Support Us

ޣައްޒާއަށް އިސްރާއީލުން ދިން ފަސް ދުވަހުގެ ޢުދްވާނުގައި ބޭނުނީ ކިހާ މަހެއް

އިސްރާއީލާއި ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތާ ދެމެދުގައި ހިނގަމުން ދިޔަ ކުރިމަތިލުންތައް ވަގުތީގޮތުން ހުއްޓައިލުމަށް ރޭ ވަނީ އެއްބަސްވެފައެވެ. ފަސް ދުވަހުގެ އިސްރާއީލުގެ ޢުދްވާން ވަގުތީ ގޮތުން ހުއްޓައިލުމަށް އިސްރާއީލު އެއްބަސްވީ މި ކަމަށް ޓަކައި މިޞްރުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. މި ފަސްދުވަހުގެ ތެރޭގައި އިސްރާއީލަށް ބޭނުނީ ކިހާވަރަކަށްބާވައެވެ!

މި ދިޔަ އަންގާރަ ދުވަހު އިސްރާއީލުން ވަޔާއި އެއްގަމުން ޣައްޒާގެ ތަފާތު ސަހަރުތަކަށާއި ފޭލިގެއަވަށްތަކަށް ދިން ޢުދްވާނުގެ ސަބަބުން ޣައްޒާގައި މުޅި ޙަޔާތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޣައްޒާގެ ވިޔަފާރީގެ ޙަރަކާތަށް ޚާއްޞަ ކުރެވިފައިވާ "ކަރަމު އަބޫ ސާލިމު" ހުރަސްމަގާއި މީހުން ދަތުރުކޮށް ތަންތަނަށް ދިޔުމަށް ޚާއްޞަ ކުރެވިފައިވާ "އީރީޒު" ހުރަސްމަގު ވަނީ މުޅިން ބަންދުވެ ތަޅުލެވިފައެވެ.

އިސްރާއީލުގެ ޢުދްވާނު މިދިޔަ އަންގާރަދުވަހު ފެށީ އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލް ޤުދްސުގެ ތިން އިސްވާރަކު އަވަހާރަކޮށްލުމުންނެވެ. އެ ތިމް ބޭފުޅުންނަކީ ޠާރިޤު ޢިއްޒުއްދީނާއި ޖިހާދު ޣަންނާމާއި ޚަލީލުލް ބަހްތީނީއެވެ. އެއަށްފަހު މި ޖަމާޢަތުގެ އިތުރު ތިން އިސްވާރަކު ވެސް ވަނީ އަވަހާރަކޮށްލައިފައެވެ. އެއީ ޢަލީ ޣާލީއާއި އަޙްމަދު އަބޫ ދިއްޤާއާއި އިޔާދުލް ޙަސަނީ އެވެ.

ފަސްދުވަހުގެ މަސްވެރިކަމުގައި އިސްރާއީލުން ވަނީ ފަލަސްޠީނުގެ 33 މީހަކު ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ހަ ކުޑަކުދީންނާއި ތިން އަންހެނުން ހިމެނެއެވެ. މީގެ އިތުރަށް 147 މީހަކު ވަނީ ޒަޚަމުކޮށްލައިފައެވެ.

ފަސްދުވަހުގެ މަސްވެރިކަމުގައި އިސްރާއީލުން ވަނީ ޣައްޒާއިން 20 ޢިމާރާތާއި މީހުން ދިރިއުޅޭ 51 ޔުނިޓް ވައްޓައިލާ ކުދިކުދިކޮށްލައިފައެވެ.

އިސްރާއީލުގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސަރާޔާ އަލްޤުދްސުގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ތަފާތު ރަށްތަކަށާއި ޔަހޫދީ އާބާދީތަކަށް ރޮކެޓްތައް އޮއްސައިލައިފައެވެ. އިސްރާއީލު ސިފައިން މިއަދު ނެރުނު ޢަސްކަރީ އެންމެ ފަހު ބަޔާން ބުނާގޮތުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރުގެ ހެނދުނާ ހަމައަށް 1،099 ރޮކެޓް ޣައްޒާއިން ވަނީ އިސްރާއީލުގެ ސަރަޙައްދުތަކަށް ފޮނުވައިލައިފައެވެ. މީގެ ތެރެއިން 340 ރޮކެޓަށް ވަނީ ދަގަނޑު ޤުއްބުން ހުރަސްއަޅައި ވައްޓައިލައިފައެވެ. މި ރޮކެޓް ޙަމަލަތަކުގެ ސަބަބުން އިސްރާއީލުން ދެ މީހަކު މަރުވިއެވެ. އަދި އެތައް ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލުން މި ޢަދަދުތައް ހާމައެއް ނުކުރެއެވެ.

އިސްލާމީ ޖިހާދު ޖަމާޢަތުން ބުނިގޮތުގައި އެ ޖަމާޢަތުން މި އެއްބަސްވުމަށް ޢަމަލު ކުރާނީ އިސްރާއީލުން ޢަމަލުކުރާނަމައެވެ. އިސްރާއީލުން ޖެއްސުންކުރުމުގެ އެއްވެސް ޢަމަލެއް ހިންގައިފިނަމަ އެކަމަށް ފަލަސްޠީނުން ރައްދުދޭނެއެވެ.

އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޑިރެކްޓަރު ހެންގްބީ ވިދާޅުވި ގޮތުގައި މިޞްރުގެ އިސްނެގުމުގެ މާނައަކީ "ހަމަހިމޭން ކަމަށް ހަމަހިމޭންކަމެވެ. އިސްރާއީލަށް ބިރުދެއްކުމެއް ކުރިމަތިކޮށްފިނަމަ ނުވަތަ އިސްރާއީލަށް ޙަމަލާއެއް ދީފިނަމަ އިސްރާއީލުން ވަގުތުން ރައްދުދޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *