މި އަންނަ ޖޫން މަހުން ފެށިގެން އެމެރިކާގެ ދަރަނިތައް އަދާކުރުން ލަސްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރާ ޖެނެޓް ޔެލެން ދެއްވައިފިއެވެ. ދަރަނި އަދާކުރުން ލަސްކުރަން ޖެހެނީ ދަރަނީގެ ފުރާޅުގެ އެންމެ އުސްމިން ކަނޑައެޅުމުގެ މަސްއަލައިގައި އެމެރިކާގެ ކޮންގްރެސްގައި ޖުމްހޫރީންނާއި ޑިމޮކްރެޓުންނަށް އެއްބަސްވުމަކަށް ވަޑައިނުގެންނެވިގެންނެވެ.
އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރާ ހާމަކުރެއްވި ގޮތުގައި ކޮންގްރެސްގެ އެންމެ ނުފޫޒުގަދަ ހަތަރު އިސްވާރުންނާއެކު ރައީސް ބައިޑްން މި އަންނަ ހަފުތާގައި ބައްދަލުކުރައްވާ މި މަސްއަލައާމެދު ބަހުސްކުރައްވާނެއެވެ.
ދަރަނި އަދާކުރުމުގެ މަސްއަލަ
މި ދިޔަ ހަފުތާގައި އެމެރިކާގެ ހައުސްގެ ޖުމްހޫރީ މެންބަރުން ވަނީ އެމެރިކާގެ ދަރަނި ނެގުމުގެ މިންވަރު ބޮޑުކުރުމަށް އެއްބަސްވެވަޑައިގަންނަވައިފައެވެ. އެހެނަސް އެއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެއްބަސްވާނަމައެވެ. ޖުމްހޫރީން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ޢާންމު ހޭދަކުރުންތައް ވަނީ އިންތިހާ ދަރަޖައަށް ބޮޑުވެފައެވެ.
އެމެރިކާ ސަރުކާރަށް ދަރަނި ނެގުމުގެ ހުއްދަ ދެވިފައިވާ ފުރާޅުގެ އުސްމިނަކީ 31.4 ޓްރިލިއަން ޑޮލަރެވެ. މި ދިޔަ ޖަނަވަރީގައި ވަނީ މި އިން ފަހަނަޅައިގޮސްފައެވެ. ދައުލަތުގެ ޙަރަކާތްތަކަށް ހޭދަކުރުމަށް ޓަކައި އެމެރިކާގެ ޚަޒާނާޔާ ބެހޭ ވުޒާރާއިން ވަނީ އިސްތިސްނާއީ ފިޔަވަޅުތަކެއް އަޅައިފައެވެ. މި އިސްތިސްނާއީ އިޖްރާއާތުތަކުގެ މުއްދަތު ހަމަވުމުގެ ކުރިން ކޮންގްރެސްއިން ދަރަނީގެ ފުރާޅު އުސްކޮށްދޭން ޖެހޭނެއެވެ. މި ކަން ނުކޮށްދީފިނަމަ އެމެރިކާގެ ދަރަނިތައް އަދައެއް ނުކުރެވޭނެއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ވަރަށް ނުބައި އަސަރުތަކެއް ކުރާނެއެވެ.
ވަޒީރާ ޔެލެން ހައުސްގެ ރައީސް މެކާރތީއަށް ފޮނުއްވި ސިޓީފުޅު ބުނާގޮތުގައި "ކޮންގްރެސްއިން ދަރަނީގެ ފުރާޅު ހުސްކޮށްނުދީފިނަމަ ޖޫން މަހުން ފެށިގެން ސަރުކާރުގެ އިލްތިޒާމުތައް އަދައެއް ނުކުރެވޭނެއެވެ." އޭނާ ހައުސްގެ ޖުމްހޫރީ ރައީސަށް ގޮވައިލެއްވީ ކޮންގްރެސްއިން އަވަހަށް ފިޔަވަޅު އަޅައިދިނުމަށެވެ. އެމެރިކާއިން ދަރަނިތައް އަދާކުރާނެކަމުގެ ޔަޤީންކަން ދޭން ޖެހޭކަމަށް ވަޒީރާ ވިދާޅުވިއެވެ.
ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި މި މަހު ނުވަ ވަނަ ދުވަހު އޭނާ ކޮންގްރެސްގެ ހަތަރު އިސްވާރުންނާ ބައްދަލުކުރައްވާއިރު ދަރަނީގެ ފުރާޅު އުސްކުރުމާ ބެހޭގޮތުން ވާހަކަފުޅެއް ނުދައްކަވާނެއެވެ. އައު ފުރާޅަކާމެދު އެއްބަސްވުމަށްފަހު އޭނާ މި ބޭފުޅުންނާއެކު ވާހަކަފުޅު ދައްކަވާނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާ ބެހޭގޮތުންނެވެ.
ޢާންމު ގޮތެއްގައި ކޮންގްރެސް އިން ދަރަނީގެ ފުރާޅު އުސްކުރުމާ ދައުލަތުގެ ބަޖެޓާއި ޚަރަދުތަކާ ގުޅުވައެވެ.



advertisment