ބ. ގޮއިދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްކޭޓް ޕާކާއި، ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީންނެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގޮއިދޫގައި ތަރައްޤީކޮށްފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ޙަވާލުކޮށްގެނެވެ. އަދި، އެ ރަށުގައި ޤާއިމްކޮށްފައިވާ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގާފައި ވަނީ ބްރަދަރސް މޯލް އިންނެވެ. ސްކޭޓް ކުރުމަކީ ގޮއިދޫގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ.



advertisment