Support Us

ކޮލަމް ކަލާވެހި: "ވެށި ފަތުރުވެރިކަން" އަދި "ޘަޤާފީ ފަތުރުވެރިކަން"

ދާދި ފަހުން އަޅުގަނޑުގެ މި ކޮލަމްގައި "’ވެށި ފަތުރުވެރިކަން' އެއީ އިޚުލާޞްތެރި ކަމާއެކު ކުރައްވާ ކަމަކަށް ހައްދަވާނެންޏާ…" މި ސުރުޚީގެ ދަށުން ތަންކޮޅެއް ދިގު މަޒުމޫނެއް ލިޔުނީމެވެ. އަދި އެ މަޒުމޫނު އަސްލަކަށް ބަލައިގެން، އެ މަޒުމޫނުގައި ހުރި ވާހަކަތައް ހިމަނައިގެން އިނގިރޭސިބަހުން މަޒުމޫނެއް ލިޔެ، އެ މަޒުމޫނު އިންޓަނެޓުގައި ޝާއިޢުކޮށް، ފަހުން މިދެންނެވި މަޒުމޫނުގެ ލިންކު އަޅުގަނޑުގެ ފޭސްބުކް ޞަފުޙާގައިވެސް ޙިއްޞާކުރީމެވެ.

އަޅުގަނޑު މި ދެންނެވި މަޒުމޫނު ޝާއިޢުކުރުމާ ވިދިގެން، އަޅުގަނޑު "ވެށި ފަތުރުވެރިކަން" ކަމަށް ބަޔާންކޮށްފައި އެ އޮތީ "ޘަޤާފީ ފަތުރުވެރިކަން" ކަމަށް ބަޔަކަށް ހީވެދާނެޔޭ، އެއީ ވަކީން އޮންނަ ތަފާތު ދެ ކަމެއް ނޫންހޭ، އަޅުގަނޑު އެ ބޭފުޅަކު ދެކެ ނުހަނު ލޯބިވާ، އަދި އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅަކު އަޅުގަނޑުގާތު ވިދާޅުވިއެވެ. އެހެންކަމާއެކު، އަޅުގަނޑުގެ މި މަޒުމޫނު ނުހަނު ލޯތްބާއި އިޙްތިރާމާއި ޝުކުރުވެރިކަމާއެކު ތަޚްޞީޞީ އަރިސްކުރުމަކުން އެ ބޭފުޅަކަށް އަރިސްކުރަމުން، އަޅުގަނޑުގެ ނަޒަރުގައި މި ދެ ބާވަތް ތަފާތުވާ ގޮތާއި، އެ ދެބާވަތް އެއްވާ ހިސާބުވެސް ތިޔަ އެންމެ ބޭފުޅުންގެ އަރިހުގައި ދަންނަވައިލެވޭތޯ ބަލާނަމެވެ.

އެންމެ ފުރަތަމަ، "ވެށި ފަތުރުވެރިކަން" އަދި "ޘަޤާފީ ފަތުރުވެރިކަން" މިއީ ކިހައި ތަފާތު ދެ ކަމެއްތޯ ބަލައިލާން ޤަޞްދުކުރާ މީހާ ބަލައިލާން ޖެހޭނޭ ކަމަށް އަޅުގަނޑަށް ފެންނަނީ، ވެށްޓާއި ޘަޤާފަތާ ދެމެދު ތަފާތުތަކެއް ހުރި ނަމަ، އެ ތަފާތުތަކަށެވެ. އަދި އެ ދެ ބާވަތުގެ ފަތުރުވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާނެންޏާ، އެ ތަފާތުތަކަކީ ކޮބައިކަން ރަނގަޅަށް އެނގިހުރެ އެ ވާހަކަދެއްކުމެވެ.

ވެށްޓާއި ޘަޤާފަތަކީ އެކަތި އަނެކައްޗާ ގުޅި، ލާމެހިފައިވާ ދެ މަފްހޫމެވެ. އެހެންކަމުން، އެއީ އެކައްޗަކަށް ކިޔާ ދެ ނަމެއް ކަމަށްވެސް ބަޔަކަށް ހީވާން އުޅުމަކީ ބައެއް ކަހަލަ ޙާލަތްތަކުގައި ވެދާނޭވެސް ކަމެކެވެ. ބަޔަކު ޘަޤާފީގޮތުން ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި، ކޮށްއުޅޭ ކަންތައްތަކާއި، މިހިރިމިހިރީ އެ ބަޔަކާ އެ ބަޔަކު އެ ވެށްޓެއްގައި ދިރިއުޅޭ ވެށީގެ އަސަރު އެ ކަންކަމަށް ނުހަނު ބޮޑަށް ކުރާނޭ ކަންކަމެވެ. އެހެންނަމަވެސް، އޭގެ މާނަޔަކީ ވެށްޓާއި ޘަޤާފަތާ އެއީ އެކައްޗަކަށް ކިޔާ ދެ ނަމަށް ވުމެއް ނޫނެވެ.

އެހެން ކަމަށް ވަންޏާ، އެންމެ ފުރަތަމަ، ވެށްޓަކީ ކޮބައިތޯއެވެ؟

ތަނެއްގެ ވެށްޓަކީ، އިންސާނުންވެސް އޭގެ ތެރޭގައި ހިމެނޭ ގޮތުން، އެ ތަނެއްގައި ލެއްވިހައި މަޚުލޫޤުންގެ ވަށައިގެންވާ ޤުދުރަތީ އަދި މާއްދީ އެންމެހައި ބާވަތްތަކުގެ ޖަމްޢަށް ކިޔާ ނަމެކެވެ. މި ބީދައިން، ދިވެހި ރާއްޖޭގެ ވެށި ކަމަށް އަޅުގަނޑު މި ބަލަނީ މި ރާއްޖެ ދުނިޔޭގައި ޖުޣުރާފީ ގޮތުން ލައްވައިފައި މިވާ މަޤާމާއި، ރާއްޖޭގެ މޫސުމާއި، ރާއްޖޭގައި ޤުދުރަތީ ގޮތުން ލައްވައިފައި ހުރި ޤުދުރަތީ ވަޞީލަތްތަކާއި، ރާއްޖޭގައި އިންސާނުންގެ އަތްތަކުން ބިނާކޮށްފައި ހުރި ބިނާތަކާއި އެފަދަ އަސާސީ އުފެއްދުންތަކެވެ. ތަންކޮޅެއް ތަފްޞީލުކޮށް ދަންނަވާ ނަމަ، މި ރާއްޖޭގެ ޖަޒީރާތަކާއި، އެ ޖަޒީރާތަކުގައި ލައްވައިފައިވާ ގަސްގަހާގެއްސާއި، ޖަނަވާރާއި، ދޫނިސޫފާސޫއްޕާއި، ދެންވެސް ހުންނަ އެ ފަދަ ދިރުންތަކެވެ. މި ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ފަރުތަކާއި އެ ތަންތާނގައި ލައްވައިފައިވާ މަސްމަހާމެއްސާއި ދެންވެސް ހުންނަ އެ ފަދަ ދިރުން މެއެވެ. އަދި ހަމައެޔާއެކު މި ރާއްޖޭގައި އިންސާނުން ދިރިއުޅޭން ހަދައިފައި މިހިރަ ޢިމާރާތްތަކާއި، މަގުތަކާއި، އެކި ވަޞީލަތްތައް އެއް ތަނުން އަނެއް ތަނަށް ފޯރުކޮށްދޭން ޤާއިމްކޮށްފައި ހުރި އެކި ވިޔުގަތަކެވެ.

ތަނެއްގެ ޤުދުރަތީ ވެށްޓަކީ އިންސާނުންނަށް އޭގެ މައްޗަށް އެހައި ބޮޑު ބާރެއް ފޯރުވޭ އެއްޗެއް ނޫނެވެ. ދުނިޔޭގައި ރާއްޖެ އޮންނަ ތަނާއި، ރާއްޖޭގެ މޫސުމާއި، ރާއްޖޭގައި ލައްވައިފައި ހުރި ވަޞީލަތްތަކާއި ދިރުންތަކަކީ އިންސާނުންގެ އިޚްތިޔާރީ ބާރު އެ ބާވަތްތަކުގެ މައްޗަށް އާޚިރުގައި އެހައި ބޮޑަށް ފޯރުވޭނޭ ކަންކަމެއް ނޫނެވެ. އަދި ހަމަ އެޔާއެކު، ތަނެއްގެ ޞިނާޢީ ވެށްޓަކީވެސް އެ ވެށި ބިނާކުރުމަށްފަހު އެޔަށް ކޮންމެވެސް ވަރެއްގެ ދާއިމީކަމެއް ލިބިގެންވާ، އެހައި އަވަހަށް އެހައި ފަސޭހައިން އެކިފަހަރު އެކިގޮތަށް ބަދަލުކުރެވޭނޭ އެއްޗެއްވެސް ނުމެ ނޫންމެއެވެ. އެހެނީ، އެއީ ގިނަދުވަހަށް ދެމިހުންނަ ގޮތަށް ހަދައިފައި ހުންނަ މާއްދީ ބާވަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެށްޓަކަށް ވާތީއެވެ. ތަނުގެ ޤުދުރަތީ ވެށްޓާ ގުޅި، ހިފައި، ތަޅުލެވި، ތަގުޅިކުރެވިފައި ހުންނަ ޖުޒުއަކަށް ވާތީ މެއެވެ.

ދެންފަހެ އެހެން ވެއްޖިއްޔާ، ޘަޤާފަތަކީ އަޅެ ކޮބައިތޯއެވެ؟

ތަނެއްގެ ޘަޤާފަތަކީ އެތަނެއްގައި ދިރިއުޅޭ އެންމެން، ނުވަތަ ވަކި ޙާލަތްތަކެއްގައި އެންމެންގެ ތެރެއިން ގިނަބަޔަކު، ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި، އެބަޔެއްގެ ދީނާއި، އެބަޔެއްގެ ޢަޤީދާ ނުވަތަ ޢަޤީދާތަކާއި، އެ ތަނެއްގައި ޢާއިލީ ގުޅުންތައް ހުންނަނުހުންނަ ގޮތްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިޔާއި، އާދަކާދަޔާއި، އެތަނެއްގައި ޢާންމުކޮށް ބޭނުންކޮށްއުޅޭ ބަސް ނުވަތަ ބަސްތަކާއި، ފަންނުތަކާއި، އިޖްތިމާޢީ ހަމަތަކާއި، މި ބާވަތުގެ ކަންކަމުގެ މަޖުމޫޢު އެވެ. ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކަންކަމީ އެ ކަންކަމުގައި މާއްދީގޮތުން އަތް ބީއްސައިލެވޭނޭ ކަންކަމެއް ނޫނެވެ. މާއްދީ ފުރޮޔަކުން ކަނޑައި ވައްޓައިލައި، މަޑަޖަހައިގެން މަރައިލައި، ކޯރާޑިޔަކުން ތަޅައި ކުނޑިކޮށް، އަލިފާން ޖަހައިގެން އަންދައިލައި، ނުވަތަ މަރުތޭލަކުން ތަޅައިގެން އެޔަށް ގޮތެއް ހެދޭނޭ އެއްޗެއް އޭގައި ހިމެނޭނޭ އެއްޗެއް ނޫނެވެ. ޘަޤާފަތް ބަދަލުކުރެވޭ މުޅީން އެހެން ގޮތަކަށަވެ. އެއީ އިންސާނުންގެ ވިސްނުން، ނުވަތަ ޢަޤީދާ، ނުވަތަ އާދަކާދަ، ނުވަތަ ދެންވެސް އެފަދަ، މާއްދިއްޔަތެއް އެޔަށް ލިބިގެން ނުވާ ކަމަކަށް އަންނަ ބަދަލަކުން، ނުވަތަ ގެނެސްގަންނަ ބަދަލަކުންނެވެ. އެއީ ހަމަ ބަސްބުނާހިނދުންވެސް ވެދާނޭ، ނުވަތަ ކޮށްލެވިދާނޭ ކަމެކެވެ.

ދެން ވިސްނާވަޑައިގަންނަވާށެވެ!

މިރާއްޖޭގެ ވެށްޓަކީ، އިހަށްވެސް ދެންނެވި ފަދައިން، ދުނިޔޭގައި ޖުޣުރާފީ ގޮތުން ރާއްޖެ ލައްވައިފައި މިވާ މަޤާމާއި، މި ރާއްޖޭގެ ޖަޒީރާތަކާއި، ކަނޑުފަޅާއި، ފަރުތަކާއި، ރާއްޖޭގެ މޫސުމާއި، ރާއްޖޭގައި ހުރި ޤުދުރަތީ ވަޞީލަތްތަކާއި މިތާނގައި ލައްވައިފައިވާ ގަސްގަހާގެއްސާއި، ޖަނަވާރާއި، ދޫނިސޫފާސޫއްޕާއި، މަސްމަހާމެއްސާއި، ދެންވެސް ހުންނަ އެ ފަދަ ދިރުންތައްކަން ކަށަވަރެވެ. އަދި ހަމައެޔާއެކު މި ރާއްޖޭގައި އިންސާނުން ދިރިއުޅޭން ހަދައިފައި މިހިރަ ޢިމާރާތްތަކާއި، މަގުތަކާއި، ބިނާކޮށްފައި ހުރި އެކި ބާވަތުގެ ވިޔުގަތައްވެސް މެއެވެ. ޔަޢުނީ، މާއްދިޔަތެއް އެޔަށް ކަނޑައެޅިގެން ލިބިގެންވާ އެންމެހައި ބާވަތްތައްކަން ކަށަވަރެވެ.

ދެން ޤަބޫލުފުޅުކުރައްވާށެވެ.

ތަނެއްގެ ވެށްޓާއި އެ ތަނެއްގެ ޘަޤާފަތާ ގުޅޭ ހިސާބަކީ ކޮބައިކަން މި ދަންނަވަނީއެވެ. ތަނެއްގައި ޘަޤާފަތެއް އުފެދޭނީ އެތަނެއްގައި ދިރިއުޅޭ އިންސާނުންގެ މާއްދީ ވެށީގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި އެ ޘަޤާފަތެއް އެތަނެއްގައި ދެމިއޮންނާނީ އެ ވެށީގައި ދިރިއުޅޭ އިންސާނުން އެބައިމީހުންގެ ދަރިފަސްކޮޅަށް އެތަނެއްގެ ވެށި ޞައްޙަސަލާމަތްކަމާއެކު ދެމިއޮންނާނޭ ގޮތުގެ މަތީން އެ ވެށި ޙިމާޔަތްކޮށްދީގެން މެއެވެ. އޭގެ މާނަޔަކީ، ވެށްޓާ ޘަޤާފަތާ މި ދޭތި މިއީ އެކުގައި ދަތުރުކުރާ، ދެ ރަޙުމަތްތެރީންނޭއެވެ.

މިރާއްޖެ ކީއްކުރަންތޯއޭ، އަދި ކޮންމެ ރާއްޖެޔަކު ކަމަށް ވިޔަސް، އެ ރާއްޖެޔެއްގެ ވެށި މަޢުރަޟަކަށް ހަދައި، އެ ތަނަށް ބީރައްޓެހީން ގެނެސްގެން އެ ބަޔަކަށް އެ ވެށި ދައްކައި ހަދާން ބޭނުންވާ ބަޔަކު މާނަހުރި ގޮތަކަށް އެކަން ކުރާން އިޚްލާޞްތެރިކަމާއެކު ބޭނުމިއްޔާ، އެ ވެށީގެ އަސާސީ ތަޢާރުފް ވެސް ފުރިހަމަކުރާން ވާނެއެވެ. އެތަނެއްގެ ވެށްޓަކީ އެތަނެއްގައި ޤުދުރަތީ ގޮތުން ލައްވައިފައި ހުރި ތަންތަނާއި އެ ތަންތަނުގައި ލައްވައިފައި ހުރި މަސްމަހާމެއްސާއި ދޫނިސޫފާސޫތްޕާއި ގަސްގަހާގެއްސާ ހަމައިން ނިންމައިލާ އެއްޗަކަށް ހަދައިފިއްޔާ، އެއީ އެތަނެއްގެ ވެށީގެ ބައިކުޅަބަޔަކަށް ނޫނީ ހަމަ ނުވާނެއެވެ. އަދި ޢަމުދުން އެއީ އެކި ދެތިން މިޔަރަކާއި ފާނަޔަކާއި ވެލަޔަކާއި ކަނޑޫފަލަކަށް ހަދައިފިއްޔާ، އެ ވާނީ ބައިކުޅަބައިގެވެސް ބައިކުޅަބަޔަކަށެވެ. ތަނެއްގެ ވެށީގެ ތަޢާރުފް ފުރިހަމަ ވާނީ އެތަނެއްގައި އިންސާނުން ދިރިއުޅޭން އެމީހުންގެ އަމިއްލަ ޙާލަތާއި ކެރިފޯރުންތެރިކަމާއި ހިންމަތާއި މިންނަތުން ބިނާކޮށްފައި ހުންނަ މާއްދީ ބިނާކުރުންތައްވެސް އެއީ މުޅި ވެށީގެ ބައެއްކަމަށް ބަލައިގެންނެވެ.

ދެން އޮތީ ނުކުރާން ހުރެފައިވެސް ނުކޮށް ދޫކޮށްނުލެވޭ އެކި ދެތިން ސުވާލެކެވެ. އެއީ، އަޅުގަނޑުމެންގެ ވެށްޓަށް ދުނިޔެތެރެއިން މެހުމާނުން ކޮޅެއް ގެނެސް، އެ ވެށި އޭގެ ފުރިހަމަ ކާމިލްކަމުގައި އެ މެހުމާނުންނަށް ދައްކައިފިއްޔާ، އެ މެހުމާނުންނަށް އަޅުގަނޑުމެންގެ ޙަޤީޤީ ވެށީގެ އޮފުނުލާ ޙަޤީޤަތްތަކެއް ފެނިދާނޭތީ އެއްވެސް ބޭފުޅަކު އެކަމާ ހިތްކުޑައިކުރައްވަނީތޯއޭ، މިއެވެ! ނުވަތަ މި ދެންނެވި ވެށި އެ ވެށީގެ ބައެއް އުނިނުކޮށް އެ މެހުމާނުންނަށް ދައްކައިފިއްޔާ، އަޅުގަނޑުމެންގެ މިޒަމާނުގެ ޘަޤާފަތުގެ ދެރަވަރުގެ ޙަޤީޤަތްތަކެއްވެސް ބިދޭސީ މެހުމާނުންކޮޅަކަށް ފެނިދާނޭތީ، ވެށްޓާ ޘަޤާފަތާ ވަކިކުރާން ބަޔަކު ބޭނުންވަނީ ތޯއޭ، މިއެވެ. ނޫނިއްޔާ، ވެށްޓާއި ޘަގާފަތާ އެކީގައި އަތުގުޅުވައިގެން އެ ހިނގާ ހިނގުމުން ތަނުގެ ޙަޤީޤީ ޘަޤާފަތް އެއްކިބާ ކުރައްވާންވީތޯއޭ، މިއެވެ.

ދެން އެހެންވެއްޖިއްޔާ، މި ރޮނގުން އަޅުގަނޑު އިތުރަކަށް ދަންނަވާނޭ އެއްޗެއް ހަމަ ނެތެވެ.

ނޫން! އެބައޮތެވެ!

އެއީ، ދުނިޔޭގެ އެހެން ތަންތާނގައި "ވެށި" މާނަކުރަނީ ކިހިނެއްތޯ ތިޔަބޭފުޅުން އަމިއްލަފުޅަށްވެސް ބައްލަވައިލެއްވުން ކިއެއްތޯއެވެ؟ އަޅެ އެއް މަޞްދަރަށް ވުރެ ގިނަ މަޞްދަރުން އެކަން ބައްލަވައިލައްވައި، ވެށްޓާ ޘަޤާފަތާ ދެމެދު ހުރި ތަފާތުތަކަކީ ކޮބައިކަންވެސް ތިޔަބޭފުޅުން އަމިއްލަފުޅަށް މިނިވަންކަމާއެކު ބައްލަވައިލެއްވުން ކިއެއްތޯއެވެ؟ އަދި ހަމަ އެހެންމެ ވެށްޓާ ޘަޤާފަތާ ގުޅެނީ ކިހިނެއްތޯވެސް ބައްލަވައިލެއްވުން ކިއެއްތޯއެވެ؟ އަދި އެޔަށްފަހު، ފުރިހަމަ މިނިވަންކަމާއި، އިޚްލާޞްތެރިކަމާއެކު، ދިވެއްސެއްގެ ޙައިޘިއްޔަތުން، ދިވެހި ވެށީގެ މިލްކުވެރި ޙިއްސާދާރެއްގެ ބާރުވެރިކަމާއެކު އަމިއްލަފުޅު ނިންމެވުމެއް ނިންމެވުން ކިއެއްތޯއެވެ؟

ރަނގަޅަށް ވިސްނާވަޑައިގެން ތިއްބަވާށެވެ! އަލަށް ފަށާން މިއުޅޭ ވެށި ފަތުރުވެރިކަމާ މެދު އަޅުގަނޑުމެން ޣާފިލުވެ، ބޮޑުވަރިހަމައިގައި މިއަދު ތިބޭންވެއްޖިއްޔާ، ދެން ފެނިވަޑައިގަންނަވާނީ މިރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައި ދުވަސްވަރު  ހިނގި ބައެއް ކަންކަން ތަކުރާރުވާ ތަނެވެ. ނުވަތަ "ވެށި ފަތުރުވެރިކަން"ވެސް ނުމަގަކުން ހިނގައި، އެ ކަންވެސް ބޮޑު އެއްކަލަޔަކުން އެއްކަލަހެން ވާ ތަނެވެ. ރާއްޖޭގެ މީހުން އުޅޭ ގޮތް ބަލައިލާން އެއްގޮތަކަށްވެސް ބޭނުންނުވާ މީހުން ރާއްޖޭގެ ރިސޯޓުތަކަށް އައިސް އެމީހުންގެ ގޮތުގައި އުޅޭން މިހައިރުވެސް ޖާގަ އެބަ ދެވޭ ނޫންހޭ، އެހެންވީމައި ރާއްޖޭގައި މީހުން ދިރިއުޅެނީ ކިހިނެއްތޯ ބަލައިލައި، ރައްޔިތުންނާ އެކު އުޅެލައި، ރައްޔިތުންގެ ރަށްރަށުގައި ތިބެލާން އަންނަ މީހުންނަށް އެ މަގު ހުޅުވައިދިނުން ކީއްހޭ ކައިރި މާޒީއެއްގައި ބުނެފައި އޮވެމެ، އޭގެ ނަތީޖާ އާޚިރުގައި ނިކުތް ގޮތް ތަކުރާރުވާ ތަނެވެ. ފެނިވަޑައިގަންނަވާނީ މިދެންނެވި މަޤްޞަދުގައި ކަމަށް ބުނެ، ހުޅުވައިލި ރަށްރަށަށް ވީ ގޮތް އަނެއްކާ މިކަމުގައިވެސް ތަކުރާރުވާ ތަނެވެ. ރައްޔިތުން އުޅޭ ގޮތް ބަލައިލައި، އެ ގޮތަށް ކަމޭހިތައިގެން އުޅޭނޭ ކަމަށް ބުނި މީހުން، ރިސޯޓުތަކަށް އަންނަ މީހުންވެސް ހަމަ އުޅޭ ގޮތަށް އުޅޭނޭ ބިކިނީބީޗު މީހުން ދިރިއުޅޭ ރަށްރަށުގައި ހަދައިދޭން ޖެހުނު ޒާތުގެ، އެއްކަލަހެން ވާތަނެވެ. ލައްގާހުރަޔަށް ނޫނީ ނުލައްގައި، އަނެއްކާ ހަމަ އެއްކަލަހެން ވާ ތަނެވެ!