އީރާނުގެ ރައީސް އިބްރާހީމު ރައީސީއާއި ސޫރިޔާގެ ރައީސް ބައްޝަރުލް އަސަދު އިއްޔެ ދިމަޝްޤުގައި އިސްތިރާތީޖީ ޝާމިލު އެއްބާރުލުމެއް ޤާއިމުކުރުމާ ބެހޭ ފަހްމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
ސޫރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސާނާ ބުނިގޮތުގައި ދެ ރައީސުންގެ ޙާޒިރުގައި ދަނޑުވެރިކަމާއި ތެލާއި މުވާޞަލާތާއި ދަތުރުފަތުރާއި މިނިވަން ސަރަޙައްދުތައް ޤާއިމުކުރުން ފަދަ ތަފާތު އެތައް މައިދާންތަކެއްގައި އެއްބާރުލުމާބެހޭ އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރިއެވެ.
ރައީސް އިބްރާހީމު ރައީސީ ރަސްމީ ދަތުރުފުޅެއްގައި ދިމަޝްޤަށް ވަޑައިގަތީ އިއްޔެއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ސިޔާސީ އަދި އިޤްތިޞާދީ ވަރަށް ބޮޑު ވަފްދެއް ގެންދެވިއެވެ. މިއީ 12 އަހަރުގެ ތެރޭގައި އީރާނުގެ ރައީސަކު ސޫރިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އީރާނު ސަރުކާރުގެ ރަސްމީ ތަރްޖަމާނު ޢަލީ ބަހާދަރީ ޖަހްރަމީ އިއްޔެ ހާމަކުރެއްވިގޮތުގައި މިއީ ރައީސް އަސަދު ދެއްވި ދަޢުވަތަކަށް ރައީސީ ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އަމާޒަކީ އިޤްތިޞާދެވެ.
ރައީސީ ވިދާޅުވިއެވެ. "ދަތިކުރުމުގެ ފިޔަވަޅުތަކާއި ބިރުދެއްކުންތަކާއެކުގައި ވެސް ސޫރިޔާ ވަނީ ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. ސޫރިޔާގެ ސަރުކާރާއި ރައްޔިތުން ވަނީ މި ބުރަތައް ގިރާކޮށްފައެވެ."
ސޫރިޔާގެ ރައީސް އަސަދު ވިދާޅުވިއެވެ. "ދަތި އުނދަގޫ ދުވަސްތަކުގައި ވެސް އީރާން ސޫރިޔާ ގުޅުންތަކަކީ ސާބިތު ހަރުދަނާ ގުޅުންތަކެކެވެ."
ފަހަކަށް އައިސް ބައެއް ޢަރަބި ޤައުމުތަކުން ދަނީ ސޫރިޔާއާއެކު ގުޅުންތައް ރަނގަޅުކުރަމުންނެވެ. މި މަހު އެއް ވަނަ ދުވަހު އުރްދުންގައި ބޭއްވުނު ސުޢޫދީ ޢަރަބިއްޔާއާއި މީޞްރާއި ޢިރާޤާއި އުރްދުނާއި ސޫރިޔާގެ ޚާރިޖީ ވަޒީރުން ވަނީ ސޫރިޔާ އަނބުރާ ޢަރަބި ދުނިޔެއަށް ގެނައުމަށާއި ސޫރިޔާގެ މަސްއަލަތައް ޙައްލުކުރުމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރައްވައިފައެވެ.
މި ބޭފުޅުން ކަށަވަރުކޮށްދެއްވި ގޮތުގައި ސޫރިޔާގެ މަސްއަލައަށް ނިމުމެއް ގެނައުން މިހާރު ލާޒިމުވެއްޖެއެވެ. އެކަމުގެ ސަބަބުން ސޫރިޔާގެ ރައްޔިތުން ބަރުދާސްތު ކުރަމުންދާ ވޭންތަކާއި ގިލަންތަކުން އެ މީހުން ސަލާމަތް ކުރަން މަސައްކަތް ފަށަން ވެއްޖެއެވެ. ސޫރިޔާގެ މަސްއަލައިގެ ސަބަބުން ސަރަޙައްދީ މައިދާނަށާއި ޢާލަމީ މައިދާނަށް ރިވެލިވަމުންދާ ނުބައި އަސަރުތައް ވަރަށް ބޮޑުކަމަށް ވެސް އެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
ޢަރަބިލީގާއި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ މެންބަރުކަމުން ސޫރިޔާގެ ގަނޑުކުރެވުނީ 2011 ވަނަ އަހަރުގައެވެ. މި މަހު 19ގައި ރިޔާޟުގައި ބޭއްވޭ ޢަރަބި ސަމިޓްގައި ސޫރިޔާ ޢަރަބި ލީގަށް އަލުން ވެއްދުމުގެ މަސްއަލައާމެދު ބަޙުސް ކުރެވޭނެކަމަށް ލަފާކުރެވެއެވެ.
އެމެރިކާ ކަންބޮޑުވެއްޖެ
އީރާނުގެ ރައީސް ސޫރިޔާއަށް ޒިޔާރަތް ކުރެއްވުމުން ވޮޝިންގްޓަނުން އެކަމާ ކަންބޮޑުވާކަން ރޭ ހާމަކުރިއެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ރޭ ނެރުނު ބަޔާން ބުނާގޮތުގައި "ސޫރިޔާގެ އަސަދުގެ ސަރުކާރާއެކު ގުޅުންތައް ބަދަހިކުރުމަކީ އެކަމާމެދު ދުނިޔެ ކަންބޮޑުވާ ކަމެކެވެ."



advertisment