ކަޅުކަނޑު ހުރަސްކޮށް ޔުކްރޭންގެ އާގުބޯޓުތައް ގޮވާން ހިފައިގެން ދަތުރުކުރުމުގެ ހުއްދަ ދޭ އެއްބަސްވުން އައުކުރުމުގެ މަސްއަލައިގައި ޔުކްރޭނާއި ރަޝިޔާއާއި ތުރްކީއާއެކު އދ އިން ބޭއްވި ސައްލާތައް ނާކާމިޔާބުވެއްޖެ ކަމަށް އދގެ ތަރްޖަމާނު ފަރަޙާން ޙައްޤު ހާމަކުރައްވައިފިއެވެ.
އިއްޔެ ތުރްކީއާއި ރަޝިޔާއާއި ޔުކްރޭނާއި އދގެ ފަންނީ ބޭފުޅުން އިސްތަންބޯލުގައި ދިފާޢީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައި މިކަމާ ބެހޭގޮތުން ބައްދަލުވުމެއް ބޭއްވެވިއެވެ.
ޙައްޤު ނޫސްވެރީންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މި ކަމުގައި އެއްބާރުލުން ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލެއްވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ގޮވާން ހިފައިގެން ދަތުރުކުރާ އުޅަނދުތައް ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ.
ތުރްކީއާއި އދ މެދުވެރިވެގެން އެއްބަސްވެވުނު އެއްބަސްވުމުގެ މުއްދަތު މި މަހު 18ގައި ހަމަވާނެއެވެ. ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ރަޝިޔާއިން މި އެއްބަސްވުން އައުކުރުމަށް އަހައްމިއްޔަތެއް ނުދެއެވެ.
ރަޝިޔާ ބުނާގޮތުގައި މި އެއްބަސްވުމާ އެއްގޮތަށް ރަޝިޔާގެ ގޮވާމާއި ކާދު ބޭރުކުރުމަށް އިޖާބައެއް ނުލިބެއެވެ. އެހެންކަމުން އެއްފަރާތަށް ފައިދާ ލިބޭގޮތަށް މި އެއްބަސްވުން އައުކުރުމަށް ރަޝިޔާ އެއްބަހެއް ނުވާނެއެވެ.
މި ހުސްވި އެޕްރިލް މަހު ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ހާމަކުރައްވައިފައިވާ ގޮތުގައި ކަޅުކަނޑު ހުރަސްކޮށް ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމާމެދު ރަޝިޔާ ހިތްހަމައެއް ނުޖެހެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ އެއް ބަޔަށް ޢަމަލުކޮށް އަނެއްބައި އުނިކުރުމަކީ އެއްބަސްވުމަށް ޢަމަލުކުރުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި "އެއީ ތިބާ ބޭނުންވާ އެއްޗެއް ނަގައިފާ އަނެއްބައި އެއްޗެހި ދޫކޮށްލެވޭފަދަ ސުފުރާއެއް ނޫނެވެ. ތިބާ ބޭނުން އެއްޗެއް ކައިފާ އަނެއްބައި ދޫކޮށެއް ނުލެވޭނެއެވެ."
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭރުކުރުމާބެހޭ މާއްދާއަށް ޢަމަލެއް ނުކުރެވެއެވެ. އެމެރިކާއާއި ހުޅަނގުން ވަނީ މި ބަޔަށް ހުރަސްއަޅައިފައެވެ.
ތުރްކީއާއި އދ މެދުވެރިވެގެން އެކުލަވައިލި މި އެއްބަސްވުމުގައި ރަޝިޔާއާއި ޔުކްރޫން އިސްތަންބޯލުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި 22 ގައެވެ.



advertisment