Support Us

ސުމޭކު ޒަމާނުގައި ކެއިންބުއިމާއި ކާބޯތަކެތި

ސުމޭކުގެ މައިދާނަކީ މިއަދު އެންމެ ސަރާސަރު ބޮޑު މައިދާނެވެ. ސުމޭކުގެ އަސަރު ވަނީ ހުރިހާ މަޖާލުތަކަކަށް ފޯރައިފައެވެ. މި ގޮތުން ބަލާއިރު ކާބޯތަކެއްޗަކީ ސުމޭކުގެ އަސަރު ވަރަށް ބޮޑަށް ފޯރައިފައިވާ މައިދާނެކެވެ. އެކަމުގެ ސަބަބުން ކާބޯތަކެތީގެ ބާވަތްތައް ވަނީ ބަދަލުވެފައެވެ. ސުފުރާގެ ވަގުތުތަކަށް ވަނީ ބަދަލު އައިސްފައެވެ. ކާބޯތަކެތި ހޯދައި ލިބިގަތުމުގެ ވަސީލަތްތަކަށް ވަނީ ބަދަލު އައިސްފައެވެ. ބޭނުންކޮށް ހުސްކުރުމުގެ އާދަތަކަށާއި ކެއުމުގެ މިންވަރަށާއި އިޝްތިހާރު ކުރުމުގެ ގޮތްތަކަށާއި ގަނެވިއްކުމުގެ ގޮތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

ފަހަކަށް އައިސް ކާނީ ކޮން އެއްޗެއްތޯ، ކުޅު ގިނަވަނީ ކޮންއެއްޗަކުންތޯ ބަލަނީ ފޯނުގެ ނުވަތަ ލެޕްޓޮޕްގެ ނުވަތަ ކޮންޕިޔުޓަރުގެ މޮނިޓަރުތަކުންނެވެ. އެއަށްފަހު ބޭނުންވާ އެއްޗެއް އޯޑަރު ކުރަނީއެވެ. އެއަށްފަހު އޭނާ މި އެއްޗެހި ކައިހަދަނީ އެކަނިމާއެކަނި އިނދެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާއާއި ކާބޯތަކެއްޗާ ދެމެދުގައިވާ ގުޅުމަކީ އެކުވި ގުޅުމެކެވެ. އިންސާނާ އެ ތަކެތި ކަނީ އޭނާގެ މުހްތާދުތައް ފުއްދުމަށާއި އަރާމު ޙާޞިލުކުރުމަށް ޓަކައެވެ. އެހެނަސް އެ ވަގުތުކޮޅު ހަށިގަނޑަށް އެކަނި ދޫކޮށްލާކަށް ފުރާނައެއް ނޭދެއެވެ. ސުފުރާމަތީގައި ވާހަކަދެއްކުމުގެ ތެރެއިން، އިންސާނީ ތަވާޞުލުގެ މަގުން ލައިފާ، އިޙްސާސްތަކާއި ޝުޢޫރުތައް ބަދަލުކޮށް ގުޅުންތައް ޤާއިމުކުރުމަށް އެ ވަގުތުކޮޅުގެ ބޭނުން ހިފަން ފުރާނަ އެދެއެވެ.

ސުމޭކުގެ ދައުރު

ސުމޭކާއި ކާބޯތަކެއްޗާ ދެމެދުގައިވާ ގުޅުމަކީ ވަގުތީ ގުޅުމެއްނޫނެވެ. އެއީ އިޖްތިމާޢީ ގުޅުންތައް ބައްޓަންކުރާ ދޮރޯށްޓެކެވެ. ކާ ވަގުތަކީ ޢާއިލާގެ އަފްރާދުން އެއްތަނަކަށް ޖަމާކޮށްދޭ ވަގުތެކެވެ. ކާ ވަގުތަކީ ރަޙްމަތްތެރީންގެ ޝުޢޫރުތައް ބަންޑުންވެގެންދާ ވަގުތެކެވެ.

ސުމޭކާއެކު އިންސާނުންނަށް ވަނީ ކާބޯތަކެތީގެ ފައިދާތައް ދެނެގަތުމަށް ދޮރު ހުޅުވިފައެވެ. ސުމޭކުގެ ޞަފްޙާތަކުން ކާނާގައި ހުރި ކަނާދުތައް އެނގި ތިމާ ބޭނުންވާ ކާނާއަކާ ދިމާއަށް މިސްރާބު ބަދަލުކޮށްލަން އެނގެއެވެ. ޞިއްޙީ ގޮތުން ފައިދާ ހުރި އެއްޗެއްސާއި ގެއްލުން ހުރި އެއްޗެހި ދެނެގަނެވެއެވެ. އެހެނަސް މޮނިޓަރާއި އިސްކިރީނުގެ ސަބަބުން ހަށިގަނޑުގެ ބައްޓަމަށް ދަނީ ބަދަލު އަންނަމުންނެވެ. ހަށިގަނޑު ފަލަވުމާއި ހަށިގަނޑުގައި މަސްޖެހުން ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ޒުވާނުންނާއި ފުރާވަރުގެ ކުދީންގެ ތެރޭގައެވެ. މިކަމާ ހެދި މުޅި ދުނިޔެ ވެސް މިހާރު ދަނީ ފަލަބަލީގައި ޝިކާރަވަމުންނެވެ.

ކާބޯތަކެތީގެ އާވާރާގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ ޢަދަދު މިހާރު ވަނީ ހަތަރު ބިލިއަނަށް އިތުރުވެފައެވެ. އެވްރެޖު ގޮތެއްގައި ދުވާލަކު ދެ ގަޑިއިރު ނެޓްގައި ހޭދަކުރެއެވެ. ކާބޯތަކެތި އުފައްދާ ކުންފުނިތަކުން އުފައްދާ ތަކެތި އިޝްތިހާރު ކުރުމަށާއި މާރުކޭޓު ކުރުމަށް އިންޓަނެޓުގެ ބޭނުންކުރަން ފެށީ މިހެންވެގެންނެވެ. ޚިޔާލު ހޯދުމަށް ނެގުނު ވޯޓެއް ބުނާގޮތުގައި ކާބޯތަކެއްޗަށް ޝައުޤުވެރިވާ މީހުންގެ 53% މީހުން ބޭނުން ވަނީ ނެޓްގައި އިޝްތިހާރު ކުރާ ކާބޯތަކެތި ވީޑިއޯކޮށް ހުންނާށެވެ. ދިރާސާތައް ދައްކާ ގޮތުގައި އިންސްޓަގްރާމުގައި ދުވާލަކު، ކާބޯތަކެތީގެ 95 މިލިއަން ފޮޓޯ ޝާއިޢު ކުރެއެވެ. ޓީވީތަކުގެ އިޝްތިހާރުތަކުގައި ކާބޯތަކެތި ވަރަށް ބޮޑަށް ހިމެނެއެވެ. މާރުކޭޓު ކުރާ ކުންފުނިތަކުން މި މަޢުލޫމާތާއި ޑޭޓާގެ ބޭނުން ވަރަށް ރަނގަޅަށް ކުރަމުންދާތަން ފެނެއެވެ. އިންޓަނެޓް މެދުވެރިކޮށް ކާބޯތަކެތި މީސްތަކުންނަށް ފޯރުކޮށްދިނުމަށެވެ. ލަފާކުރެވޭ ގޮތުގައި 2026 އަށް ދާއިރު ނެޓް މެދުވެރިކޮށް ވިއްކާ ކާބޯތަކެތީގެ މިންވަރު 365 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެއެވެ.

މިއިން އެނގެނީ ގެއަކީ ކާއެއްޗެހީގެ ފުރަތަމަ ބަދިގެއަށް ވުން ހުއްޓިއްޖެކަމެވެ. ކޮންމެ މީހަކަށް ވެސް އޭނާ ބޭނުންވާ ކާއެއްޗެއް އިޚްތިޔާރުކުރުމުގެ ފުރްޞަތު ތަނަވަސްވެއްޖެ ކަމެވެ. އަދި އޭނާ ބޭނުންވާ ގަޑިއަށް މި އެއްޗެހި އޭނާގެ ގެއަށް ގެނެވޭނެ މަގު ވެސް ފެނިއްޖެއެވެ. ގިނަ ފަހަރަށް މި އެއްޗެހި ކާނީވެސް އެކަނިމާއެކަނި އިނދެއެވެ. އެހެން މީހަކާ ޙިއްޞާ ކުރުމެއް ނެތިއެވެ. ސޭންޑްވިޗާއި ލުއިކާނާތައް ގޭގެ ކާމޭޒުމައްޗަށް އައުމުން މަންމައާއި އަނބިމީހާއާއި ގޭގެ އަންހެންވެރީން ކައްކާ އެއްޗެހި މޭޒުމައްޗަކުން ނުފެނެއެވެ. އެމީހުންގެ ބަދަލުގައި ކާއެއްޗެހި ހަދައިދޭ ފަރާތަކީ ސައިހޮޓަލާއި ރެސްޓޯރެންޓު ފަދަ ތަންތަނެވެ. ގޭގެ އަހްލުން ޢާއިލީ ސުފުރާއާ ދުރަށްދިޔުމުން ޢައިލާގެ މެންބަރުން އެކަކު އަނެކަކާ ދުރުހެލިވެ ޢާއިލީ ލޯތްބާއި ކުލުނު ފަނޑުވަމުންދާތަން ފެނެއެވެ.

ދިރާސާތައް ދައްކާގޮތުގައި އިނގިރޭސިވިލާތުގެ ޢާއިލާތަކުގެ 75% މިހާރު މޭޒުދޮށުގައި އިށީނދެތިބެގެނެއް ނުކައެވެ. ހުޅަނގުގައި 20% ޢާއިލާ ކެއުމަށް ޓަކައި މޭޒުދޮށަކަށް ނުދެއެވެ. ސްވިޑްން ފަދަ ހުޅަނގުގެ ޤައުމުތަކުގައި ކާކޮޓަރިއަށް މިއަދު ޖާގައެއް ނުލިބެއެވެ. ސްވިޑްންގެ 51% މީހުން ދިރިއުޅެނީ ވަރަށް އެކަހެރިކޮށްނެވެ. މިފަދަ ޤައުމުތަކުގައި ކާއެއްޗެހި ހޯދުމަށާއި ކާން ބޭނުންވާ އެއްޗެހި އިޚްތިޔާރު ކުރުމަށް ޓަކައި ބަރޯސާ ވަނީ ސުމޭކަށެވެ. އެހެން ކަމުން ހުޅަނގުގައި  ކާމޭޒު މަރުވެއްޖެ" ފަދަ ޢިބާރާތްތައް މިހާރު ދަނީ ޢާންމުވަމުންނެވެ.

ދިރާސާތައް ބުނާގޮތުގައި ކާހިތްވުމާއި ނުވުން ވެސް އޮންނަނީ ސުމޭކުން ދައްކާ ފޮޓޯތަކާއި ވީޑިއޯތަކުގެ މަތީގައެވެ. ދިރާސާތައް ބުނާގޮތުގައި ކާއެއްޗެއްސާ ބެހޭ ލޮލުގެ އިޝާރާތްތަކުން ހައިހޫނުކަމާ ބެހޭ ހޯމޯންތައް (Ghrelin Hormone) ޙަރަކާތްތެރިވެއެވެ. ކާހިތްވާ ބާވަތުގެ ކާއެއްޗެއް ލޮލަށް ފެންނައިރަށް ކުޅުދިޔާވުން ފަދަ ފިޒިޔޯލޮޖިކަލް ޙަރަކާތްތަކުން ހަށިގަނޑުގެ ނިޒާމުތައް ކެކެން ފަށައެވެ. ކެއުމާއި ބުއިމުގެ އާދަކާދަތައް މިގޮތަށް ބަދަލުވުމުން ޙަމްދު ކުރުމުގެ ބަސްތައް މަދުވެ ޝުކްރުކުރުމުގެ އަޑު އިވުން ހުއްޓިގެން ދެއެވެ.

ސުމޭކާއި ފަލަވުން

ސުމޭކު ފޮޓޯތަކާއި ވީޑިއޯތަކުން މީހުންގެ ކާހިތްވުމާ ކުޅެން ފެށުމުން އޭގެ ނަތީޖާ ޞިއްޙަތަށް ނައްސިވެގެންދާތަން ފެނެއެވެ. ނެޓަށް ވަންނަ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދީންނެވެ. އެ ކުދިން ހަފުތާއަކު 15ވަރަކަށް ގަޑިއިރު ނެޓުގައި ހޭދަކުރެއެވެ. އެ ކުދީން ކައިހަދަނީވެސް ނެޓުގެތެރެއަށް ވަދެ ގެއްލިގެން ތިބެއެވެ. މިކަމާ ހެދި އެ ކުދީންނަށް ކާއެއްޗެހީގެ މީރު ރަހަވެސް ރަނގަޅަކަށް ނުލައެވެ. އެކުދިން ބަނޑުހައިވާ ތަނެއް ވެސް ނާދެއެވެ. މި ކަމުގެ ސަބަބުން މި ކުދީންގެ ކެއުން އިތުރުވެގެން ދެއެވެ. ނޭނގި ތިބެ ގިނައިން ކެވެނީއެވެ. ގިނައިން ބޮވެނީއެވެ. ކުޅިވަރެއް ނުކުޅެއެވެ. ކާބޯތަކެތީގެ ލަނޑުދަނޑިއަކީ މި ކުދީންނެވެ.

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދީން ޢާންމުކޮށް ވަންނަ 10 ސައިޓަކާ ބެހޭގޮތުން ކެނެޑާގައި ކުރި ދިރާސާއެއް ބުނާގޮތުގައި މި ސައިޓްތަކުން ބިސްކޯދާއި އައިސްކްރީމާ ބެހޭގޮތުން އަހަރަކު 14.4 މިލިއަން އިޢުލާން ފަތުރައެވެ. މި އިޢުލާންތަކުގައި އިޝްތިހާރު ކޮށްފައި ހުންނަނީ ޞިއްޙީ ގޮތުން މާ ފައިދާ ހުރި ކާއެއްޗެއްސެއް ނޫނެވެ. އެހެނަސް މި އިޢުލާންތަކުގެ ޖާޒްބިއްޔަތުގެ ސަބަބުން އެކުދީން ވަނީ މި ނެޓަށާއި މި ކާއެއްޗެއްސަށް ދެވިހިފައިފައެވެ.

އެމެރިކާގެ ދިރާސާތަކެއް ބުނާގޮތުގައި އެ ދިރާސާގައި ބައިވެރިވި 88% މީހުން ކައިހަދަނީ ޓީވީގެ ނުވަތަ ކޮމްޕިޔުޓަރުގެ ނުވަތަ ފޯނުގެ މޮނިޓަރު ކުރިމަތީގައި ތިބެގެންނެވެ. އެމީހުން މޮނިޓަރާ ދުރުގައި ހަފުތާއަކު ފަސް ފަހަރަށްވުރެ ގިނައިން ކައިފައި ނުވާނެއެވެ. މީގެ މާނައަކީ ގިނަ ބަޔަކު ކާއެއްޗެހި މި ކަނީ އެކަމާމެދު ވިސްނައިލުމެއް ނެތިއެވެ. މަޢިދާ ފުރިގެން ދަނީ އޮޓޮމެޓިކް ގޮތަކަށެވެ. އިޙްސާސެއް ނެތިއެވެ. ބަނޑު ބޮޑުވުމެއް ކަރު ތެންމުމެއް ނެތިއެވެ. މި ކަމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ގަޑުބަޑުކަން އާދެއެވެ. އަދި 2012 ވަނައަހަރަށް ބަލާއިރު ހަޖަމުގެ ނިޒާމަށް ގަޑުބަޑުކަން އައިސްވަނީ 3.4% މީހުންނަށެވެ. އެހެނަސް އެއާ ވިދިގެން އައި އަހަރު މި ނިސްބަތް ވަނީ 7.8% އަށް މައްޗަށް ގޮސްފައެވެ. މީގެ މާނައަކީ 70 ވަރަކަށް މިލިއަން މީހުންގެ ހަޖަމުގެ ނިޒާމު ވަނީ ގަޑުބަޑުވެފައެވެ.

ސުމޭކު މެދުވެރިކޮށް ކެއުމާއި ބުއިމާ ބެހޭ ނަސޭޙަތްތައް ދޭ ތަން ފެނެއެވެ. އެހެނަސް މި ކަން ކުރަނީ ކަނާދާ ބެހޭގޮތުން ރަނގަޅު މަޢުލޫމާތު ނުލިބި ތިބެއެވެ. ދުނިޔެއަށް ބަލާއިރު 650 މިލިޔަން މީހުންނަށް ފަލަބަލި ޖެހިފައިވާތަން ފެނެއެވެ. އެއީ ދުނިޔޭގެ އާބާދީގެ 13% އެވެ. މި ކަމުގެ ސަބަބުން ބަދަނީ އަދި ނަފްސާނީ އެތައް ބަލިތަކަކަށް ދޮރުތައް ވަނީ ހުޅުވިފައެވެ. މި ކަން ވަނީ ޤައުމުގެ އިޤްތިޞާދާ ކުރިމަތިވެފައިވާ ބޮޑު ބުރައަކަށެވެ.

ދުނިޔޭގައި ބަނޑަށް ޖެހިފައިވާ މީހުންގެ ޢަދަދު އެނގިއްޖެނަމަ ފިތްކަނޑައިގެންދާނެއެވެ. އެހެނަސް ބޭކާރު ގޮތުގައި އުކައިލެވޭ ކާބޯތަކެތީގެ މިންވަރު އެނގިއްޖެނަމަ އަދި މާބޮޑަށް އާޝޯޚުވާނެއެވެ. ދަނޑުވެރިކަމާއި ކާބޯތަކެއްޗާ ބެހޭ އދ.ގެ ޖަމްޢިއްޔާ ބުނާގޮތުގައި ދުނިޔޭގައި އަހަރަކު އެއް ބިލިއަން 300 މިލިއަން ޓަނަށްވުރެ ގިނަ ކާބޯތަކެތި އުކައިލައެވެ.

ކެއުމަށް އެއްވުން

ކާބޯތަކެއްޗަކީ މާތްﷲ ދެއްވާ ނިޢުމަތެކެވެ. މި ނިޢުމަތަށް ޝުކްރު އަދާނުކުރުމުން ކުރިމަތިލާން ޖެހޭނީ ކާރިސާތަކާއެވެ. މި ނިޢުމަތް ރައްކައުތެރިކުރުމަށް ޓަކައި ނަސޭހަތްދީ ހޭލުންތެރި ކުރުވަން ވަނީ ޖެހިފައެވެ. ކެއުމަށްޓަކައި އެއްވުމަކީ އެކަމަށް ދީން ބާރުއަޅައި ކަމެކެވެ. ކީރިތި ރަސޫލާ ﷺގެ ޞަޙާބިން ރަސޫލާއަށް ދެންނެވިއެވެ. ((يا رسولَ اللهِ إنّا نأكُلُ ولا نَشْبَعُ قَالَ: (تَجْتَمِعُونَ عَلَى طَعَامِكُم أَوْ تَتَفَرَّقُونَ؟) قَالُوا: نَتَفَرَّقُ قَالَ: (اِجْتَمِعُوا عَلَى طَعَامِكُم وَاذْكُرُوا اسْمَ اللهِ يُبَارَكْ لَكُم- އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ކައިހެދިޔަސް ބަނޑުބޮޑެއް ނުވެއެވެ. ޙަދީސް ކުރެއްވިއެވެ. ކެއުމަށް ޓަކައި ތިޔަބައިމީހުން އެއްވެ ހަދަން ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކައިބޮއި ހަދަނީ ބައިބައިވެ ތިބެގެން ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ބައިބައިވެ ތިބެގެންނެވެ. ޙަދީސް ކުރެއްވިއެވެ. ތިޔަބައިމީހުން ކައިހެދުމަށް ޓަކައި އެއްވާށެވެ! އަދި ﷲގެ ނަންފުޅު ގަނެގެން- އެބަހީ ބިސްމި ކިޔައިގެން- ކާށެވެ! އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާނެތެވެ.))

ކެއިންބުއިމާ ބެހޭ އިސްލާމީ އަދަބަށް ބަލާއިރު ކީރިތި ރަސޫލާ ﷺ އަންގަވަނީ ގިނައިން ނުކެއުމަށެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((ما ملأَ آدميٌّ وعاءً شرًّا من بطنٍ حسْبُ الآدميِّ لقيماتٌ يُقِمنَ صلبَهُ فإن غلبتِ الآدميَّ نفسُهُ فثُلُثٌ للطَّعامِ وثلثٌ للشَّرابِ وثلثٌ للنَّفَسِ- އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައިކަން ބޮޑު ކަންވާރެއް ނުފުރަތެވެ. އާދަމުގެދަރިޔާއަށް އޭނާގެ މައިކަށި ކޮއްޅަށް ބަހައްޓައިދޭނެ ސުވާކޮޅެއް ފުދެއެވެ. އޭނާގެ މައްޗަށް ހަވާނަފްސު ގަދަވެގަތްފިނަމަ ފަހެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި ތިންބައިކުޅަ އެއްބަޔަށް ބޯށެވެ. އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށް ހުސްކޮށް ބަހައްޓާށެވެ!))

މިއީ ކެއިންބުއިމުގައި އޮތް އިސްލާމީ މަންހަޖެވެ. މުސްލިމުންނަކީ ކެއުމަށް ޓަކައި ދިރިއުޅޭ ބައެއް ނޫނެވެ. އެހެނަސް އެމީހުން ކައިހަދަނީ ދިރިއުޅުމަށް ޓަކައެވެ. އެހެން ކަމުން މުސްލިމުން ކެއުމާއި ބުއިމުގައި އިސްރާފުކޮށްގެން ނުވާނެއެވެ. ނުކެވޭ ވަރަށް ކެއުންތައް ތައްޔާރުކޮށްގެން ނުވާނެއެވެ. އިރުއިރުކޮޅާ އެ މީހުން ކޮފީއަކަށް ނުދާނެއެވެ.

އިބްނުލްޤައްޔިމު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ﷺ އަކީ ހުރި އެއްޗެއް ފަރިއްކުޅުއްވި ބޭކަލެކެވެ. ނެތް އެއްޗެއް ހޯއްދަވާކަށް ނޫޅުއްވައެވެ. އެކަލޭގެފާނަށް ރަނގަޅު ޙަލާލު އެއްޗެއް އެރުވިއްޖެނަމަ އޭއްޗެއް ފަރިއްކުޅުއްވަތެވެ. ދުވަހަކުވެސް ކާއެއްޗަކާ ބެހޭގޮތުން ނުރުހުންތެރި ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ. ފަރިއްކުޅުއްވާ ހިތްޕުޅުވެއްޖެނަމަ އޭއްޗެއް ފަރިއްކުޅުއްވަތެވެ. އެހެން ނޫނީ ފަރިއްނުކުޅުއްވަވާ ބަހައްޓަވަތެވެ.

އެއް ދުވަހަކު އުއްމު ހާނީގެ ގެކޮޅަށް ވަޑައިގެން ކާއެއްޗެއް ހުރިތޯ އެއްސެވިއެވެ. އެހިނދު އެކަމަނާ ދެންނެވިއެވެ. ((ހަރުވެފައި އޮތް ރޮށިކޮޅަކާއި ރާހުތްފޮދެއް މެނުވީ ނެތެވެ. އެހިނދު އޭއްޗެހި ގެނެސްދެއްވުމަށް ވިދާޅުވެ ޙަދީސް ކުރެއްވިއެވެ. ما أقْفَرَ بيتٌ من أُدُمٍ فيه خَلٌّ- ރާހުތް ހުރި ގެއެއް ލައިގެންކާއެއްޗެހިން ހުސްވެގެން ނުދާނެތެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *