Support Us

އަމިއްލައަށް މަރުވުމުގެ ރޯގާ

"އަހުރެން މި ދުނިޔޭގައި އުޅޭކަށް ބޭނުމެއްނޫނެވެ. މަށަކީ އިންސާނެއްނޫނެވެ. މަށަކީ އެއްވެސް އެއްޗެއް ނޫނެވެ. މަގޭ ބައްޕަ މަށަށް ހާނީއްކަ ކުރެއެވެ. މަށަކީ އިންސާނެއް ކަމަކަށް ނުދެކެއެވެ. ގެއަށް އަންނައިރަށް މަންމަ މަށާ ދިމާއަށް އެއްޗެހި ގޮވައިގަނެއެވެ. މި ގެއަށް ނާންނަން ކިތަންމެ ފަހަރަކު މަންމަ ބުންޏެވެ. އެތައްފަހަރަކު ފިލައިގެންދާން ވިސްނީމެވެ. ނަމަވެސް އާހު! ކޮންތާކަށް ހެއްޔެވެ؟ މަށަކީ ހާދަ ބަދުނަސީބު މީހެކެވެ. މަށަށް އެއްވެސް ކުރިމަގެއް ނެތެވެ. މަގޭ މާދަމައަކީ ބިރުވެރި ހުވަފެނެކެވެ. މަގޭ މިއަދަކީ ނާމާން ހޮހަޅައެކެވެ."

މިއީ ރަޝިޔާގެ 15 އަހަރުގެ އަންހެން ކުއްޖަކު ލިޔެފައިވާ ގަނޑެއްގެ ތަންކޮޅެކެވެ. އެއީ ފެންނަފެނުމުގައި އާދައިގެ ކުއްޖެކެވެ. ނަމަވެސް އޭނާގެ ލޮލުން ފެންނަނީ ފުން ހިތާމަތަކެވެ. މި ކުއްޖާ މި ދުނިޔެއިން ފުރޭތޯ އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. އެންމެ ފަހުފަހަރު އެ މަސައްކަތް ކުރީ  ތަދުފިލުވާ ބޭސްތަކެއް ކައިގެންނެވެ. އެހެނަސް ޑަކްޓަރުން އޭނާ ޚާއްޞަ ޢިނާޔަތުގައި ބާއްވައިގެން ފަރުވާދީ ސަލާމަތް ކުރިއެވެ. މާތް ﷲ އޭނާގެ މައްޗަށް ލިޔުއްވައިފައިވާ އަޖަލު ހަމަނުވާތީ ސަލާމަތް ވީއެވެ.

ހުޅަނގުގެ އިޖްތިމާޢީ އަދި ނަފްސާނީ ދިރާސާތައް ބުނާގޮތުގައި ހުޅަނގުގެ ތަހްޒީބީ މުޖްތަމަޢުގައި ފުރާވަރުގެ ޒުވާން ކުދިން އަމިއްލައަށް މަރުވާ ނިސްބަތް ވަރަށް މައްޗެވެ. މި ކަމުގެ ސަބަބަކީ އެ ފިޔަވަހީގައި އެކުދީންގެ ނަފްސާނީ އަދި ޢާޠިފީ ޙާލަތު ބަދަލުވަމުން ފުރޮޅެމުންދާލެއް ހަލުވިކަމެވެ. ރަޝިޔާގައްޔާއި ޔުކްރޭނިޔާގައި ގިނަ ޒުވާނުން އަމިއްލައަށް މަރުވަން އުޅެނީ އެމީހުން އެ ކިޔާ "ސުންޕާ ޢިޝްޤީ ލޯބީ"ގެ ސަބަބުންނެވެ. އެއަށް "ބިލާހީ ލޯތްބޭ" ވެސް ކިއިދާނެއެވެ.

ބައެއް ތަފާސްހިސާބުތައް ބުނާގޮތުގައި ޒުވާނުންގެ ތެރެއިން 68 އިންސައްތަ ކުދިން އުޅެނީ އެކަނިވެރިކަމުގެ ދުނިޔެއެއްގައެވެ. އޭގެތެރެއިން 53 އިންސައްތަ ކުދިން މި ޝުޢޫރުން ސަލާމަތްވުމަށް ޓަކައި "ނުބައި" އެކުވެރީންގެ ގާތަށް ދެއެވެ. އެކުދީންނާއެކު ރާބުއިމާއި މަސްތުވާތަކެތީގެ ދުނިޔެއަށް ވަދެއެވެ. މި ކަމުގެ ތެރޭގައި އެކުދީންނަށް ޤާނޫނާ ޚިލާފު ކުށްކުށަށް އަރައިގަނެވެއެވެ. މި ބިސީގެ ތެރޭގައި ހިމެނޭ އަންހެން ކުދީންގެ 30 އިންސައްތަ އާއި ފިރިހެން ކުދީންގެ 23 އިންސައްތަ ކުދިން އަމިއްލައަށް މަރުވުމާމެދު ވިސްނައެވެ. އަދި 10 އިންސައްތަ ކުދިން މަރުވަން މަސައްކަތް ކުރެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި އަހަރަކު މިލިޔަނަކަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވެއެވެ. މި ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ބުނާގޮތުގައި އަމިއްލައަށް މަރުވަން އުޅޭ ކޮންމެ 20 މީހުންގެ ތެރެއިން މަރާ ހަމައަށް ދެވެނީ އެންމެ މީހަކަށެވެ.

ދުނިޔޭގައި އަމިއްލައަށް މަރުވާ މީހުންގެ ލިސްޓަށް ބަލާއިރު އެންމެ ކުރީގައި އޮތީ ރަޝިޔާއެވެ. ރަޝިޔާގައި އަހަރަކު 60 ހާސް މީހުން އަމިއްލައަށް މަރުވާން މަސައްކަތް ކުރެއެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 2 ލައްކަ 51 ހާސް ކުޑަ ކުދީން އަމިއްލައަށް މަރުވެފައި ވެއެވެ.

އެމެރިކާއަށް ބަލާއިރު ފުރާވަރުގެ ކުދީން އެންމެ ގިނައިން މަރުވާ ބަލިތަކުގެ ތެރޭގައި އަމިއްލައަށް މަރުވުން ވެއެވެ. އެމެރިކާގެ ކަމާބެހޭ ދިރާސަތައް ކުރައްވާ ބާހިސުން ވިދާޅުވާ ގޮތުގައި އެ ޤައުމުގައި އަމިއްލައަށް މަރުވަނީ މި އަންނަ ސަބަބުތަކާ ހެދިއެވެ.

  • ޖިސްމާނީ ވޭނެއް ތަޙައްމުލު ކުރަން ކެތް ނުކެރެވުން
  • ދަތި ޙާލަތަކުން ފިލަން މަސައްކަތް ކުރުން
  • މި ދުނިޔޭގައި ޙާޞިލު ކުރެވޭނެ އުއްމީދެއް ނެތްކަން އެހެން މީހުންނަށް އަންގައި ދިނުން
  • އޭނާއާމެދު އެހެންމީހުން މުޢާމަލާތު ކުރާ ގޮތުގެ ނަތީޖާ އެމީހުންނަށް ދެއްކުން
  • މީހަކު ދެކެ ލޯބިވާކަން ދެއްކުން
  • އެހެންމީހުންގެ ލޯތްބާއި ހަމްދަރްދީ ހޯދުމަށް އޮތް ވަސީލަތަކަށް ވާނެތީ އަމިއްލައަށް މަރުވުން

އަމިއްލައަށް މަރުވާން އުޅޭ ގިނަ ބަޔަކަށް މަރެއް ނުވެވެއެވެ. މި މީހުން ހަސްފަތާލަށް ގެންދެވި ގިނަ ބަޔަކު ސަލާމަތް ކުރެވެއެވެ. މި މަސައްކަތް ކުރާ ޑަކްޓަރަކު ވިދާޅުވިއެވެ. "އެ ތަނަށް ދާން އުޅުނު ޒުވާނަކު އަހުރެމެން މިއަދު ސަލާމަތްކޮށްފީމެވެ. އޭނާ ހުއްދަ ނުހޯދާ އެ ދުނިޔެއަށް ދާން އުޅުނީއެވެ. އޭނާއަށް އެ ނަސީބެއް ނުލިބުނެވެ. އޭނާ އުޅުނީ އޭނާގެ ނަފްސު މަރައިލެވޭތޯއެވެ. މި ކަމުގެ ސަބަބުން އޭނާގެ މައިކަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އޭނާއަށް ދެން ތެދުވެ އުޅެވޭނެހެނެއް ހީއެއް ނުވެއެވެ."

ނަފްސާނީ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އަމިއްލައަށް މަރުވާ ބަލީގެ ވައިރަސް ޚަބަރު ފަތުރާ ވަސީލަތްތަކުންންނާއި ފިލްމީ ދުނިޔެއިން ދުރަށް ދައްކާ މަންޒަރުތަކުން ވަރަށް ބާރަށް ފެތުރެއެވެ. މަޝްހޫރު މީހަކު އަމިއްލައަށް މަރުވެއްޖެނަމަ އެ ވާހަކަ "މޮޅުކޮށްގެން" ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރާ ދުވަސްވަރުގައި  ޒުވާނުން އަމިއްލައަށް މަރުވާލެއް އިތުރުވެއެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި އިންސާނާއަކީ ދުނިޔެ ދެކެ ވަރަށް ލޯބިވާ ދުނިޔޭގެ ޢާޝިޤެކެވެ. ދުނިޔޭގައި މަޖާކުރަންއޭނާ ބޭނުންވެއެވެ. މި އިންސާނާއަށް އެ އުފާ މި ދުނިޔެއިން ނުލިބުނީމާ އަމިއްލައަށް މަރުވަނީއެވެ.

ހުޅަނގުގެ ސަޤާފަތުގައި މާ މާތްކޮށްފައިވާ "އަހަރެން"ނަކީ ވަރަށް ބޮޑު މުޞީބަތެކެވެ. މި "އަހަރެންނަށް" އެކަނިމާއެކަނި ދިރިއެއް ނޫޅެވޭނެއެވެ. މި "އަހަރެންނަށް" އޭނާގެ ނަފްސު މީހުންގެ ކުރިމަތީގައި ސާބިތުކޮށް ނުދެވިއްޖެނަމަ މި "އަހަރެން"ގެ ޒާތު ދެއްކުމަށް ޓަކައި އަމިއްލައަށް މަރުވުމަށް ކުރިމަތިލައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *