Support Us

ޑރ. އަބްދުﷲ އުބައިދު (މ) އާއެކު ލަޕަރޮސްކޮޕިކް ސާޖަރީ ޓީމުގެ ބައެއް މެމްބަރުން

ލަޕަރޮސްކޮޕިކް ސާޖަރީ އާއި އެޑްވާންސް ވޫންޑް ކެއަރ ކްލިނިކްގެ ޚިދުމަތް އޭ.އެސް.އެމް.އެޗްގައި ފަށަނީ

ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތާއި އެޑްވާންސް ވޫންޑް ކެއަރ ކްލިނިކްގެ ޚިދުމަތް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) ގައި ތައާރަފު ކުރުމަށް އައި.ޖީ.އެޗްގެ ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ގދ. ތިނަދޫއަށް މާދަމާ ދާގޮތަށް ހަމަޖެހިއްޖެއެވެ.

ބަނޑު ކަފާނުލައި، ހަމައެކަނި ކުދި ލޯވަޅުތަކެއް އަޅައިގެން ކެމެރާ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހަދާ ލަޕަރޮސްކޮޕިކް ސާޖަރީ ޓީމުގެ އިސް ބޭފުޅަކަށް ވަޑައިގަންނަވަނީ އައި.ޖީ.އެމް.އެޗުގެ ސަރޖަރީ ޔުނިޓުގެ ވެރިޔާ، ރާއްޖޭގެ އެންމެ މަޝްހޫރު ސަރޖަން ޑރ. އަބްދުﷲ އުބައިދެވެ. ދެން ހިމެނެނީ ވެސް އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޑރ. ހުސެއިން ހަމީދާއި ހޭނައްތާ ޑޮކްޓަރެއް ކަމަށްވާ ޑރ. އަސަދު މުހައްމަދު ޝަހީދެވެ.

އެޑްވާންސް ވޫންޑް ކެއަރ ކްލިނިކްގެ ޓީމުގައި އިސްކޮށް ހުންނެވީ އައި.ޖީ.އެމް.އެޗުގެ ސަރޖަރީ ޑިޕާޓްމަންޓުގެ ވެރިޔާ އަދި މަޝްހޫރު ޕްލާސްޓިކް ސަރޖަން ޑރ. މުހައްމަދު ވަހީދާއި އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ރިފްޝާން އިސްމާއީލެވެ. މި ދެ ޓީމާއެކު އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުންގެ ހާއްސަ ޓީމެއް ވެސް ތިނަދުއަށް ދެއެވެ.

އޭ.އެސް.އެމް.އެޗްގައި މި ދެ ޓީމުގެ މަސައްކަތް ކުރިއަށް ގެންދާނީ މޭ މަހުގެ 2-5 އަށެވެ.

ލަޕަރޮސްކޮޕިކް ސާޖަރީ އޭ.އެސް.އެމް.އެޗްގައި ތައާރަފް ކުރުމަށްޓަކައި ޖަރުމަނުވިލާތުގެ "އެމްނޮޓެކްސް" މަރުކާގެ ލަޕަރޮސްކޮޕިކް މެޝިނާއި އަދި ކަމާ ބެހޭ އާލާތްތައް ހުސްވި މާރިޗް މަހުގެ ތެރޭގައި ގެނެސް، ގާއިމްކޮށްފައިވާ ކަމަށް އޭ.އެސް.އެމް.އެޗް އިން ބުނެއެވެ.

އޭ.އެސް.އެމް.އެޗް އިން ބުނިގޮތުގައި ފަސޭހަވުމަށް ގިނަ ދުވަސް ނަގާ ފާރުގަނޑުތައް ހުންނަ މީހުންނަށް ހާއްސަ، އެޑްވާންސް ވޫންޑް ކެއަރ ކްލިނިކްގެ ޚިދްމަތަކީ ގދ. އަތޮޅާއި އަދި ކައިރީގައިވާ އެހެނިހެން އަތޮޅުތަކުގައި މިހާތަނަށް ދީފައިނުވާ މުހިއްމު ޚިދްމަތެކެވެ. 

"ވަކިން ޚާއްޞަކޮށް ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި ފަރުވާ ކުރަމުންދާ މީހުން ގިނަވެފައި ވުމާއެކު މިފަދަ ފަސޭހަނުވާ ފާރުތައް އުފެދުމުގެ ނިސްބަތް ވަނީ މައްޗަށް ޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެފަދަ ބަލިމީހުންނާ އެމީހުންގެ އާއިލާތައް ތަހައްމަލް ކުރަން ޖެހިފައިވާ އުނދަގޫތައް ކިތަންމެހާވެސް ބޮޑެވެ. ޚާއްޞަކޮށް މިފަދަ ކަމެއް ކުރިމަތިވެފައިވާ މީހާއަކީ އާއިލާއެއްގައި ހުންނަ ހަމައެކަނި އާމްދަނީ ހޯދާ މީހާ ކަމަށްވާނަމަ އެފަދަ ފާރުގަނޑުގެ ސަބަބުން މުޅި އާއިލާއަށް ކުރިމަތިލާންޖެހޭ ނިކަމެތި ހާލަތު ވަޒަންކޮށްލެވޭނެއެވެ." އެޑްވާންސްޑް ވޫންޑް ކެއަރ ކްލިނިކާ ބެހޭ ގޮތުން އޭ.އެސް.އެމް.އެޗް އިން ބުންޏެވެ. "އެޑްވާންސްޑް ވުންޑްކެއަރ ކްލިނިކްގައި ފަރުވާ ދޭނީ ތަފާތު ފާރުގަނޑުތަކަށް ބޭނުންވާ ތަފާތު ވައްތަރުތަކުގެ ބޭސްއެޅުމަށް ބޭނުންކުރާ ސާމާނު ބޭނުންކޮށްގެންނެވެ. ކޮންމެ ފާރުގަނޑެއްވެސް ރަނގަޅަށް ބަލައި ޗެކް ކުރުމަށްފަހު އެ ވަގުތަކަށް އެންމެ ރަނގަޅު ޑްރެސިން މެޓީރިއަލް ބޭނުންކޮށްގެން ބޭސް އެޅުމަށް ޑޮކްޓަރު ލަފާދޭނެއެވެ. މި އިޝާރާތްކުރާ ޑްރެސިން ކުރާ ސާމާނަކީ އަގުބޮޑު އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަތްތަކެއް ކަމަށްވުމުން އެފަދަ ތަކެތި އަބަދުވެސް ހުސްނުވެ ހުންނަ ކަހަލަ ސިސްޓަމެއް, އެތަކެތި ގެނެސްދޭ ކުންފުނިތަކާއެކު ގާއިމް ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *