Support Us

ކާއެތިކޮޅަށް ބޭނުންވެފައިވާ މީހުން 250 މިލިޔަނަށް އިތުރުވެއްޖެ

އދށް ތަބާވާ އެތައް އޭޖެންސީތަކަކުން އިއްޔެ ހާމަކުރި ރިޕޯޓެއް ބުނާގޮތުގައި ކާބޯތަކެތީގެ އަވަސް އެހީއަށް ބޭނުންވާ މީހުންގެ ޢަދަދު 258 މިލިއަނަށް އިތުރުވެއްޖެއެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ އަދަދަކީ 193 މިލިއަން މީހުންނެވެ.

މި ރިޕޯޓު ބުނާގޮތުގައި ކާބޯތަކެއްޗަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވީ މޫސުމީ ކާރިސާތަކާއި އިޤްތިޞާދީ ދަތިހުރަސްތަކާއި ޤައުމުތަކުގެ އެތެރޭގެ އަރާރުންތަކުގެ ސަބަބުންނެވެ.

ކާބޯތަކެތީގެ ދަތިކަމާބެހޭ ޢާލަމީ ރިޕޯޓުގެ ހަތްވަނަ ކޮޕީގެ އިސްބަހުގައި އދގެ އަމީން ޢާންމު ޣުޓަރެޝް ވިދާޅުވެފައިވާ ގޮތުގައި، މިއީ އިންސާނިއްޔަތުގެ ނިތްކުރީގައި ޖެހިފައިވާ ލަތްގަނޑެކެވެ. އިންސާނިއްޔަތު މިވަނީ ބަނޑުހައިހޫނުކަން ނައްތައިލުމަށް މަސައްކަތްކުރުމުގައި ނުކުޅެދުންތެރިވެފައެވެ. ބަނޑުހައިހޫނުކަން ނައްތައިލުމަކީ އދ ން ކަނޑައަޅައިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ދެވަނަ ލަނޑުދަނޑިކަމަށް ޣުޓަރެޝް ވިދާޅުވިއެވެ.

މި އޭޖެންސީތަކުގެ އޮންލައިން ވިޔުގައިގައި ބައިވެރިވާ 17 ފަރާތުގެ ތެރޭގައި ކާބޯތަކެއްޗާ ބެހޭ ޢާލަމީ ޕްރޮގްރާމާއި ޔޫރަޕްގެ އިއްތިޙާދު ހިމެނެއެވެ. މިފަރާތްތައް ބުނާގޮތުގައި މިއީ ކާބޯތަކެތީގެ އަމްނު ނެތިގެންދިޔުން މައްޗަށް ދިޔަ ހަތަރު ވަނަ އަހަރެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަން އިތުރުވުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި އިންސާނުންނަށް ވަނީ "ބަނޑުފުރާނަ މުއްތިކޮށްލާނެ މިންވަރަށް ކާއެތިކޮޅު ނުލިބިފައި ކަމަށް" މި ރިޕޯޓު ބުންޏެވެ.

މި ރިޕޯޓު ބުނާގޮތުގައި ކާބޯތަކެތީގެ ދަތިކަން ތަޙައްމުލުކުރަން ޖެހިފައިވާ ޤައުމުތަކުގެ ލިސްޓަށް ފަސް ޤައުމު އިތުރުވުމުގެ ސަބަބުން މި ޤައުމުތަކުގެ އަދަދު މިހާރު ވަނީ 58 އަށް އިތުރުވެފައެވެ.

ކާބޯތަކތީގެ އަމްނު ކަނޑައަޅަނީ އެކަމަށް އދން ތައްޔާރުކޮށްފައިވާ މީޔާރަށް ބަލައިގެންނެވެ. މި މީޔާރުގައި ހިމެނެނީ ފަސް ދަރަޖައެކެވެ. ތިން ވަނަ ދަރަޖައަކީ "މަސްއަލައަކަށް" ވުމެވެ. ހަތަރު ވަނަ ދަރަޖައަކީ "ކުއްލި ޙާލަތު" އެވެ. ފަސް ވަނަ ދަރަޖައަކީ "ކާރިސާ" އެވެ.

މި ރިޕޯޓު ބުނާގޮތުގައި ދީމުޤްރާޠީ ކޮންގޯއާއި އިތިޔޯޕިޔާއާއި އަފްޣާނިސްތާނާއި ނައިޖީރިޔާއާއި ޔަމަނުގެ ޙާލަތަކީ ބަލައިގަނެވޭ މިންވަރަށްވުރެ ދަށު ދަރަޖައިގައި ފާހަގަކުރެވޭ ޤައުމުތަކެކެވެ.

ކާރިސާގެ ދަރަޖައިގައި ތިބި މީހުންގެ ޢަދަދަކީ 376 ހާހެވެ. މީގެތެރެއިން 57% މީހުން ތިބީ ޞޫމާލިޔާގައިކަމަށް މި ރިޕޯޓު ބުނެއެވެ.

ދެހާސް ވިހީގެ ފަހުން އެފްރިކާގެ ދަޅުގެ ބައެއް ޤައުމުތަކާ (އިތިޔޯޕިޔާއާއި އެރިތުރިޔާއާއި ޖިބޫތީއާއި ކެންޔާއާއި ސޫދާން) ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ކާބޯތަކެތި އުފެއްދުން ދަށަށް ގޮސްފައިވާ ކަމަށް މި ރިޕޯޓު ފާހަގަކުރެއެވެ. މި ރިޕޯޓު ބުނާގޮތުގައި މި ހަނަފަސްކަމުގެ ސަބަބަކީ ގްރީންހައުސް ތާސީރެވެ.

އދގެ އަމީން ޢާންމު ޣުޓަރެޝް ވިދާޅުވާގޮތުގައި ހައިހޫނުކަން ނައްތައިލުމަށާއި ކަނާދު ރަނގަޅުކުރުމަށް ޓަކައި ހޭދަކުރެވޭ މިންވަރު ބޭނުންވާ ފެންވަރަށް އުފުއްލިގެން ގޮސްފައިނުވާތީ އެކަމާމެދު ހިތާމަ ފާޅުކުރަން ޖެހެއެވެ.

ކާބޯތަކެތީގެ މަސްއަލަ ބޮޑު މަސްއަލައަކަށް ހެދުމުގައި ކޮވިޑްގެ ދައުރެއްވެސް ވާކަން ފާހަގަ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *