Support Us

ކޮލަމް ކަލާވެހި: "އެއީ ކަލްޗަރަށް ފިޓުވާން ނޭނގޭ މީހެކެވެ!"

’ކަލްޗަރަށް ފިޓުވުން'! (ލޮލް) މިއީ އިނިގިރޭސިބަހުގެ ދެ ލަފުޒެއް އެއްކޮށްގެން ކޮންމެވެސް ބަޔަކު ހަދައިފައި އޮތް އިޞްޠިލާޙީ ޢިބާރާތެކެވެ. އަޅުގަނޑު މިދަންނަވަން އުޅޭ ވާހަކަ ދަންނަވައިލުމުގެ ކުރީން، މިދެންނެވި ޢިބާރާތުގެ މާނަ މިހައިރަކަށް އައިސް ކުރެވޭ އެންމެ އާދައިގެ ގޮތް މިތާނގައި ލިޔެލާނަމެވެ.

'ކަލްޗަރަށް ފިޓުވުން' އެއީ ކިހިނެއް ވާ ކަމެއްކަން، އަޅުގަނޑު ދަންނަ ގިނަ މީހުން ބުނެ އުޅެނީ މި ދަންނަވާ ގޮތަށެވެ. ތަނެއްގައި އުޅޭ ގިނަ މީހުން، ނުވަތަ އެތަނެއްގައި އެ ބަޔެއްގެ ނުފޫޒު ގަދަ މީހުން ގެންގުޅޭ ހަމަތަކަށާއި، ޢަޤީދާ ތަކަށާއި، ކަންކަން ކުރާ ގޮތްތަކަށް މީހަކު ބޯލަނބައި، ކަމޭހިތައި، ތިމާގެ ޢަމަލުތައްވެސް އެ ކަންކަމާ ކަށަވަރު އެޅޭ ގޮތަށް ބެހެއްޓުމަކީ 'ކަލްޗަރަށް ފިޓުވާ' މީހާ ކަންކުރާން ޖެހޭ ގޮތެވެ. ތަނެއްގައި ދިރިއުޅެން، ނުވަތަ އެ ތަނެއްގައި މަސައްކަތްކުރަން އަންނަ މީހަކު އެ ތަނެއްގެ 'ކަލްޗަރަށް ފިޓު’ވުމަކީ އެ ތަނެއްގައި އުޅޭ ނުފޫޒު ގަދަ ބަޔެއްގެ އެންމެހައި މަޞްލަޙަތުތައް އެންމެ ރަނގަޅަށް ޙިމާޔަތްކޮށް ދެމެހެއްޓޭނެ ގޮތް ކަމަށް ވާނެތީ، އެ ގޮތަށް ލެނބިގެން އަންނަ މީހާޔަކީ އެ ތަނެއްގެ ނުފޫޒުގެ އަހުލުވެރީން އެންމެ ރުހޭ މީހާ ކަމަށް ވާނޭ ކަމާމެދު ޝައްކެއް ނެތެވެ.

ދެން އައްސަވާށެވެ! ހުވަފެނީ ނަމަވެސް، ފުލޯކު ނަމަވެސް، ވާހަކަ ފެށުނީއެވެ.

ބޭފުޅުންނޭ އައްސަވާށޭ، މިއީ އަޅުގަނޑު އަމިއްލަޔަށް ތަޖުރިބާކުރި ކަމެކެވެ.

އެއްދުވަސްވަރެއްގައި އަޅުގަނޑުވެސް އެ ތާކަށް ވަދެ، ކޮންމެވެސް ކަހަލަ މަސައްކަތެއް އެ ތަނެއްގައި ކޮށް އުޅޭން ޖެހުނު ތަނެކެވެ. ތަނުގެ ވެރިޔަކަށް ހުރީ ނުލާހިކު ފޯރާ، ކުރިމަތީގައި މޫނުބަލާ ލޯގަނޑެއް ނެތަސް ތިމާގެ ރީތި ސޫރަ ތިމާޔަށް އަބަދުވެސް ފެނިފެނި ހުރި މީހެކެވެ. އޭނާގެ ވަށައިގެން އެނބުރިއެނބުރި ތިބި މީހުން ސިފަކުރުމުގައި، އޭނާ އެ މީހުން ސިފަކުރި ގޮތާއި އަޅުގަނޑު އެ މީހުން ސިފަކުރި ގޮތާ ކުޑަކޮށް ތަފާތެވެ. އޭނާ އެ މީހުން ސިފަކުރި ގޮތުގައި އެ މީހުންނަކީ މަސައްކަތަށް ކަމޭ ހިތާ، އަމާނާތްތެރި، ވަފާތެރީންނެވެ. އަޅުގަނޑު އެ މީހުން ސިފަކުރި، އަދި މިހައިރުވެސް ސިފަކުރާނޭ ގޮތުގައި، އެއީ ތާޒާ ވަޅޯމަސް ކިބައެއްގެ ވަށައިގެން އެނބުރިއެނބުރި ތިބި ވަގުބުޅާތަކެއް ކަހަލަ ބައެކެވެ. މަސްގަނޑުން ބައެއްގައި ދަތްއަޅައި އުތުވައިލައިގެން، މަސްގަނޑުން ވަކިކޮށްލެވުނު ބައެއް ތުނބުލައިގެން ދުރަށް ދުއްވައިގަންނާނެ ފުރުޞަތަކަށް ބަލަބަލައި ތިބި ބައެކެވެ.

ވެރިޔާއާއި ވެރިޔާގެ މިދެންނެވި ސެޓެލައިޓް ބޭބޭކަލުންނަކީ ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކުރަމުން ދިޔަ މީހުންނެވެ. ރަސްމީ މަސައްކަތު ގަޑި ކަމަށް ކަނޑައަޅައި، ދުރާލައި އިޢުލާނުކޮށްފައިވާ ގަޑިތަކުން ބޮޑުބައެއްވެސް އެ ވެރީން ހޭދަކުރަމުން ދިޔައީ މަސައްކަތުގެ ވެށީގައި ހަދައިފައި ހުރި، 'ބޭފުޅުންނަށް ޚާއްޞަ' ކޮފީޖަގަހަޔެއްގައެވެ. ކަޅު ކޮފީގެ ހިތްގައިމު ހިތި ވަހާއި، އެއްޗަކު ފުލު އެއްޗެއް ހުލިވަމުން ދިޔަ ސިނިގިރޭޓުތަކުގެ ދިލަ ވަހުން ކަޅިވެފައި އޮންނަ އެ ކޮފީޖަގަހައިގައެވެ. އެ ތަނަށް ވަދެ އުޅުނު 'ބޮޑެތި ބޭފުޅުން'  ހަވާސާގައި ކުރަމުން ގެންދިޔަ ވިޔަފާރިތަކުގެ މަޢުލޫމާތު އެކަކު އަނެކަކާ ޙިއްޞާކޮށް، އެކަކުގެ ވިޔަފާރިޔަށް އަނެކަކު ލަފާދީ ހެދުމުގައެވެ. ހަވާސާޔާއި މައި ޞަފުޙާޔާ އެއްވާތަނެއް އަތުވެއްޖެނަމަ، އެކަން ވަންހަނާކުރާނޭ ގޮތުގެ އިސްތިރާޖީ ރޭވުންތައްވެސް ރޭވުމުގައެވެ. ތަނުގައި އުޅޭ އެހެން މީހުންގެ ތެރެއިން އެ މީހުންނަށް ކަމުދާ ޖިސްމާނީ ސިފަތައް ހުންނަ، ލަޠީފު ޖިންސުގެ ޒުވާނުންގައި ހުންނަ ކަމުދާ ސިފަތަކުގެ ވާހަކައިން އެކަކު އަނެކެއްގެ ހިތް އުފާކޮށްދިނުމަކީވެސް އެ ތަނުގެ މުހިންމު 'ކަލްޗަރ’އެކެވެ. ދެންވެސް އެކަހަލަ މުހިންމު އެތައް ކަމެއް އެތާނގައި ހިނގަމުން ދިޔައެވެ.

އަޅުގަނޑަކީވެސް މިދެންނެވި 'ބޮޑެތި ބޭފުޅުން' އެތަނުގައި ރަސްމީކޮށް ކުރާން ޖެހޭކަމަށް ލިޔުމުގައި އޮތް ބައެއް ކަހަލަ ކަންކަމުގައި ހަމަ އެ ބީދައިން ރަސްމީކޮށް ކޮންމެހެން ޝާމިލްވާން ޖެހޭ ކަމަށް ބަޔާންތަކުން ފެންނަން އޮތް، އަދި އެނޫން ގޮތެއް ނެތިގެން ބައެއް ފަހަރު ޝާމިލް ކުރުވައި އުޅުނު މީހަކަށް ވީތީއާވެސް އެކު، ކުރީން މިދެންނެވި މަތިވެރި ކޮފީޖަގަހަޔަށް ޒިޔާރަތްކުރާން އަޅުގަނޑަށްވެސް ބައެއް ދުވަސްދުވަހު އިލްޒާމީ ދަޢުވަތުން ދަޢުވަތު ލިބި އުޅުނީމެވެ. އެހެން ނަމަވެސް، އަޅުގަނޑަކީ ގުޑާކު، ސުއްޓާ، ފިލިއެޅި ސިނގިރޭޓު، ކަލްކީ ބިޑި، މިކަހަލަ އެއްޗިހި އަނދާއިރު އެ އަރާ ދުންގަނޑު ނޯށުން އެރީމައި ކޮށިއަރާ މީހަކީމެވެ. އަދި ވަކީން ޚާއްޞަކޮށް، އަނެކާގެ ފުއްޕާހަމުގެ ވަތުބަތާނައިގައި އުނގުޅިފައި އަލުން ޖައްވަށް ދޫކޮށްލައިފައި ހުންނަ ދުން ދެކެ ކުޑައިކޮށް ފަކުރުވެސް ގަންނަ މީހަކީމެވެ. އަދި އެ ޒާތުގެ ދުން ފުއްޕާމެޔަށް ވާޞިލްވެއްޖެތަ، ކޮށި އަރައި، ލޮލުގައި ޖެހުނީމައި ލޯވެސް ކަރާ މީހަކީމެވެ. އެހެންކަމާއެކު، 'އަޅުގަނޑު ތިތަނަށް ވަނީމައި ކޮށިއަރާގޮތް ވަނިއްޔޭ' ބުނެފައި އެތަނަށް ނުވަދެ ވޭތޯ ބަލައި އުޅުނީމެވެ.

ޙަޤީޤަތަށް ދަންނަވާ ކަމަށް ވަންޏާ، އަޅުގަނޑު އެ މަތިވެރި ކޮފީޖަގަހަޔަށް ނުވަންނާން ދައްކައި އުޅުނު، ދެންމެޔަކު މި ދެންނެވި ޢުޛުރަށްވުރެ މުހިންމު ސަބަބުތަކެއްވެސް ހުއްޓެވެ. އަޅުގަނޑަކީ ވެރިޔާގެ ވަށައިގެން ބުރުއަޅާ ވަގުބުޅަލަކަށް، ނުވަތަ ވެރިޔާގެ ނުރަސްމީ އަޢުވާނަކަށް، ނުވަތަ ނުދައްކާ ވާހަކަތަކުގެ ބާބުން އަތްގާތްކޮށްދޭ ދައްލާލަކަށް ވާން ދުވަހަކުވެސް ބޭނުންވި މީހަކީމެއް ނޫނެވެ. އަޅުގަނޑަކީ ވަޒީފާގެ ބޭރުން، ނުވަތަ ވަޒީފާޔާ މަސްހުނިކޮށްގެން ވަޒީފާގެ މައި ޞަފުޙާގެ ހަވާސާގައި ލައްކައިން ކުރޯޑުން އެއިރުވެސް، އަދި މިހައިރުވެސް، ވިޔަފާރި ކުރި، ނުވަތަ ކުރާ، ނުވަތަ ކުރާނޭ މީހަކީމެއް ނޫނެވެ. އަތުގައި ހޭކުނު އެއްޗެއް ދަތުގައި ނުހޭކި ދޫކޮށްލައިގެން ނުވާނޭ ބުނާ ފަލްސަފާޔަށް ދީލައިލައިގެން ޙަޔާތުގެ އޮޑި ދުއްވައިއުޅުނު މީހަކީމެއްވެސް ނޫނެވެ. އެހެންކަމުން، މަތިވެރި ކޮފީޖަގަހަޔަށް ވަދެއްޖިއްޔާ އަޅުގަނޑުގެ އަންބޮނޑިޔަކަށް ވާނޭ އިތުރު ބަރެއް ނެތްތާނގައި ކަމެއް ވުމުގެ ފުރުޞަތު އޮންނާނީ ހަމަ އެންމެ ކަމެއްގެއެވެ. އެއީ އިވިގެން ނުވާނޭ އަޑެއް ފަހަރުގައި އިވުމާއި، ފެނިގެން ނުވާނޭ އެއްޗެއް ފަހަރުގައި ފެނުމާއި، ކަމެއްދަމެއް ގޯސްވެގެން ދާއިރު ހެކިބަހެއް ފަހަރުގައި ދޭންޖެހުމުގެ ތަކުލީފު އުފުލާންޖެހުމުގެ ބިރުހީވުމާއެވެ. އެހެންކަމުން، 'އަޅުގަނޑު ތިތަނަށް ވަނީމައި ކޮށިއަރާގޮތް ވަނިއްޔޭ' ބުނެފައި އެތަނަށް ނުވަދެ ވޭތޯ ބަލައި އުޅުނީއެވެ.

ވެރިޔާގެ އެންމެ ގާތުގައި އަބަދު ބުރުއަޅައަޅާ ހުންނަ، ވެރިޔާޔަށް ދޫނުކޮށް ކަޅު ކޮފީޔާއި ސިނގިރޭޓަށް އިންސާފުކޮށް، ވެރިޔާ ހިތްހަމަޖެހޭ އެންމެހައި ނާނާޔެއް ކިޔައިދީގެން އުޅުނު ޚާއްޞަ މީހަކު އެތާ އުޅުނެވެ. އޭނާޔަކީ ތަޢުލީމުގެ ކަނޑުގައި ވެރިޔާ ތާށިވެފައި ހުރި ކަކޫތާފެނަށްވުރެ ތަންކޮޅެއް ފުނަށް ބޭރުކަނޑަށް ނިކުމެވިފައި ހުރި މީހަކަށްވާތީ، އޭނާ ބުނާ ކޮންމެ އެއްޗަކީ ވެރިޔާގެ ކުރިމަތީގައި މޮޅު ޔާޤޫތެއް ނުވަތަ އައިބެއް ނެތް މުތީއެއްހައި އަގުބޮޑު އެއްޗަކަށް އޮންނަނީ ވެފައެވެ. އެހެންކަމާއެކު، އަޅުގަނޑު މަތިވެރި ކޮފީޖަގަހަޔަށް ޤަވާޢިދުން ގޮސް، ދުވާލަކު ހަތަރުފަސް ގަޑިއިރު އެތާ ހޭދަނުކުރަނީ ޙަޤީޤަތުގައި ކީއްވެކަން އޭނާޔަށް ވިސްނޭން ފެށި ހިސާބުން އަޅުގަނޑަކީ އޭނާޔަށް ފަހަރުގައި ކުރިމަތިވެދާނޭ ނުރައްކަލެއްކަން އޭނާ ދެނެގެންފިއެވެ. އަދި ވެރިޔާޔާ އަޅުގަނޑާ ދެމެދަށް ފިސާރި ރަނގަޅަށް ވަދެ، ވެރިޔާގެ ކުރިމަތީގައި އަޅުގަނޑަކީ ވަރަށް ތާކުންތާކުނުޖެހޭ މީހެއްކަން ދައްކަން އެ ކަލޭގެ މަސައްކަތްކުރާން ފެށިއެވެ. އަދި އޭނާ އަޅުގަނޑަށް ދިން ފުރަތަމަ ޙަމަލާޔަކީ އަޅުގަނޑަކީ 'ކަލްޗަރަށް ފިޓު’ނުވާ މީހެއް ކަމަށް ވެރިޔާޔަށް ބުނެދިނުމެވެ.

ވެރިޔާޔަކީ ޝަޚުޞީ ޙަޤީޤަތުގައި ވަރަށް އާދައިގެ ސައިޒެއްގެ، ކުޑަވަރެއްގެ މަރުތޭލަކުން އެއް ފަހަރު ޖެއްސަސް ބައެއް ކަހަލަ ޙާލަތްތަކުގައި ތެޅި ކުނޑިކުނޑިވާ ހިލަ ބުދެއް ކަހަލަ މީހަކަށް ވާތީ، މިދެންނެވި ޒާތުގެ 'ހުޅަނގުގެ ތަޢުލީމުގެ ޢާލިމެއް’ގެ އަނގައިން ޔުނިވަރސިޓީ ޕްރޮފެސަރުންގެ އަނގައިން އިވޭ ކަހަލަ މޮޅު ބަހެއް އޭނާޔަށް ތަކުރާރުކޮށް އިވޭން ފެށީމައި ދެން ވާނޭ ގޮތް ވިސްނާވަޑައިގަންނަވާށެވެ. އެ ހިސާބުން އަޅުގަނޑަކީ 'ކަލްޗަރަށް ފިޓުނުވާ' މީހެއް ކަމަށް ތައްގަނޑުޖެހި، ފާސްވެ ނިމުނީއެވެ. ޝުކުރު ހުއްޓެވެ!

އަޅުގަނޑު ޝުކުރުކުރަނީ މިހެންވެގެންނެވެ. ތަނެއްގެ 'ކަލްޗަރަށް ފިޓު’ވުމަކީ އެތަނެއްގައި އުޅޭ ނުފޫޒު ގަދަ މީހުން ގެންގުޅޭ ހަމަތަކަށާއި، ޢަޤީދާ ތަކަށާއި، ކަންކަން ކުރާ ގޮތްތަކަށް ބޯލެނބުން ކަމަށް ވަންޏާ، އެ މީހުން އެތަނުގައި އެއިރު ގެންގުޅުނު ހަމަތަކަކީ އެ ހަމަތަކާ އެއްގޮތަށް އަޅުގަނޑު ކަންކަން ކުރާނޭ ހަމަތަކެއް ނޫނެވެ. އެއީ، އެ ހަމަތަކަށް ކަންކޮށްގެން ބައެއް ފަހަރު ނަމަވެސް ޤާނޫނޫގެ ދަށްފަރާތުން އަޅުގަނޑުގެ ދެރަވަރުގެ އޮޑިގަނޑުގެ ބައު ރިޔާގަނޑުގެ ދަންމާނު އަތުން ފިރުކިގެން ގޮސް އޮޑި ފަރަށް އަރައިފާނެތީއެވެ. އެ މީހުންގެ ޢަޤީދާތައް ކަމަށް އަޅުގަނޑަށް ލަފާކުރެވުނު ޢަޤީދާތަކަކީ އަޅުގަނޑު ކަހަލަ ކަޓު މީހަކާ އަރައިއަރަފޯދިގެން ނުވާ ޢަޤީދާތަކެއް ކަމަށް ފެންނާތީއެވެ. އެ މީހުން ކުރަމުން ގެންދިޔަ ބައެއް ކަންކަމަކީ އެ ކަންކަން ކުރާ ގޮތްތަކަށް އަޅުގަނޑު ހަމަހޭގައި ހުރެގެން ތާއީދު ކުރެވޭނޭ ގޮތްތަކަކަށް ހަމަ ނުވާތީއެވެ. ޝުކުރުކުރަނީ އެހެންވެގެންނެވެ.

ޒަމާން ބަދަލުވެއްޖެއެވެ. އޭގެ ފަހުން އެތައް ދުވަހެއް މާޒީވެ ހިނގައްޖެއެވެ. ދެން މިހައިރު ކަންކަން ހުރީ ހަމަ އެގޮތަށްތޯއެވެ؟ ނޫނެކެވެ!

ވެރިޔާގެ އެދުވަސްވަރުގެ މަޤާމު މިއަދު ނެތަސް އޭނާ އަދިވެސް އެ ހުރި ގޮތަކަށް އެބަހުއްޓެވެ. އެކަމަކު އޭނާގެ ވަށައިގެން އެއިރު އުޅުނު ގިނަ ވަގުބުޅާ މިހައިރަކު ނެތެވެ. ފަހަރުގައި އެޔަށްވުރެ މީރު ވަޅޯމަސްގަނޑެއް އެސޮރުމެންނަށް ފެނުނީވެސް ތޯއްޗެކެވެ. އެހެންނަމަވެސް، އަޅުގަނޑަށް މިހައިރުވެސް ފާހަގަވާ ދެތިން ކަމެއް އެބައޮތެވެ.

ފުރަތަމަ ކަމަކީ، ވެރިޔާގެ ކުރިމަތީގައި އަޅުގަނޑުގެ އަގު ވައްޓައިލާން ރެޔާއިދުވާލު އެންމެ ބޮޑަށް މަސައްކަތްކުރި މީހާ، ޔަޢުނީ 'ކަލްޗަރަށް ފިޓު’ގެ މާނަ އަމިއްލަ ފޮނިތޮށިކާފޫރުތޮޅިކޮޅެއްވެސް އަޅައިގެން ވެރިޔާޔަށް ކިޔަވައިދިން އެދުރު، ވެރިޔާގެ ތައްޕާހުން އުޅޭންކަމަށް އުޅެ އެކަންވެސް ނުވެގެން ވެރިޔާ ދޫކޮށްލައިފައި އެހެން ދިމާޔަކުން އުދުހި އާސްމާނަށްވުރެވެސް މައްޗަށް އަރާން ކަމަށް ދިޔަކަމެވެ. އަޅުގަނޑުގެ ބަދުނާމު ކިޔުމުގައި މިދެންނެވި މީހާޔަށް އަތްގާތްކޮށްދޭން އުޅުނު އެންމެ ގާތް އެކަކު މީހާ ވެރިޔާގާތު ޒާތަކަށް އަދިވެސް އެބަ އެނބުރެޔޯލައެވެ. އެކަމަކު އެކަންވެސް ޔަޤީނެއް ނޫނެވެ. އެކަމަކު އޭނާގެވެސް އިހު ހުރި ޖޯރަކުން، މިހައިރު ހުރި ނެގިމަޑުވުމުގެ ވަނދުކަމަކުން ވެރިޔާޔަކަށް ކުރާނޭ މާކަ ބޮޑު ފައިދާޔެއް ނޯންނާނޭކަން ޔަޤީނެވެ.

ދެވަނަ ކަމަކީ އަޅުގަނޑު އެއިރުވެސް އުޅުނު އާދައިގެ ދެރަވަރު ދިރިއުޅުމެއްގައި އަދިވެސް ދިރިއުޅުމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުގެ ޚާލިޤް އަޅުގަނޑަށް މިންވަރުކުރައްވައިފައި ވާ ކަމެވެ. 'ކަލްޗަރަށް ފިޓު’ވި އެ މީހުން ގެންގުޅުނު ހަމަތަކަށާއި، ޢަޤީދާ ތަކަށާއި، ކަންކަން ކުރާ ގޮތްތަކަށް ބޯލެނބުން އެއީ އޮތް ހަމައެކަނި ގޮތް ނޫންކަން އަޅުގަނޑަށް މިއަދުވެސް އެނގި ޔަޤީންވާކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް ދެއްވައިފައިވާ ކަމެވެ. ކޮޅުނެތްކޮޅަށް ޝުކުރު ހުއްޓެވެ!

ތިންވަނަ ކަމަކީ ވެރިޔާގެ ޙާލަތެވެ. އޭނާޔަކީ އަރަންޏާއި ދަރަންޏާ އަޅައިބަލައިފިއްޔާ…. ނޫނެކެވެ! އެ ވާހަކަ އިތުރަކަށް ނުދަންނަވާނަމެވެ. އަޅުގަނޑަށް އެނގޭހައިވެސް ވަރަކީ އޭނާގެ އެހުންނަ ދެރަ އެއް ސިފަ އަދިވެސް ނުކެނޑޭ ކަމެވެ. އޭނާ އެ މީހެއްގެ އަވައިގައި ޖެހިއްޖެ މީހެއްގެ ބަސް އޭނާ ޤަބޫލުކޮށްފިތަ، ދެން އެ ޤަބޫލުކުރެވުނު ޤަބޫލުކުރެވުމާ މެދު ދެވަނަ ފަހަރަށް ވިސްނައިލުމުގެ ޙިކުމަތް އޭނާގެ ކިބައިގައި އަދިވެސް ނެތްކަމެވެ. މީހުންގެ ޙަޤީޤީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއި، ނަޒާހަތްތެރިކަމާއި، ހުނަރުވެރިކަމާއި މިހުރިހައި ކަމަކީ އޭނާޔަކަށް އަދިވެސް ވަޒަންކުރާކަށް އެނގޭ ކަންކަމެއް ނޫނެވެ. އެނގޭނޭވެސް ކަންކަމެއް ނުމެ ނޫންމެއެވެ. އޭގެ ހެއްކަކީ މިއެވެ.  އަޅުގަނޑަކީ ކޮންކަހަލަ މީހެއްތޯ މިހައިރުވެސް އޭނާ ގާތު އައްސަވައިލައްވަ ބައްލަވާށެވެ!

ޖަވާބުގައި އޭނާ ބުނާނީ ހަމަ އެކައްޗެކެވެ. "އެއީ ކަލްޗަރަށް ފިޓުވާން ނޭނގޭ މީހެކެވެ!" މިހެންނެވެ!

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ކުރީގެ އިންފޯމޭސަން މިނިސްޓްރީގަ ކޮފީ ނުބޯ އުޅޭނީ ވަރަށް މަދު ބަޔެއް! އެހެން ވީމަ އެތާކު ކޮފީ ނުބޯ މީހުންނަކީ ކަލްޗަރަލީ ފިޓް ބަޔަކަށް ނުވާނެ ކަމަށް ބެލެވެނީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *