ހދ. ހަނިމާދޫގައި ޤާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ.
ހަނިމާދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލެވެ.
ކުރިން ކުޅުދުއްފުށީގައި ހުރި ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދުއަށް ބަދަލުކޮށް، އައު ހެޑްކުއޯޓަރޒް ޤާއިމް ކުރުމަށް ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ވަނީ ހަމަޖައްސައިފައެވެ. ދެ ފޭހަކަށް ބަހާލައިގެން ކުރިއަށްދާ މި ޕްރޮޖެކްޓްގެ މަސައްކަތްތައް ތާވަލް ކުރެވިފައިވާ ގޮތުން، ފޭސް 1 ގެ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
"އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމްކުރާ މި މަރުކަޒުގެ މަސައްކަތްތައް ނިމި، ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒްގެ ދާއިމީ މަރުކަޒަށް ބަދަލުކުރެވުމުން ނޮދަން އޭރިއާ ކޮމާންޑްގެ އަސްކަރީ ޤާބިލްކަށް މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އުތުރުގައި ޤާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ." އެމް.އެން.ޑީ.އެފުން ނެރުނު ބަޔާނެއްގައިވެއެވެ.
"ސިފައިންގެ ހިންގުން ހަރުދަނާ ކުރުމަށް ސިފައިންގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، 2019 ވަނަ އަހަރު އެކުލަވާލި އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީންގައި ބަޔާންކޮށްފައިވާ ގޮތަށް ސިފައިންގެ ފޯސް ސްޓްރަކްޗަރއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކޮށް، އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ދަނީ ކުރެވެމުންނެވެ. އަދި މިހާރު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހަ ރަށެއްގައި ސިފައިންގެ ހަތް މަރުކަޒު ޤާއިމްކުރެވި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ."



advertisment