Support Us

ކޮލަމް: ގުންޑޮޅި

ކޮލަމް ގުންޑޮޅި: އެ ސަރުކާރަކުން ކެނޑި ކަނޑުލެއްގެ ހިތި ފިލުވާނީވެސް އެ ސަރުކާރަކުންނެވެ.

މިއީ ދިވެހިރާއްޖެއެވެ. އެންމެހާ ދިވެހި ރައްޔިތުންގެ ރާއްޖެއެވެ. މިނިވަން މުސްތަޤިއްލު ވެރިކަމެއްކުރާ ދިވެހި ޤައުމެވެ. މިޤައުމުގެ ރައްވެހިންނަށް ކަންކަން ފަހިކޮށްދީ އަމާންކަމާއި އުފާފާގަތިކަމުގައި އުޅެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް، ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްގޮތަށް މިޤައުމު ހިންގުމަށްވެސް ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ޤައުމު ހިންގުމުގެ ހުންގާނު ރައީސަކަށް ލިބިދޭއިރު ޤާނޫނީގޮތުން ވަރަށް ގިނަ އިޚްތިޔާރުތަކާއި ބާރުތަކެއް ލިބޭން ޖެހޭކަމުން އެފަދަ އިޚްތިޔާރުތަކާއި ބާރުތަށް ޤާނޫނުން ވަނީ ރައީސަކަށް ލިބިދީފައެވެ.

ޤާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ހ)ގައި ލިޔެފައިވަނީ "ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ، އަދި، މި ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމެއް ނުފުރޭނެއެވެ." ކަން މިހެން އޮތްއިރު، ވެރިކަމުގެ ދައުރެއްގެ މުއްދަތަކީ ފަސްއަހަރުގެ ދައުރެއް ކަމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިއާޔަތްކޮށް ވެރިކަމުގެ ނިންމުންތަކާއި ކަންކަން އެ މުއްދަތަކަށް "ފިޓް"ކޮށްލުމަކީ ކުރެވިދާނެ އަދި ރަނގަޅު ކަމެއްކަމުގައި ހީވެއެވެ. ވެރިކަމުގެ އާރާއި ބާރުތައް، ރައީސަކަށް ޤާނޫނުން ލިބިދޭ އިޚްތިޔާރާއި ބާރުތަށް، އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި އަދި އެންމެހާ ރައްޔިތުންގެ ޙައްޤަށް އިޙްތިރާމް ކުރެވިދާނޭ ގޮތުގެ މަތިން މަހުދޫދު ކުރެވޭ ގޮތަކަށް ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން އެގޮތަށް އޮތުމަކީ ރަނގަޅު ކަމެއްކަމުގައި ފެނެއެވެ.

ވަޒީފާ އުފެއްދުމާއި ސިޔާސީ މަޤާމުތަކަށް މީހުން "އެޕޮއިންޓް" ކުރުމުގައިވެސް އެއްވެސް ހައްދެއް ހުދޫދެއް ނެތި ހަމަ ވެރިމީހާ ބޭނުންވާ އިރަށް ބޭނުން ޢަދަދަކަށް މީހުންނަށް ވަޒީފާ ދިނުންވެސް ޤާނޫނުގައި "އިންތަކާއި މިންތަކެއް" ކަނޑައެޅިފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެވޭ އިހާނެތިކަމަކަށް ނުވާނެއެވެ. އެދި އެކަން އެގޮތަށް އޮންނަ ނަމަ ތަހްޒީބުގެ މި ޒަމާނުގައި ދިއްކުރާ ތުހުމަތުގެ އިނގިލިތަކުން ސަލާމަތްވެވޭނެއެވެ. ލޯއަޅާ އަދި ފާރަވެރިވާ ނޫސްތަކުގެ ފަލަ ސުރުހީތަކުން ރެކެވި އެއްވެސް ކަމެއްގައި އަމިއްލަގޮތެއް ހަދައިފިޔޭ ބުނެވުމުގެ ޖާގަ ނުދެވުނީއެވެ. ޤާނޫނާ ޚިލާފުވެއްޖެއޭ ނުވަތަ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެއްޖެއޭ ބުނުމުގެ ދޮރުތައް ބަންދުކުރެވުނީއެވެ. ކަނޑައެޅިފައިވާ ވަކި ހައްދެއް އޮތުމަކީ، ހައްދުގެ ތެރޭގައި ހުރުމަށް ލިބޭ ބާރެކެވެ. ޙައްދުން ބޭރުވުމުން ޤާނޫނު އަރާ ހަމަކުރާނީ އޭރުންނެވެ.
ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ޤާނޫނު ހެދުމުގެ އިތުރުން ޤާނޫނަކަށް ބަދަލު ގެނައުމާއި ނުވަތަ ޤާނޫނެއް ބާތިލުކުރުމުގެ ބާރުވެސް ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެށ. ގެ 2 އިން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެވެ. އެ މަޖިލީހަށް މެންބަރުން ކަނޑައަޅަނީ މުޅި ރާއްޖެ ޝާމިލުވާހެން، ރާއްޖޭގެ އެކިއެކި ދާއިރާތަކުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވިގެނެވެ. ރައްޔިތުންގެ މަންދޫބުންނަކީ އެންމެހާ ރައްޔިތުން ތަމްސީލުކުރާ އަދި ރައްޔިތުންގެ ބަސްބުނާ ބަޔަކަށް ވާތީ އެ ފަރާތްތަކަށް ގިނަ އިމްތިޔާޒުތަކަކާއި ރަނގަޅު މުސާރައާއި އިނާޔަތްތަކެއް ދެވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކުރުން ޤާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް މަނާވެއެވެ. ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ މިހިރަ މިހިރަ ކަންކަން ދެނެގަނެ އިސްލާހުކޮށް، ޤައުމު ހަމަމަގުން ހިންގުމަށް މަގުދައްކާ އެންމެ މުޙިއްމު އެއް ބާރެވެ.

ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ގިނަ ކަންކަން އޮންނަކަން ފާހަގަ ކުރަމެވެ. އެއީ އެންމެ އެދެވޭ ގޮތްވެސްމެއެވެ. ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށްވާއިރު އަދި އެސަރުކާރެއްގެ މުއްދަތު ކަނޑައެޅިފައި ވާއިރު، އެ މުއްދަތާއި ކުރާ އަދި ކުރެވޭ ކަންކަމާއި ގުޅުވާލެވޭން ޖެހޭނެ ކަމުގައި ދެކެމެވެ. އެހެން ނޫންނަމަ އޭގެ ގެއްލުމާއި ތަކްލީފާއި ކުރިމަތިވާނީ މުޅި ދިވެހި އުއްމަތަށެވެ. ދަތި އުނދަގުލާ ކުރިމަތި ލާން ޖެހޭނީ ދެން އަންނަ ސަރުކާރަކަށެވެ. ކަން މިހެން އޮތްކަމުން، މިފަދަ ކަންކަން އިސްލާހުކޮށް ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދާ ދޭންޖެހެއެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ހަމަ ރައްޔިތުންގެ މަޖިލީހަށެވެ.

ސަރުކާރުން "ލޯނު" ނެގުމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާ ގޮތަށް ޤާނޫނަކުން ކަނޑައެޅިދާނެއެވެ. އެގޮތަށް ނަގަން ބޭނުންވާ ލޯނެއްގެ ކުޑަ ބޮޑުމިނާއި ލޯނާއި ގުޅޭ ފުރިހަމަ ތަފްސީލާއެކު މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން އެ ހުށަހެޅުމަށް ބަހުސްކޮށް އަގުލަބިއްޔަތުން ފާސްކޮށްގެން ނޫންގޮތަކަށް ލޯނު ނުނެގޭ ގޮތަށް އޮތުމަކީ ދަރަނީގެ ދަންތުރައިން ސަލާމަތްވުމަށް ލިބިދާނެ ޙައްލެކެވެ. ކޮރަޕްޝަނުގެ ދޮރުތަށް ލެއްޕުމަށްވެސް ލިބޭނެ ބާރެކެވެ. މިނެއް ހަމައެއްނެތި ހަމަ ބޭނުންވާއިރަށް ބޭނުންވާ މިންވަރެއްގެ ލޯނު ނެގޭނަމަ އަދި އާޚިރު ނަތީޖާއަކީ ދަރަނިތައއ ބޮޑުވުން ކަމުގައި ވެފައި އޭގެ ޒިންމާ ނަގާން ފަހުގެ ޖީލަށް ޖެހުމަކީ އިންސާފުވެރި ގޮތެއްވެސް ނޫނެވެ. ކަމެއް ކުރާ ބަޔަކު އެކަމަކަށް ޒިންމާވުމަކީ ނުވަތަ ޒިންމާ ކުރުވުމަކީ އެންމެ ރަނގަޅުގޮތެވެ. އެބައެއް ކެނޑި ކަނޑުލެއްގެ ހިތި ފިލުވާނީ އެބައެކޭ ބުނާ އުސޫލުންނެވެ.

ސަރުކާރަކުން މަޝްރޫއެއް ހިންގުމަށް ލޯނެއް ނަގާކަމުގައި ވާނަމަ، އެ ލޯނެއް ދައްކާ ޚަލާސް ކުރުމަކީ އެ ސަރުކާރެއްގެ ދައުރުގެ ޒިންމާއެއް ކަމުގައި ޤާނޫނަކުން ކަނޑައަޅާންވީއެވެ. އޭރުން އެ ސަރުކާރަކުން ނަގާ ލޯނެއްވެސް ނަގާނީ ދެއްކޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާ އެގޮތުގެ މަތިންނެވެ. ލޯނާމެދު ޢަމަލުކުރާނެ ގޮތްތައް އެ ޤާނޫނުގައި ކަނޑައަޅާނީއެވެ. ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާ ކުރުވޭނީ އޭރުންނެވެ. ނޫންނަމަ މީނޫންވެސް ވަކި މުއްދަތަކާއި، ލޯނެއްގެ ކުޑަ ބޮޑުމިނަށް ބަލާ ރަނގަޅު އުސޫލުތަކެއް ކަނޑައަޅާ ފާސްކުރެވިދާނެއެވެ. މިކަންވެސް ކުރެވޭނީ ހަމަ ރައްޔިތުންގެ މަޖިލީހަށެވެ.

ހަމަ އެހެންމެ، ސަރުކާރަކުން ބޭރުގެ އެއްވެސް ފަރާތަކާ ދެމެދު މިރާއްޖޭގެ ދާޚިލީ ކަމަކާ ގުޅޭކަމެއްގައި ހެދޭ އެއްބަސްވުމެއްގެ މުއްދަތު ކަމުގައި ހަދާން ޖެހޭނީވެސް ގިނަވެގެން އެ ސަރުކާރެއްގެ ވެރިކަމުގެ ދައުރެއްގެ މުއްދަތަށެވެ. އެފަދަ އެއްބަސްވުމެއްގައި، ވަކި މާއްދާއެއްގެ ގޮތުގައި އެއްބަސްވުން އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި ދެފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު އޮތް ކަމާއި، އެއްބަސްވުމުގެ ބައިވެރިވާ ފަރާތަށް އިސްކަންދޭން އެ މާއްދާގައި ލިޔެފައި ބޭއްވިދާނެއެވެ. އޭރުން ދެން އަންނަ ސަރުކާރަކުންވެސް އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ މިރާއްޖެއަށް ފައިދާ ކުރާގޮތަށް ކަންކަން ގޮސްފައިވާ ކަމުގައި ވާނަމަ، އެފަދަ އެއްބަސްވުމެއް އައުކޮށް އިތުރު މުއްދަތެއް ނުދީ ނުދާނެކަން ގައިމެވެ. މިފަދަ ކަންކަމުގައިވެސް ސިދާ ގޮތެއް ނިންމުމުގައި ރައްޔިތުންގެ މަންދޫބުންގެ ލަފާ ހޯދާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރަން ޖެހޭގޮތަށްވެސް ހެދިދާނެއެވެ.

މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާގެ ފ.ގެ 1 ގައި ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢަހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްޒާމެއް އުފުލާން ނުޖެހޭ ބާވަތުގެ ޢާއްމު އެއްބަސްވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ވެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ރައްޔިތުން އެއްވެސް އިލްޒާމެއް އުފުލާން ޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މެނުވީ ސޮއިކޮށް ތަޞްދީޤްކުރެވިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅަންވާނެ ކަމަށް ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ.ގައި ލިޔެފައިވެއެވެ. މިކަންކަމުންވެސް އެނގިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ބަސް މުޙިއްމުކަމެވެ.

ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށްވެސް ދެވޭނީ އެންމެ ގިނަވެގެން، ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށް ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ށ. ގައި ލިޔެފައި އެ އޮތް މުއްދަތަކީ ހާދަ ދިގު މުއްދަތެކެވެ. ވިސްނާ ފިކުރު ހިންގާލަން ފެނެއެވެ. ސަރުކާރެއްގެ މުއްދަތު ފަސް އަހަރުގެ ދައުރެކެވެ. ސަރުކާރަކުން ނިންމާ ނިންމުންތަށް ޤަރުނަކަށް ދެމިގެންދާނަމަ ދެކޮޅުޖެހޭބާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސްޢޫލިއްޔަތަކީ ކަންކަން އިސްލާހު ކުރުމަށް ޤާނޫނުތައް ހެދުމެވެ. ޤާނޫނަށް ބަދަލު ގެނައުމެވެ. ވަކި ފަރާތަކަށް މަންފާވާގޮތަށް ނުވަތަ ނާޖާއިޒު ފައިދާއެއް ވާގޮތަށް ހުންނަ ކަންކަމަށް ބަދަލު ގެނެވޭނީ ހަމަ ރައްޔިތުންގެ މަޖިލީހަށެވެ. ޤާނޫނުގައި ހުންނަ "ލޫޕް ހޯލް" ނަހަމަގޮތުގައި ބޭނުން ކުރާ ނަމަ، އެކަންވެސް ހުއްޓުވޭނީ ހަމަ ރައްޔިތުންގެ މަޖިލީހަށެވެ. ޤައުމުގައި ހުރި އަސްލު މައްސަލަތަކާއި ކަންބޮޑުވުންތަކަށް އެކަށޭނަ ހައްލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އިޚްލާސްތެރި ވާންވީ ރައްޔިތުންގެ ޙައްޤުގައި ދިވެހި ޤައުމަށެވެ. ރައްޔިތުން މަތިކުރި ޒިންމާ ރަނގަޅަށް އަދާކޮށްފި ކަމުގައި ވާނަމަ މިހިރަ މިހިރަ ކަންކަން ޙައްލުވާނެ މަގުތައް ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހޯދޭނެއެވެ.