Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސް ނަޝީދާއި ދިވެހީންގެ ސިޔާސީ ގަޑުބަޑު!

ބުދަ ދުވަހުގެ ރޭ ކްލަބް ހައުސްގެ ބަހުސަކަށް އެރި މީހެއްގެ ނަމަކަށް ޖަހައިގެން އިނީ "ކެޔޮނިރު ބުޝްރީ" އެވެ. އެ މީހާ ވާހަކަ ދައްކަމުން ދިޔައީ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަރަކާތްތައް ދިފާއުކޮށް، ނަޝީދަށް ތާއީދު ކުރުމުގައެވެ. އެވަގުތު ކްލަބް ހައުސްގައި އިންނެވި ރާއްޖޭގެ ސިޔާސީ މުފައްކިރެއް ކަމުގައިވާ ސަންދާނު އިބްރާހިމް ލުތުފީ އެ މީހާއާ ޖަދަލު ކުރައްވައި، ތިޔައީ ކެޔޮނިރު މުހައްމަދު ބުޝްރީ ނޫންކަން ކަށަވަރު ކަމުގައި ވިދާޅުވިއެވެ. ތެދެކެވެ. އެއީ އަޅުގަނޑެއް ނޫނެވެ. އެއީ އަޅުގަނޑު ކަމުގައި ވާނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ރާއްޖެ ސިޔާސީ ގޮތުން މިހާރު މިއޮތް ގަޑުބަޑު، ހައިޖާނު ސިޔާސީ ފައްތަރަށް ގެނައީ ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާއިންނެވެ. އޭގެ ސަބަބުން މި ޤައުމާއި މި ޤައުމުގެ ރައްޔިތުންގެ އަޚުލާޤު ގެއްލި، އެކަކު އަނެކަކަށް ކުރާ އިހްތިރާމް ގެއްލި، އާއިލާތަކުގެ މެދުގައި ސިޔާސީ ރެނދުލައި، ކޮރަޕްޝަނާއި ފަސާދަ އާއްމުވެ، އެއްވެސް އިލްމެއް، ޙިލްމެއް ނެތް މީހުން މަޖުލީހަށާއި، ޤައުމުގެ އިސް މަޤާމްތަކަށް ލައި ޤައުމު ގަޑުބަޑު ވެއްޖެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި ގެންނެވި "ޕާޓީ ސިސްޓަމް" އަކީ ދައުލަތަށް ނިހާޔަތަށް ހަރަދު ބޮޑު، ބުރަ ބޮޑު، ކޮރަޕްޝަން އިތުރަށް ފުޅާވުމަށް ހުޅުވާލެވުނު ފަސާދައިގެ ދޮރެކެވެ. އެއަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއްނެތެވެ. ރައީސް ނަޝީދު ވަކާލާތު ކުރައްވައިގެން ދެން ގެންނެވީ ލޯކަލް ގަވަނެންސް ނުވަތަ ކައުންސިލްތަކުން ރަށްތަކާއި، އަތޮޅު ތަކާއި، ސިޓީތައް ހިންގުމުގެ ނިޒާމެވެ. މި ނިޒާމުންވެސް ގެނުވި ކަމަކީ ރައްޔިތުންގެ ލާރި ވަގަށް ކެއުމާއި، ދައުލަތަށް ބުރަ ބޮޑު ބަޖެޓެއް އޮތުން އެކަންޏެވެ. އާއްމު ރައްޔިތު މީހާއަށް ވީ ފައިދާއެއް ނެތެވެ. މިސާލަކަށް ބަލާކަމުގައި ވާނަމަ އައްޑޫ ސިޓީ ކައުންސިލްގައި 13 ކައުންސިލަރުން، ބޮޑު މުސާރަ ނަަގައިގެން ތިބެއެވެ. މި 13 ކައުސިލަރުން ކުރާނެހާ މަސައްކަތެއް އެތާކު ނުހުންނާނެއެވެ. އަދި ހުއްޓަސް ނުވެސް ކުރެއެވެ. ރާއްޖެ އަށް އަސްލު ބޭނުން ވަނީ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދައުރުގައި އޮތް ކަހަލަ އަތޮޅުވެރިކަމުގެ ނިޒާމާއި ލޯކަލް ގަވަނެންސާ އެއްކޮށްލައިގެން އުފެދޭ ހައިބްރިޑް ނިޒާމެކެވެ.

ޕާޓީ ސިސްޓަމާއި، ލޯކަލް ގަވަނެންސް އިން ރާއްޖޭގެ ސިޔާސީ މައިދާން ގަޑުބަޑު ކުރެވުނުވަރު ކުޑަވެގެން ރައީސް ނަޝީދު މިހާރު ވަކާލާތު ކުރައްވަނީ ދައުލަތުން 40 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަަގައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި މިހާރުވެސް ގިނައީ އަލިފު އޮންނަނީ ބަޅުކޮށްތޯ ނުވަތަ ތެދަށްތޯ ވެސް ރަނގަޅަށް ނޭނގޭ ވަރުގެ، އިލްމެއް ޙިލްމެއް ނެތް، ފައިސާ އަށް ނަފްސު ވިއްކާ މެމްބަރުންނެވެ. އެވަރުގެ ބަޔަކު ބަރުލަމާނީ ނިޒާމަކުން ބާރުވެރި ކުރުވައިފި ނަމަ ކޮންމެ މެމްބަރަކު ވާނީ ސިޔާސީ ގޮތުން ނީލަމުގައި ހުންނަ ރަންޑިއަކަށެވެ. އަހަރު ދެކޮޅު ބޮޑު އަގުގައި، އެތައް މިލިއަނަކަށް ނަފްސު ވިއްކައި، ޕާޓީ ބަދަލުކުރާ ކަސްބީއަކަށެވެ. މިހެން ޕާޓީ ބަދަލުކުރާ ކޮންމެ ފަހަރަކު ބޮޑު ވަޒީރު ބަދަލުވެ، ދިވެހި ސަރުކާރު ވެސް ބަދަލުވާނެއެވެ. އަދި ކޮބައިތޯއެވެ؟ ވަޒީރުންނަށް ވެސް ވާނީ މަޖިލިސް މެމްބަރުންނެވެ.

ބަރުލަމާނީ ނިޒާމު އަޔަސް ރައީސަކު ހުންނާނެއެވެ. ރަމްޒީ ވެރިއެއްގެ ގޮތުގައެވެ. ރައީސަށް ވެސް ގަނޑުވަރާއި އެތައް ހަރަދެއް ހިނގާނެއެވެ. ބޮޑުވަޒީރަށް ވެސް ހަމަ އެވަރަށް ހަރަދު ހިނގާނެއެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް ވެސް ހުންނަވާނެއެވެ. އެތައް ހަރަދެއް ހިނގާނެއެވެ. އިރުއިރުކޮޅާ ސަރުކާރު ބަދަލުވާނެއެވެ. މިއީ އެންމެ ފަސް ލައްކަ ވަރަކަށް މީހުންގެ އާބާދީއަކަށް ތަހައްމަލް ކުރެވޭ ވަރަށްވުރެ ބޮޑު މާލީ އަދި ސިޔާސީ ބުރައަކަށް ވާނެއެވެ. ބަރުލަމާނީ ނިޒާމުގެ އަނެއް ނުރައްކަލަކީ ކޮންމެ ފަސް އަހަރަކުން ވެރިއަކު ޚިޔާރު ކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލި، މަޖުލިސް މެމްބަރުން ގަނެލައިގެން ޤައުމުގެ މިނިވަންކަން ގަނެލުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ފަސޭހައިން ލިބިގެންދާނެ ކަމެވެ.

މި ހުރިހާ ސަބަބުތަކަށް ބަލާއިރު، ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން އަމިއްލަފުޅަށް ފައްސަވާ ކޯޓެކެވެ. މިކޯޓުގެ އަގު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުންނެވެ. ވެރިކަމަށް ވަޑައިގެން އެ ކޯޓު ތުރުކުރައްވައިގެން ދެން ދައްކަވާނީ ޑެންމާކުގައި ދެއްކެވި ކަހަލަ ރާއްޖެއަށް "އޯލްޓަނޭޓިވް ނެރޭޓިވް"އެއް ބޭނުންވާ ވާހަކަ ކަހަލަ ވާހަކައެވެ. އިރުއިރުކޮޅާ އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ ކުންފުނިތަކަށް ދިވެހި އެއާޕޯޓާއި، ފެން ކުންފުންޏާއި، ދިރާގާއި، ވެމްކޯ އާއި، އެމް.ޓީ.ސީ.ސީ އާއި، ބޭންކް އޮފް މޯލްޑިވްސް ފަދަ ތަންތަން ވިއްކާލައްވާނެ އެވެ.

ރައީސް ނަޝީދަކީ އިދިކޮޅުގައި ހުންނަވާއިރު ވަރަށް ރިވެތި ވާހަކަ ދައްކަވާފައި، ބާރުތައް ލިބިވަޑައިގަތުމުން ވަރަށް ޚުދުމުހުތާރު، އަމިއްލަ އެދުން އިސް ކުރައްވާ ވެރިއެއްކަން ތާރީހުން ފެނިގެން ގޮސްފައި ވެއެވެ. ވަރަށް ހިތްތިރި ބޭފުޅެއްކަން ދައްކަވަން ކަންމަތީ ކަޑަތަކުން އެއްޗެއް ކަޅެއް ފަރީއްކުޅުއްވައިގެން، ގޭގެއަށް ވަންނަވައި ހަނޑޫ ފުނޑުއްވައި، މޮޕުޖައްސަވައި، ބަދިގެތެރޭގައި ހަނޑޫ ލޯތަށި އުފުއްލަވައި، ކުދިން އުރުއްވައި، ނިކަމެތިންގެ ސުފުރާމަތިން ގަރުދިޔައާއި ބަތް ފަރިއްކުޅުއްވިއަސް، ނަޝީދުގެ ލިއުންތައް ކިޔާ ދިރާސާ ކޮށްލުމުން ހާމަވާ ހަޤީގަތަކީ ނަޝީދަކީ މާލޭގެ އަދި ރާއްޖެތެރޭގެ ވެސް ބޭފުޅު އާއިލާތަކަށް ވަރަށް ސަނާ ވިދާޅުވާ، "ބޭފުޅިޒަމްގެ ބޭފުޅެއް" ކަމެވެ.

ޕާޓީ ސިސްޓަމާއި، ލޯކަލް ގަވަނެންސް އާއި، ބަރުލަމާނީ ނިޒާމާ އެކު ދިވެހީންގެ މަޑުމައިތިރި ސިޔާސީ ނިޒާމް އެ ފުށްމިފުށަށް ޖައްސަވައި ގަޑުބަޑު ކުރެއްވުމުގައި ރައީސް ނަޝީދާ އެކު، މި ދިގު ދަތުރުގައި ރައީސް ސޯލިހާއި އެމް.ޑީ.ޕީއަކީ ވެސް ހަމަ ފުރިހަމަ ބައިވެރީންނެވެ. މިވަގުތު ސިޔާސީ ގޮތުން ސޯލިހާއި ނަޝީދު ދެފަޅީގައި ތިއްބެވިއަސް ޑރ. މުހައްމަދު މުއިޒަށް 2023 ގެ ރިއާސީ އިންތިހާބު ކާމިޔާބު ވެވަޑައިގަތުމާއެކު ރައީސް ސޯލިހާއި ރައީސް ނަަޝީދު، އިންޑިއާގެ އެހީގައި، ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީކޮށް، ޑރ. މުއިއްޒު ބާކީކޮށްލަން އެކުގައި ފޫގަޅުއްވާނެއެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތުންވެސް އިބޫ ސޯލިހާއި، އެމްޑީ.ޕީ އާއި، ނަޝީދާއި، އިންޑިއާ ބޭނުންވަނީ މި ޤައުމުގެ ބާރުތަކެވެ. މިޤައުމުގެ ރައްޔިތުން ކުޑަކަކޫ މައްޗަށް ތިރިކުރާށެވެ. މި ހުރިހާ ކަމެއްގެ ހަޤީޤީ އާރުކާޓީ އަކީ ހަމަ އިންޑިއާ އެވެ.

އިބޫ ސޯލިހާއި، ނަަޝީދާއި، އިންޑިއާ އަކީ ވަކި ނުކުރެވޭ ވަރަށް ގުޅި ލާމެހިފައިވާ ތިން ފަރާތެވެ. މިއިން އެއްވެސް ފަރާތަކުން ދިވެހި ރައްޔިތުންނަށް، އަދި ދިވެހި ޤައުމަށް ވެސް ދީފާނެ ފައިދާއެއް އޮވެދާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. މި މަހު 30ގައި ރައްޔިތުންގެ ތާއީދު އޮތް ފަރާތެއް ކަނޑައަޅަން ޖެހެނީ މިކަން ދެނެތިބެއެވެ. ޤައުމާއި ރައްޔިތުންގެ ސަލާމަތް ގުޅިފައިވަނީ މިކަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
61

2 Responses

  1. މީ ހަމަ ސަތޭކައިގެ ލިޔުއްވުމެއް. ކިޔައިލީމާ މަންޒަރުތައް ލޯކުރިމަތިން ސިފަވެގެންދިޔަ. މިފަދަ ލިޔުއްވުންތައް އިތުރުވާން އެބަޖެހޭ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ. ނުބައިވެގެންވާ ޣައްދާރުންގެ ވަކިތަކުން މިޤައުމު ސަލާމަތް ކުރައްވާންދޭވެ. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *