Support Us

ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ (ކ-ވ) ޢާޢިޝަތު ޢާޒިމާ ޝަކޫރާއި ޑރ. މުޙައްމަދު މުނައްވަރާއި ފާޠިމަތު ދިޔާނާ ސަޢީދު

ޗާގޯސް މައްސަލައިގައި ބާ ކައުންސިލުން ސިޔާސީ ނުވުމަށް ކުރީގެ ތިން ބަންޑާރަ ނައިބުން ގޮވާލައްވައިފި

ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލުން، ޗާގޯސް މައްސަލައިގައި ސިޔާސީ ނުވުމަށް ކުރީގެ ތިން ބަންޑާރަ ނައިބުން ގޮވާލައްވައިފިއެވެ.

ބާ ކައުންސިލުގެ މެންބަރުންގެ ގޮތުގައި ވެސް ތިއްބެވި ޑރ. މުޙައްމަދު މުނައްވަރާއި ޢާޢިޝަތު ޢާޒިމާ ޝަކޫރާއި ފާޠިމަތު ދިޔާނާ ސަޢީދު، ބާ ކައުންސިލުގެ ރައީސް އިސްމާޢީލް ވިޝާމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ޗާގޯސް ޖަޒީރާތަކުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމަށް ބުނާ ސަރަޙައްދު، ފުށުއަރާ ކަމަށްބުނެ އެފުށުއަރާ ސަރަޙައްދު ހަމަހަމަޔަށް ބެހުމަށް މޮރިޝަސްއިން ދިވެހިރާއްޖޭގެ މައްޗަށް 'ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ' (UNCLOS) ގެ ދަށުން އުފައްދާފައިވާ 'އިންޓަރނޭޝަނަލް ޓްރައިބިޔުނަލް އޮން ދަ ލޯ އޮފް ދަ ސީ' (ITLOS) އަށް ހުށަހެޅި މައްސަލައިގައި، ޤާނޫނުން ކަނޑައަޅާފައިވާ އަދި ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުންއައި 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން 45,331 އަކަކިލޯމީޓަރު ޤާނޫނީ އިންތިޒާމްތަކާ ޚިލާފަށް ދޫކޮށްލާފައިވާ މައްސަލައިގައި ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރުވަނީ ޚުޞޫމަތެއް އުފެދިފައި ކަމަށެވެ.

"މި މައްސަލައިގައި، ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ދިފާޢީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ޤާނޫނީ ފަންނުގެ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، މިނިންމެވުން ބަދަލުކުރެއްވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި މިހާރު މިމައްސަލަވަނީ ޤައުމީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލައަކަށްވެފައެވެ. ޚާއްޞަގޮތެއްގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދަކީ 1969 އިން ފެށިގެން ޤާނޫނަކުން ކަނޑައެޅިފައިއޮތް ސަރަޙައްދަކަށްވެފައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ 1976 އިން ފެށިގެން ރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށްވާއިރު، އެއްވެސް އިޢުތިރާޟެއްކުރުމާނުލައި ޤާނޫނުން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ދޫކޮށްލިދޫކޮށްލުމާއި އަދި ބައިނަލްއަޤްވާމީ ކޯޓެއްގައި ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް ހިނގަމުންދަނިކޮށް އެމައްސަލައިގައި ހިމެނޭ ޚުޞޫމަތުގެ ނުކުތާއެއްގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑަކާ ސީދާ ޚިލާފަށް ދައުލަތުގެ ސިޔާސަތު ބަދަލުކޮށް، މައްސަލައިގައި ދަޢްވާކުރާ ޤައުމުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވިފޮނުއްވުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށާއި ބަންޑާރަނައިބަށް ލިބިދީފައިވާ ބާރުތަކުގެ ދާއިރާގެ ބޭރުން ހިންގާފައިވާ ޢަމަލުތަކެކެވެ. އަދި މިމައްސަލަތަކުގައި ހިމެނޭ އިސްވެރިން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ޖަވާބުދާރީކުރުވުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުން ގެންދަވަނީ ކުރައްވަމުންނެވެ." އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

"މި ކަންކަން މިހެން ހިނގަނމުންދަނިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، އެކައުންސިލުގެ ރައީސްއާއި އަދި އެހެން ބައެއް މެންބަރުން ވަނީ މި މައްސަލައިގައި ސަރުކާރު ދިފާޢުކުރައްވައި ޓްވީޓްކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ. އެހެންކަމާއެކު، ކަންކަން އިސްފަސްވުމުގެ ސަބަބުންނާއި ނިޔަތާމެދު ސުވާލު އުފެދޭ ޙާލަތު މަތިވެއޮތުމުން މިމައްސަލައިގައި ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) 7 ވަނަ މާއްދާގެ (ޑ) އިން ތަޞައްވުރުކުރާ ފަދަ ފަންނީ ދިރާސާއެއް ކޮށް އެދިރާސާގެ މައްޗަށް ރަޢުޔެއް ހާމަކުރުމުގެ ފުރުޞަތު އެގްޒެކެޓިވް ކޮމިޓީއަށް މިހާރު ގެއްލިއްޖެ ކަމަށް ފާހަގަކުރެވެއެވެ. މީގެ އިތުރުން ޤާނޫނު ހަމަޖެހިފައިވާ ގޮތުން ބަންޑާރަނައިބަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ވާހިނދު މިމައްސަލައާ ގުޅިގެން ބަންޑާރަނައިބު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މިމައްސަލައިގައި ރަޢުޔެއް ނެރުމަކީ މަޞްލަޙަތުގެ ފުށުއެރުން މެދުވެރިވާކަމެކެވެ. އަދި މިބަޔާންކުރެވުނު ކަންކަމަށް ބަލާއިރު މިއީ ބާ ކައުންސިލުން އެކަށައަޅާފައިވާ އުސޫލު ނަންބަރު 2022/G-41 (މަޞްލަޙަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ފަރުވާދެވޭނޭ ޙާލަތެއްކަމަށް ނުފެނެއެވެ. އެގޮތުން ބަންޑާރަނައިބުގެ އަމިއްލަ މަޞްލަޙަތު ޝާމިލްވާ ކަމެއްގައި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ނިސްބަތްވާ ގޮތަށް ބާ ކައުންސިލު ބޭނުންކުރެވިގެންދިޔުމަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލު ވެއްދުންކަމަށާއި، މިއީ ޅަފަތުގައި އޮތް މުއައްސަސާއެއްގެ މުސްތަޤްބަލު ހަލާކުވެދާނޭ ފަދަ ކަމެއްކަމުގައި އަޅުގަނޑުމެންގެ ދެކެމެވެ."

ތިން ސަފުހާގެ އެ ސިޓީ ނިންމާލަމުން، ސިޔާސީ މައިދާނުގައި ހިނގާ މިފަދަ މައްސަލަތަކުގައި ޤާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށް ވަނީ ގޮވާލައްވައިފައެވެ.

"ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ޤާނޫނީ ވަކީލުންނަކީ ބާ ކައުންސިލުގެ މެންބަރުން ކަމުގައިވާއިރު، އިސްވެ ބަޔާންކޮށްފައިވާ ޙާލަތުގައި މިފަދަ ބޮޑު ދުސްތޫރީ، ޤާނޫނީ އަދި ފަންނީ މައްސަލައެއްގައި މުޅި ދިވެހި ބާ ކައުންސިލުގެ ރަޢުޔުކަމަށް ދޭހަކުރެވިދާނެ ފަދަ ގޮތަކަށް ރަޢުޔެއް އެކުލަވާލުމުގެ ޤާނޫނީ ބާރު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އޮންނާނޭކަމީ ޗެލެންޖްކުރެވޭނޭ ކަމަކަށް ވާހިނދު، މި މައްސަލައިގައި ބާ ކައުންސިލުގެ ރަޢުޔެއް ހާމަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވުމަށް ބާ ކައުންސިލުގައި ހިމެނޭ މެންބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އިލްތިމާސްކުރަމެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ މިފަދަ މައްސަލަތަކުގައި ޤާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށާއި ޤާނޫނީ ފަންނަކީ ޕްރޮފެޝަނަލް މިންގަނޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ބައެއްގެ ގޮތުގައި ތިބޭތިބުން ބަދަލުނުކުރެއްވުމަށްވެސް ބާ ކައުންސިލުގެ ރައީސްއަށާއި ނާއިބުރައީސްއަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *