ސޫރިޔާ ސަރުކާރާ ވަރަށް ގާތް ސަރަޙައްދީ މަސްއޫލުވެރިއަކު ރޮއެޓަރޒާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވިގޮތުގައި އިރާނުގެ ރައީސް އިބްރާހީމު ރައީސީ މިއަންނަ ހަފުތާގައި ސޫރިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ.
މިއީ އީރާނުގެ ރައީސަކު 2010ގެ ފަހުން ސޫރިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ސޫރިޔާގެ އަލްވަޠަން ދުވަހުނޫސް ބުނާގޮތުގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ މި އަންނަ މޭ މަހުގެ ތިން ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ސޫރިޔާއަށް ވަޑައިގަންނަވާނެއެވެ. މިއީ 2010ގެ ފަހުން އީރާނުގެ ރައީސަކު ސޫރިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް އަސަދާއެކު ރަސްމީ ވާހަކަދެއްކުންތައް ބާއްވަވާނެއެވެ. މި ވާހަކަދެއްކުންތަކުގައި އިސްކަންދެއްވާނީ އިސްތިރާތީޖީ ގުޅުންތައް ޚާއްޞަކޮށް އިޤްތިޞާދީ މައިދާނުގައި ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރުމާ ބެހޭގޮތުންނެވެ.
ސޫރިޔާއާއެކު ގުޅުން އިޢާދަކުރުން
ފަހަކަށް އައިސް ބައެއް ޢަރަބި ޤައުމުތަކުން ދަނީ ސޫރިޔާ އަނބުރާ ޢަރަބި ދުނިޔެއަށް އިޢާދަ ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަހު ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލުލް މިޤްދާދު ވަނީ ޖިއްދާއަށާއި ޤާހިރާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވައިފައެވެ. ސުޢޫދީ ޢަރަބިއްޔާއިން ވަނީ ކޮންސަލް ޚިދްމަތްތައް ސޫރިޔާގައި ފަށައިފައެވެ. މި މަހު 18ވަނަ ދުވަހު ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ފަރަޙާން ދިމަޝްޤަށް ވަޑައިގެން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދާ ވަނީ ބައްދަލު ކުރައްވައިފައެވެ. ސުޢޫދީ ޚާރިޖީ ވަޒީރު މި ދަތުރުފުޅުގައި ސޫރިޔާގެ މަސްއަލައަށް ޝާމިލު ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ފިޔަވަޅުއެޅުމަށާއި ސޫރިޔާ އަނބުރާ ޢަރަބީންގެ ފަލަކަށް ގެނައުމަށް ޓަކައި މަސައްކަތް ކުރުމަށް ގޮވައިލެއްވިއެވެ.
ޢަރަބި ލީގާއި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ސޫރިޔާގެ މެންބަރުކަން 2011 ގައި ވަނީ ގަނޑުކޮށްފައެވެ. މި އަންނަ މަހު ރިޔާޟުގައި ބެއްވޭ ޢަރަބި ސަމިޓުން ސޫރިޔާ އަލުން އަރަބިލީގަށް އިޢާދަކުރުމާ ބެހޭގޮތުން ތާރީޚީ ނިންމުމެއް ނިންމާނެކަމަށް ދާރިސުން ލަފާކުރައްވައެވެ.



advertisment