Support Us

ކޮލަމް ކޯދު: އައިނާއި ފޮޓޯގެ ޙަޟާރަތުގެ ޒަމާން

ކުރެހުމުގެ މައުރަޒެއް ބަލާލުމަށް ދިޔަ ޒުވާނަކު އޭނާ އަޅައިގެން ހުރި އައިނު ނަގާފައި މައުރަޒުގެ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެއްގެ ބިންމަތީ ބޭއްވިއެވެ. ދެން، މައުރަޒަށް ޒިޔާރަތްކުރި މީހުންނަށް މި އައިނު ފެނި އައިނާ މެދު އަޖައިބުވެ، އޭގެ މާނައާ މެދު ވިސްނަން ފެށިއެވެ. އެ މީހުން ދުށް ގޮތުގައި މިއައިނުގެ މޮޅުކަމަކާއި ފޮރުވިފައިވާ ސިއްރެއް އޮންނާނެއެވެ. ދެން، ތަސްވީރުން އެ ފެންނަ ފަދައިން، އެއްބައަކު އެތައް އިރެއް ވަންދެން އެ އައިނަށް ބަލަހައްޓައިގެން ތިއްބެވެ. އޭގެ ހަގީގަތް ދެނެގަނެވޭތޯއެވެ. އަދި، އަނެއް ބަޔަކު، އެކި ގޮތްގޮތަށް، އޭގެ ފޮޓޯ ވެސް ނެގިއެވެ. އެ އައިނަކީ ވަރަށް ވެސް ޚާއްސަ އެއްޗެއް ކަމުގައި ދެކިގެން، ހަނދާނަށްޓަކައި ރައްކާތެރިކުރުމުގެ ގޮތުންނެވެ.

ދެން، އެ ހުރިހާ އެންމެންގެ ކުރިމަތީގައި، އެއްކަލަ ޒުވާނާ ގޮސް އޭނާގެ އައިނު ނަގައި އެ އައިނު އެޅިއެވެ! މި ތަން ފެނުމުން، އެންމެން ވެސް ކުޑަކޮށް ލަދުގަތެވެ. އެ އައިނަކީ ހަމަ އާދައިގެ އައިނެއް ކަމާއި، އެ މީހުން ހީކުރި ގޮތާ ޚިލާފަށް އެ އައިނުގައި ފޮރުވިފައިވާ އެއްވެސް ސިއްރެއް ނެތްކަން އެނގުނީމައެވެ!

މި އައިނުގެ މަންޒަރު، އާދެ، އެ އައިނު ބިންމަތީ ބާއްވާފައި އޮތް ތަނާއި އެ ހިނދު އައިނު ކައިރީގައި މީސްތަކުން އުޅުނު ގޮތް، ދައްކުވައިދެނީ އަހަރުމެންގެ އަދުގެ ހާލަތެވެ. ވަރަށް ގިނަ ފަހަރު، އަހަރުމެން ވެސް މީހުންގެ އަގު ވަޒަންކުރާ ގޮތެވެ. އަހަރުމެންގެ ކައިރީގައި ވެސް މީހާގެ އަގު ބޮޑުވެ ކުޑަވަނީ، މީހާ މޮޅުވެ ދެރަވަނީ އޭނާގެ ކިބައިގައިވާ މޮޅުކަމަކުން، ހުނަރަކުން ނޫނެވެ. އެ މީހެއްގެ ކިބައިގައިވާ ކުޅަދާނަކަމަކާއި ގާބިލިއްޔަތެއްގެ ސަބަބަކުން ނޫނެވެ. އެ މީހަކު ބެހެއްޓޭ ތަނެއްގެ ގޮތުންނެވެ. އޭނާ އިށީންނަ ގޮނޑިއެއްގެ ސަބަބުންނެވެ. ތަނެއް ދޮރެއް ނުދަންނަ މީހަކަށް ވިޔަސް، އަދި، ކަމަށް އެކަށޭނަ އެއްވެސް ގާބިލުކަމެއް ނެތަސް، މަގާމަކަށް އިސްކުރެވުމުން، އޭނާއަކީ ނެތްވަރުގެ ގާނޫނީ މީހަކަށް ވެއެވެ. ދުވަހަކު ވެސް ނުފެންނަ ގާނޫނީ މީހަކަށް ވެއެވެ. ހަމައަށް ދެ ޖުމްލަ އެއްކޮށްލައިގެން އެއްޗެއް ބުނަން ނޭނގުނަސް މޮޅު ވާހަކަ ދެއްކުންތެރިއަކަށް ވެއެވެ. ދެން، އެ ފަދަ މީހުން ގޮނޑި ގޮނޑީގައި ބޭންދި، މަގާމުތަކަށް އިސްކުރެވުމުން، ކަނޑާއި އުޑުގައި ރަށްތައް ހަދައި ރަށްތަށް ދެމެދުގައި ދަނގަޑު ވާ ދަމައި ކޭބަލް ކާރުން ރަށްތައް ގުޅުވާލާ ވާހަކަ ދެއްކުމުން ވެސް، އެ މީހުންނަކީ މޮޅެތި މީހުން ކަމުގައި ބެލެވި، އެ މީހުންގެ ފޮޓޯތައް ނަގައި އެ މީހުންގެ އެފަދަ ވާހަކަތައް އެއީ ހަމަ ދާދި އަވަހަށް ހަގީގަތަކަށް ވެގެންދާނޭ ކަންކަންކަމުގައި ބަލައިގެން ނޫސްތަކުގައި ޖަހައި އިޝްތިހާރު ކުރެވެއެވެ. އާދެ، އާދައިގެ މީހަކު، މާނައަކީ އެއްވެސް މަގާމެއް ގޮނޑިއެއް ނެތް މީހަކު މިފަދަ ވާހަކައެއް ދައްކައިފި ނަމަ އަޅާލާނޭ އެކަކުވެސް ހުންނާނޭ ހެނެއް ހިއެއް ނުވެއެވެ. ނަމަވެސް، އެއްކަލަ އައިނުވެސް، ފަންނީ މައުރަޒުގެ ބިންމަތީގައި ބޭއްވި، އާދަޔާ ޚިލާފު އެއްޗަކަށްވީ ފަދައިން، މުކޮހެއް ވެސް ގޮނޑިއެއްގައި ބޭންދުމުން ނުވަތަ މަގާމަކަށް އިސްކުރެވުމުން، އޭނާގެ އަގު ބޮޑުވެ، ދުނިޔޭގައި ނެތްވަރުގެ މޮޅު މީހަކަށް ވެގެން ދެއެވެ! އާދެ، އަހަަރުމެން އުޅެމުން މިދަނީ އައިނާ ފޮޓޯގެ ޙަޟާރަތުގެ ޒަމާނުގައެވެ!!

(ދިވެހިކޮށްލުމެއް)