Support Us

ދައުލަތެއްގެ ފުރިހަމަ އުސޫލު ވަނީ އިސްލާމީ ސިޔާސަތުގައި (3)

ކުރީ ދެ ބައިގައި ވަރަށް މުހިންމު ބައިތަކެއް ހިމަނައިފައިވާނެއެވެ. އެއީ އަންނަނިވި ބައި ކިޔުމުގައި ހިތުގައި ހުރުން މުހިންމު ނުކުތާތަކެކެވެ. އެއީ؛ ޑިމޮކްރަސީ އަކީ ކޮބައިކަމާއި، ޑިމޮކްރަސީ އުފަންވި ގޮތާއި، އިންސާނީ ޙައްޤަކީ ކޮބައިކަމާއި، އިންސާނީ ޙައްޤު އުފަންވިގޮތާއި، އިސްލާމްދީނުގައި އިންސާނީ ޙައްޤު މާނަކުރާގޮތާއެވެ. އަދި ޑިމޮކްރަސީގައި ސުވާލު އުފެދޭ ބައެއް ކަންކަން ހުރިކަމާއި، ހުޅަނގުގެ ޢަޤީދާއާ ފުށު އަރާ ކަންތައް ޑިމޮކްރަސީގައި ހުރިކަމާއި، ކްރިސްޓިއަން ދީނުގެ ޤަބޫލުކުރުން ޑިމޮކްރަސީގެ އިމުގައި ހުރި ހުރުމާއި، ޒަމާނީ ޑިމޮކްރަސީގެ އަހުލުވެރިންގެ ޝަކުވާއާއި، ޑިމޮކްރަސީވެރިކަމެއްގައި ޤާނޫނު އަސާސީގައި ހިމަނާ މުހިންމު ނުކުތަތަކާއި ޑިމޮކްރަސީ ނިޒާމެއްގައި ފާހަގަކުރާ ކަންކަމެވެ. ވީމަ މި ނުކުތާތަކަށް ވިސްނަވައިގެން އަންނަނިވި ބަޔަށް ފިކުރުކުރައްވާށެވެ.

އިސްލާމްދީނުގައި ހަރުދަނާ ވެރިކަމުގެ ސިޔާސަތެއް އެބަ އޮތެވެ.

އެއްވެސް ޝައްކެއް ނެތެވެ. އިސްލާމްދީނަކީ ވެރިކަމުގެ ދީނެކެވެ. ފުރިހަމަ ޚަލީފާވެރި ނިޒާމެއްގެ ދީނެކެވެ. އިސްލާމީ އުސޫލުގެ އަސާސް ވަނީ ކީރިތި ޤުރުއާނެވެ. އެއީ އިންސާނިއްޔަތަށް ފުރިހަމަ ދުސްތޫރެކެވެ. އިންސާނުންނަށް ކަންކަން ކުރަންވީގޮތް ވަރަށް ފުރިހަމައަށް ޤުރުއާނުގައިވެއެވެ. އެއީ މަގުތައް ހަނދާންކޮށްދޭ ދުސްތޫރެވެ. އެ ފޮތް ބަލަންވާނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. "وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ (ސޫރަތުލް ޙާއްޤާ 48 ވަނަ އާޔަތް). މާނައަކީ: ހަމަކަށަވަރުން، އެ قرآنއަކީ، تقوىވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ." މުރާދަކީ ދުނިޔެއާއި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެއަށް އީމާންވެ ދީންވެރިޔާއަށް އޭނާ އުޅެންވީ ގޮތްތައް ހަނދާންކޮށްދޭ އެހީއެއްކަމުގައި ޤުރުއަން ވެއެވެ. (ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާއިން ނަގައިފައި)

ވެރިކަމެއްގެ ބޭނުމަކީ ކޮބައިތޯއެވެ. ދެބަސްވެވެން ނެތް ޙަޤީޤަތަކީ ބިން ލެއްވީ އިންސާނިއްޔަތުގެ ވެރިކަމަށްކަމުގައެވެ. ވެރިކަމުގެ ޚަލީފާއެއްކަމުގައި ނޫނީ އިންސާނާ ވުޖޫދު ނުކުރައްވަތެވެ. ބިން އާރާސްތުކޮށް ބެލެހެއްޓެނިވި ނިޒާމުގައި ވެރިއަކީ އިންސާނުންނެވެ. އެ އިންސާނުންގެ ޖަމާޢަތް ހެދުނު ހިނދު އެބައިމީހުންގެ ތެރެއިން އެކަލާނގެ ޚަލީފާއިން އިސްކުރެއްވިއެވެ. އެއީ ނަބިއްޔުންނާއި ރަސޫލުންނެވެ. އެބައިމީހުން ހިމެނުނީ އިސްލާމީ ދުސްތޫރު ރައްޔިތުންނަށް ދަސްކޮށްދެއްވައި ފުރިހަމަ ކޮށްދެއްވުމުގެ ވެރިންކަމުގައެވެ. އެހެންކަމުން އިސްލާމީ އުސޫލު ބިނާވެފައިވަނީ ވެރިކަމުގެ ލާމަސީލު ނިޒާމާއެކުގައެވެ.

ވަޙީބަސްފުޅުގައިވެއެވެ. "الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا (ސޫރަތުލް ފުރްޤާން ގެ 2 ވަނަ އާޔަތް) މާނައީ: "އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملكވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ." (ކީރިތު ޤުރުއާނުގެ ދިވެހި ތަރުޖަމާ). ކީރިތި ޤުރުއާނުގެ 39 ތަނެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުނިޔެއާއި ދުނިޔޭގައިވާހާކަމަކާއި އެއްޗެއް މިލްކުވެގެންވާކަމަށް އައިސްފައިވެއެވެ. ވީތީ އެ ކަލާނގެއީ މި ބިމާއި ބިމުގައިވާހާ އެއްޗެއްގެ ވެރި ރަސްކަލާނގެއެވެ. އެންމެ އިސް ވެރި ފަރާތެވެ.

ދުނިޔޭގައި ލެއްވި މަޚްލޫޤުންގެ ވެރިކަމުގެ ނިޒާމު ފެށިފައިވާ ހިސާބު މި އާޔަތުންނާއި އިތުރު 38 އާޔަތަކުން އެނގި ދޭހަވެއެވެ. އެއީ ވެރިކަމުގެ އެންމެ މަތީ ބާރު ފެށޭ ހިސާބެވެ. އެ ކަލާނގެ ކަލާމްފުޅުގެ ބަސްފުޅުތަކުގައި ވަނީ އެކަލާނގެ ވެރިކަމުގައި އަންގަވައިފައިވާ ދުސްތޫރެވެ. އެ ދުސްތޫރުގައިވަނީ އިންސާނާގެ އުފަންވުމާއި ފަނާވުމާ ދެމެދު ދިމާވާނެހާ ކަމަކުން މިސާލު ދައްކަވައި އިންސާފުވެރި ޖަމާޢަތެއްގައި ތެދުވެރި އިޚުލާސްތެރި އުޅުމެއް ވޭތުކުރެވޭނޭ އަމުރުފުޅުތަކެވެ. އެ ޤުރުއާނުން ބަލައި ނުލެވެނީ ކޮން ކޮން ކަމަކަށްތޯއެވެ. އެންމެ ފުރަތަމަވެސް މި ޒަމާނުގައި ކިޔޭ ދައުލަތުގެ ބާރުތަކަށް ވިސްނަވައިލައްވާށެވެ. އިސްލާމީ ޝަރީޢަތުގައި އެ ބާރުތައް އިތުރަށް ވިސްނަން ނުޖެހޭ މިންވަރަށް ފުރިހަމަވެގެން އައިސްފައިވެއެވެ. ކަން ކުރަންވީ ގޮތާއި ހިންގަންވީ ގޮތާއި ނުކުރަންވީ ކަންކަމުގެ އިމާއި މިން ކަނޑައެޅި ނިމިފައިވެއެވެ. ބައްލަވައިލައްވާށެވެ.

  • ދައުލަތުގެ ބާރުތައް އިސްލާމީ ފިކުރުގައި:

އިސްލާމީ ފިޤުހުވެރިންގެ އެއްބަސްވެލެއްވުމުގައި އިސްލާމީ ދައުލަތެއްގައިވެސް ތިންބާރު ވެއެވެ. މީގެ އިތުރަށް މި ޒަމާނުގައި ކިޔައިއުޅޭ 4 ވަނަ ބާރަކީވެސް މުހިންމު ބާރެކެވެ. އިސްލާމީ ޙަޟާރަތުގައި މި 4 ބާރުވެސް ފެންނަން އެބައޮތެވެ. އެއީ:-

  • އައްސުލްޠަތުއް ޝަރީޢާ (ޤާނޫނު ހެދުމުގެ ބާރު)
  • އައްސުލްޠަތުއް ޤަޟާއިޔަ (ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރު)
  • އައްސުލްޠަތުއް ތަންފީޛިއްޔާ (ވެރިކަން ހިންގުމުގެ ބާރު)
  • އައް ސުލްޠަތުއް ޞަޙާފާ (ނޫސްވެރިކަމުގެ ބާރު) އެވެ.
  • އައްސުލްޠަތުއް ޝަރީޢާ (ޤާނޫނު ހެދުމުގެ ބާރު):

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި "ތަޝްރީޢު" ގެ ދެ މާނައެއް ވެއެވެ. އެއް މާނައަކީ އަސްލަށް ކަމެއް ޝަރުޢުކުރުމެވެ. ދެވަނަ މާނައަކީ ޤާއިމް ވެގެންވާ ޝަރީޢަތެއް ނުވަތަ ޝަރުޢުކުރެވިފައިވާކަމެއް ނިޔާކުރާ ޙުކުމް ބަޔާންވުމެވެ. މި ދެ މާނައަށް ރުޖޫޢަވެފައިވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ތަޝްރީޢުގެ މަރުޖިޢުއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެނީ ޚިލާފަތުގެ އެންމެހާ ކަމެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި ޚަލީފާއެއް ވެއެވެ. ރަސޫލެއް ވެއެވެ. އެ ރަސޫލުންނާއި ނަބިއްޔުން އައްޔަންކުރެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ ދުސްތޫރު ބާވައިލެއްވިއެވެ. އެ ދުސްތޫރުވަނީ ކަނޑައެޅި ބަޔާންކުރެވިފައިވާ ޙުކުމްތައް ހިމެނިގެންނެވެ. ރަސޫލުންނާއި ނަބިއްޔުންނަށްފަހު އަސްޙާބުން އިރާދަކުރެއްވިއެވެ. އިމާމުން ވަކިކުރެވުނެވެ. އެ ބޭބޭފުޅުން ދެއްކެވީ އަސްލުގެ އަލީގައި ހެޔޮ އުސޫލެވެ. ހެޔޮ މަގެވެ.

ﷲ ޞުބްޙާނޫ ވަތަޢާލާ އަލް މާއިދާ ސޫރަތުގެ 49-50 ގައި އަންގަވަނީ "وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩﴾ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ" އެވެ. މާނައީ ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ އަދި اللَّه ބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް عقوبات ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ فاسقންކަން ކަށަވަރެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)

ހަމަކަށަވަރުން ﷲއީ އިސްލާމީ މަތިވެރި ވެރިކަމުގެ ނިޒާމުގައި އެންމެ މަތީބާރެވެ. ޤާނޫނު ވަނީ އެފަރާތުގައެވެ. މި ޒަމާނުގައި މި ކިޔާ އެންމެހާ ޤާނޫނުތައް ހެދުމުގެ ބާރު އަދި ގޮތް ކަނޑައެޅުމުގެ ބާރު ވަނީ އިލާހީ މި ބާރުގައެވެ. މާއް ރަސްކަލާނގެ ވަނީ އެ ބާރު އިންސާނުނަށް ފޮނުއްވައި ދައްކަވައިފައެވެ. އެއީ ޤުރުއާނާއި ސުންނަތެވެ. އިސްލާމީ އިމާމުންނާއި ފިޤުހުވެރިންގެ ފިކުރުގައި ޚުލަފާއުއްރާޝިދުންވެސް ކަންކަން ނިންމަވައި ހަމަ ޖެއްސެވުމުގައި ބަލަނީ ޤުރުއާނާއި ސުންނަތުގައި އެކަން އޮތް ގޮތެއްގެ މައްޗަށް ބުރަވެ ކަންކަން ނިންމެވުމަށެވެ.

  • އައްސުލްޠަތު އަލް ޤަޟާއިޔަ (ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރު):

މިއީ ޢަދުލު އިންސާފުގެ ބާރެވެ. ﷲ ގެ ރަޙްމަތްފުޅުން އިސްލާމްދީނުގެ ޝަރީޢަތަށްވުރެ ފުރިހަމަ ޝަރީޢަތެއް ޢަދުލު އިންސާފަކަށް، އިހަށްވެސް މިހާރުވެސް މި ދުނިޔޭގައި ނެތެވެ. މި ބާރު، ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަގެ ޒަމާނުގައި އޮތީ އެކަލޭގެފާނުންގެ ބެއްލެވުމުގެ ދަށުންނެވެ. އެހެނީ އެއީ ޤާނޫނުތައް ހެދެމުން ދިޔަ ޒަމާނެވެ. އެހެންކަމުނ ﷲ ގެ ސީދާ ޢަމުރުފުޅަށް ކަންކަން ކުރައްވައި ނަމޫނާ ދެއްކެވުން އެއީ އެކަލޭގެފާނަށް ވާޖިބު ކަމެކެވެ. ކުރައްވައި ދެއްކެވި ކަންކަމެވެ.

މި ކަމުގެ އެއް ދަލީލަކީ ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގެ 49 ވަނަ އާޔަތެވެ. (5.1.1 ގައި އެވަނީ). އަދިވެސް ނިސާސޫރަތުގެ 105 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا" މާނައީ: "ހަމަކަށަވަރުން، حقގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكمކުރެއްވުމަށެވެ. خيانةތެރިންގެ دفاعގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!" (ކީރިތިޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)

އެއްވެސް ޝައްކެއް ނެތެވެ. ﷲގެ ވާގިފުޅާއެކު އިސްލާމީ ޙަޟާރަތުގައި ޙައްދުތައް ޤާއިމްކުރުމުގެ އެންމެހާކަމެއް ކުރެވި، ދައުލަތުގެ ކަންކަން ހަމަ ޖެއްސެވުމުގައި ތަޙްޤީޤުތަކާއި ޝަރީޢަތްތައް ހިންގިފައިވަނީ ﷲގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ﷲގެ ދުސްތޫރާއި އެ ކަލާނގެ ފޮނުއްވި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންންތުގެ ތެރެއިންނެވެ. އެ ކަލޭގެފާނަށްފަހު އުފެދުނު ޚުލަފާއުންރާޝިދޫންގެ ޒަމާނުގައިވެސް މި ކަން ހިނގީ މި މަގުންނެވެ.

މި ޒަމާނުގައި ކޭސްލޯއަށް ޙުކުމްކުރާހިނދު އިހަށްގޮސް ބައްލަވާށެވެ. ސުންނަތުން އެވެނި މިވެނި ކަމެއް ކުރެވިފައި އޮތްގޮތް ބަލައި އެ މަގުން (ކޭސް ހިނގައިފައިވާގޮތަށް) އިމާމުން އައީ ޙުކުމްތައް ކުރަމުންނެވެ. އަދި ކޮމަންލޯގެ އުސޫލުން އޭރަށް ބަލާނަމް ޢުމަރުގެފާނުން ދެއްކެވި ނަމޫނާތައް ބަލައިގެން ފަހުގެ ޖީލުތައް ޙުކުމްތައްކުރަމުން އައެވެ. ހަމަ މިބީދައިން ޓޯޓްލޯވެސް އަދި ބިޒިނަސްލޯވެސް ނުވިތާކަށް އިންސާނީ ބައިބައިކުރުމުގެ ހާސް ބާވަތުގެ ލޯ (ޤާނޫނު) ދެއްކިނަމަވެސް އެ އިސްލާމީ އުސޫލުން ނުދެއްކިނިދާނޭކަން ރާއްޖޭގައި ނެރޭ އިސްލާމީ ޝަރަޙަތައް ކިޔާ ބަޔަކަށް އެނގޭނެކަން ކަށަވަރެވެ.

  • އައްސުލްޠަތު އައް ތަންފީޛިއްޔާ (ވެރިކަން ހިންގުމުގެ ބާރު):

ބައެއް ފިޤުހު ޢިލްމުވެރިންގެ ނަޒަރުގައި ވެރިކަން ހިންގުމުގެ ބާރާއި ޢަދުލު އިންސާފުގެ ބާރަކީ އެކައްޗެކެވެ. ނަމަވެސް އެނގޭ ކަމަކީ މި ބާރުވެސް އިސްލާމީ ޙަޟާރަތުގައި އެބަ އޮތްކަމެވެ. ޑޮކްޓަރ މުޙައްމަދު ރައުފަތު ޢުޘްމާން އޭނާގެ ރިޔާސަތުއް ދައުލަތި ފިލް ފިޤުހިލް އިސްލާމީގައި ލިޔުއްވައިފައިވާކަމަށް ޙުސައިން ޢަބްދުއްރަޙްމާން (2010) ލިޔުއްވައިފައިވެއެވެ. "ކީރިތި ރަސޫލާ (ޞ) ގެ ޙަޔަތްޕުޅުގައި ދައުލަތް ހިންގެވުމުގެ ކަންތަކާއި ޢަދްލު އިންޞާފް ޤާއިމްކުރުމުގެ ކަންތައްވެސް ވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނުން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އިސްލާމީ އުންމަތުގެ ކަންތައް ތަރުތީބުކޮށް ހަމަޖެއްސެވުމާއި އިސްލާމްދީނުގެ ޢަދުއްވުންނާ ހަނގުރާމަކުރެއްވުމާއި އެމީހުންނާ ޞުލްޙަވުމުގެ ކަންތައްވެސްކުރެއްވުމާއި ޒަމާތް ނަންގަވައި އޭގެ ޙައްޤުވެރިންނަށް އެތަކެތި ބެއްސެވުމާއި މިނޫންވެސް ވެރިކަމުގެ ފަރާތުން ކުރައްވަން ޖެހޭ ހުރިހާކަމެއް ކުރެއްވުމުގެ ބާރު އޮތީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. ފަހެ ރަސޫލުކަން އިއްވެވުމާއި އިސްލާމީ ދައުލަތުގެ ވެރިކަމުގެ ކަންތައް ހިންގެވުމާއި މި ދެކަންތައް އެކަލޭގެފާނުގެ އަތްޕުޅުގައިވަނީ އިސްލާމީ ދައުލަތުގެ މަޞްލަޙަތަށްޓަކައެވެ. އެހެނީ ތަންފިޒީބާރު އެހެން މީހެއްގެ އަތުގައި އޮތްނަމަ އެއީ ވެރިކަމުގެ ބާރުކަމަށްވީހިނދު އެ ބާރުލިބިގެންވާ ފަރާތުން މި އައު ދީނާއި އެދީނަށް ތަބަޢުވާ މީހުނަށް އެކަންކަމެއް ނުލިބުނީހެވެ." (ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް)

ޙުސައިން ޢަބްދުއްރަޙްމާނުގެ މި ބަޔާނުގެ އިތުރަށް ވިސްނޭ އަނެއް ކަމަކީ އެ ދުވަސްވަރަކީ މާތްވެގެންވާ އިސްލާމްދީން، ﷲގެ ދީން މަތިވެރިކުރައްވައި ފުރިހަމަކުރެއްވުމުގެ ދުވަސްވަރުކަމަށް ވީހިނދު ޤާނޫނުތައް ހެދެމުން ދިޔަ ދުވަސްވަރުކަމަށް ވީ ހިނދުވެސް އެ ކަން އެގޮތަށް އޮތުން މަޞްލަޙަތުކަން ބޮޑުވާނެއެވެ. ހުރިހާ ޙިކުމަތެއް ދެނެވޮޑިގެންވަނީ އެއްކައުވަންތަ ﷲ އެވެ.

ﷲ ވަޙީކުރައްވައިފައި ވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ" (އަންފާލް 27). މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللّهއަށާއި، رسولއާއަށް ތިޔަބައިމީހުން خيانةތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانةތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانةތެރި ނުވާށެވެ!" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ)

  • އައް ސުލްޠަތުއް ޞަޙާފާ (ނޫސްވެރިކަމުގެ ބާރު):

އިސްލާމީ ވެރިކަމުގައިވެސް ޚަބަރު ފެތުރުމާއި ޚަބަރު ގެނައުމާއި ޚަބަރު ޢާންމުކުރުން އޮތެވެ. ރަށްރަށުގެ ވާހަކަތައް ގެނައުމާއި ހަނގުރާމައިގެން ކަންކަން ބެލެހެއްޓުމުގައި ކޮންމެ ޖަމާޢަތަކުންވެސް ޚަބަރު ގެނެސް ގެންގޮސް ހަދާނޭ މީހުންލައްވައިފައިވެއެވެ. އެހެންކަމުން އެއީ މީޑިއާގެ ދައުރުވެސް އޮތް ޒަމާނެއްކަން އެބަ ސާބިތުވެއެވެ. އެ ޒަމާނަށް ހަމަ އެންމެ ޤާބިލް މަގުން އެ ކަންކަން ކުރެތެވެ. އެހެނީ އެ ޒަމާނަކީވެސް ޢިލްމިއްޔާތަށް ވިސްނި "ޓެކްނޯލޮޖީ"ގެ ޒަމާނެކެވެ.

ﷲގެ ވަޙީ ބަސްފުޅުގައިވެއެވެ. "أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى" (ނަޖުމް 36). މާނައީ: "އަދި ކީއްހެއްޔެވެ؟ موسىގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ خبر އޭނާޔަށް ނުލިބެނީހެއްޔެވެ؟" އަދިވެސް ވަޙީކުރައްވައެވެ. "أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا" (ކަހުފް 9). މާނައީ: "އަދި ކިއެއްތަ! كهفބާގައިމީހުންނާއި، އެއުރެންގެ ނަންތަކާއި އެއުރެންގެ خبرތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ، ތިމަންރަސްކަލާނގެ آيةތަކުގެ ތެރެއިން عجائبއަކަށްވީކަމުގައި، ކަލޭގެފާނު ހީފުޅުކުރެއްވީ ހެއްޔެވެ؟" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ)

މި ބަސްފުޅުތަކުގައި އެވާ ޚަބަރަކީ ނޫސްވެރިކަމުގެ އޭރު އޮތް ޙާލަތުގައި ހެޔޮ މިންވަރެކެވެ. އެ ޒަމާނުގައި މުސްލިމް ނޫން ދައުލަތްތަކުގައިވެސް ތިބެނީ ސަފީރުންނާއި ޖާސޫސުންނެވެ. ޚަބަރު ގެންނަ މީހުނާއި އޮޅު ދޫންޏާއި ޖަނަވާރެވެ. އިސްލާމި ޙަޟާރަތުގައިވެސް ޚަބަރު ލިބިގަންނާނޭ އިންތިޒާމާއި ރައްޔިތުންނަށް ޚަބަރު އާންމުކުރާނޭ އިންތިޒާމު ހަމަޖެހިފައިވެއެވެ. މި ޒަމާނުގައިވެސް މިއީ ހުއްދަ ކަމެއްކަމުގައިވެފައިވަނީ އެހެންވެއެވެ. ހަމަ އެހެންމެ ފަތުރާ ޚަބަރުތަކުގައި ދޮގު ނުހިމެނުމަށާއި އޮޅުވައިލުމަށް ހިތްވަރު ނުދިނުމަށް އިސްލާމީ ދުސްތޫރުގައިވެއެވެ.

ﷲ ވަޙީކުރައްވައިފައިވެއެވެ. "وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ" (އަންޢާމް،68). މާނައީ: "ތިމަންރަސްކަލާނގެ آيةތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާންދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطانއާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ) ވިސްނަވާށެވެ. އިސްލާމްދީނުގައި ދައުލަތުގެ އިންތިޒާމުގެ ފުރިހަމަކަމެވެ.

  • އިސްލާމްދީނަކީ ބާރުތައް ވަކިވެފައިވާ ފުރިހަމަ ދީނެއް:

ބާރުތަކާމެދު ވިސްނާނޭ އިތުރު ޖާގައެއް ނެތެވެ. މި ލިޔުމުގެ 5.1 ގެ ދަށުން ކުރުކުރުކޮށް ވާހަކަދެކެވިފައިވާ ނުކުތާތަކުން ދައުލަތުގެ ބާރުތައް ދީނުގައި އޮތް މިންވަރާއި އޮތްކަން އެބަ ސާބިތުވެއެވެ. ނުވިތަކަށް ބާރުތައް އެ ގޮތުގައި އޮތް ބޭނުންވެސް އެބަ ސާބިތުވެއެވެ. ހަމަ ޤައިމު މި ދީނަކީ ފުރިހަމަ އިލާހީ ދީނެކެވެ. ހުރިހާ ބާރެއްވެސް 100 އިންސައްތަ ވަކިވެ މިނިވަންވުމަކީ ދައުލަތްތަކަށް މުސީބާތެއްކަން މިއަދު ދިވެހި ރާއްޖޭގެ ސަރުކާރުގެ ހިންގުމަށާއި ނިމިދިޔަ ސަރުކާރުތަކަށާއި ބަރުލަމާނީ ނިޒާމަށް ކަން އަނބުރައިލަން ވާހަކަދެއްކޭ މަޖިލީސްތަކުގެ ނިމިދިޔަ ހަފުތާގެ (ޖުލައި 2020 ގެ ފަހު ހަފުތާ) މަޝްވާރާތަކުންވެސް ދެނެ ތިބި ބަޔަކަށް އެނގޭނެއެވެ.

  • އިސްލާމްދީނަކީ އިންސާނީ މުހުތާދުތަކަށާއި ހިމާޔަތަށް ފުރުސަތު އޮތް ދީނެއް:

އިންސާނަކު އޭނާގެ ޙަޔާތުގައި ދުޅަހެޔޮކަންމަތީ ވޭތުކުރުމަށް ބޭނުންވާ އެންމެހާ ޚިދުމަތަކަށް އިސްލާމްދީނުގައި ފުރުސަތު އެބަ އޮތެވެ. އެހެނީ މި އިން ކޮންމެ ކަމަކީ ކީރިތި ޤުރުއާނުންނާއި ސުންނަތުން އިސްލާމީ އަސާސްގައި ވާހަކަދެކެވިފައިވާ ކަންކަމެވެ. ޤުރުއާނުގެ ޝަރަޙައާއި ޙަދީޘްތަކުގެ ޝަރަޙަ ބަލައި ކިޔައި ދެނެގެންފި މީހަކަށް މިކަމުގައި ޙައިރާންކުރުވަނިވި ޢިލްމެއް ލިބިގެންދާނޭކަން ކަށަވަރެވެ. އެއަށްފަހު ދީނުގައި ދައުލަތެއްގެ ފުރިހަމަ ސިޔާސަތެއް ލައްވަވައިފައިވާކަން ޤަބޫލުކުރެވޭނެއެވެ.  ނުކީމަކާ ނޭނގޭނެއެވެ. ދީން ނުކިޔަވައެއް ދީނުގެ ވާހަކަތަކެއް ނޭނގޭނެއެވެ. ހަމަ އެކަނި ފަރުޟު އަޅުކަން ދަސްކޮށް މަންމަ ބައްލަ ޤުރުއާން ކިޔަވާތީ ތިމާއަށް ދީން އެނގިގެން އުޅޭނަމަ މި ހިރަ މިހިރަ ކަންކަން ޤަބޫލެއް ނުކުރާނެއެވެ. އިސްވެދިޔަ 4.2 ގެދަށުން ބަޔާންވި ނުކުތާތަކަށް ވަކިވަކިން ބަލައިލާނަމެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *