Support Us

މިއަދަކީ ކަޝްމީރު ޙިޞާރުގެ ދުވަސް

ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނަކާއި ޚިލާފަށް، އިންޑިއާއިން އަރާ ހިފައި، އަޅުވެެތިކޮށްފައިވާ ޖައްމޫ/ކަޝްމީރުގައި، މިއަދު، 5 އޯގަސްޓް ފާހަގަކުރަމުން މިދަނީ "ޙިޞާރުގެ ދުވަސް (Day of Siege) ނުވަތަ "އިސްތިޙްޞާލު (Day of Exploitation) ދުވަހުގެ ގޮތުގައެވެ. ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަސް، މިނަމުން ފާހަގަކުރަމުން މިދަނީ، ފާއިތުވި 70 ވަރަކަށް އަހަރު ވަންދެން، އިންޑިއާގެ އަނިޔާވެރި އަޅުވެތިކަމުން މިނިވަންވުމަށް، މުދަލާއި ފުރާނައިން ޖިހާދުކުރި ޖައްމޫ/ކަޝްމީރުގެ ހިތްބވަތުގަދަ މުސްލިމް ރައްޔިތުން ކުރި އަދި މިއަދުވެސް ކުރަމުންދާ ޖިހާދުގެ މަތީން ހަނދާކޮށް، ޖައްމޫ/ކަޝްމީރުގެ މުސްލިމް އަޚުންނާއި އުޚުތުންނާއެކު މުސްލިމް އުއްމަތް ދެމި އޮތްކަން ހާމަކުރުމުގެ ގޮތުންނެވެ.

އިންޑިއާއިން މިދިޔަ އަހަރުގެ އޯގަސްޓް 5 ގައި ވަނީ ވަރަށް ޚުދުމުޚުތާރު، އަނިޔާވެރި ގޮތެއްގައި، އެމީހުންގެ ކިބައިގައި އޮތް ތަމައްދުނާއި (civility) އިންޞާފު (justice) ގެ އެންމެ ކުޑަމިންވަރުންވެސް ބޭރުވެ ކަޝްމީރު ރައަޔިތުންގެ ޝަޚުޞިއްޔަތާއި ޤައުމިއްޔަތު ފޭރިގެންފައެވެ. މިދިޔަ އަހަރުގެ މިދުވަހު، އިންޑިއާއިން ވަނީ އެޤައުމުގެ ޤާނޫނުއަސާސީގެ 370 ވަނަ މާއްދާ އާއި (A)35 އުވާލައި، ކަޝްމީރާއި ބެހޭގޮތުން ފާސްކޮށްފައިވާ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ހުރިހާ ޤާރާރަކާއި ޚިލާފުވެ، ކަޝްމީރަށް ލިބިދީފައިވާ ޚާއްޞަ ސްޓޭޓަސް އުވާލާފައެވެ.

މި ފިޔަވަޅާއެކު، އިންޑިއާއިން ވަނީ، މިދެންނެވި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތަކުގެ ވާސްޠާއިން ކަޝްމީރުގެ ރައްޔިތުންނަށް ޔަޤީންކަން ދީފައިވާ، އަމިއްލަ ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤުން މަޙްރޫމުކޮށްފައެވެ.

ބައިނަލް އަޤްވާމީ ހުރިހާ ޤާނޫނަކާއި ޚިލާފަށް އިންޑިއާއިން މި އެޅި ޚުދުމުޚުތާރު ފިޔަވަޅާދެކޮޅަށް ޖައްމޫ/ކަޝްމީރުގެ ރައްޔިތުން ތެދުވެ އިޙްތިޖާކުރަން ފެށުމުން، އިންޑިއާއިން ވަނީ ޖައްމޫ/ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކޮށް، މުޅި ސަރަޙައްދު ބަންދުކޮށް، ޤާނޫނީ އިމުން ބޭރުން، އެއްވެސް ހަމައެއް ލަމައެއް ނެތި މީހުން ހައްޔަރުކޮށް، އިންޓަރނެޓާއި، ޗާޕް (ޕްރިންޓް) މީޑިއާ އާއި މުވާޞަލާތީ ހުރިހާ ޚިދުމަތަކުން މަޙްރޫމުކޮށްފައެވެ. މިހިސާބުންވެސް އިންޑިއާގެ އަނިޔާވެރިކަން ނިންމާލީއަކީ ނޫނެވެ. ޞުލްޙް ޤާއިމުކުރުމުގެ ނަމުގައި، 900،000 އިންޑިއާ ސިފައިން ހަތިޔާރާއެކު އެސަރަޙައްދަށް ވަދެގެންފައި ވެއެވެ. މިއަދު އިންޑިއާއިން ހިފާފައިވާ ޖައްމޫ/ކަޝްމީރަކީ އަނިޔާވެރިކަން ހައްދުފަހައަޅާފައިވާ ބޮޑު އެއް ޖަލެވެ. އެންމެ ގިނަސިފައިން ހަތިޔާރާއެކު ޙަރަކާތްެރިވަމުންދާ އެއް ސަރަޙައްދެވެ.

ޖައްމޫ/ކަޝްމީރުގެ މަސްއަލައަކީ 1948 އިން ފެށިގެން ބައިނަލް އަޤްވާމީ ސިޔާސީ މައިދާނުގައި އެއްބަސްވުމަކަށް އާދެވިފައިނުވާ، އދ.ގެ އެޖެންޑާގައި އޮތް މަސްއަލައެކެވެ. އަމިއްލަ ވެރިކަމަކަށް އުއްމީދުކުރަމުން އަންނަ ޖައްމޫ/ކަޝްމީރުގެ ރައްޔިތުންނަށް، ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ވަޒަނަށް އަރާތިބި ނުވަތަ ޙިޞާރުކޮށްގެން ތިބި ބޭރު ބައެއްގެ ބެލުމުގެ ދަށުން، އެމީހުން ހަމަޖައްސާ ގެތެއްގެ މަތީން ގޮތެއް ކަނޑައެޅިގެން ދިއުމަކީ ބުނެވިދިޔަ އދ.ގެ ޤަރާރުތަކުގެ ރޫޙާއި ކަނޑައެޅިގެން ޚިލާފުކަމެކެވެ.

އޯގަސްޓް، 16، 2019ގަ އާއި 15 ޖަނަވަރީ 2020ގައި ބޭއްވުނު އދ.ގެ ސެކިއުރިޓީ ކަނުންސިލްގެ މަޝްވަރާތަކުގައި، 5 އޯގަސްޓު 2019 ގައި އިންޑިއާއިން އެކަހެރި ގޮތެއްގައި އެޅި ފިޔަވަޅުގެ ސަބަބުން މި މައްސަަލައިގެ ޙާއްސާސްކަން އިތުރުވެ، އަދި ޚާއްޞަކޮށް، މި މަސްއަލަ އާއި ސަރަޙައްްދުގެ އަމްނާއި ޞުލްޙަ އަށް އިތުރު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވުނެވެ. މި މަޝްވަރާތަކުގެ އިތުރުން، އދ.ގެ އިންސާނީ ޙައްޤުތަކާއިބެހޭ ޖަމްޢިއްޔާގެ ފަރާތުން ޖޫން 2018 ގަ އާއި، ޖުލައި 2019 ގައި ނެރުނު ރިޕޯރޓުގައި ވެސް، ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިންޑިއާއިން ހިފާފައިވާ ޖައްމޫ/ކަޝްމީރުގައި، އިންސާނީ ޙައްޤުތަކަށް ކަޑަވެސް އިޙްތިރާމްކުރުމެއްނެތި، އިންސާނީ ޙައްޤުތައް ނިގުޅައިގެންފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހު، އދ.ގެ ޢާއްމު ޖަލްސާގައި ތަޤްރީރުކުރައްވަމުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވަނީ، ހައްލެއް ނައިސް، ހިސާބަށްވުރެ ދިގުލައިގެން ގޮސްފައިވާ މި މަސްއަލައިގެ މައްޗަށާއި، ހައްދުފަހައަޅާފައިވާ "ހިންދުތުވާ އައިޑިއޮލޮޖީ" އިން ފަތުރަމުންދާ ޢަދާވާތްތެރިކަމާއި، ހަނގުރާމަވެރި ޢަމަލުތަކުގެ މައްޗަށާއި، އިންސާނީ ހައްޤުތަކާއި ބެހޭ ޤާނޫނުތަކަށް އިޙްތިރާމްކުރުމެެއް ނެތްކަމާއި، ސަރަޙައްދުގެ އަމްނާއި ޞުލަޙައަށް ނުރައްކާކޮށްފައިވާ މިންވަރާއި، އިސްތިޤުރާރު ގެއްލުވާލުމަށް ކުރަމުންގެންދާ ކަންކަމުގެ މައްޗަށް ބައިނަލް އަޤްމާމީ މުޖުތަމަޢުގެ ސަމާލުކަން ގެންނަވާފައެވެ.

ހަނގުރާމަ ހުއްޓާލުމަށް އިންޑިއާ އިން އެއްބަސްވެފައި ވީނަމަވެސް، އެ އެއްބަސްވުމަށް އެއްވެސް އިޙްތިރާމްކުރުމެއްނެތި، ސަރަޙައްދީ ރޮނގުގެ ކައިރިން ކަޝްމީރުގެ ޢާއްމު ރައްޔިތުންނަށް އަނިޔާކުރަމުން، މަރަމުން ގެންދާކަމީ ކަންބޮޑުވާކަމެކެވެ. މިކަން ކަން ތަކުރާރު ނުކުރުމަށާއި، ހަނގުރާމަ ހުއްޓާލުމަށް އިންޑިއިން ވެފައިވާ އެއްބަސވުމަށް އިޙްތިރާމްކުރުމުކޮށް، 5 އޯގަސްޓްގެ 2019ގެ ކުރީގެ ޙާލަތު ރުޖޫޢަކުރުމަށާއި، ބަންދުކޮށްގެން ގެންގުޅޭ އަށް މިލިއަން ކަޝްމީރުގެ ރައްޔިތުން ވީއްލުމަށް ދުނިޔޭގެ ތަފާތު ޖަމްޢިއްޔާ ޖަމާޢަތްތަކުން އިންޑިއާ އަށް ގޮވާލަމުންދިޔަ ނަމަވެސް، އިންޑިއާއިން ދަނީ އެ ގޮވާލުންތަކަށް ބީރުކަންފަތެއް ދެމުންނެވެ.

އަނގަބަހުން ގޮވާލާ ގޮވާލުމެއްގެ އިތުރުން، އިންޑިއާ އާއި ދެކޮޅަށް އެއްވެސް މާނަވީ ފިޔަވަޅެއް އެޅުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢު ނުކުޅެދިފައިވާތީ، އަދި ޚާއްޞަކޮށް މުޅިދުނިޔެ ކޮވިޑްގެ ވަބާއާއި ދެކޮޅަށް "ހަނގުރާމަ ކުރަމުންދާ" މި ދަނޑިވަޅުގައި، އިންޑިއާއިން ދަނީ ފުރުޞަތުގެ ބޭނުން ހިފައި، ހިފާފައިވާ ޖައްމޫ/ކަޝްމީރުގެ އާބާދީ އެކުލެވިގެންވާ ގޮތް (ނަސްލު، ދީން، ބަސް، ފަދަ)/ (demographic composition) ބަދަލުކުރުމަށް އިންޑިއާގެ ރައްޔިތުން ވަޒަަންވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޖައްމޫ ކަޝްމީރުގެ ރައްޔިތުންނަށް، އެމީހުން އެދޭ ވެރިކަމެއް ޤާއިމުކުރެވެންދެން، ކަޝްމީރުގެ ރައްޔިތުންނަށް، ސިޔާސީ، މަޢުނަވީ އަދި ޑިޕްލޮމެޓިކް ގޮތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ޕާކިސްތާނުން ދެމުންދާނެއެވެ.

އިންޑިއާއިން ހިފާފައިވާ ޖައްމޫ/ކަޝްމީރަކީ އިންޑިއާގެ ބައެއްކަމުގައި ކަނޑައެޅުމަށް 5 އޮކްޓޯބަރު 2019ގައި އިންޑިއާއިން ކަނޑައެޅި އެޅުން ބާޠިލުކުރުމަށާއި، އިންޑިއާއިން ފާސްކޮށްފައިވާ 'ޕަބްލިކް ސޭފްޓީ އެކްޓް' އާއި، 'އާރމްޑް ފޯރސަސް ސްޕެޝަލް ޕަވަރ އެކްޓް' ފަދަ ހަރުކަށި ޤާނޫނުތައް އުވާލުމަށާއި، ހިފާފައިވާ ބިންތަކުން އިންޑިއާ ސިފައިން ބާލުވައި، ސަރަޙައްދުގައި ޞުލްޙަ ޤާއިމުވެފައި އޮންނާނެ ގޮތެއްގެމައްޗަށް އިންޑިއާގެ ޢަމަލުތައް ބެހެއްޓުމަށް އިންޑިޢާއަށް ބާރުއެޅުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށާއި، އދ. ގެ ސަލާމަތީ މަޖިލީހަށް ޕަކިސްތާނުން ވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *