Support Us

ކޮލަމް ގަލަން: ޝެއިޚު އިމްރާނަށް ނިސްބަތްކުރެވޭ އިލްމީ ޒުވާބެއްގެ ހައްލު

މިއީ ހަދީސެއް ކަމަށް ބުނެ ޖަލްސާއެއްގައި ބޮޑު ޝެއިޚަކު ވިދާޅުވީ ހަދީސެއް ނޫން ކަމަށް ބައެއް ބޭކަލުން ވިދާޅުވެ އުފެދުނު ޒުވާބަކާ ބެހޭގޮތުން ކޮށްފައިވާ ކުޑަ ތަހުލީލެކެވެ.

ށ. ފޯކައިދޫގައި އިހަށްދުވަހު ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި ދެން ނިދުމާއި އަރާމުކުރުމެއް ނެތް ކަމަށެވެ. އިސްލާމީ ތާރީޚުގެ ތެރޭގައި އެކަހަލަ ކަންކަން އައިސް ޖެހުނީމާ އަޒުމު ނެގުމަށް ޓަކައި ވަރަށް މުހިންމު މިސާލުތައް އެބަހުރި ކަމަށާއި މިސާލެއްގެ ގޮތުން ވިދާޅުވީ ކީރިތި ރަސޫލާ ﷺ އަށް ފާޅުގައި ދީނަށް ގޮވައިލެއްވުމަށް އަމުރުކުރެވުނު ހިނދު ޚަދީޖާ ރަޟިޔަﷲ އަންހާގެ އަރިހަށް ވަޑައިގެން ގޮވާލައްވައިފައި ވިދާޅުވެފައިވަނީ "يا خديجة لقد انتهت عهد النوم والراحة" (ޔާ ޚަދީޖާ، ލަޤަދު އިންތަހަތް ޢަހްދިއްނައުމި ވައްރާޙާ) ކަމަށެވެ. މާނައީ: އޭ ޚަދީޖާއެވެ. މިއަދަށްފަހު އަރާމުކުރުމާއި ނިދުމުގެ ދުވަސްތައް ތިމަންކަލޭގެފާނުގެ ފަހަތަށް ގޮސް އެނބުރި ހިނގައްޖޭ މިފަދައިން ކަމަށެވެ.

"يا خديجة لقد انتهت عهد النوم والراحة" ގެ ހަގީގަތް

އިސްވެދިޔަ އިބާރަތާއި އަދި އެމާނައިގައި ހިމެނޭ ދެވަނަ އިބާރަތެއް ވެސް ދައުރުވެއެވެ. އެއީ (مضى عهد النوم يا خديجة)ގެ އިބާރާތެވެ. މާނައީ: ނިދިކުރުމުގެ ދުވަސްތައް ފާއިތުވެއްޖެއެވެ.

(مضى عهد النوم يا خديجة) ގެ އިބާރަތަކީ ظلال القرآن ނަމަކަށްކިޔުނު ތަފުސީރުފޮތުގައި الأستاذ سيد قطب ދެ ތަނެއްގައި ލިޔުއްވައިފައިވާ އިބާރާތެކެވެ. އެއްތަނަކީ ބަޤަރާ ސޫރަތުގެ 63-64 ވަނަ އާޔަތުގެ ތަފުސީރުގައިއެވެ. އަނެއްތަނަކީ މުޒައްމިލު ސޫރަތުގެ 1-9 ވަނަ އާޔަތުގެ ތަފުސީރުގައިވެއެވެ.

އިސްވެ ދެންނެވުނު ظلال القرآن ނަމަކަށްކިޔުނު ތަފުސީރު ފޮތުގައި ހުރި ހަދީޘްތައް މުރާޖާކުރެއްވެވި އެއް ބޭކަލަކީ الشيخ علوي بن عبد القادر السقاف ނަމަކަށް ކިޔުނު ބޭކަލެކެވެ. ވިދާޅުވަނީ "ތިމަންނަ އެ ހަދީޘު ފެނޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. ބެލިބެލުމުން އެ ހަދީސެއް ނުފެނުނެވެ. އެހެންކަމުން ތިމަންނަ ދެކެނީ އެއީ ހަދީޘެއް ނޫން ކަމަށެވެ."

އިލްމީ ޒުވާބު ތަހުލީލުކުރުން

އެކެއް: ބައެއް ބޭކަލުން ވިދާޅުވަނީ ބޮޑު ޝައިޚު ބޭނުންކުރެއްވި "يا خديجة لقد انتهت عهد النوم والراحة" ގެ އިބާރާތަކީ އެއްވެސް ޙަދީސް ފޮތެއްގައި ނެތް އިބާރާތެއް ކަމަށެވެ. އާދެ! ތެދެއްމެއެވެ. އެ އިބާރާތަކީ މި ވަގުތު ލިޔެފައި ހުރި އަދި ދިރާސާކޮށްފައި ހުރި ހަދީޘް ފޮތްތަކުން ފެންނަންނެތް އިބާރަތެކެވެ. އަދި (مضى عهد النوم يا خديجة) ގެ އިބާރަތަކީ މި ވަގުތު ދިރާސާކޮށްފައި ހުރި ހަދީޘް ފޮތްތަކުން ފެންނަން ނެތް އިބާރާތެކެވެ. ނަމަވެސް އެ ދެ އިބާރަތުގެ މުރާދުގައި ހިމެނެނީ އެއް މާނައެކެވެ. އަދި ބައެއް އިސްލާމީ މުފައްކިރުން އެ ދެ އިބާރަތުންކުރެ އެއް އިބާރާތް، އާދެ، (مضى عهد النوم يا خديجة) ގެ އިބާރާތް ބޭނުން ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

މިސާލެއްގެ ގޮތުން ޑރ. އަޙުމަދު ބުނި ސުލައިމާނު ބުނި އަލްމޫރަޢީ ފާހަގަކޮށްލެވެއެވެ. އެއީ މައްކާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ދަޢުވާ ވައޫޞޫލުއްދީނުގެ އެސިސްޓެންޓު ޕްރޮފެސަރެކެވެ. އަދި އެ ހިސާބުގެ ބޮޑު މިސްކިތެއްގެ ހުކުރު ޚުޠުބާ ވެސް ވިދާޅުވާ ބޭކަލެކެވެ. އަދިވެސް ކިތަންމެ އިސްލާމީ މުފައްކިރުން އެ ހާދިސާ އެ މޭރުމުން ބަޔާންކުރައްވާފައިވާތީވެ ބޮޑު ޝައިޚު ބޭނުންކުރެއްވި އެ ހާދިސާއަކީ، އޭގެ އިބާރާތް ތަފާތުވިކަމުގައި ވިޔަސް ވުޖޫދުގައި ނެތް އެއްޗެއްކަމަށް ނުބެލެވޭނެއެވެ.

ދޭއް: ބައެއްް ފަރާތްތަކުން ބޮޑު ޝައިޚަށް ދެއްވި ޒުވާބެއްގައި ބުނެފައިވަނީ ކީރިތި ރަސޫލާ ﷺ އަށް ނިސްބަތްކުރައްވައި ”مضى عهد النوم ياخديجة“ގެ ބަސްފުޅު ގެންނަވާފައިވަނީ ”ޡިލާލުލް ޤުރުއާން“ގެ މުއައްލިފު ސައްޔިދު ޤުޠުބުކަމަށެވެ. އަދި ސައްޔިދު ޤުޠުބަކީ އިސްލާމީ މުފައްކިރެއް ކަމުގައި ވިޔަސް އޭނާއަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނެވި އިލްމުވެރިޔަކަށްނުވާތީ އޭނާގެ މަސައްކަތްޕުޅުގެ ތެރޭގައި ޞައްޙަ ނޫން ގިނަ ޙަދީސްތައް ބޭނުންކުރެއްވިފައި އެބަހުރި ކަމަށެވެ. އެ ސަބަބާ ގުޅިގެން އޭނާގެ ތަފުސީރުގައި ހުރި ޙަދީސްތައް ދިރާސާކުރައްވައި ޢިލްމުވެރިންވަނީ އެ ފޮތުގައި ޙަދީސްގެ ގޮތުގައި ގެނެސްދެއްވާފައިވާ ބަސްފުޅުތަކާ ގުޅޭ ދިރާސާތައް ކުރައްވާފައެވެ. އެ ބަސްފުޅުތަކާ ގުޅޭ އެންމެ ބޮޑު ދިރާސާއެއް ކުރައްވާފައިވާ އެއް ބޭފުޅަކީ ޢަލަވީ އައްސައްޤާފު ކަމަށެވެ. އެ ބަސްފުޅާމެދު ޢަލަވިއްޔުއްސައްޤާފު ވިދާޅުވެފައިވަނީ ވަރަށް ބޮޑަށް ހޯދައި ބައްލަވައިގެންވެސް އެއްވެސް ޙަދީސް ފޮތަކުން އެ ޙަދީސް ފެނިވަޑައިގެންފައިނުވާތީ، އެއީ ޙަދީސެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ސައްޔިދު ޤުޠުބަކީ އިސްލާމީ މުފައްކިރެއް ކަމުގައިވިޔަސް އޭނާއަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނެވި އިލްމުވެރިޔެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކޭ ދެކުމާމެދު އެއްޗެއް ދަންނަވާކަށެއް ނެތީމެވެ. ސަބަބަކީ އެއީ އެ ބޭކަލުންގެ ޒާތީ ރައުޔަކަށް ވާތީއެވެ. މިތަނުގައި މުހިންމުވަނީ ސައްޔިދު ޤުޠުބު ނަބިއްޔާއަށް ނިސްބަތްކުރައްވި ބަސްފުޅު ”مضى عهد النوم ياخديجة“ ދިރާސާ ކުރެއްވި ބޭފުޅަކީ ކޮބައިކަން ދަނެގަންނާށެވެ. އާދެ! އެއީ علوي بن عبد القادر بن محمد بن هادي السَّقَّاف އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މައްކާގައި 1376ގައެވެ. އިސްކޫލް ދައުރު ސެންޑަރީއާ ހަމަޔަށް ފުރިހަމަކުރެއްވީ މައްކާގައި 1395ގެ ނިޔަލަށެވެ. މަތީ ތަޢުލީމު ހާސިލުކުރެއްވީ ކިންގު ފަހުދު ޔުނިވަރސިޓީ އޮފް ޕެޓުރޯލިއަމް އެންޑް މިނެރަލްސް އިން 1401ގެ ނިޔަލަށެވެ. އޭގެ އިތުރުން އިމާމު މުހައްމަދު ބުނި ސުޢޫދު އިސްލާމިކު ޔުނިވަރސިޓީގެ އުސޫލުއްދީނުގެ ފެކަލްޓީގައި ނުރަސްމީކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ. ކިންގު ފަހުދު ޔުނިވަރުސިޓީ އޮފު ޕެޓުރޯލިއަމްގައި 1428 އަށް މަސައްކަތްކޮށް ފައިވެއެވެ. އަދި މިވަގުތު "الدرر السنية" ސައިޓުގެ ޖެނެރަލް ސުޕުރަވައިޒަރެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ސައްޔިދު ޤުޠުބަކީ ދީނީ އިލްމުވެރިއެއް ކަމުގައި ދެކެނުލައްވާ ބޭކަލުން، ޢަލަވީ އައްސައްޤާފު ދީނީ އިލްމުވެރިއެއް ކަމުގައި ދެކެލައްވަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ތަހުގީގީ ނަޒަރަކުން ބަލައިފި ނަމަ ސައްޔިދު ޤުޠުބު، ނަބިއްޔާއަށް ނިސްބަތްކުރެއްވި ބަސްފުޅު ”مضى عهد النوم ياخديجة“ އިތުރަށް ދިރާސާކުރަން ބޭނުންވެފައިވާކަން ފާހަގަކުރެވެއެވެ.

ތިނެއް: ބައެއްް ފަރާތްތަކުން ބޮޑު ޝައިޚަށް ދެއްވި ޒުވާބެއްގައި އިޝާރާތްކޮށްފައިވާ ގޮތުން ހީވަނީ ޝައިޚު ގަސްތުގައި ކީރިތި ރަސޫލާ ﷺ އަށް ދޮގުބަސް ރައްދުކުރަނީ ހެންނެވެ. އެ ގޮތުން ބައެއް ފަރާތްތަކުން ލިޔެފައި ވެއެވެ. "ކީރިތި ރަސޫލާއަށް ދޮގުބަސް ރައްދުކުރުމަކީ ނުބައިކަން ބޮޑު ކަމެކެވެ. މާތްﷲ ރުއްސުންލެއްވި أبوهريرةގެފާނުގެ ކިނބައިން ރިވާވެފައިވާ ޞައްޙަ ޙަދީސް ބަސްފުޅެއްގައި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޙަދީސްކުރައްވާފައިވެއެވެ. «من كذب علي متعمدا فليتبوأ مقعده من النار» މާނައީ: ގަސްތުގައި ތިމަންކަލޭގެފާނާމެދު ދޮގުހަދައި، ތިމަންކަލޭގެފާނަށް ދޮގު ރައްދުކުރި މީހާ ދަންނާށެވެ. އޭނާގެ ޖާގަ ނަރަކައިން އޭނާ ކަށަވަރުކޮށްފިއެވެ.“

މީހަކު ކީރިތި ރަސޫލާ ﷺއަށް ނިސްބަތްކޮށް ކިޔާދޭ ހާދިސާއަކީ އެކަކަށްވުރެ ގިނަ އިލްމުވެރިން ކިޔާދީފައިވާ ހާދިސާއެއް ކަމުގައިވަނީ ނަމަ އެއީ ގަސްތުގައި ކީރިތި ރަސޫލާ ﷺއަށް ދޮގުބަސް ރައްދުކުރަނީ ކަމުގައި ނުބެލެވޭނެއެވެ. އިސްވެދެންނެވުނު ބަސްފުޅު ”مضى عهد النوم ياخديجة“ ސައްޔިދު ޤުޠުބުވަނީ ކީރިތި ރަސޫލާ ﷺއަށް ނިސްބަތްކުރައްވާ ލިޔުއްވައިފައެވެ. އަދި އަދި އިސްލާމީ މުފައްކިރެއް ކަމުގައިވާ ކުވައިތުގެ އަލްޢަވަޟީ ވެސް ވަނީ އެ ހަދިސާ އެގޮތަށް ކިޔުއްވާދެއްވާފައެވެ. އެހެންކަމުން ޝައިޚު އެ ހާދިސާ ކިޔާދެއްވި ދެއްވުމަކީ ކީރިތި ރަސޫލާ ﷺއަށް ދޮގުބަސް ގަސްތުގައި ރައްދުކުރަނީކަމުގެ ނުބައިކަން ޝައިޚުގެ ބޮލުގައި އެޅުވޭނެ ހުއްޖަތެއް ކަމަކަށް ނުބެލެވެއެވެ. އަދި އެ ހާދިސާ ބަޔާންކުރުމުގެ ސަބަބުން ކީރިތި ރަސޫލާ ﷺއަށް ގަސްތުގައި ދޮގު ހެދިކަމުގެ ތުހުމަތު ޝައިޚުގެ ބޮލުގައި އަޅުވަންޖެހޭ ސަބަބެއް އޮތް ކަމަކަށް ވެސް ނުބެލެވެއެވެ.

ނިންމުން: އިލްމުވެރީން އެއްބަސްވާ ގޮތުގައި ދޮގު ހަދީސެއް ހަނދާން ނެތިގެން ނުވަތަ އޮޅިގެން ނުވަތަ ނޭނގުމެއްގެ ތެރޭގައި ބަޔާންކުރެވުނު މީހެއްގެ މައްޗަކަށް ގަސްތުގައި ކީރިތި ރަސޫލާ ﷺއަށް ދޮގު ރައްދުކުރި މީހަކަށް ހުރި ނަރަކައިގެ ވަޢީދެއް ނުވެއެވެ. ނަމަވެސް އެދެވިގެންވަނީ ހަދީސެއް ބަޔާންކުރަނީ ނަމަ ހޯދައިބަލައި ސައްހަކަން ކަށަވަރުކުރުމެވެ.

އިލްތިމާސަކީ:

އެކެއް: އިލްމުވެރިޔަކު ލިޔާ ލިޔުމެއްގައި ނުވަތަ ދައްކަވާ ވާހަކަފުޅެއްގައި އިސްލާހުކުރަން ޖެހޭ ކަމެއް ފެނިއްޖެ ނަމަ އެ ކަމަކާމެދު ދެވަނަ ފަހަރަށް ވިސްނާވަޑައިގަތުން އެދި އެ މީހަކަށް ދަންނަވާލުމެވެ. ޒުވާބުކުރުމަކީ ހައްލެއްނޫނެވެ.

ދޭއް: ދިވެހިރާއްޖޭގެގައި ވެސް ފުންނާބު އުސް އިލްމީ މުއައްސަސާތައް އެބަހުއްޓެވެ. މިސާލަކަށް އިސްލާމިކު ޔުނިވަރސިޓީއާއި ފަތުވާ މަޖިލިސާއި އިސްލާމިކު މިނިސްޓްރީއާއި އަދި ސިޔާސީ ޕާޓީތަކުގެ އިލްމީ މަޖިލިސްތަކާއި ދީނީ ޖަމުއިއްޔާތަކެވެ. އެހެންކަމުން އެދެވިގެންވަނީ އިސްވެދެންނެވުނު ބަސްފުޅު ”مضى عهد النوم ياخديجة“ ގެ ލަފުޒާއި " يا خديجة لقد انتهت عهد النوم والراحة " ގެ ލަފުޒު ދިރާސާކޮށް ނަތީޖާއެއް ނެރެދިނުމެވެ.

އެޑިޓަރުގެ ނޯޓް:

އިސްވެ ދެންނެވުނު ހަދީސާ ގުޅިގެން މީސްމީޑިއާގައި ދައުރުވާ އެއް ޕޯސްޓް ތިރީގައި މި ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

3 Responses

  1. ޝައިޚް ނިޝާން ޒުވާބުކުރެއްވީއަކީ ނޫން. ޝައިޚް ނިޝާން އެ ކުރެއްވި ކަމަކީ ދީނީ ޢިލްމުވެރިއެެއްގެ ހައިސިއްޔަތުން، ހައްޤު ބަސް ބުނުމުގައި ފަސް ނުޖެހޭ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ޞައްޙަ ގޮތް، އިމްރާނަށާއި ދިވެހި ރައްޔިތުންނަށް އަންގައިދީ ބަޔާންކޮށްދިނުން. ހަދީސްގެ ދަރަޖަ ކަނޑައަޅަން ނޭނގޭ މީހުން ހަދީސް ކިޔަންޖެހޭނީ ވަރަށް ބޮޑަށް ބަލާ ދިރާސާކޮށްފަ. ނޫނީ ރައްޔިތުންނަށް އެ އޮަޅުވާލެވެނީ. އަދި ތިމާ ބޮޑު ފާފައަކާ ހަވާލުވީ.

  2. ޑރ ޢަބުދުﷲ ފާރޫގުގެ ޢިލްމީ ލިޔުއްވުންތަކަށް އަޅުގަނޑު ވަރަށް އިޙްތިރާމްކޮށް ބަލައިގަންނަން. އެކަމަކު އިމްރާން ސީދާ ދިފާޢު ކުރެއްވުމުގެ ގޮތުން ލިޔުއްވާފައިވާ މިވާހަކަ ގަބޫލުކުރަންދަތި. ޝައިޚު ނިޝާންގެ ބަހަށް ބުރަވެވޭ ސަބަކީ ޝައިޚު އިމްރާންއަކީ އިސްލާމްދީނުގެ ހަމަތަކަށް ފުރައްސާރަކޮށް އެކަމަށް ހިތްވަރުދޭ ބަޔަކާއެކު މާއްދީ ފައިދާ ލިބިގަތުމުގައި ދެމިހުރި ބޭފުޅަކަށް ވެފައި އެގޮތުގައި ސާބިތުވެ ހުރިކަމަށް ބުނެ އިއްވި ބަހެއްކަން ވަރަށް ސާފުކޮށް އެނގޭތީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *