ތުރްކީގެ ޖާސޫސީ އިދާރާއިން ސޫރިޔާގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދާޢިޝް ޖަމާޢަތުގެ ހަތަރު ވަނަ ޒަޢީމު އަބުލް ޙުސައިނުލް ޤުރަޝީގެ ބާރު ސޫރިޔާތެރެއިން ކަނޑުވައިލައިފިއެވެ.
ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ރޭ އިޢުލާން ކުރެއްވި ގޮތުގައި ދާޢިޝްގެ ޒަޢީމުގެ ބާރު ކަނޑުވައިލީ 29 އެޕްރީލުގައެވެ. ބާރުކަނޑުވައިލުމާ ބެހޭގޮތުން ރައީސް އުރްދުޣާން އެއްވެސް ތަފްޞީލެއް ނުދެއްވައެވެ. އެއީ އޭނާ ހައްޔަރުކުރުންތޯ ނުވަތަ މަރައިލުންތޯ މިފަދަ އެއްވެސް ތަފްޞީލެއް ވެސް ނުދެއްވައެވެ.
ދާޢިޝްގެ ޒަޢާމަތަށް އަބުލް ޙުސައިނުލް ޤުރަޝީ އިސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރުގައެވެ. އެއީ ސޫރިޔާގެ ދިރްޢާ ސަރަޙައްދުގައި ބަދަލުކުރި ޙަމަލާތަކެއްގައި ދާޢިޝްގެ ތިންވަނަ ޒަޢީމު އަބުލް ޙަސަނުލް ޤުރަޝީ މަރުވުމުންނެވެ.
ދާޢިޝް ޖަމާޢަތުގެ ޒަޢީމު އަބޫބަކްރުލް ބަޣްދާދީ މަރައިލީ 2019ގައި އެމެރިކާ ސިފައިން ސޫރިޔާގެ އިދްލިބު ސަރަޙައްދުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާއަށްފަހު ދާޢިޝް ޖަމާޢަތުގެ ޒަޢާމަތަށް އިސްކުރީ އަބޫ އިބްރާހީމުލް ޤުރަޝީއެވެ. އޭނާ މަރައިލީ ފެބްރުވަރީ 2022ގައި އެމެރިކާ ސިފައިން ދިން ވަރުގަދަ ޙަމަލާއެއްގައެވެ.
ދާޢިޝްގެ ތިންވަނަ ޒަޢީމަކީ އަބުލްޙަސަނުލް ޤުރަޝީއެވެ. އޭނާއަށް މިޖަމާޢަތުގެ ޒަޢާމަތުގައި ހުރެވުނީ މާރިޗު 2022 އިން ނޮވެންބަރު 2022 އަށެވެ.



advertisment