Support Us

މުސާރަ ބޮޑުކުރުމުން ޞިއްޙީ ދާއިރާގެ 3،710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ: ސަރުކާރު

މުސާރައަށް ސަރުކާރުން ގެންނަވާ ހެޔޮބަދަލާއެކު ޞިއްޙީ ދާއިރާގެ 3،710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެކަމުގައި ވިދާޅުވެފައެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި އެއް ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސާރައިގެ ކުރިއެރުމުގެ ތަފްޞީލްތައް ޙިއްސާކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އަދި ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލްއެވެ.

ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޕޭފްރޭމްވޯކްގެ ދަށުން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެންނަވާފައިވާ މައިގަނޑު ބަދަލުތައް ހާމަކުރައްވަމުން ފައިޒަލް ވިދާޅުވީ މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެ ކަމަށެވެ. އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެ ކަމަށާއި ހަމަ އެހެންމެ ޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށް ފައިޒަލް ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ކެންސަރު ފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޙާއްޞަ ފަންނުވެރިން ބޭނުންވާތީ އެ ފަންނުތަކަށްވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށްވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީފައިވާނެކަން ފައިޒަލް ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި ބަދަލާއެކު ހެޔޮބަދަލުތަކެއް އަންނަ އިރު އެބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަން ރޭގެ ޕްރެސް ކޮންފަރެންސްގައި ފާހަގަކުރެއްވިއެވެ.

ޕްރެސް ކޮންފަރެންސްގައި، ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓަރގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ ދެ ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސރވިސްގައި ހިމެނޭ ދެ ޖޮބް މެޓްރިކްސްއެކެވެ. މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި އައި.ޖީ.އެމް.އެޗްގެ 1،004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖެވެނަލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ޞިއްޙީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވަނީ ޞިއްޙީ ދާއިރާގެ ޚާއްޞަ އެލަވަންސްތަކާއި އިނާޔަތްތަކުގެ ތަފްޞީލްތައްވެސް ހާމަކުރައްވާފައެވެ. އަދި މި ޕްރެސްކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ވެސް ވަނީ މި ގެނެވުނު ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ޞިއްޙީ ދާއިރާގެ މުސާރަތަކަށް މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިހެން ސަރުކާރުން ހެޔޮ ބަދަލުތައް ގެންނަވާއިރު ކުރިން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް އެ އެލަވަންސް ލިބިގެންދާނެކަން ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާގެ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވާނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް