Support Us

ކޮލަމް ކަލާވެހި: ލީޑަރަކަށް ވާކަށް އަދި ހަމަ ނޭނގުނުތާއެވެ!

މި ހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހު، "އަދިވެސް" ނޫހުގައި ޝާއިޢުކުރާ "ކަލާވެހި ކޮލަމް"ގައި އަޅުގަނޑު މަޒުމޫނެއް ލިޔުނީމެވެ. މަޒުމޫނުގެ ސުރުޚީޔަކަށް އޮންނާނީ "އެއީ ކަލްޗަރަށް ފިޓުވާން ނޭނގޭ މީހެކެވެ!" މިހެންނެވެ. މަޒުމޫނުގައި ހުށައެޅި ވާހަކަ ހުށައަޅައިފައި އޮންނާނީ ހުވަފެނެއް ނުވަތަ ފުލޯކެއްގެ ގޮތުގައެވެ. އެހެންނަމަވެސް…..!

މަޒުމޫނު ނޫހުގައި ޝާއިޢުކުރިތާ އެއް ދުވަސް ފަހެވެ. އަޅުގަނޑު ދަންނަ މީހެއްގެ ފޯނުނަންބަރުން އަޅުގަނޑަށް ފޯނެއް އަތުވެއްޖެއެވެ.

މި ދުވަސްވަރަކީ ފިސާރި ވަރުގަދަ އިންތިޚާބަކަށް ޤައުމު ދޮންކުރަމުން އަންނަ ދުވަސްވަރެއް، އެހެންނޫންތޯއެވެ! އެހެންކަމާއެކު، އަޅުގަނޑުގެ ފޯނަށްވެސް "ސިޔާސީ ގޮތުން ފިކުރު ހުރި ގޮތެއް ބަލައިލަން"، ނޫނީ "ރަސްމީ ވޯޓާސު ރަޖިސްތުރީ ރަނގަޅުކޮށްލަން"، ނޫނީ "އައިފޯނެއް ބޭނުންތޯ ބަލަން" މިކަހަލަ ކޮންމެވެސް ބަހަނާއެއްގައި ވަރަށް ފާޑުފާޑުގެ މީހުން ވަގުތީ ނުވަތަ މަކަރުވެރީންގެ ފޭރާމުގައި ތިބެ ގުޅަމުން ދިޔުންވެސް އިތުރުވެއްޖެއެވެ. އެހެންކަމުން، ނުދަންނަ ނަންބަރުތަކުން އަންނަ ފޯނުތަކެއް މިހައިރަކު އަޅުގަނޑެއް ނުވެސް ނަގަމެވެ. އެކަމަކު ދަންނަ މީހެއްގެ ނަންބަރުން ގުޅީމައި….ދެން ނެގީއެވެ.

ނަންބަރު ކިތަންމެ ރަނގަޅަށް ދަތަސް، ފޯނުން ވާހަކަދެއްކި މީހާގެ އަޑަކީ އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ދަންނަ އަޑެއް ނޫނެވެ. ސަލާމެއް ގޮވައިނުލި ތާނގައި މިއީ މިވެނި ތާނުން މިވެނި މީހެކޭވެސް ބުނެނުލައި، އޭނާ އެންމެ ފުރަތަމަވެސް އަޅުގަނޑަށް ދިނީ އިންޒާރެކެވެ. އެއީ "ކަލޭ ލިޔާ އެއްޗިހީގައި ބޮޑުމީހާޔާ ބެހެންޏާ" ދެން ވެދާނޭ ގޮތްތަކެއްގެ އިންޒާރެކެވެ. ވެދާނޭ ގޮތްތަކެއް ކަމަށް އޭނާ ބުނި ގޮތްތަކުގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ދަތި ކަންކަންވެސް ހިމެނުނެވެ. ފަޅާ ޑޮކްޓަރުންގެ ފަރުވާދޭ އެނދަށް ބަލި މީހަކު ލުމުގެ ކުރީން ބަލިމީހާ ކޮންމެހެން ބާއްވާން ޖެހޭ ޙާލަތުން އަޅުގަނޑު ހަމަ ކުއްލިޔަކަށް ނެރެވިދާނޭ ވާހަކަޔާއި، ހަނާކުރި ހަވާދު ކޮޅެއް ދަގަނޑު ވަނަކަށް އަޅައިގެން އެ ހަދާ ގޮތެއް އަޅުގަނޑަށްވެސް ހަދައިލެވިދާނެ ވާހަކަވެސް އޭގެ ތެރޭގައި ހިމެނުނެވެ.

އޭނާ އެ ބުނި "ބޮޑުމީހާ" އެއީ ތަންކޮޅެއް ކުރީ ޒަމާނެއްގައި ބައެއް މީހުންނަށް ހުޅުލޭން ފެންނަ ކަމަށް ބުނެއުޅުނު އެއްޗަކަށްވެސް ނުވިއެވެ. ނުވަތަ "ބޮޑުމީހާ" އެއީ އެ ބުނާ މީހެއްގެ ޖިސްމާނީ ދިގުމިނާއި ފުޅާމިނާއި ބަރުދަނަށް ނިސްބަތްކޮށް ބުނި ލަފުޒެއްވެސް ނޫނޯލައެވެ. އަދި ކިއެއްތޯއޭ، "ބޮޑުމީހާ"އޭ އޭނާ އެ ބުނި ގޮތުން އަޅުގަނޑަށް ދޭހަވީ ހަމަ އެންމެ އެއްޗެކެވެ. އެއީ، އަޅުގަނޑަށް ފޯނުކުރި މީހާޔަކީ އޭނާ އެބުނާ ބޮޑުމީހާގެ ތައްޕާހުން ދިރިއުޅޭ، ބޮޑުމީހާގެ ބަތާކައިގެން ހިތްޙަލާލުގެ ވާހަކަ ނުދައްކާ ހުންނަ މީހެއް ކަމެވެ. އަދި ބޮޑުމީހާ ބެރެއް ޖަހައިފިތަ، އެ ބެރެއްގެ ހަމަޔަށް ނުވަތަ ނަހަމަޔަށް ނަމަވެސް ނަށަން އޭނާ ފޯރިހުންނަ ކަމެވެ!

މައްސަލަޔަކަށް ވެގެން މިއުޅޭހައިވެސް ކަމަކީ "އެއީ ކަލްޗަރަށް ފިޓުވާން ނޭނގޭ މީހެކެވެ!" މި ޖުމުލަޔަކީ އެހެން މީހުންނަށް އަޅުގަނޑު ތަޢާރަފްކޮށްދޭން ޙަޤީޤީ ދުނިޔޭގައި އެ ބުނާ ބޮޑުމީހާ ބޭނުންކޮށްއުޅޭ ޖުމުލަޔަކަށް ވުމޯލައެވެ. ދެން އެކަމާ އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟ އެއީ ބޮޑުމީހާ ކުރާ ކަމެއް ނޫންތޯއެވެ!

މީހަކު އަޅެ ޙައިރާނެއް ނުވާނެ ތޯއޭ، އެ މަޒުމޫނުގައި އެހައި ސާފުކޮށް އެއީ ހުވަފެނަކަށްވެސް ވެދާނެޔޭ ނޫނީ ފުލޯކަކަށްވެސް ވެދާނެޔޭ ލިޔެފައި އޮއްވައި، ދިވެހި ޘަޤާފަތުގެ ތެރެއިން ތަންކޮޅެއް ނުކިއްސަރުކޮށް ނަމަވެސް މަޝްހޫރުކަން ހޯދި، މިސްކިތް ހުޅުޖެހި މީހާޔާ އެބުނާ ބޮޑުމީހާ ފައިތިލަހަމަކުރީމައި އެކަމާ ދެން އަޅުގަނޑު ކުރާނީ ކީއްތޯއެވެ!

އަޅެ ތިޔަބޭފުޅުން ވިދާޅުވެބައްލަވާށޭ، ބޮޑުމީހާ އެހައި ސިނގު ރުޅިޔެއް އައިސްގެން އޭނާގެ އިންސާނީ ކަށިކޮލި އަޅުގަނޑާ ދިމާޔަށް ފޯނެއްގެ ވަޞީލަތުންނަމަވެސް އެ ފޮނުވީ ހަމަ އޭނާގެ އަމިއްލަ ނުފުދުންތެރިކަމުގެ މަޢުރަޟަކައިގެން ނޫންތޯއެވެ؟ ބޮޑުމީހާޔަކީ ކޮންމެވެސް ކަމެއްގެ މުގުލާ އައްސުން ޙަވާލުވާން، ނުވަތަ ނުފަރާތުން މަތިފަޑިމައްޗަށް އަރާން، ނުވަތަ އޮޑިޔެއްގެ ހުންގާނުދޫނި މަތީ ފައިތިލަ އަޅުވައިލައިގެން ހުރެމެ، މާލެދާން ކަމަށް އުޅެ ދެވޭނީ ކެލަޔަށް ނޫނީ މިނިކާރާއްޖެޔަށް ކަމަށް ވިޔަސް، އަދި އޭނަޔަކީ އޮޑި އެއް މިސްރާބަކަށް ބަހައްޓާން ހިތުލިޔަސް، އެއްފަހަރު އަރާމުރިނގަށް އަނެއްފަހަރު އޮއްސޭމުރިނގަށް އޮޑި ދުއްވާން ކުޅަދާނަ ޣަބީޔަކަށް ވިޔަސް، އޭނާގައި މިވެނި ސިފަޔެއް ހަމަ ނެތްކަން އެހިސާބުން އެ ބަޔާންވެ ނިމުނީ ނޫންތޯއެވެ؟

އޭނާގައި ނެތޭ މިދަންނަވަނީ ކޮން ސިފަޔެއްތޯ ތިޔައިގެ ތެރެއިން ބޭފުޅަކު އަޅުގަނޑު ގާތު އައްސަވައިފިނަމަ އެ ސިފަޔަކީ ކޮބައިކަން އަޅުގަނޑު ދަންނަވާފާނަމެވެ. އެ ސިފަޔަކީ، ކަންކަމުގައި ހެޔޮ ނަތީޖާ ނެރެދެވޭވަރުގެ ލިޔާޤަތާއި ޤާބިލިއްޔަތު ހުރި ހަމަ ކޮންމެ ޒަޢީމެއް ނުވަތަ ލީޑަރެއްގެ ކިބައިން މާ ސާފުކޮށް ފެނިވަޑައިގަންނަވާނޭ ސިފަޔެކެވެ. އެއީ، އެކި ޢުމުރުގެ، އެކި މިޒާޖުގެ މީހުން ގޮވައިގެން އުޅޭން އެނގުމުގެ ސިފައެވެ. މުއްސަނދީންނާއި ފަޤީރުންވެސް ގޮވައިގެން ކަންކަމައިގެން ކުރިޔަށް ދިޔުމުގެ ސިފައެވެ. ތަފާތު އެކި ކަންކަމުގެ ހުނަރުވެރީންނާއި އެއްވެސް ހުނަރެއް ޢަމުދުން ނެތް މީހުންވެސް ގޮވައިގެން މަސައްކަތްކުރުމުގެ ސިފައެވެ. ޖުމުލަކޮށް ދަންނަވާނަމަ، ތަފާތު އެކި މީހުން ގޮވައިގެން އުޅޭން އެނގުމުގެ ސިފައެވެ.

މިދެންނެވި ސިފަޔާ ހަމަ މުޅީން ޚިލާފަށް، ތިމާމީހާޔަށް ޚުޝާމަދުކޮށް، ތިމާމީހާ އެޅިހައި ބަތަކަށް ރިހަ އަޅައި، ތިޔަ ނޫނީ އެއްވެސް ކަމެއް އެނގޭ މީހަކު ހަމަ ނެތޭ ބުނާ މީހުން އެކަނި ކަމުދާ މީހަކީ ހައުދަހައި ބޮޑު ނުކުޅެދުންތެރިޔެކެވެ. އެއްވެސް ކަމެއް ފުރިހަމަޔަށް ކޮށް ނިންމައިލާން އެނގޭ މީހަކު އުޑުބަޅުކުރެއްވި ހިސާބުގައިވެސް ތިޔަ ނޫނީ ހަމަ ނެތޭ ގޮވައި، ތިމާމީހާގައި ހުރި އެންމެހައި ހަޑި ހުތުރު ނުބައި އާދަތައްވެސް އެއީ އިންސާނުން ދުނިޔެއުޅުމުގައި ނަމޫނާޔަކަށް ބަލާންވާނޭ އާދަތަކެއް ކަމަށް ބަޔާންކުރަމުން އެ އުޅޭ މީހުންނަކީ ތިމާގެ "ކަލްޗަރަށް ފިޓު"ވާ މީހުންކަމުގައި ދެކޭ މީހާޔަކީ ހަމަ އެހައި ބޮޑު ނުކުޅެދުންތެރިޔެއް މެއެވެ. ތިމާ މީހާގެ ތައްގަނޑަށް ބަރާބަރަށް ނުފެތޭ ކޮންމެ މީހަކީ ކަމުނުދާ މީހެއް ކަމަށް ދެކޭ މީހަކީ ހައުދަހައި ބޮޑު ކަމީނާއެކެވެ. އަދި އެއީ އިޚުލާޞްތެރީންނާ ދުރު، ތިމާޔާ ކުޑަކޮށް ނަމަވެސް ތަފާތު އަނެކާޔަށް ކުޑަވެސް އިޙްތިރާމެއް ކުރާން ނުދަންނަ، ޖައްބާރުންގެ މަޖައްލާތަކަށް ނޫނީ އިޝްތިރާކު ދޭން ނުދަންނަ މީހެއްކަން ހަމަ ކަށަވަރެވެ!

ތިޔަ ބޭފުޅުން އަޅެ ވިދާޅުވެބައްލަވާށޭ، މިދެންނެވި ކަހަލަ ނުކުޅެދުންތެރިޔަކީ އެއްވެސް ކަމެއްގައި ލީޑަރަކަށް ބަހައްޓައިގެން އެކަމެއްގެ މަޞްލަޙަތު ރަނގަޅުވާނޭ މީހެއްތޯއެވެ؟ މަސްއޮޑިޔެއް ކީއްކުރަންތޯއޭ އާދައިގެ އޮޑިދޮށު ބޮއްކުރަޔެއް ބަންނާންވެސް އޭނާޔާ ޙަވާލުކުރާން ހެޔޮވާނޭތޯއެވެ؟ މި ސުވާލުގެ ޖަވާބު އަމިއްލަފުޅު ނަފުސަށް މިފަހަރު ދެއްވާނީ ހަމަ ތިޔަބޭފުޅުންނެވެ. އަޅުގަނޑެއް ނޫނެވެ!

އަޅުގަނޑަށް ވީހައިވެސް ވަރަކީ، އަދި ވާނޭހައިވެސް ވަރަކީ، އެއްކަލަ ކަށިކޮއްޔަށް ކުރު ޖަވާބެއް ދިނުމެވެ. އަދި މިހައިރުވެސް އަދި ފަހުންވެސް އެ މަގުން އަޅުގަނޑު ދަތުރުކުރާން ޤަޞްދުކުރާ ދުރުމިނުގެ ޙުދޫދުގެ ތެރެއިން އަޅުގަނޑު ކުރިހައިވެސް ކަމަކީ މިދެންނެވި  އަޢުވާނު ސޮރަށް ހަމަ އެންމެ ޖަވާބެއް ދިނުމެވެ. އެއީ، އެ ސޮރު ގާތު މިދަންނަވާހެން ބުނެފައި ފޯނު ބާއްވައިފައި، އެ ނަންބަރު އަވަހަށް ބުލޮކުކޮށްލުމެވެ. އަޅުގަނޑަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ، އަޅުގަނޑުގެ ދެރަ ފަޤީރުކަމާއި ނިކަމެތިކަމުގެ ޙުދޫދުގައި އަމިއްލަ ނަފުސު ހިފެހެއްޓޭތޯ ބަލައިގެން އުޅޭ މީހަކީމެވެ. އަދި އެއްވެސް ކަމެއްގެ މުގުލުގައި ހިފައި، އެއްވެސް އޮޑިޔެއްގެ ކައްޕިކަން ކޮށް، މިހެން އުޅޭން ހިތުވެސް ލާނޭ މީހަކީމެއް ނޫނެވެ. އަޅުގަނޑުގެ ދެރަކަން އަޅުގަނޑު ދަންނަމެވެ. އެހެންކަމާއެކު، އަޢުވާނު ކަށިކޮލި ގާތު އަޅުގަނޑަށް ބުނެވުނީ މިހެންނެވެ:-

"މާ ދުރުގައި ހުރި ނިކަމެއްޗަކަށް ފެނުނު ހުވަފެނެއްގެ ވާހަކަ އޭނާ ލިޔުނީމައި، ނުވަތަ ކޮންމެވެސް ދެރަސޮޑަޔެއް ކޮންމެވެސް ތާކު ފުލޯކު ވާހަކަޔެއް ލިޔެލީމައި، ތިމާމީހާގެ މިޒާޖުގެ ކުޑަ މީޓަރުގެ ކަށި ރަތަށް އަރައި، މިސްކިތް ހުޅުޖެހި މީހާޔަށް އަމިއްލަޔަށް ވެގަނެ، އެ އެއްޗެއް ލިޔުނު މީހާޔާ ހަނގާކުރުން ބާޒާރުމަތީ ދެރަވަރު ފަންތީގެ ކަމީނާ އަޢުވާނުންނާ މަތިކޮށް، މީސްމީހުންނަށް އެކި ބާވަތުގެ ނުސިޔާނު އަދަބު ޤާނޫނުގެ ޙުދޫދުން ބޭރުން ދީ ހެދިދާނޭ ވާހަކަ ބުނެ، މިހެން އުޅޭ ޒާތުގެ މީހަކާ މެދު އަހަރެން ބުނާނީ މިހެންނެވެ. ތިޔަ ބުނާ މީހާޔަށް ލީޑަރަކަށް ވާކަށް އަދި ހަމަ ނޭނގުނުތާއެވެ!" މިއެވެ.

އަޅުގަނޑު ކުރާނީ ކީއްތޯއެވެ! އަޅުގަނޑަށް މިހައިރުވެސް މި ލިޔެވުނީ އަދި ދެންވެސް ލިޔެވޭނީ ހަމަ މިކަހަލަ ފުލޯކެކެވެ.

ކޮލަމް ކަލާވެހި: "އެއީ ކަލްޗަރަށް ފިޓުވާން ނޭނގޭ މީހެކެވެ!"