Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދެވަނަ ބުރުގައި ޑރ. މުއިއްޒު ކޮންމެހެން ސަމާލުވާންވީ ކަމެއް

އިއްޔެ އޮތް ރިއާސީ އިންތިޙާބުގެ ނަތީޖާއިން ފާހަގަކޮށްލެވުނު އެންމެ މުހިއްމު އެއްކަމަކީ ރައީސް ސޯލިހުގެ އަސްލު މަޤްބޫލް މިންވަރަކީ އިންތިޙާބުގެ ގާތްގަނޑަކަށް 10% ކަމެވެ. ސޯލިހަށް ލިބިވަޑައިގަތީ ވޯޓުގެ 39% ކަމުގައި ވިއަސް، ބިޔަ ސަރުކާރެއްގެ ނުފޫޒާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބާރާއި، ބަހަމުން ދިޔަ ފައިސާއާ ނުލައި، ހަމަހަމަ މައިދާނެއްގައި އިންތިޙާބު އޮތްނަމަ ރައީސް ސޯލިހުގެ ހަޤީޤީ ސައިޒު ނުވަތަ ހަޤީޤީ މަޤްބޫލް މިންވަރު ހަމަ ގައިމުވެސް 10% އަށް ވުރެ ބޮޑުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެެހެން ކަމުން އިއްޔެގެ ނަތީޖާގެ ބޮޑު މަންޒަރަކީ ރައީސް ސޯލިހުގެ ސިޔާސަތުތަކާއި، ސަރުކާރުގެ ކޮރަޕްޝަނާއި، ވަކީން ޙާއްސަކޮށް ސަރުކާރުން އިންޑިއާ އަށް މިޤައުމު އަޅުވެތިކޮށް، ޙާރިޖީ އަދި ދިފާއީ ސިޔާސަތު އިންޑިއާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ގެންދިއުން ދިވެހި ރައްޔިތުން ބަލައި ނުުގަންނަކަމެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ދިވެހި ރައްޔިތުން އެވަނީ ރައީސް ސޯލިހަށް ބޮޑުތަނުން "ނޯ" އޭ ބުނެފައެވެ.

އިންތިޙާބުގެ ދެވަނަ ބުރެއް 30 ސެޕްޓެމްބަރގައި (އަދި ވިއްސަކަށް ދުވަސް ފަހުން) ބޭއްވޭ އިރު، އަނެއްކާވެސް އިތުރު ކޯލިޝަނެއް ހަދައިގެން، ފައިސާ ބަހައިގެން، ސަރުކާރުގެ ނުފޫޒާއި ބާރުގެ އެހީގައި ރައީސް ސޯލިހު ވާދަ ކުރައްވާ އިރު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އިއްޔެ ވޯޓުލާން ނުދާ ހުރިހާ ރައްޔިތުންވެސް މިކަމާ ވިސްނައި އިންޑިއާގެ އަޅުވެތިކަމުންނާއި، ނުފޫޒުން މިޤައުމު ސަލާމަތް ކުރަން ޖެހެއެވެ. މިސަރުކާރުގެ ބާހާއި އަމަލަށް ބަލާއިރު މިއީ މިދިވެހި ޤައުމަށް ވެސް އަދި ދިވެހީންގެ ދީނަށް ވެސް ހެވެއް ނެތް ވެރިކަމެއްކަން ވަރަށް ސާފެވެ. ދެވަނަ ދައުރެއް ދީފިނަމަ މިޤައުމު ދެން އަނބުރާ ދިވެހި ރައްޔިތުންނަކަށް ނުލިބޭނެކަން ކަށަވަރެވެ.

އިއްޔެގެ ނަތީޖާއިން ފާހަގަ ކުރެވުނު އަނެއް ކަމަކީ ގާތްގަނޑަކަށް ދެލައްކަ ވިހި ހާސް މީހުން ވޯޓުލީ އިރު އެއްލައްކަ އަށް ވުރެ ގިނަ ވޯޓު ޑރ. މުއިއްޒަށް ލިބިވަޑައިގަތުމަކީ ގާތްގަނޑަކަށް އެއްބުރުން ހޮވުމެވެ. ނުވަތަ، އެއްބުރުން ނުހޮވުނީ ހަމަ ކިރިޔާ އެވެ. ދެވަނަ ބުރެއްގައި ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ތާއިދު ރައީސް ސޯލިހު ހޯއްދަވައި، އެ ދެ ޕާޓީއާ އެކު ކޯލިޝަން ހެއްދެވިއަސް، އިއްޔެގެ ނަތީޖާ ދައްކާ ގޮތުން ދެވަނަ ބުރެއްގައި ވެސް އެންމެ ގިނަވިއަސް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ 45% ވަރެވެ. އެހެން ކަމުން ދެވަނަ ބުރެއްގައި ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އާއި ނުލައިވެސް ޑރ. މުއިޒަށް ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަކީ ދަތި ކަމަކަށް ނުވާނެއެވެ.

މިއީ، 2023 އަކީ އާފެށުމަކުން ފަށަން ޖެހޭ ފަހަރެކެވެ. އާ، ޒުވާން ޖީލެއް، ދީނާއި ޤައުމަށްޓަކައި މުޅީން އާމޫނުތަކަކާ އެކު ފަށަން ޖެހޭ ވެރިކަމެކެވެ. އެގޮތުން، ވަކީން ޙާއްސަކޮށް އުމަރު ނަސީރާ އެކު ކޯލިޝަން ހަދަން ޖެހެއެވެ. ޖުމްހޫރީ ޕާޓީ އާއި އެމް.އެން.ޕީ ފަދަ ދެ ޕާޓީ ފަހަތަށް ޖައްސާލައި، މާބޮޑު ޙަރަދެއް ނުކުރައްވައި، އުމަރު ނަސީރު ހަމައެކަނި ވިއްކެވީ ދީނާއި ޤައުމުގެ ސިޔާސަތެވެ. އިސްލާމީ އުސޫލާއި، ޝަރީއާ ގެނެސް، ބޭރުގެ ނޭއްގާނި ނުފޫޒުތަކުން ޤައުމު ސަލާމަތް ކުރެއްވުމުގެ ވާހަކައެވެ. ރައްޔިތުން އެވާހަކަތައް ބަލައިގަތުމުގެ ނަތީޖާ އަކީ ޤާސިމާއި ނާޒިމް ފަހަތަށް ޖައްސައި އުމަރު ނަސީރު ހަތަރު ވަނަ ހޯއްދެވުމެވެ. އުމަރު ނަސީރާއި، ކާނަލް ނާޒިމާއި، ފާރިޝް މައުމޫނާ ގުޅިވަޑައިގެން، ކޯލިޝަނެއްގެ ދަށުން ޑރ. މުއިއްޒު ދެވަނަ ބުރެއް ކާމިޔާބު ކުރައްވަން ނިކުންނަވަން ފެނެއެވެ. ޑރ.މުއިއްޒާއި، އުމަރު ނަސީރާއި، ނާޒިމާއި ފާރިޝް އަކީވެސް ވަތަނީ، ދީނާއި ޤައުމު ދެކެ ލޯބިވާ ހަތަރު ބޭފުޅުންނެވެ. ޒުވާން ޖީލެއްގެ ވެރީންނެވެ.

ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ އެކީ ކޯލިޝަނެއް ހަދައިފި ނަމަ އިބޫ ސޯލިހުގެ ވެރިކަމަށް ނަޝީދުގެ ފަރާތުން ކުރިމަތިވި ފަދަ ދަތިތައް ޑރ. މުއިއްޒުއަށް ވެސް ކުރިމަތި ކުރުވާނެކަން ޔަޤީނެވެ. އިބޫ ސޯލިހުގެ ވެރިކަމާއި ދެކޮޅުވުން ފިޔަވަައި ޑރ. މުއިއްޒާއި ނަޝީދާއި ޙިޔާލް އެއްގޮތް އެއްކަމެއް ވެސް ނެތެވެ. ނަޝީދަކީ އިންޑިއާ އަށް ފޭވާ ކުރައްވާ ލީޑަރެކެވެ. ދީނީ ކަންކަމުގައި ވަރަށް އެހެން ކަހަލަ ޙިޔާލް ގެންގުޅުއްވާ ބޭފުޅެކެވެ. އެކްޓިވިސްޓް ސްޓައިލް ކުރިއަށް ނެރުއްވާ ވެރިއެކެވެ. އެހެން ކަމުން ނަޝީދުގެ ޕާޓީއަކާ އެކު ޑރ. މުއިއްޒު ކޯލިޝަން ހައްދަވައިގެން ސަރުކާރުގެ ވިއްސަކަށް ޕަސެންޓު ދަ ޑިމްކޮރެޓްސް އަށް ދީގެން ޑރ. މުއިއްޒުއަށް ހެޔޮ ވެރިކަމެއް ކުރައްވާނެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ޤައުމު ހަލަބޮލިވެ އަނެއް ފަސް އަހަރު ބޭކާރުވުން ނޫންކަމެއް ނުވާނެއެވެ. ކިރިޔާވެސް ސަރުކާރުން ބައެއް ނަޝީދަށް ލިބިވަޑައިގެންފި ނަމަ އަނެއްކާވެސް އެއްކަލަ ބަރުލަމާނީ ވޯޓާއި، އެކްޓިވިސްޓް ވާހަކަތައް ތިލަވެ ސިޔާސީ މަސްރަހުގެ ފޯކަސް އެހެން ދިމާލަކަށް ދީލާލާނެއެވެ. އެހެން ކަމުން ޑރ.މުއްޒު އަށާއި ޕީ.ޕީ.އެމް/ޕީ.އެން.ސީ އަދި މުޅި ދިވެހި ޤައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ޑރ.މުއިއްޒު ދަވަނަ ބުރަކަށް ވަޑައިގަންނަވާ އިރު އުމަރު ނަސީރު، ފާރިސް މައުމޫނު، އަދި ކާނަލް ނާޒިމާއި އެކު ކޯލިޝަން ހައްދަވައިގެން ކުރިއަށް ވަޑައިގަތުމެވެ.

ނަޝީދު ޕާޓީ އަށް ޙާރިޖީ ސިޔާސަތާއި ޑިފެންސް މިނިސްޓްރީ ދީގެން، ޤާސިމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާސްޕޯޓު ދީގެން ފަސް އަހަރުގެ ސިޔާސީ ގަޑުބަޑު ވެރިކަމެއް ކުރެއްވުމަކީ ބޭކާރު ކަމެކެވެ. ބޭނުންވަނީ މި ދިވެހި ޤައުމުގެ ޙާރިޖީ އަދި ދިފާއީ ސިޔާސަތު ދިވެހީންގެ އަތްމައްޗަށް އަނބުރާ ގެނެސް، އިގްތިސޯދީ ގޮތުން ދެކޮޅުޖެހޭ، ދެފުށް ފެންނަ ސިޔާސަތު ތަކެއް ޤާއިމް ކޮށް، ފަސާދަ ނައްތާލައި، ދިވެހީންނަށް ހެޔޮ ވެރިކަމެއް ކޮށް ދިނުމެވެ. އެފަދަ ކުރިމަގަކުން ޤާސިމާއި ނަޝީދަށް ޖާގަ ނިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އާ ޖީލަކަށް، އާމޫނުތަކަކަށް، އާ ވިސްނުން ތަކަކަށް، އާ ކުރިމަގަކަށް ޤައުމު ހޭރިޔާކޮށް، މިސްރާބު ބަދަލުކުރަން ޖެހެއެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12111

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *