ޖަޒީރާއިން ޚަބަރުދޭ ގޮތުގައި އިސްރާއީލު ސިފައިންގެ ފައުޖުތަކެއް އެތައް ނާރެހަކުންލައިފާ ހުޅަނގު އައްސޭރީގެ ޖަނީނު ސަހަރަށް މިއަދު މެންދުރުފަހުން ވަދެއްޖެއެވެ.
ފަލަސްޠީނު ނޫސް އޭޖެންސީ (ވަފާ) ބުނާގޮތުގައި ހުޅަނގު އައްސޭރީގެ ޖަނީން ސަހަރަށާއި މި ސަހަރުގެ ފޭލިގެއަވަށްތަކަށް އިސްރާއީލު ސިފައިން ވަދެގަތީ އެމީހުންނަށް ބޭނުންވާ ފަލަސްޠީނުގެ ބަޔަކު ހައްޔަރުކުރާށޭ ކިޔައިފައެވެ.
ވަފާ ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ޝިކާރަވެރީންގެ އެތައް ބަޔަކު ޖަނީނުގެ އުސް ޢިމަރާތްތަކުގެ މައްޗަށް އަރުވައިގެން ފަލަސްޠީނު މީހުންނަށް ދަނީ ޙަމަލާދީ ބިރުދައްކަމުންނެވެ. ވަފާ ބުނާގޮތުގައި ޖަނީން ފޭލިގެ އަވަށް ތެރެއިން ގޮވާއެއްޗެހި ގޮވަމުންދާ އަޑު އިވެއެވެ. އެހެނަސް އިސްރާއީލުން ވަނީ ރެޑް ކްރެސެންޓަށް އެ އަވަށަށް ދިޔުން މަނާކޮށްފައެވެ.
އިސްރާއީލު ސިފައިންގެ ރޭޑިއޯ ބުނާގޮތުގައި އިސްރާއީލު ސިފައިން ޢަސްކަރީ ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ޖަނީނަށާއި ޖަނީނުގެ ފޭލިގެ އަވަށަށް ވަނީ "ހައްޔަރުކުރަން ބޭނުންވާ ބަޔަކު ހޯދުމަށެވެ."
"ޖަނީން ފައުޖު" ނަމަކަށް ޖިހާދީ ޖަމާޢަތެއް އެ ޖަމާޢަތުގެ ޓެލެގްރާމުގައި ބުނާގޮތުގައި އެ ޖަމާޢާތުގެ ޢުންޞުރުތައް ދަނީ އިސްރާއީލު ސިފައިންނާ ކުރިމަތިލަމުންނެވެ. މި ޞަފްޙާ ބުނިގޮތުގައި އިސްރާއީލުގެ ޢަސްކަރީންނާ ދެކޮޅަށް އެމީހުން ދަނީ ޙަމަލާތައް ދެމުން އެމީހުންނަށް ހުރަސްއަޅަމުންނެވެ.
މި ދިޔަ ހަފުތާގައި އިސްރާއީލު ސިފައިން ޖަނީން ފޭލިގެ އަވަށަށް ވަދެ ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ އަށް މީހަކު ވަނީ ޒަޚަމުކޮށްލައިފައެވެ. ހުޅަނގު އައްސޭރީގެ ނާބްލުސް ކައިރީގައި ހަނދައިފައިވާ އާލޫން މޮރޭ އާބާދީ ކައިރީގައި މި މަހުގެ 11 ވަނަ ދުވަހު އިސްރާއީލުން ވަނީ ފަލަސްޠީނުގެ ދެ މީހަކު މަރާލައިފައެވެ.
މި އަހަރު ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 90 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން 25 މީހަކު މަރައިލެވިފައި ވަނީ ޖަނީނުގައެވެ.



advertisment