...

Support Us

ކޮލަމް ގަލަން: ރިޔާސީތަ؟ ބަރުލަމާނީތަ؟

މިހާރަކަށް އައިސް ބައެއް މީހުން ސުވާލު އުފައްދާ އެއް ކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައެވެ. އެގޮތުން ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމުތޯ؟ ނުވަތަ ބަރުލަމާނީ ނިޒާމުތޯ؟ އަހަމުންދެއެވެ. އެހެންކަމުން އެދެވިގެންވަނީ އެންމެ ފުރަތަމައަށް އެ ދެ ނިޒާމުގެ ފަރަގު ދަނެގަތުމެވެ. ދެން އެއަށް ފަހު އެންމެ އެކަށީގެންވަނީ ކޮން ނިޒާމެއްކަން ތިމާ އަމިއްލައަށް ކަނޑައެޅުމެވެ.

ރިޔާސީ ނިޒާމު

ރިޔާސީ ނިޒާމަކީ، Montesquieu (ފުރިހަމަ ނަން: Charles-Louis de Secondat) ކިޔުނު ފުރާންސަށް އުފަން ފިލޯސަފަރެއްގެ ފިކުރުގެ މައްޗަށް ރިޢާޔަތްކޮށްގެން 1787ގައި އެމެރިކާގެ ޤަނޫނު އަސާސީން ތަޢާރަފުވި ނިޒާމެކެވެ. އެ ނިޒާމުގެ އަސާސަކީ ތިން ބާރު ވަކިވަކިން ރައްޔަތުންނަށް ޚިދުމަތް ދިނުމެވެ. އެއީ ޤާނޫނުތައް ހަދާ ބާރާއި، ޤާނޫނުތައް ތަންފީޒުކުރާ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރާ ބާރެވެ. އަދި އެއް ބާރު އަނެއް ބާރެއްގެ މައްޗަށް އެއްވެސް ނުފޫޒެއްނެތުމެވެ. އެ ނިޒާމަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި އެ ނިޒާމުގެ ހަރުދަނާވުމުގައި އެ މީހުން ދެކޭ ސިފަތަކުގެ ތެރެއިން ޚާއްސަ ގޮތެއްގައި ދެސިފައެއް ފާހަނގަވެއެވެ.

ފުރަތަމައީ: ދައުލަތުގެ ތަންފީޒީ ބާރު ވަކި ބާރެއްގެ ގޮތުގައި އޮތުމެވެ.

ރިޔާސީ ނިޒާމުގެ ރަނގަޅު އެއް ސިފައެއް ކަމުގައި އެ މީހުން ދެކެނީ އެ ނިޒާމުގައި ތަންފީޒީ ބާރުގެ ވެރިކަން ސީދާ ރައްޔިތުން ހޮވާ ވެރިއެއްގެ އަތްމައްޗަށް އޮތުމެވެ. އަދި އެ މީހެއްގެ މަސްއޫލިއްޔަތުގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ވަޒީރުންނާއި އެނިހެން މީހުން އައްޔަންކުރުމެވެ.

ދަންނައެވެ. އެ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ނަމުގައި ތަންފީޒީ ބާރުން އައްޔަންކުރާ ވަޒީރުންނާއި އެހެނިހެން މީހުން ޖަވާބުދާރީ ކުރުވުމާއި ނުވަތަ ހަގީގަތް ހޯދައިބަލައި ގާބިލުކަން ކަށަވަރުކުރުމުގެ ބާރު ޤާނޫނު ހަދާބާރަށް ދީފައިވެއެވެ. ނަމަވެސް އެއީ ރިޔާސީ ނިޒާމުގެ އުސޫލެއްނޫނެވެ. އެއީ އެ ނިޒާމު ފަސާދަކުރުމަށް ޓަކައި އެނިޒާމުގެ ތެރެއަށް ވައްދާފައިވާ ފަނިފަކުސައެއް ކަމަށް ބައެއް ސިޔާސީ މުފައްކިރުން ދެކެއެވެ. އެ ބޭކަލުން ދެކެލައްވާ ގޮތުގައި ރިޔާސީ ނިޒާމުގެ އަސްލަކީ ތިންބާރު ވަކިން މަސައްކަތްކުރުމެވެ. ތަންފީޒީ ބާރުން ކުރާ އެއްވެސް ކަމަކަށް، ޤާނޫނު ހަދާ ބާރަކުން ނުފޫޒެއް ނުހިންގޭނެ ކަމަށް އެ ބޭކަލުން ދެކެލައްވައެވެ. އަދި ތަދައްޚުލެއް ނުވެވޭނެ ކަމަށް ވެސް އެ ބޭކަލުން ދެކެލައްވައެވެ. އެ ބޭކަލުންގެ ވިސްނުމަކަށް ވެފައިވަނީ ތަންފީޒީ ބާރުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރާ ކަންކަން ރައްޔަތުންނާ ހަމަޔަށް ފޯރުކޮށްދޭނީ ހަތަރުވަނަ ބާރުން ކަމެވެ. އެއީ މީޑިޔާއެވެ. ރައީސާއި އޭނާ އިޚްތިޔާރުކޮށްފައިވާ މީހުންގެ ފަރާތުން އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވާނީ ވެސް މިދެންނެވި ހަތަރުވަނަ ބާރުންނެވެ. އެކަމުގައި އަޑު އުފުލާނީ ސިޔާސީ ޕާޓީތަކުންނެވެ. އެ ކަމުގެ ހެވާއިނުބާ ނިންމަނީ އަދުލުއިންސާފުގެ ބާރުންނެވެ.

ދެވަނައީ: ދައުލަތުގެ ބާރުތައް ފުރިހަމައަށް ވަކިވެފައި އޮތުމެވެ. 

ރިޔާސީ ނިޒާމުގެ ރަނގަޅު އެއް ސިފައެއް ކަމުގައި އެ މީހުން ދެކެނީ، ދައުލަތުގެ ބާރުތައް ފުރިހަމައަށް ވަކިވެފައި އޮތުމެވެ. އެއީ:

1-ރައްޔިތުންނަށް ޚިދުމަށް ފޯރުކޮށްދިނުމަށް އުފެދިފައިވާ ދައުލަތުގެ ތަންފީޒީ ބާރުގެ ވެރިކަން ރައްޔިތުން ސީދާ ހޮވާ ވެރިއަކަށް ލިބިގެން އެ ބާރު ވަކި މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތުމެވެ.

2- ރައްޔިތުންނަށް ޚިދުމަށް ފޯރުކޮށްދިނުމަށް ހަދަންޖެހޭ ޤާނޫނު ހެދުމުގެ ބާރު ރައްޔިތުން ސީދާ ހޮވާ މެމްބަރުންތަކަކަށް ލިބިގެން އެ ބާރު ވަކި މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތުމެވެ.

3-ރައްޔިތުންގެ މެދުގައި އިންސާފު ޤާއިމުކުރުމުގެ ބާރު ވަކި މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތުމެވެ.

ރިޔާސީ ނިޒާމުގެ ބައެއް އުސޫލުތައް:

އެކެއް: ރިޔާސީ ނިޒާމެއްގައި ރައްޔަތުންހޮވާފައިވާ ރައީސާއި، އޭނާ އައްޔަން ކޮށްފައިވާ މީހުން (މިސާލަކަށް ވަޒީރުން) ރައްޔަތުން ޤާނޫނުހެދުމަށް ޓަކައި ހޮވާފައިވާ މެންބަރުންނަކަށް (އެބަހީ، ރައްޔަތުންގެ މަޖިލިސަކަށް) ޖަވާބު ދާރީއެއް ނުކުރެވޭނެއެވެ. (De l’esprit des loix, 1st edn 1748, vol. 1 ބައްލަވާ)

ދޭއް: ރިޔާސީ ނިޒާމެއްގައި ރައްޔަތުން ހޮވާފައިވާ ރައީސަކަށް، ރައްޔަތުންގެ މަޖިލިސް އުވައެއްނުލެވޭނެއެވެ.

ތިނެއް: ރިޔާސީ ނިޒާމެއްގައި ރައްޔަތުންގެ މަޖިލިސަކަށް، ތަންފީޒީ އިދަރާތައް ޖަވާބުދާރީއެއް ނުކުރެވޭނެއެވެ. އެ ކަން ކުރަންޖެހޭނީ ދައުލަތުގެ ހަތަރުވަނަ ބާރު މީޑިޔާ އިންނެވެ. އަދި ސިޔަސީ ޕާޓީތަކުންނެވެ.

ހަތަރެއް: ރިޔާސީ ނިޒާމެއްގައި ރައްޔަތުންގެ މަޖިލިސަކަށް، އެއްވެސް ސިފައަކަށް، ރައްޔަތުން ހޮވާފައިވާ ރައީސަކު މަޤާމުން ދުރުނުކުރެވޭނެއެވެ. އެމަޤާމު ގެއްލޭ ފަދަ އަމަލެއް އެމީހެއްގެ ފުށުން ފެނިއްޖެނަމަ އެކަމުގެ ފަހަތުގައި އަޑުއުފުލާނީ މީޑިޔާ އެވެ. ދެން ސިޔާސީ ޕާޓީތަކެވެ. އެންމެ ފަހުގެ ނިންމުން ނިންމާނީ އަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުންނެވެ. އޭނާގެ މަޤާމު ގެއްލޭ ފަދަ އަމަލެއް ސާބިތުވެއްޖެނަމަ އޭނާގެ މަޤާމު ގެއްލުނު ކަމަށް ޙުކުމްކޮށް އެމީހަކު މަޤާމުން ޢަޒުލުކުރާނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުންނެވެ. ދަނެއު، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ރައްޔަތުން ހޮވައިފައިވާ ރައީސް މަގާމުން ދުރުކުރެވޭނެ ގޮތެއް އޮވެއެވެ. ނަމަވެސް އެއީ ރިޔާސީ ނިޒާމު ދަންނަ އުސޫލެއްނޫނެވެ.

ދަންނައެވެ. ރިޔާސީ ނިޒާމު ނުދަންނަ ބައެއް އުސޫލުތައް މަދުން ނަމަވެސް އެ ނިޒާމަށް ވައްދައިފައިވާތީ މިސާލަކަށް ރައީސަކު މަގާމުން ދުރުކުރުން ނުވަތަ އޭނާގެ ސިޔާސީ މަގާމުތަކުގެ މީހުން ޖަވާބުދާރީ ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ނޭދެވޭ އަސަރުތައް މުޖުތަމަށް ކުރާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ސިޔާސީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި އަމަލުކުރާ ރިޔާސީ ނިޒާމުގެ ތެރެއަށް އެ ނިޒާމުގައި ނުހިމެނޭ ބައެއް ކަންތައް ވައްދައިފައިވުމެވެ. އެގޮތުން ދެ ކަމެއް ފާހަގަވެއެވެ.

އެއް ކަމަކީ: ރިޔާސީ ނިޒާމުގެ އުސޫލާ ޚިލާފަށް ދައުލަތުގެ ތަންފީޒީ ބާރުތަކަށް، ޤާނޫނު ހަދާ ބާރުން ވަދެ ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރުމެވެ. އޭގެ ނަތީޖައަކަށް ވަނީ މުޅިމުޖުތަމައު ހަލަބޮލިވެ ފިތުނަ ފަސާދަ އުފެދުމެވެ. އެހެންކަމުން ދައުލަތުގެ ތަންފީޒީ ބާރުތައް ޖަވާބުދާރީ ކުރުވުމުގެ ޒިއްމާ މީޑިޔާއާ ޙަވާލުކުރުމަށް ފަހު މަޖިލިސް އެކަމުން ބޭރުކުރުމަށް ޤާނޫނު އިޞްލާހު ކުރަންޖެހޭ ކަމަށް ދެކެމެވެ. ރިޔާސީ ނިޒާމުގެ އަސާސަކީ ތިން ބާރު ވަކިވަކީން ރައްޔަތުންނަށް ޚިދުމަތް ދިނުމެވެ. އަދި އެއް ބާރު އަނެއް ބާރެއްގެ މައްޗަށް އެއްވެސް ނުފޫޒެއްނެތުމެވެ.

އަނެއް ކަމަކީ: ރިޔާސީ ނިޒާމުގެ އުސޫލާ ޚިލާފަށް ދައުލަތުގެ ޢަދުލު އިންޞާފު ޤާއިމުކުމުގެ ބާރުގެ ތެރެއަށް، ތަންފީޒީ ބާރާއި ޤާނޫނު ހަދާ ބާރުން ވަދެފައިވުމެވެ. ކުރުކޮށް ދަންނަވާނަމަ ޖޭ.އެސް.ސީގައި އެއްވެސް ޙައިސިއްޔަތަކުން ފަޑިޔާރުން ފިޔަވައި އެހެންބަޔަކު ތިބެގެންނުވާނެ ކަމަށް ދެކެމެވެ. އެހެންކަމުން ޖޭއެސްސީގައި ފަޑިޔާރުން ފިޔަވައި އެހެންބަޔަކު ނުތިބޭގޮތަށް ޤާނޫނު އިޞްލާހު ކުރަންޖެހޭ ކަމަށް ވެސް ދެކެމެވެ.

މި ދެކަމުގައި ހުރި ގެއްލުމާއި ހަލާކު ނުފެންނަ ދައުރެއް، އަހަރެއް، މައްސަރެއް، ހަފުތާއެއް، ދުވަހެއް ވަރަށް މަދެވެ.

ބަރުލަމާނީ ނިޒާމު

ބަރުލަމާނީ ނިޒާމަކީ، 1714 އިން 1873 އަށް އިގިރޭސިވިލާތުގައި ވެރިކަންކުރި ރަސްކަމުގެ ނިޒާމު، ތަފާތު ސަބަބުތަކާހުރެ ފޭލްވެ ދައުލަތް ނުހިންގިގެން، ވަޒީރުންގެ އަތްމައްޗަށް ދައުލަތް ހިންގުމުގެ ބާރުތައް ދޫކޮށްލުގެ ނަތީޖާއެއްގެ ގޮތުން އިގިރޭސިވިލާތުގައި ތަޢާރަފުވި ނިޒާމެކެވެ. (އަޙްމަދު ނަބީލު ޞޫޞް، އަލް އިސްތިޖުވާބު ފިއްނިޒާމިލްބަރުލަމާނީ، ސ.6)

އެ ނިޒާމަކީ ކަނޑައެޅޭ ވަކި ޢިލްމީ މަންހަޖެއް، ނުވަތަ ވަކި ޢިލްމީ ފަލްސަފާއެއްގެ މައްޗަށް ބިނާވެގެން އުފެދުނު ނިޒާމެއްކަން އެނގޭނެ އެއްވެސް އިލްމީ ރެފެރެންސެއް ފެނިފައެއްނުވެއެވެ. އެ ނިޒާމުގެ ރަނގަޅު ސިފައެއްގެ ގޮތެއްގައި އެ ނިޒާމު ގަބޫލުކުރާ މީހުން ދެކޭ ޚާއްސަ ދެ ސިފައެއް ވެއެވެ. އެއީ:

އެކެއް: ތަންފީޒީ ދެބާރެއް އޮތުމެވެ. އެގޮތުން، މަޖިލިސުން އައްޔަންކުރާ ދައުލަތުގެ ރައީސަކާއި މަޖިލިސުން ކަނޑައަޅާ ވަޒީރުންތަކެއްގެ މައްޗަށް ތަންފީޒީ ބާރު ދެމިގެންވުމެވެ. އެހެންކަމުން އެ ދެ ބާރުގެ ބާރުވެރިކަމުގެ ހައިސިއްޔަތަކީ ކޮބައިކަން އެނގިގަތުން މުހިންމެވެ.

ބަރުލަމާނީ ނިޒާމުގައި ރައީސްގެ ބާރުވެރިކަން:  ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ ރައީސްގެ މަޤާމަކީ ޝަރަފުވެރި މަޤާމަކެވެ. އެއީ ރަމުޒީ ބޭކަލެކެވެ. އެ ބޭކަލަކީ އެއްވެސް ކަމެއްގައި ޖަވާބުދާރީ ވާންޖެހޭ ބޭކަލެއްނޫނެވެ. އަދި ސިޔާސީ އެއްވެސް ދައުރެއްގެ ޒިއްމާ އުފުލަން ޖެހޭ ބޭކަލެއް ވެސް ނޫނެވެ. އެންމެ ބޮޑުވެގެން ވެސް އެ ބޭކަލެއްގެ މަސައްކަތްޕުޅަކީ ބޭރުގެ ރަސްމީ މަތީ ފެންވަރުގެ ވަފުދުންގެ އިސްތިޤުބާލު ކުރުމާއި، ބައެއް ޖަލްސާތައް ޝަރަފުވެރިކޮށްދެއްވުމެވެ. މިފަދަ ހަނި މަސްއޫލިއްޔަތާއެކުވެސް ބަރުލަމަނީ ނިޒާމުގެ ދައުވާ އަކީ ބަރުލަމާނީ ނިޒާމުގައި ރައީސުގެ މަގާމަކީ މުސްތަޤިއްލު ބޮޑު ތަންފީޒީ ބާރެއް ކަމަށެވެ. ކޮންމެ އަކަސް އެ މަޤާމާމެދު ޖަވާބު ނުލިބޭ ސުވާލެއް އުފެދެއެވެ.

އެއީ؛ އެއްވެސް ސިޔާސީ ޒިއްމާއެއްނެތް، ޖަވާބުޖާރީ ވުމެއްނެތް، މަސްއޫލިޔަތެއްނެތް މީހަކަށް، ރައީސެއްގެ ލަޤަބާއި، މުސާރައާއި، ސިކިއުރިޓީއާއި، ގެކޮޅަކާއި، ކާރުކޮޅަކާއި، އެނޫނަސް އިތުރު އިނާޔަތްތައް، ރައްޔިތުންގެ ފައިސާއިން ދިނުމުގެ ހައްޤު، މަޖިލިސަށް ލިބިގެންވަނީ ކިހާމިންވަރަކަށްތޯއެވެ؟

ބަރުލަމާނީ ނިޒާމުގައި ވަޒީރުންގެ ބާރުވެރިކަން: ބަރުލަމާނީ ނިޒާމުގައި ރައްޔަތުންގެ މަޖިލިސުން އުފައްދާ ވަޒީރުންގެ މަޖިލިސަކީ ދައުލަތުގެ ތަންފީޒީ ބާރެކެވެ. ޖަވާބުދާރީ ވާންޖެހޭނީ މަޖިލިސަށެވެ. މިދެންނެވި ވަޒީރުންގެ މަޖިލިސަށް ޤާނޫނު ހެދުމުގައި ވެސް ބައިވެރިވެވޭނެއެވެ. މަޖިލިސުން އުފައްދާ މިދެންނެވި ދައުލަތުގެ ތަންފީޒީ ބާރުކަމުގައިވާ ވަޒީރުންގެ މަޖިލިސަށް ކަނޑައެޅޭ އުމުރެއް ނޯވެއެވެ. އެހެންކަމުން ވަރަށް ގިނައިން ދިމާވާ އެއް ގޮންޖެހުމަކީ މަޖިލިސަށް އިތުބާރުނުކުރެވޭ ކޮންމެ ފަހަރަކު ވަޒީރުންގެ މަޖިލިސް އުވަލައި ސަރުކާރު ވެއްޓިގެންދިއުމެވެ.

ދޭއް: ބަރުލަމާނީ ނިޒާމުގެ ރަނގަޅު ސިފައެއްގެ ގޮތެއްގައި އެމީހުން ދެކޭ ޚާއްޞަ އަނެއް ސިފައަކީ: ޤާނޫނު ހަދާ ބާރާއި ތަންފީޒީ ބާރު އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމެވެ. އެ ދެބާރު އެއްކޮށް މަސައްކަތް ކުރުން ރަނގަޅު ކަމަށް އެމީހުން ދެކެނީ ދެ ފަލްސަފާއެއްގެ މައްޗަށް ބުރަވެއެވެ.

ފުރަތަމަ ފަލްސަފާ އަކީ: ޤާނޫނު ހަދާ ބާރާއި ތަންފީޒީ ބާރު އެއްކޮށް މަސައްކަތްކުރި ކަމުގައިވިޔަސް އެއީ މުސްތަޤިއްލު ދެ ބާރުކަމުޤައި ޤަބޫލުކުރުމެވެ. ނަމަވެސް އެ ފަލްސަފާއަށް ހުރަސްއެޅޭ ސުވާލެއް އުފެދެއެވެ. އެއީ، ބަރުލަމާނީ ނިޒާމުގައި ތަންފީޒީ ބާރަކީ، ޤާނޫނު ހަދާބާރުން އުފައްދާ ބާރަކަށްވެފައި، ޤާނޫނީ ބާރުން ބޭނުންވި ކޮންމެ ވަގުތެއްގައި ތަންފީޒީ ބާރު އުވާލެވޭ ނަމަ، އެ ބާރުގެ މުސްތަޤިއްލުކަން ދެމިގެންވަނީ ކިހާ މިންވަރަކަށްތޯއެވެ؟ އެ ސުވާލަކަށް އެއްވެސް ޖަވާބެއްނުލިބެއެވެ.

އަދި އެ މުސްތަޤިއްލުކަން އެ މީހުން އެހެން ގޮތަކަށް ވެސް މާނަކުރެއެވެ. އެއީ، ޕާލަމަންޓަށް ރައީސް އަޒުލު ނުކުރެވޭނެ ވާހަކައާއި އަދި ރައީސަށް ޕާލަމެންޓު އަޒުލު ނުކުރެވޭނެ ވާހައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޕާލަމެންޓްރީ ނިޒާމެއްގައި ހުންނަ ރައީސަކީ އެއްވެސް ސިޔާސީ ޒިއްމާއެއް ނެތް، ޖަވާބުޖާރީވުމެއް ނެތް، މަސްއޫލިޔަތެއް ނެތް ބޭކަލަކަށް ވާތީ، އެ ފަދަ ބޭކަލަކު އަޒުކުރުމުގެ ބޭނުމަކީ ފަހެ ކޮބާބާވައެވެ؟ އަދި ޤާނޫނީގޮތުން އާރެއްބާރެއް ނެތް މީހަކަށް (މިސާލަކަށް ޕާލަމެންޓްރީ ނިޒާމުގައި އައްޔަންކުރެވޭ ރައީސަށް) ރައްޔިތުން ހޮވާފަ އޮންނަ ޤާނޫނީބާރެއް (މިސާލަކަށް ރައްޔަތުންގެ މަޖިލިސް) އަޒުލު ކުރެވެނީ ކޮންހަމައަކުން ހެއްޔެވެ؟

ދެވަނަ ފަލްސަފާ އަކީ: ޤާނޫނު ހަދާ ބާރާއި ތަންފީޒީ ބާރު އެއްކޮށް އޮވެގެން ދެ ބާރު ގުޅިގެން ޚިދުމަތް ދިނުން ރަނގަޅުކަމަށް ދެކޭ ފަލްސަފާއެކެވެ. އެގޮތުން އެ ދެބާރު އެއްވެ މަސްހުނިވުމުން ލިބޭ ފައިދާއެއްގެ ގޮތުގައި އެ ބޭކަލުން ދެކެލައްވަނީ މައިގަނޑު ދެ ކަމެކެވެ.

އެއީ:

އެކެއް: ޤާނޫނު ހަދާ މަޖިލިސްގައި ބަހުސުކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ތަންފީޒީ އިދާރާ ކަމުގައިވާ ވަޒީރުންގެ މަޖިލިސަށް ލިބުމެވެ.

ނަމަވެސް އެކަމުގައި އަންނަ ކަންބޮޑުވުމެއްގެ ގޮތުގައި ވަޒީރުންގެ މަޖިލިސް އަކީ ދައުލަތުގެ ތަންފީޒީ އިދާރާކަމުގައިވާ ހިނދު ޤާނޫނުތައް ހެދުމުގައި އެ މީހުންގެ މަޞްލަތު އިސްނުކޮށްފާނެ ކަމުގެ ޔަޤީންކަން އޮންނާނީ ކިހާ މިންވަރަކަށްތޯ ބައެއް ރިސާޗަރުން ސުވާލު އުފައްދައެވެ؟ ނުވަތަ ޤާނޫނު ހަދާ މަޖިލިސް ބޭނުންވާގޮތާ ޚިލާފަށް، ޙައްޤުބަސް ބުނުމުގެ މުސްތަޤިއްލުކަން އެ މީހުންނަށް ލިބިގެންވާނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދައެވެ. ސަބަބަކީ ތަންފީޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސްގެ އުއްވާލުމުގެ ބާރު މަޖިލިސް ބޭނުންވާ ކޮންމެ ހިދެއްގައި މަޖިލިސަށް ދެވިފައިވާތީއެވެ.

ދޭއް: ދައުލަތުގެ ބަޖެޓު ވަޒީރުންގެ މަޖިލިސުން ތައްޔާރުކޮށް ޕާލަމެންޓުން އެއަށް ރުހުންދިނުމުގެ ފުރުސަތު ހަމޖެހިފައި އޮތުމެވެ.

ނަމަވެސް ބައެއް ރިސާޗަރުން ދެކޭގޮތުގައި މިކަމުގައި އޮތް އެއް ކަންބޮޑުވުމަކީ ބަޖެޓް އެކުލަވަނީ ތަންފީޒީ އިދާރާ ކަމުގައިވާ ވަޒީރުންގެ މަޖިލިސްކަމަށް ވެފައި އެ މީހުންނަކީ އެ މީހުން ބޭނުންވާ ކޮންމެ ވަޤުތެއްގައި މަޖިލިސަށް ވަދެވޭ އަދި އެ މީހުންގެ ޚިޔާލު މަޖިލިސްގައި ޙިއްސާކުރެވޭ ބަޔަކަށްވާތީ މިކަމުގައި އެ މީހުންގެ ނުފޫޒު އޮވެދާނެކަމުގެ ބިރުވެރިކަމެވެ.

ތިންވަނަ ފަލްސަފާއަކީ: ޕާލަމެންޓާއި، ތަންފީޒީ އިދާރާ ކަމުގައިވާ ވަޒީރުންގެ މަޖިލިސް، އެއްބަޔަކު އަނެއްބަޔަށް މި ނިޒާމުގެ ދަށުން ފާރުވެރިވެ ބެލުމުގެ މަގުފަހިވެފައި ވުމެވެ. މިގޮތުން އަންނަނިވި ކަންތައް ހިމެނެއެވެ.

ހ- ތަންފީޒީ އިދާރާ ކަމުގައިވާ ވަޒީރުންގެ މަޖިލިސަށް، ޕާލަމެންޓްގެ ޖަލްސާއެއް ބޭއްވުމަށް ކަނޑައެޅިދާނެއެވެ. އަދި އެޙައްޤު ލިބިގެންވުމެވެ. ނަމަވެސް މިގޮތަށް މިކަން އޮތުމުން ބައެއް ރިސާޗަރުން ދެކޭގޮތުގައި ޕާލަމެންޓު ވެރިއަކީ ކާކުކަން އޮޅުންނުފިލައެވެ. އެއް ކަމެއްގެ މައްޗަށް ދެ ވެރިއަކު އިސްކުރުމަކީ މަސްލަޙަތު ގެއްލޭކަމެއް ކަމުގައި އެ ބޭކަލުން ދެކެލައްވައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީކުރެއްވިއެވެ. "އެ ދެ ތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إلهންތަކެއްވީ ނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ." (ސުރަތުލްއަންބިޔާއި 22)

ށ- ތަންފިޒީ އިދާރާ ކަމުގައިވާ ވަޒީރުންގެ މަޖިލިސް ބޭނުންވާ ކޮންމެ ވަޤުތެއްގައި، ޕާލަމަންޓަށް ވަނުމާއި، ޚިޔާލު ހުށެހެޅުމާއި، ތިމާމެންގެ ދިފާޢުގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިގެންވުމެވެ.

ނ- ޤާނޫނު ހަދާބާރާއި، ތަންފީޒީބާރު، އެއްބަޔަކު އަނެއްބަޔަކު ޖަވާބުދާރީ ކުރުވުމެވެ. އެގޮތުން ސުވާލުކުރުން، ޖަވާބު ދިނުން، އަދި ޕާލަމެންޓުން ތަޙުޤީޤުތައް ހިންޤުން ހިމެނެއެވެ.

ނަމަވެސް ބައެއް ރިސާޗަރުން ދެކެލައްވާގޮތުގައި ބުއްދީގެ ހަމަތަކުން އެއީ ޤަބޫލުކުރަން ދަތި ފަލްސަފާއެކެވެ. އެއް ސަބަބަކީ، އެއީ މުސްތަޤިއްލު ދެބާރުކަމަށްވެފައި ނުވަތަ ދެ ޝަޚްޞިއްޔަތު ކަމަށްވެފައި ދެ މީހެއްގެ މެދުގައި ޢިޚްތިލާފެއް އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމަންޖެހޭނީ ތިންވަނަ ފަރާތަކުން ކަމަށް ވަތީއެވެ. އަނެއްސަބަބަކީ، ދެމީހަކު އެކަކު އަނެކަކަށް ތަޙުޤީޤުތައް ހިންގާނަމަ އެކަމަށް ދުވަހަކު ވެސް ޙައްލެއްނައަންނާނެތީ ވެސް މެއެވެ.

ރައްޔަތުންގެ ސީދާ ވޯޓަކުން ހޮވާ ވެރިއެއްގެ މުހިއްމުކަން

ކަމުގެ މާހިރުން ދެކޭގޮތުގައި ރައްޔަތުންގެ މުހިއްމު ކަންތައް ނިންމާނީ ސީދާ ރައްޔަތުންނެވެ. އެއީ ހަމަ އެކަނި ރައްޔަތުންގެ ޙައްޤަކެވެ. އިސްލާމީ ޚިލާފަތަށް ނަޒަރު ހިންގާލާއިރު ވެސް ފެންނަނީވެސް އެމަންޒަރެވެ. އިސްލާމްދީނުގެ ފުރަތަމަ ޚަލީފާ މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެ ފާނު، ވެރިކަމަށް ހޮވިވަޑައިގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑައިގަތް މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވެރިކަމަށް ހޮވިވަޑައިގަތީ ވެސް ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑައިގަތް މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނު ވެރިކަމަށް ހޮވިވަޑައިގަތީ ވެސް ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑައިގަތް މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވެރިކަމަށް ހޮވިވަޑައިގަތީ ވެސް ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. މިދުވަސްވަރުގެ ބަހުންނަމަ ރައްޔަތުންގެ ސީދާ ވޯޓަކުން ކަމުގައި ބުނެވިދާނެއެވެ. އެހެންކަމުން ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ތެރެއިން އިސްލާމީ ޚިލާފަތުގެ އުސޫލުތަކާ އެންމެ ގާތްކުރާ ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ބައެއް ރިސާޗަރުން ދެކެލައްވައެވެ.

ވީމާ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ހަޤީޤަތް އޮޅުންފިލުވާދިނުމަށްފަހު ދިވެހިރާއްޖެ އަށް އެންމެ ކަމުދަނީ ކޮންނިޒާމެއްތޯ ކަނޑައެޅުމުގެ ޙައްޤު ކިޔުންތެރީންގެ އަތްމައްޗަށް ދޫކޮށްލަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ވަރަށް ފުރިހަމަ ލިޔުމެއް..ލިޔުންތެރިކަމަކީ މިއީ. ކަމުގެ އަސްލު ހޯދާ ބަލާ ދިރާސާކޮށް، ސައްހަކޮށް ބަޔާންކޮއްދީ އޮޅުންފިލުވައިދިނުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.