Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް އަދި އޭގެ އުނދަގޫތައް

ނޯޓެއް:

"ޑރ. ޝާފިޔާގެ ފޮޅުވަތް" މި ސިލްސިލާގެ ލިޔުންކޮޅުތައް ހުށަހަޅަން މި ގަސްދުކުރަނީ ދިވެހިރާއްޖޭގައި މިހާރު އާންމުވަމުންދާ އެހީތެރިކަން ބޭނުންވާ ހާލަތަކާ ބެހޭގޮތުންނެވެ. މިގޮތުން ކޮންމެ ހަފުތާއެއްގައި ވެސް އަޅުގަނޑުގެ ލިޔުންކޮޅު އަމާޒުކޮށްލާނީ އޯޓިޒަމާ ބެހޭގޮތުންނެވެ. ބޭނުމަކީ އޯޓިޒަމް ފަދަ ގޮންޖެހުންތަކާއެކު ދިރިއުޅެމުން އަންނަ ކުދިންނާއި އަދި އެ ކުދިން ބަލަހައްޓާ ބެލެނިވެރިންނާއި މުދައްރިސުންނަށް އެހީތެރިވެދޭ ކިޔަން ފަސޭހަ ލުއި މަޢުލޫމާތުކޮޅެއް ހުށަހެޅުމެވެ. އަޅުގަނޑަކީ ސީދާ ސައިކޮލޮޖިސްޓެއް ނޫން ނަމަވެސް ތަޢުލީމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ އަދި އެ ދާއިރާގެ ދިރާސާތަކާއި ލިޔުންތަކާއި އަދި ލިޓްރެޗަރތައް ވަރަށް ގިނައިން ކިޔައި މަޢުލޫމާތު އެއްކުރާ މީހަކީމެވެ. މިކަމަކީ ދަރުމަވެރި މަސައްކަތެއް ގޮތަށް އަޅުގަނޑުމެންގެ މުޖުތަމަޢަށް ބޭނުންވާ މުހިންމު ކަމަކަށް އެހީތެރިވެދިނުމުގެ ގޮތުން އެކުލަވާ ލިޔުންކޮޅުތަކެކެވެ. ޝުކުރިއްޔާ!

އޯޓިޒަމަކީ ކޮބާ؟

އެންމެ ފުރަތަމަ ވެސް ބަލާލުން މުހިންމު ވަނީ އޯޓިޒަމަކީ ކޮބައިތޯ އެވެ؟ މި ސުވާލުގެ ޖަވާބު ކުރުކޮށް ނަމަވެސް ހިމަނާލުމަށްފަހު މިއަދުގެ ފޮޅުވަތުގައި އޭގެ ބައެއް ޢަލާމާތްތަކާ ބެހޭގޮތުން ކުރު ތަޢާރަފެއް ވެސް ލިޔެލާނަމެވެ.

އޯޓިޒަމަކީ ކުޑަކުދިން ވަރަށް ޅަ ޢުމުރުގައި ފާހަގަކުރެވެން ފަށާ އުނދަގޫ ދަތިތަކަށް ބޭނުންކުރާ ބަހެކެވެ. މި މަފުހޫމު ބޭނުންކުރެވެނީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް މިގޮތަށެވެ. މި ބަހުގެ މާނަ އެންމެ ތިލަކޮށް ދޭހަކޮށްލާއިރު ފާހަގަކޮށްލެވެނީ އެއީ ކުޑަކުއްޖަކަށް އިޖުތިމާޢީ ވަކި ޙާލަތްތަކެގައި އެކަށީގެންވާ ގޮތެއްގައި މީހުންނާ މުޢާމަލާތުކުރުމުގައި ދިމާވާ ’ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް' ނުވަތަ ސިކުނޑީގެ އިޖުތިމާޢީ މަސައްކަތްތަކަށް ދިމާވާ ދަތިތަކެކެވެ. އާންމުކޮށް މިބާވަތުގެ ދަތިތަކަށް ކުރުކޮށް ކިޔަނީ އޭ.އެސް.ޑީ އެވެ. އެއީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް މި ބަހުގެ އިނގިރޭސިބަހުން ކުރުކޮށް ކިޔާގޮތެވެ. މިކަން ދިމާވުމުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކުއްޖަކަށް ކޮންމެ ދުވަހެއްގެ އޭނާގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި އާންމު ދިރިއުޅުމުގައި ބޭނުންވާ ހުނަރުތައް ދަސްކުރަން އުނދަގޫވެއެވެ. ހަމަ އެހެންމެ ކުއްޖާގެ ސުލޫކާއި މުވާސަލާތާއި އިޖުތިމާއީ ކަންކަމުގައި، ޚާއްޞަކޮށް އިޖުތިމާއީ-ޖަޒުބާތީ ހުނަރުތައް ނަގައިގަނެ ދޭހަވުމުގެ ގާބިލްކަމަށް ވެސް އަސަރު ފޯރައެވެ. އެހެންކަމުން އޯޓިޒަމްގެ މިފަދަ ދަތިތައް ދިމާވެފައިވާ ކުދިންގެ އިޖުތިމާއީ ހުނަރުތައް ކުރިއެރުމަށް ހުރަސްއެޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އޭ.އެސް.ޑީ އަކީ ސީދާ ކުދިންގެ ސިކުނޑީގެ މަސައްކަތްތަކަށް ދިމާވާ ކަމަކަށް ވާތީ މިކަން އެއްކޮށް ރަނގަޅުކޮށް ފަރުވާދެވޭނެ ގޮތް އަދި ހޯދިފައެއް ނުވެއެވެ. އޭ.އެސް.ޑީ އަކީ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސްގެ ސަބަބުން ދިމާވާ ކަމެކެވެ. މާނައަކީ އެއީ ސިކުނޑީގެ މަސައްކަތްކުރާ ގޮތަށް އަސަރު ފޯރުވައި، ނިއުރޯލޮޖިކަލް ޑިވެލޮޕްމަންޓަށް ބަދަލު ގެނުވައި، އިޖުތިމާޢީ، ކޮގްނިޓިވް، އަދި އިމޯޝަނަލް މަސައްކަތްތަކަށް (ފަންކްޝަންތަކަށް) ދިމާވާ ދަތިތަކަކުން ކުރިމަތިވާ އުނދަގޫ ހާލަތްތަކެކެވެ.

ތިރީގައި މިވަނީ އޭ.އެސް.ޑީ ހުންނަ ކުދިންގެ ކިބައިން ފާހަގަކުރެވޭ ބައެއް ނިޝާންތަކާއި އަލާމާތްތަކެވެ. އެންމެ އާންމުކޮށް ފެންނަ ކަންކަން ދެވިފައިވާ ތަސްވީރުގައިވެސް ހިމަނާލެވިފައި އެވަނީއެވެ.

  1. ސީދާ ލޮލަށް ބެލުން (އައިކޮންޓެކްޓް) މަދުވުމާއި މޫނުމަތީގެ އާންމު އެކްސްޕްރެޝަން (އިހުސާސްތައް) ކުޑަވުން
  2. ނަން ދެނެގަނެ އެއަށް ގޮވާލުމުން އިޖާބަދޭން އުދަނގޫވުން
  3. އެހެންމީހުންނާ ވަކިން އެކަނި ތަންތާނގައި އިނުމަށް އިސްކަންދިނުން
  4. މީހުންނާ ބައްދާލުން (ހަގު) ފަދަ ގައިގޯޅިވުމަށް ދެކޮޅުހެދުން
  5. ވާހަކަ ދެއްކުމުގެ ގާބިލްކަން ތަރައްޤީވުން ލަސްވުން
  6. އަމިއްލައަށް ވާހަކަ ފެށުމާއި އެހެން މީހުންނާ މުޢާމަލާތްކުރުމުގައި އުނދަގޫވުން
  7. ބައެއް ފަހަރު ވާހަކަ ދައްކާއިރު އާދަޔާ ހިލާފު ރާގެއް، ރޮބޮޓެއް ފަދައިން ވާހަކަ ދެއްކުން ނުވަތަ ލަވައެއްގެ ރާގަށް ވާހަކަ ދެއްކުން
  8. އަމިއްލަ ޚިޔާލު ފާޅުކުރުމާއި މީހުންގެ އިޙްސާސްތައް ވިސްނައިގަތުމަށް ނުކުޅެދުންތެރިވުން
  9. އާންމުކޮށް ވާހަކަ ދައްކާއިރު ބޭނުންކުރާ ބަސްކޮށާރާއި، ޢިބާރާތްތަކާއި، ޖުމްލަތަކާއި، ސުވާލުތައް، ވިސްނުމަށް އުދަނގޫވުމާއެކު ކޮގްނިޓިވް (ވިސްނުމުގެ) ފަސޭހަކަން ކުޑަވުން
  10. ލޮޅުން، އެނބުރުން، ނުވަތަ އަތް ޖަހާލުން ފަދަ ހަރަކާތްތައް ތަކުރާރުކުރުން
  11. ކޯޑިނޭޝަން އަށް ދިމާވާ މައްސަލަތައް، މިސާލަކަށް ފައިގެ އިނގިލި ޖައްސައިގެން ހިނގުމާއި ހަށިގަނޑު ހަރު (ސްޓިފް) ވުން ފަދަ މައްސަލަތައް
  12. އައްޔާއި އަޑުގެ އެކި ލެވެލް/ ދަރަޖަ/ ރިދަމްތައް މާބޮޑަށް އިހުސާސްވުން (ސެންސިޓިވްވުން)
  13. ވަކި ޚާއްޞަ ކާނާތަކަކަށް ލޯބިކުރުން

މިއީ ދުނިޔޭގައިވެސް އަދި ދިވެހިރާއްޖޭގައިވެސް މިހާރު ވަރަށް ބޮޑަށް އާންމުކޮށް ފެންނަ ކުދިންނަށް ދިމާވާ އުނދަގޫ ހާލަތަކެވެ. ބައެއް ލިޔުންތެރިން މިއީ ބައްޔެއް ގޮތަށް ސިފަކުރި ނަމަވެސް ޙަޤީޤަތުގައި ބޭސްތަކަކުން މިކަން އެކީ އެކައްޗަކަށް ފަސޭހަ ނުކުރެވެއެވެ. އެހެންކަމުން ގިނަ ޢިލުމުވެރިން މިކަން މާނަކުރަނީ އުނދަގޫ ހާލަތްތަކެއްގެ ގޮތަށެވެ. މާނައަކީ ބަލީގެ ސީދާ ފަރުވާ ހޯދުމަށްވުރެ އެ ހާލަތްތައް މެނޭޖް/ތަންޒީމުކުރެވިއްޖެނަމަ ކުއްޖާގެ އާންމު ދިރިއުޅުން ހަމަޖެއްސުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވުމެވެ.

މިކަމަކީ ސީދާ ސިކުނޑީގެ މަސައްކަތްތަކަށް ދިމާވެފައިވާ ކަމަކަށްވާ ހިނދު އަޅުގަނޑުގެ ވިސްނުން ބޮޑަށް ބުރަވަނީ މިއީ ދުރާލާ ޑައިގްނޯސްކުރެވި ކުއްޖާއަށް ދޭންވާ އެހީތެރިކަމާއެކު ދެވޭ ފަރުވާއެއްގެ ގޮތުގައެވެ. މި ކަމަކީ ކުއްޖާ ބަލަހައްޓާ މީހުން، ޚާއްޞަކޮށް މުދައްރިސުންނާއި ބެލެނިވެރިން އިތުރު ސަމާލުކަމާއެކު އެ ކުދިންނަކީ މުޖުތަމަޢުގެ އެހެންވެސް ފަރުދުން ފަދައިން ދިރިއުޅުން ހަމަޖެއްސޭނެ ބަޔަކަށް ހެދުމަށެވެ.

އެމެރިކާގެ އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސެބިލިޓީސް މޮނިޓަރިން ނެޓްވޯކުން ދާދި ފަހުން ހާމަކުރި ދިރާސީ ރިޕޯޓްގައި ވާގޮތުގައި ކޮންމެ 54 ކުއްޖަކުން ގާތްގަނޑަކަށް އެއް ކުއްޖެއްގެ ކިބައިގައި އޭ.އެސް.ޑީގެ ޢަލާމާތްތައް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އެ ލިޔުމުގައި އިޝާރާތްކޮށްފައިވަނީ މިއީ 2000ގެ އަހަރުތަކުގައި 150 ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ފާހަގަކުރެވެމުން އައި ނަތީޖާ އަށް މިހާރު އައިސްފައިވާ ބަދަލުކަމަށެވެ. މާނައަކީ މިކަމަކީ ދުނިޔޭގައި ވަރަށް ބޮޑަށް ހަލުވިކަމާއެކު ގިނަވަމުންދާ ބާވަތެއްކަން ފާހަގަކުރެވުމެވެ.

އެ ލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންގެ ކިބައިން އޭ.އެސް.ޑީގެ ޢަލާމާތްތައް ފެންނަ މިންވަރު އިތުރެވެ. ދިވެހިރާއްޖޭގައި މިފަދަ ކުދިންގެ ދަފުތަރެއް ތަންޒީމީ ގޮތަކަށް ތަރުތީބުކުރެވިފައެއް ނެތެވެ. އަދި އެފަދަ ކަންކަމާ ގުޅޭ ދިރާސާތައް ހެދި މަޢުލޫމާތުތައް ޝާއިޢުކުރެވޭލެއް ވެސް އެހާމެ މަދެވެ. ނަމަވެސް މިކަމަކީ ތަޢުލީމާއި ޞިއްޙީ ނިޒާމުގެ މަސައްކަތްތައް ދުރާލާ ރޭވުމަށް ނުހަނު ބޭނުންތެރި، ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.

އަޅުގަނޑުގެ އުއްމީދަކީ މިއަދު މި ހިމަނާލެވުނު ލިޔުންކޮޅަކީ ވެސް މި ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެންމެނާއި، ޚާއްޞަކޮށް ބެލެނިވެރިންނާއި އަދި އެހެނިހެން މަސްލަހަތްތެރިންނަށް ވެސް އިތުރަށް ފިކުރު ހިންގާލުމަށް އެހީތެރިވެދިން މުހިންމު މަޢުލޫމާތުކޮޅަކަށް ވުމެވެ.

ހަވާލާދޭ ފަރާތްތައް

ބައެއް މަޢުލޫމާތުތައް ނެގިފައިވަނީ ސީޑީއެސް (ސެންޓަރ ފޮރ ޑިސީސްކޮންޓްރޯލް އެންޑް ޕްރިވެންޝަން) ވެބްސައިޓުންނެވެ. ތިރީގައި އެ ވެބްސައިޓްގެ ލިންކް ދެވިފައި އެވަނީ އެވެ. https://www.cdc.gov/ncbddd/autism/signs.html