Support Us

ކޮލަމް ގަލަން: "އުސޫލެއް"ގެ ސަބަބުން މޮޅު ދަރިވަރުންގެ ޙައްގު ގެއްލެނީ

ސްޓޫޑެންޓު ލޯނު ދިނުމުގައި ޝަކުވާއަށް އޮންނަ ފުރުސަތުގައި ދަރިވަރަކު ޝަރުތުތައް ފުރިހަމަކޮށްފި ނަމަ އެ ދަރިވަރަކަށް ފުރުސަތު ދިނުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ނަމަވެސް ކުރީ ޒަމާނުގައި ފުރުސަތު ދިނުމުގައި އޮންނަ ފަސާދުތަކުގެ ސަބަބުން ފުރަތަމަ ބުރުގައި ޑިސްކޮލިފައިވާ ދަރިވަރުން ދާއިމަށް ޑިސްކޮލިފައިކޮށްލެވޭ އުސޫލަކަށް އަމަލުކުރަމުންދިޔަ ކަމުގައި ވިޔަސް މި އަހަރު ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވަނީ އެ ފަދަ ފަސާދުތަކަށް ފުރުސަތު ނުދިނުމަށް ޓަކައި ޝަރުޠު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓު ލޯނުގެ ފުރުސަތު ދިނުމަށް ނިންމަވާފައެވެ.

ޤައުމެއް އުޖާލާވެ ކުރިއަރައިގެން ދާނީ އެ ޤައުމެއްގެ ހުރި ޢިލްމީ ފެންވަރަކުން ކަމަށްވެފައި މިއީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ޢިލްމުގެ ދޮރު މިހާ ފުޅާކޮށް ހުޅުވައިދެއްވެވި ރައީސެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އެ ދާއިރާއަށް ދިވެހި ޒުވާނުންގެ ޝައުގުވެރި ކުރުވި ރައީސް ވެސް މެއެވެ. އެ ކަމުގެ ސަބަބުން މުސްތަގުބަލުގައި ސިއްހީ ދާއިރާގައި ތިބޭ ގިނަ މުވައްޒަފުންނަކީ ދިވެހީން ކަމުގައި ވުމަކީ އުއްމީދުކުރެވޭ ކަމެކެވެ. މިހާރު މިއޮތް ގޮތުން ސިއްހީ ދާއިރާގެ ނުފޫޒު އޮންނަނީ ބައެއް އަވަށްޓެރި ގައުމުތަކުގެ އަތްމަތީގައެވެ. އެކަން ހައްލުކުރުމަށް ޓަކައި އަޅަންއޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ ވެސް އެ ދާއިރާއިން ދިވެހި ޒުވާނުން ބިނާކުރުމެވެ. އެކަމުގެ ބިންގާ އަޅުއްވައި ދެއްވެވީތީ ރައީސް ސާލިޙަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

އާދެ! ހަޔަ އެޑިއުކޭޝަނުން ސްޓޫޑެންޓު ލޯނު ދިނުމަށް އިޢުލާން ކުރާ ހިނދު ލޯނު ދިނުމަށް ހަމަޖައްސާފައި އޮންނަ އުސޫލެއް ވެސް އިޢުލާންކުރެއެވެ. އެ އުސޫލުގައި ފުރަތަމަ ބުރުގައި ޑިސްކޮލިފައިވާ ދަރިވަރުން ދާއިމަށް ޑިސްކޮލިފައިކޮށްލެވޭނެ ވާހަކައެއް ނޯވެއެވެ. ނަމަވެސް ފުރަތަމަ ބުރުގައި ޑިސްކޮލިފައިވާ ދަރިވަރުން ދާއިމަށް ޑިސްކޮލިފައި ކޮށްލައެވެ. އަދި ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތަކީ ޑިސްކޮލިފައިވި ސަބަބު ރަނގަޅު ކުރުމަކަށް އޮންނަ ފުރުސަތެއް ކަމުގައި ހަމަޖައްސައިފައެއް ނޯވެއެވެ. އެހެންކަމުން އެ އަމަލުގެ ސަބަބުން މޮޅު ދަރިވަރުންގެ ޙައްގު ގެއްލޭގޮތް ދިމާވަމުން އެބަދެއެވެ.

ސްޓޫޑެންޓު ލޯނަކީ ދަރިވަރުންގެ ތެރެއިން ތައުލީމީ ފެންވަރު މޮޅު ދަރިވަރުންނަށް އިތުރަށް ކިޔެވުމަށް މަގު ފަހިކޮށްދިނުމަށް ދޭ އިނާޔަތެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ގެންގުޅެނީ އެ ޝުޢޫރެވެ. އެހެންކަމުން ދަރިވަރަކު ހޮވުމުގައި ބެލެވޭ އެންމެ މުހިންމު ޝަރުޠަކީ އެ ދަރިވަރެއްގެ އެކަޑެމިކު ޕޮއިންޓުތަކެވެ. ނަމަވެސް ސްޓޫޑެންޓު ލޯނު ދިނުމުގައި ފުރަތަމަ ބުރުގައި ޑިސްކޮލިފައިވާ ދަރިވަރުން ދާއިމަށް ޑިސްކޮލިފައި ކޮށްލުމުން މޮޅު ދަރިވަރުންގެ ޙައްގު ގެއްލެއެވެ.

ސްޓޫޑެންޓު ލޯނުގައި ޝަކުވާ ހުށަހެޅުމަށް ފުރުސަތެއް ވެސް ދެއްވާފައި އޮވެއެވެ. ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވޭ ފުރުސަތުތަކުގައި އަމަލުކުރެވޭ އާއްމު އުސޫލަކީ އެ ފުރުސަތުގައި އުނިވެފައިވާ ކަމެއް ރަނގަޅުކޮށްފި ނަމަ އެ ކަމެއް ގަބޫލުކޮށް އެ މީހަކަށް އެ ހައްގެއް ދިނުމެވެ. ނަމަވެސް ސްޓޫޑެންޓު ލޯނުގައި ދިމާވާ މައްސަލައަކީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ ފުރުސަތު ހަމަވެގެން ދަރިވަރަކު ޚަބަރު ބަލާއިރު ލިބޭ ޖަވާބަކީ ފުރަތަމަ ފަހަރު ހުށަހެޅިއިރު ޑިސްކޮލިފައިވެފައިވާތީ ދެނެއް ލޯނުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އެއީ ހަޔަ އެޑިއުކޭޝަނުން ހަމަޖައްސާފައި އޮންނަ އުސޫލެއް ކަމަށެވެ. މިހެންކަމުން މޮޅު ދަރިވަރުންގެ ތަޢުލީމީ ހައްގު ގެއްލިގެންދާ އެ އުސޫލުގެ ހަގީގަތަކީ ކޮބައިކަން ބަލަންޖެހެއެވެ. އަދި އެކަމުގެ ހައްލަކީ ކޮބައިކަން ވެސް އެނގެންޖެހެއެވެ. ޝަކުވާއަށް އޮންނަ ފުރުސަތުގައި ދަރިވަރަކު ޝަރުތުތައް ފުރިހަމަކޮށްފި ނަމަ އެ ދަރިވަރަކަށް ފުރުސަތު ދިނުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށްވާތީ އެކަން ކުރެވޭނެ ނިޒާމެއް އުފެދިފައި އޮންނަން ޖެހެއެވެ.

ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރާ އުސޫލުގެ ހަގީގަތް

ރައްޔަތުންނަށް ޚިދުމަތްކުރުމުގެ ދޮރު ހުޅުވިފައި އޮންނަނީ ގާނޫނުންނެވެ. ނުވަތަ ގަވާއިދުތަކުންނެވެ. އެގޮތުން ހައްގެއް ލިބިގަތުމުގައި ގާނޫގައި ނުވަތަ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަކުރާ ކޮންމެ މީހަކަށް އެ ހައްގެއް ލިބޭގޮތަށް އޮންނަނީ ހަމަޖެހިފައެވެ. އަދި އެ ހައްގެއް ދިނުމަށް ދައުލަތުން އައްޔަންކޮށްފައިވާ މުވައްޒަފަކު، ޚިދުމަތަށް އެދޭ މީހުންނަށް އެކަމުގެ ޖަވާބުދާރީވާން ވެސް ޖެހެއެވެ. ނަމަވެސް މިހާރަކަށް އައިސް ދައުލަތުގެ ބައެއް މުއައްސަސާތަކުގައި އުސޫލުތައް ގިނަވެއްޖެއެވެ. އަދި ރައްޔަތުންގެ ބައެއް ހައްގުތައް ހަނިކުރެވޭކަން ވެސް ފާހަގަކުރެވެއެވެ. އިދާރީ މުވައްޒަފުގެ ޖަވާބަކަށް އޮންނަނީ "އެއީ އުސޫލު އޮންނަ ގޮތް" ކަމަށެވެ. ނަމަވެސް އެ އުސޫލެއް އޮތް ތަނެއް ނުވަތަ ނިންމި ގަރާރެއް، ސޮޔެއް ފެންނާކަށެއް ނޯވެއެވެ. އެ އުސޫލެއްގެ ހަގީގަތާ ހަމަޔަށް ވާސިލުވުމަކީ ހިނިރޮނގުގެ ކޮޅު ހޯދަން އުޅުން ކަހަލަ ކަމަކަށް އޮންނަނީވެފައެވެ. ގާނޫނީގޮތުން އުފެދިފައިވާ އުސޫލެއް ނަމަ ނިންމިގޮތުގެ ގަރާރު އެ މީހުންގެ ސޮޔާއެކު އޮންނަން ޖެހޭނެ ކަމަށް ފެނެއެވެ. ވީއިރު ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރާ އުސޫލުގެ ހަގީގަތް ބަލައިލަމާ ހިނގާށެވެ.

އެކެއް: ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރާ އުސޫލަކީ އޮތް އެއްޗެއްކަން އެނގޭނެ އެއް ވެސް ލިޔުމެއް، ގަރާރެއް، ސޮޔެއް، އަދި ބަސްދީގަތުމެއް ވިޔަސް ހަޔަ އެޑިއުކޭޝަނުން ސްޓޫޑެންޓު ލޯނު ދިނުމަށް 2023 ގައި ކޮށްފައިވާ އިއުލާނާއެކު ފެންނާކަށެއް ނެތެވެ.  

ދޭއް: ޝަކުވާއަށް އޮންނަ ފުރުސަތުގައި ދަރިވަރަކު ޝަރުތުތައް ފުރިހަމަކޮށްފި ނަމަ އެ ދަރިވަރަކަށް ފުރުސަތު ދިނުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ގަބޫލުކުރެވެއެވެ.

ތިނެއް: ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރާ ދަރިވަރުން ޝަކުވާއަށް ހުޅުވާލެވޭ ފަުރުސަތުގައި ނުނަގާ އުސޫލަކީ ކުރީ ޒަމާނުގައި ފުރުސަތު ދިނުމުގައި އޮންނަ ފަސާދުތަކުގެ ސަބަބުން އުފެދިފައިވާ އުސޫލެއް ކަމަށް ބައެއް ދަރިވަރުން ދެކޭކަން ފާހަގަކުރެވެއެވެ. އަދި އެދޭ ބަޔަކަށް ކަންތައްކޮށްދީ ނުރުހޭ ބަޔަކަށް ކަންތައް ކޮށްނުދިނުމަށް ގެންގުޅުނު އުސޫލެއް ކަމަށް ބައެއް މީހުން ދެކޭކަން ވެސް ފާހަގަކުރެވެއެވެ. އަދި ޑިސްކޮލިފައި ކުރާ ކުދީންގެ އެކަޑެމިކު ޕޮއިންޓުތައް ލިސްޓުގައި ނުފެންނަ ގޮތަށް ހުންނަ ހުރުމަކީ އެ އުސޫލުގެ ކަރަޕްޝަނާމެދު ބައެއް ދަރިވަރުން ސުވާލު އުފައްދާ ކަމެއް ވެސް މެއެވެ.

ހަތަރެއް: ފުރަތަމަ ބުރުގައި ޑިސްކޮލިފައި ކުރާ ދަރިވަރުން ޝަކުވާއަށް ހުޅުވާލެވޭ ފުރުސަތުގައި ނަގައިފި ނަމަ ފުރަތަމަ ބުރުގައި ސެލެކްޓުކުރެވުނު ކުދީންގެ ތެރެއިން ކުއްޖަކު އުނިކުރަން ޖެހިދާނެތީ ގެންގުޅޭ އުސޫލެއް ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ދެކެލައްވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ހިތްމަތާއެކު މަސައްކަތްކޮށް ގިނަ މާކްސް ހޯދި ދަރިވަރުގެ ހައްގު އެކަމުގެ ސަބަބުން، ބައެއް ފަހަރަށް ގެއްލޭ ގޮތް މެދުވެރިވެއެވެ.

ފަހެއް: ފުރަތަމަ ބުރުގައި ޑިސްކޮލިފައި ކުރާ ދަރިވަރުން ޝަކުވާއަށް ހުޅުވާލެވޭ ފުރުސަތުގައި ނުނަގަނީ ފުރަތަމަ ބުރުގައި ސެލެކްޓްކުރެވުނު ކުދީންގެ ތެރެއިން ކުއްޖަކު އުނިކުރަން ޖެހިދާނެތީ ކަމަށް ބެލިކަމުގައި ވިޔަސް މި އަހަރު އެ މައްސަލަ ކުރިމަތިނުވާނެކަން ފާހަގަކުރެވެއެވެ. އެއީ މި އަހަރަކީ އެހެން އަހަރުތަކާ ޚިލާފަށް ޝަރުޠު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައިވާ އަހަރަކަށް ވާތީއެވެ. އެހެންކަމުން ރައީސުލްޖުމުހޫރިއްޔާއަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން އެ މަނިކުފާނު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަކަށް މި ލޯނު ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރި ދަރިވަރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ދަރިވަރުންނަށް ދެވިދާނެ ކަމަށް ފެނެއެވެ.

ޙައްލު: އސްޓޫޑެންޓު ލޯނު 2023ގެ ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރި ދަރިވަރުންގެ މައްސަލަ އަލުން މުރާޖައާ ކުރުމަށްފަހު އޭގެ ތެރެއިން ޝަރުޠު ފުރިހަމަވާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަކަށް ލޯނު ދިނުމަށް ނިންމެވުމެވެ. މިފަދަ ނިންމުމަކަށް ދިއުމަށް ފެންނަ ސަބަބަކީ، މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މެޑިސިންގެ ދާއިރާއިން އިތުރު ބައެއް ދަރިވަރުންނަށް ވަނީ ހަމަ މި މައްސަލަ ދިމާވެފައެވެ. އަދި ރާއްޖެއަށް މިވަގުތު މެޑިސިންގެ ދާއިރާއިން ސްޕެޝަލައިޒަރުން ނިހާޔަތަށް ބޭނުންވެފައިވާތީވެ މި މައްސަލަ އަލުން މުރާޖާކޮށް ރައީސުލްޖުމުހޫރިއްޔާގެ ނިންމެވުމާ އެއްގޮތަކަށް، ޝަރުޠު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ލިބޭނެ ގޮތެއް ހަމަޖައްސަވައިދެއްވުމަކީ މިކަމުގައި އޮތް އިންސާފުވެރި ގޮތް ކަމަށް ފެންނާތީއެވެ.

އިލްތިމާސް: ފުރަތަމަ ބުރުގައި ޑިސްކޮލިފައިކުރާ އުސޫލަކީ އޮތް އެއްޗެއް ނަމަ އެ އުސޫލު އަލުން މުރާޖާކުރުމަށް ފަހު ޝަކުވާގެ ފުރުސަތުގައި ޝަރުޠު ފުރިހަމަކުރާ ދަރިވަރުން ވެސް ލިސްޓުގައި ހިމެނުމަށްފަހު އެކަޑެމިކު ޕޮއިންޓުތަކުގެ ތަރުތީބުން ފުރުސަތު ދެވޭނެ ނިޒާމެއް މުސްތަގުބަލަށް ޓަކައި އެކުލަވައިލުމެވެ. އެ ނިޒާމު އެކުލަވާލުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް ސަމާލުކަން ދިނުން އެދެވިގެންވެއެވެ.

އެކެއް: ފުރަތަމަ ބުރުގައި ހަމައެކަނި ޑިސްކޮލިފައިވީ ކުދީންގެ ލިސްޓު ނެރެ އެ ދަރިވަރުންނަށް ޝަކުވާގެ ފުރުސަތު (އުނިވި ކަމެއް ރަނގަޅުކުރުމުގެ ފުރުސަތު) ހުޅުވުމެވެ. ޑިސްކޮލިފައިގެ ބަދަލުގައި އިންކޮމްޕުލީޓު ލިޔުން މޮޅު އިތުރުކަމަށް ފެނެއެވެ.

ދޭއް: ޝަކުވާގެ ފުރުސަތު (އުނިވި ކަމެއް ރަނގަޅުކުރުމުގެ ފުރުސަތު) ހަމަވުމުން ހުރިހާ ކުދީންގެ ލިސްޓު އާއްމުކުރުމެވެ. އޭގައި އެކަޑަމިކު ޕޮއިންޓުގެ ތަރުތީބުން ދަރިވަރުން ހޮވުމެވެ.