Support Us

ކޮލަމް ގަލަން: ދީނީ ގޮތުން ދުނިޔޭގެ އެއް ވަނަ ގައުމަށް ރާއްޖެ ހެދުމުގެ މެނިފެސްޓޯ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީއިރު ވެސް ދީނީގޮތުން ކަަންބޮޑުވާންޖެހޭ ބާވަތުގެ މައްސަލަތައް އެބަހުއްޓެވެ. އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން ޖިނާއީ ކުށްތައް ގިނައެވެ. ޑުރަގުގެ ވަބާ އެހާމެ ބޮޑެވެ. މާލީ ފަސާދުތަކާއި އިދާރީ ފަސާދުތައް އެހާމެ ގިނައެވެ. އަޚްލާގީ ގޮތުން އިޖުމާއީ ފޭރާންވަނީ ބާވެފައެވެ. މިހުރިހާ ކަމެއްގެ ސަބަބު ގޮސް ހުއްޓެނީ އެންމެ ކަމަކާ ދިމާލަށެވެ. އެއީ ދީނީގޮތުން ފަރުދުން ބަލިކަށިވުމެވެ. އެހެންކަމުން މުސްތަގުބަލުގައި ދިނީގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޓަކައި ޚިޔާލެއް ހުށަހަޅަމެވެ.

ދީނުގެ މާނަ: ޢަރަބި ބަހުގައި ދީނުގެ ލަފުޒު ތަފާތު މާނާގައި އާދެއެވެ.

އެއީ:

ހ- "الجزاء"ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ} (سورة الصافات، 53.)  މާނައީ: ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކު ހެއްޔެވެ؟

ށ- "الحساب"ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} (سورة الروم، رقم الآية 30.) މި ޔާޔަތުގައިވާ " الدين" ގެ މާނަ ބައެއް މުފައްސިރުން ކުރައްވާފައިވަނީ "الحساب" ގެ މާނައިގައެވެ.

އިސްވެދިޔަ އާޔަތުގެ މާނަ ޤުރުއާނުގެ ތަރުޖަމާގައި ވަނީ އަންނަނިވި ގޮތަށެވެ. "ފަހެ، باطلމަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دينއާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرةއެއްގެ މައްޗަށް އުފެއްދެވި اللَّهގެ فطرةއެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

ނ- "الطاعة" ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا} (سورة النساء، رقم الآية 146.) މިތަނުގައި ދީނުގެ މާނަ "الطاعة" ގެ މާނާގައި އައިސްފައިވެއެވެ.

ރ- "الإسلام" ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ} (سورة آل عمران، رقم الآية 19.) ، الدينގެ މިތާނގައި މުރާދަކީ الإسلام އެވެ. (الطبري 5/339)

ދީނުގެ اصطلاحيމާނަ ތަފާތު ޢިބާރަތުން އައިސްފައިވެއެވެ. އެ ގޮތުން އައިސްފައިވާ އެއް ޢިބާރަތަކީ: "الدين وضع إلهي يدعو أصحاب العقول قبول ما عند الرسول صلى الله عليه وسلم"  އެވެ. (التعريفات 117) މާނައީ: ދީނަކީ، އިލާހީ މަގެކެވެ. ބުއްދީގެ އަހުލުވެރީންނަށް އެ (ދީން) ގޮވާލަނީ رسول صلى الله عليه وسلم ގެންނެވި ކަންތައްތައް ޤަބޫލުކުރުމަށެވެ. އެހެން ޢިބާރަތެއްގައި އައިސްފައިވެއެވެ. އެއީ "وضع إلـهي يرشد إلى الحق من الاعتقادات والخير في السلوك"  އެވެ. (معجم لغة الفقهاء، مرجع سابق، ص 212.) މާނައީ: އެއީ ޙައްޤު ޢަޤީދާތަކަށާއި ރަނގަޅު ސުލޫކުތަކަށް މަގު ދައްކާ އިލާހީ މަގެކެވެ. ޚުލާޞާއަކީ: ދީނަކީ އެންމެ ފަހުގެ نبيއާ محمدٌ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް ބާވާލެއްވުނު إسلام دينއެވެ.

ދީން ޙިމާޔަތްކުރެވޭ ވަސީލަތްތައް

ދީން ޙިމާޔަތްކުރައްވާ ފަރާތަކީ ﷲއެވެ. އެ އިލާހު ވަޙީ ކުރެއްވިއެވެ. {إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ} (سورة الحجر، 9.) މާނައީ: ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.

ކޮންމެހެން ވެސް ޙިމާޔަތް ކުރަންޖެހޭ ފަސް ކަންތަކުގެ ތަރުތީބުން އެންމެ ފުރަތަމައަށް އަންނަނީ ދީން ޙިމާޔަތްކުރުމެވެ. ދީން ޙިމާޔަތް ނުކުރެވިއްޖެ ނަމަ ދެންހުރި ކަންތައްތައް ޙިމާޔަތް ނުކުރެވޭ ހުށްޓެވެ. އެހެންކަމުން ދީން ޙިމާޔަތްކުރުމަށް ޓަކައި ވަސީލަތްތަކެއް ޝަރީޢަތުގައި ބަޔާންކުރައްވާފައިވެއެވެ. އޭގައި ހިމެނޭ ބައެއް މުހިއްމު ކަންތައްތަކުގެ ތެރޭގައި ދީނަށް ޢަމަލުކުރުމާއި، ދީނަށް ޓަކައި ޖިހާދުކުރުމާއި، ދީނަށް ދަޢުވަތު ދިނުމާއި، ދީނަށް ގެއްލުން ހުރި އެންމެހާ ކަންތައްތައް ދުރުކުރުން ހިމެނެއެވެ. (البعد المقاصدي للوقف في الفقه الإسلامي، ص. 74)

ދީނީ މެނިފެސްޓޯއަށް ޚިޔާލެއް

އެކެއް: ފަރުޟު ހައްޖުގެ އަޅުކަމަކީ ދިވެހި ލޮބުވެތި ރައްޔަތުން އުމުރުން އެއްފަހަރު ކުރަންޖެހޭ އަޅުކަމަށްވީ ހިނދު ފަރުޟު ޙައްޖުކުރުމަށްދާ ކޮންމެ ރައްޔަތަކަށް ޚަރަދުގެ ދެބައިކުޅަ އެއްބައި ސަރުކާރުން ހަމަޖައްސައިދިނުން. ދަނެއު، މިއީ މުދާވެރީންނަށް ފަރުޟުވާ އަޅުކަމަކަށްވާތީވެ ބައިތުން މާލުން މިފަދަ ހޭދައެއް ކުރުމުގައި ފިޤުހުގައިވާ ޙައްޖުގެ އަޙުކާމުތަކުން މި ހޭދައަކަށް ހުރަހެއްވޭތޯ ދަންނަބޭކަލުންނާ މަޝްވަރާކުރުން އެދެވިގެންވެއެވެ.

ދޭއް: ވަޤުފުގެ ގާނޫނެއް އެކުލަވައިގެން އަތޮޅުތަކުގައި ވަގުފުތައް އުފެއްދުމަށްފަހު އެއިން ލިބޭ މަންފާތަށް އެއަތޮޅެއްގެ ރައްޔަތުންނަށް ލިބިދީގެން ދިރިއުޅުމުގެ ދަތިތައް ފިލުވައިދިނުން.

ތިނެއް: ޒަކަތާބެހޭ ގާނޫނެއް އެކުލަވައިގެން ރާއްޖޭގައި ނެގޭ ޒަކާތް ވަގުތުން ވަގުތަށް އޭގެ ހައްގުވެރީންނަށް ލަސްނުކޮށް ފޯރުކޮށްދިނުން.

ހަތަރެއް: މިސްކިތުގެ ދައުރު އިހުޔާކޮށް މިސްކިތުން ލިބެންޖެހޭ ތަރުބިއްޔަތު މުޖުތަމައަށް ލިބިދިނުމަށް ޓަކައި ޤުރުއާން ހިތުދަސްކުރުމުގެ ކަރަކިއުލަމަކާއި އިސްލާމީ އަޚްލާޤުގެ ތަރުބަވީ ކަރުކިއިލަމަށް އުފައްދައި ސަރުކާރުގެ ޚަރަދުގައި އެ ކުލާސްތައް ރާއްޖޭގެ މިސްކިތްތަކުގައި ހިންގުން.

ފަހެއް: މިސްކިތުގައި ސަރުކާރުން އުފައްދާ ޤުރުއާން ހިތުދަސްކުރުމުގެ ކުލާހާ ބައިވެރިވެގެން ތަރުތީބުން ކުލާހަށް ހާޒިރުވެ ކޮންމެ ހަފުތާއަކު އެއް ސަފުހާ ހިތުދަސްކުރާ ކުދީންނަށް ކޮންމެ މަހަކު ޕޮކެޓުމަނީއެއްގެ ގޮތުގައި އެއް ހާސް ރުފިޔާ ދިނުން. ސަރުކާރުގެ އަމާޒަކީ ގުރޭޑު ހަތަކަށް ދަރިވަރު ދާއިރު ގުރުއާން ހިތުދަސްވެފައި ހުރުން ނުވަތަ ހިތުދަސްވާން ކައިރިވެފައިވުން.