާ ކުރިއެވެ. ޤާސިމްގެ ބޭބެގެ އޮފީހުން އިއްޔެ ހަވީރު ވެސް މާމިގިލީގެ ބައެއް މީހުންނަށް ގުޅައި ރައީސް ސޯލިހަށް ވޯޓެއް ދިނުމަކީ ޤާސިމްގެ ބޭބެގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ބުނެފައި ވެއެވެ.

އަނެއްކާ ރިޔާސީ އިންތިހާބުގައި ގާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމާއި ރިޔާޒް ރަޝީދާއި އިލްހާމް އަހުމަދާއި، "ވެންޓިލޭޓަރ" އަބްދުﷲ އަމީނާއި "ސްމޯކް" އަލީ ވަހީދު ފަދަ، ގާސިމްގެ އެންމެ އަރިސް ބޭފުޅުން ސޯލިހު ފަޅިއަށް މި ފޮނުވީ ވެސް، ގާސިމް ވަކިކޮޅަކަށް ޖެހިވަޑައިނުގަންނަވާ ކަމަށް ބޭރުފުށުން ދައްކަވާފައި އަޑިއަޑިން ފިއްލަވައިގެން ހުންނަވައިފައެވެ. ގާސިމް ނުރުހޭ ކަމެއް އެ މީހުން ނުކުރާނެކަން އެންމެނަށްވެސް އެނގެއެވެ. ފުރަތަމަ ބުރުގައި ރައްޔިތުން ބަސްބުނީމާ ވެސް، ޑރ. މުއިއްޒަށް ގާސިމް ތާއީދު ނުކުރެއްވީ ހަސަދައިގެ ސަބަބުންނެވެ. ތިމަންނާ އަށް ނުލިބުނު ވެރިކަމެއް ޑރ. މުއިއްޒަށް ވެސް ލިބުނަކަނުދޭނަމޭ ވިދާޅުވާ ކަހަލަ އެވެ. މި ޤައުމު އިންޑިއާގެ އަޅުވެތި ކަމަށް ދިޔައަސް ޤާސިމްމެންނަށް ވަރިހަމައެވެ. އިސްކުރައްވަނީ އަމިއްލަ އެދުމެވެ.

އަޅުގަނޑު ކުރިން ހީކުރީ އުމަރު ނަސީރަކީ ވެސް ޤައުމީ ލޯބި އިސް ކުރައްވާ ބޭފުޅެއްކަމަށެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ކޮޅު ނުނަންގަވައި، އުމަރު އެ ހުންނެވި ހުންނެވުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ އިބޫ ސޯލިހާއި އިންޑިއާއަށެވެ. އަދި 2028ގެ ރިއާސީ އިންތިހާބަށް އުމަރު ނަސީރު ކެމްޕެއިން ފެއްޓެވިކަމަށް އިއުލާން ކުރެއްވިއަސް 2028 އަންނައިރު މި ރާއްޖެ މިގޮތަށް އޮންނާނެ ބާވައެވެ؟ ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ މި ރާއްޖެ މިގޮތަކަށް ނޯންނާނެއެވެ. އުމަރަށް އޮތް އިތުބާރު ވެސް ހަވަޔަށް އަރައިގެން ހިނގައްޖެ އެވެ.

ވޯޓުން ނުހޮވޭނެކަން އެނގިވަޑައިގަތުމުން، ފެތެމުންދާ މީހަކު ފުރާނަ ސަލާމަތްކުރަން ހެދުނުހާ ދޮގެއް ހަދާ ގޮތަށް ރައީސް ސޯލިހުވެސް އެއްވެސް ޕްލޭނެއް، ރޭވުމެއް ނެތި ހަމަ ހިތަށް އެރި ވައުދެއް ވެވަޑައިގަންނަވަނީ އެވެ. ސިފައިންގެ ޖެނެރަލުންނަށް ބިރު ދައްކަވައިގެން ދޮގު ބަޔާން ނެރެ، މި ޤައުމުގައި އިންޑިއާ ސިފައިން ނެތް ކަމަށް ބުނުވި އިރު އިއްޔެވެސް ރާއްޖޭގެ ނޫސްވެރިން ތަކެއް ވަނީ ހަނިމާދޫ އެއާޕޯޓަށް ގޮސް އިންޑިއާގެ އެތަކެއް ސިފައިން އެތާނގައި ހަރަކާތެރިވާ ވީޑިއޯ އާއްމުކޮށްފައެވެ.

އަނެއްކާ ރޭ ވަރަށް ދަންވި ފަހުން ލިބުނު ހަބަރަކީ ރިޔާސީ އިންތިހާބަށް ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިން އެމްޑީޕީއާ އެކު ހަދައިފައިވާ ކޯލިޝަން ރޫޅާލައި، ޑރ. މުއިއްޒަށް ތާއީދުކުރަން އެމްޑީއޭ ކައުންސިލުން ނިންމި ހަބަރެވެ. ސިޔާމަށާއި އެމްޑީއޭއަށް އައްސަރިބަހާއި ސާބަހެވެ. މި ހަބަރު ލިބިވަޑައިގަތުމުން ހަމަ ޔަގީނުންވެސް އިބޫ ސޯލިހަކަށް ރޭ ރަނގަޅަށް އަވަހާރަފުޅެއް ނުލެއްޕެވޭނެއެވެ. އުފާވެރި ހަބަރާއެކު ހިތްގައިމު ފުވައްމުލަކުގައި ޑރ. މުއިއްޒު ކިތަންމެ އަރާމު ގުގުރިއެއްގައި ރޭ އޮންނެވި ނަމަވެސް، މޯދީ އަކަށްވެސް އަދި އިންޑިއާ ސަފީރަކަށް ވެސް ރެޔަކު ލޮލުފިޔައެއް ނުޖެހޭނެއެވެ. މޯދީއަށްޓަކައި ސޯލިހު އަރިހުގައި މިހާރު ހުންނެވީ، ދީނީ ކާޑު އެންމެ މޮޅަށް ކުޅޭ، ޝޭހު އިމްރާނާއި އަދާލަތު ޕާޓީއެވެ.

ހަގީގަތަކީ މިއީއެވެ. ދިވެހި ރައްޔިތުންނަށް ވުރެ އިންޑިއާ ސަރުކާރު އިސް ކުރައްވާ ރައީސަކަަށް ދިވެހި ރައްޔިތުން ވޯޓު ދޭންޖެހޭ ސަބަބެއް ނެތެވެ. އިބޫ ސޯލިހުގެ އެންޓި ކެމްޕެއިނުން ޑރ. މުއިއްޒާއި ޖައްސާލައިގެން މިހާރު އެ އުޅޭ އުޅުމުން އެންމެ ބޮޑަށް ސިފަ ވަނީ މާފިޔާ ގޭންގަކުން މީހަކާ ޖައްސާލައިގެން އުޅޭނެ ގޮތެވެ.

ދެހާސް އަށް ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަން ނިމި، މުހައްމަދު ނަޝީދަށް ރައީސްކަން ލިބިވަޑައިގަތްތަން ވެސް ދިވެހީން ވަނީ ދެކެފައެވެ. އެ އިންތިހާބުގައި ރައީސް މައުމޫނަށް ވެސް އިބޫ ސޯލިހު މިހާރު އެ އުޅުއްވާ ގޮތަށް އުޅުއްވެވުނީހެވެ. ނަމަވެސް ރައީސް މައުމޫނު ދެއްކެވީ ރިވެތި މިސާލެވެ. އިބޫ ސޯލިހު އެ ދައްކަވާ ހުތުރު، ޒާތީ ކެމްޕެއިން އުކުޅުތަކާއި މަކަރުވެރި ދަންތުރަތައް ބޭނުމެއް ނުކުރައްވައެވެ.

ނުމޮށޭގުރާ ބާރަށް ދައިގަނެއޭ ބުނާ ބީދައިން، މަޑުމަޑުން، ހިކުމަތްތެރި ކަމަށް ހެދިވަޑައިގެން ހުންނެވިއަސް ރައީސް ސޯލިހަކީ ދިވެހީންނަަށް ވެސް އަދި މި ޤައުމަށް ވެސް އިހްލާސްތެރި ބޭފުޅެއް ކަމަކަށް މިހާރު ޤަބޫލެއް ނުކުރެވެއެވެ. ކީރިތި ރަސޫލާގެ އީދު މީލާދާ ދިމާކޮށް ނެރުއްވި ބަޔާނުގައި ވެސް އަމަލާ ދިމާނުވާ މުނާފިޤް ބަސްތަކެއް ހިމަނުއްވައިގެން، މަލަމަތި ރިވެތި ކުރެއްވި އިރު، ފަރުދާގެ ފުރަގަހުން އިންތިހާބުގެ ވާދަވެރިޔާގެ އަބުރު ކަތިލައި ދޮގުތައް ފެތުރުއްވުން މިވަނީ އިޓަލީގެ ސިސިލީ އިންވެސް ނުފެނާނެ ލެވެލަކަށް ގެންދަވައިފައެވެ.

އިންތީހާބަށް ހަތަރު ދުވަހަށް ވާއިރުވެސް، ސަރުކާރުގެ މަޤާމްތަކަށް އިތުރަށް މީހުން ލައްވައި، ޕްރޮމޯޝަންތައް ބައްސަވައި، ކަނޑު އަޑިން ބިން ދެއްވައި، ހެއްދެވުނުހާ އިތުރުފުޅެއް ހައްދަވައި، ވާދަވެރިޔާގެ އަބުރު ކަތިލައްވައި، ދިވެހީންނަށް ދޯކާ ދެއްވާފައި އިންޑިއާ ދިފާއު ކުރައްވަމުން ވަޑައިގަންނަވާ ވެރިއެއް މިނޫނިއްޔާ ނުފެނެއެވެ. މިއީ ފަހުގެ ތާރީހުގައި ދިވެހި ރާއްޖެ ދުށް އެންމެ ހީލަތްތެރި ވެރިޔާ ކަމާ މެދު އެއްވެސް ޝައްކެއް އަޅުގަނޑުގެ ނެތެވެ.

ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ މީހަކު ރައީސް ސޯލިހަށް ތާއީދެއް ނުކުރާނެކަން ޔަޤީނެވެ. ދެވަނަ ދައުރަކަށް ރައީސް ސޯލިހު 30 ސެޕްޓެމްބަރުގައި ހޮވިވަޑައިގެންފި ނަމަ އެ ދުވަސް ވާނީ ދިވެހި ތާރީހުގައި ކަޅު އަކުރުން ފަވާލެވޭނެ ހިތާމަވެރި ދުވަހަކަށެވެ. އެކަން ވެެގެން ދާނީ ދިވެހި ޤައުމުގެ މިނިވަންކަމުގެ އެންމެ ފަހުގެ ނޭވާތައް ގުނަން ފެށުން ކަމުގަ އެވެ. އެހެންވެ އަންނަ ހޮނިހިރުގެ ވޯޓަކީ އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު ނެގޭ ވޯޓެކެވެ. ކޮންމެ ރައްޔިތަކުވެސް ވިސްނަވާފައި ކޮޅު ނަންގަވާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

2 Responses

  1. ތެދު ޙަޤީގަތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފުރިހަމަ އާޓިކަލް އެއް.ލިޔުން ތެރިޔާައަށް ހެޔޮޖަޒާ މާތް ﷲ ދެއްވާށި!

  2. ވަރަށް ރަގަޅު ވާހަކައެއް. ސޯލިހް ގެ ގައުމަށް ޣައްދާރު ފަޅިއަށް ފެންނަ ގޮތަށާއި، އަޑި އަޑިން ބައިއަތު ހިފައިގެން ތިބޭނީ ދިވެހިންގެ މިގައުމްގެ ޣައްދާރުން ކަން އެއީ ޟައްކެއް އޮތް ކަމެއް ނޫން. الله އިރާދަ ކުރެއްވިއްޔާ މިގައުމަށް ، އިސްލާމް ދީނަށް ނަސްރު ލިބޭނީ. އިންޑިޔާ އަށާއި ، އެމީހުންގެ ބަތާ ހަރާމީންނަށް ނާ ކާމިޔާބު މިންވަރު ކުރައްވާށި. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *