Support Us

ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް ނިިންމި ނިންމުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް: ރައީސް

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި، ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމުމާ ގުޅިގެން، މި ނިންމުމަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ނިންމުމާ ގުޅިގެން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ކެބިނެޓުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއީ ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރެއްވީ މައްސަލައެކެވެ. އަދި މިއީ، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިގެން ދިޔަ ވަރަށް ތާރީޚީ ނިންމުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިކަމުގައި އިސްކުރީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތުކަން ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފެތުރިކަމުގައިވިޔަސް، މައްސަލަ ނިމިގެން ދިޔަ ގޮތުން ކަމުގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން މި މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅުއްވައި، އަދި މި މައްސަލަ ކާމިޔާބު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި މި މައްސަލަ ކާމިޔާބު ކުރެއްވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލްއާއި، އެމަނިކުފާނުގެ ޓީމުންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ތަޢުރީފް ކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ނިމުމާ ގުޅިގެން، މިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތާނގައި ވަކިވަކި މިނިސްޓްރީތަކުން ކުރައްވަން ޖެހޭ ކަންކަމާ ބެހޭގޮތުންވެސް މިރޭގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ދެކުނުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަލަށް ކަނޑައެޅުމާ ގުޅިގެން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެ ސަރަހައްދު ބެލެހެއްޓެވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، އެ ސަރަހައްދު ބެލެހެއްޓޭނެ ގޮތްތައް ގާއިމުކުރެއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން މިނިސްޓްރީ އޮފް ޑިފެންސްއިން ކުރެއްވުމަށާއި، އިޤްތިޞާދީ ގޮތުން އެ ސަރަހައްދުގެ މަންފާ ރާއްޖެއަށް ހޯދުމަށްޓަކައި އެ ސަރަހައްދުގެ ބޭނުން ހިފޭނެ ގޮތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ބައްލަވައި، އެ ކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ މިނިސްޓްރީތަކަށް އިރުޝާދު ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *