Support Us

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ޗާގޯސް މައްސަލައިގައި ރައީސް ފޮނުއްވި ސިޓީ ބާޠިލުކުރަން އުމަރު ސުޕްރީމް ކޯޓަށް

ޗާގޯސް މައްސަލައާ ގުޅިގެން މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ބާޠިލުކުރަން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ އިތުރުން މުހައްމަދު މުސްތާގާއި ލ.ކާނަލް (ރޓޑ) ޒުބައިރު އަޙުމަދު މަނިކެވެ.

އުމަރު ވިދާޅުވި ގޮތުގައި އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅައިފައިވާކަން، ޗާގޯސްގެ މައްޗަށް މޮރިޝަސް އިން ކުރާ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލަ ބަލާ އިންޓަރނޭޝަނަލް ޓްރައިބިޔުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ވެސް މިއަދު ވަނީ އަންގައިފައެވެ.

ތިރީގައި މިވަނީ މި ކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ލިއުމުގެ ތަފްސީލެވެ.

އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާތަކެއް ކަމުގައި ވާ ފޯޅަވަހީގެ (Chagos Archipelago) މައްޗަށް މޮރިޝަސްގެ ޖުމްހޫރިއްޔާއިން ކުރާ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލައެއް އިންޓަރނޭޝަނަލް ޓްރައިބިޔުނަލް ފޯރ ދަ ލޯވ އޮފް ދަ ސީ (އިޓްލޮސް) އިން ބަލަމުން ގެންދާ އިރު، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ޤާނޫނީ މައުޤިފަކީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދަތީ މިލްކުވެރިކަމުގެ ދަޢުވާއާ މެދު އިޢުތިރާޟު ނުކުރުން އަދި/ނުވަތަ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށް ކަމަށް ޤަބޫލު ކުރުން ކަމަށް ބުނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުން ފަދަ ބެއިފުޅެއްގެ ނަންފުޅުގައި މޮރިޝަސްގެ ރަސްމީ އެއްވެސް ފަރާތަކަށް ނުވަތަ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކަށް އެއްވެސް ލިޔުމެއް ފޮނުއްވައިފައި ވާ ކަމަށް ވާނަމަ، އެ ލިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ގޮތުގައި ފޮނުވައިފައި ވާ ލިޔުމެއް ކަމުގައި ވާނޭކަން ކަށަވަރުކަމާ އެކު އެނގޭ ހިނދު، އެފަދަ ލިޔުމެއް ފޮނުއްވައިފައި ވާނަމަ އެ ލިޔުމެއް ޤާނޫނުއަސާސީއާ ޚިލާފު ވާކަމަށް ޓަކައި ބާޠިލު ކޮށްދެއްވުން އެދެމެވެ. މި މައްސަލައާ ގުޅޭގޮތުން އަންނަނިވި ނުކުތާތައް ފާހަގަ ކުރަމެވެ.

1. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ދައުލަތުގެ ސަރަޙައްދު ބަޔާން ކުރުމަށް ފަހު، ދެން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުން ކަމުގައެވެ. ސަރަޙައްދަށް ބަދަލު ގެނައުމުގެ ތެރޭގައި، ސަރަޙައްދުން ބައެއް އުނި ކުރުން، ސަރަޙައްދަށް ބައެއް އިތުރު ކުރުން، އަދި ސަރަޙައްދާ ގުޅިގެން ދިވެހީންނަށް ބައިނަލްއަޤްވާމީ ކަނޑާ ގުޅޭގޮތުން ލިބޭ ހުރިހައި ޙައްޤުތަކަކަށް އުނިއިތުރު ގެނައުން ވެސް ހިމެނޭނޭކަމާ މެދަކު ޝައްކެއް ނެތެވެ. މިފަދަ އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސް ވާ ޤާނޫނަކުން ކަމުގައި ޤާނޫނުއަސާސީގައި ކަނޑައަޅައި ބުނެފައި އޮއްވައި، ފޯޅަވައްސާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ރުހުމެއް އަދި ނިންމުމެއް ނެތި، އަދި އެ މަޖިލީހަށް ކަމާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދިނުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ވަޒީރަކު ސޮއި ކުރައްވައިފައި ފޮނުއްވައިފައި ވާކަމަށް ބުނެވޭ ލިޔުން ޞައްޙަ ވާނޭ އެއްވެސް ގޮތެއް ނެތެވެ. ތިރީގައި ބަޔާން ކުރެވިފައި ވާ 5 ވަނަ ނުކުތާއިން، ފޯޅަވަހީގެ މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދަތީ ދަޢުވާ ބަލައިގަނެވިއްޖެ ޙާލަތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދަށް އަދި ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކުގެ ދަށުން ލިބިގެންވާ ޙައްޤަށް އުނިކަން ލިބޭ ގޮތް ބަޔާން ކުރެވިފައި ވާނެއެވެ.

2. ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގައި ވާގޮތުގެ މަތީން، އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ހުވާގައިވެސްވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާއަށް ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރުތައް ބޭނުން ކުރެވޭނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތް ވާ ގޮތުގެ މަތީންނެވެ. ޤާނޫނުއަސާސީން ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތް ވާ ގޮތުގެ މަތީން ހެދިފައި ވާ ޤާނޫނުތަކުގެ ބޭރުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކުގެ އާބިޓްރަރީ ރައުޔުތަކާ އެއްގޮތަށް ދިވެހި ދައުލަތުގެ ކަންކަމެއް ނުނިންމޭނެއެވެ. އެޔާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާ މާއްދާ ކަމުގައި ވާ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް ބަލައި ނަޒަރު ކުރުމުން، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކަނޑައެޅޭނީ އެ މާއްދާއިން، ނުވަތަ ޤާނޫނުއަސާސީގެ އެހެން މާއްދާއަކުން، ނުވަތަ ޤާނޫނަކުންކަން ސާފުކޮށް އެނގެއެވެ. ދެން، 115 ވަނަ މާއްދާއާއި (ހ) އިން (ޔ) އަށް ބެލުމުން، ދިވެހިރާއްޖޭގެ ސަރަޙައްދާ ބެހޭގޮތުން އެއްވެސް ނިންމުމެއް – އެއީ ސަރަޙައްދުން ބައެއް އުނި ކުރުން ކަމުގައި ވިޔަސް، ސަރަޙައްދަށް ބައެއް އިތުރު ކުރުން ކަމުގައި ވިޔަސް، ސަރަޙައްދާ ގުޅޭ އެއްވެސް ޙައްޤަކާ (territorial right) މެދު ދަޢުވާ ކުރުން ކަމުގައި ވިޔަސް، ސަރަޙައްދާ ގުޅޭ އެއްވެސް ޙައްޤެއް ދޫކޮށްލުން ކަމުގައި ވިޔަސް – ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައެއް ނުވެއެވެ. ޤާނޫނުއަސާސީގެ ބާކީ އޮތް 300 މާއްދާ ކިޔައި ބަލާ އިރު، އެއިން މާއްދާއެއްގައި ވެސް އެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައެއް ނެތެވެ. ޤާނޫނުތަކަށް ބަލާ އިރު، ޤާނޫނެއްގައި ވެސް އެ ބާރު ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައެއް ނުވެއެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ޙައްޤު ވާ ކަނޑުގެ ސަރަޙައްދުން ބައެއް އުނި ވެގެން ދާނޭ ގޮތަށް، ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ދިވެހީންނަށް ލިބޭ އެއްވެސް ޙައްޤަކަށް، ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދިވެހީން ފައިދާ އާއި މަންފާ ލިބިގަންނަ ލިބިގަތުމަށް އެއްވެސް ނުގުސާނެއް ނުވަތަ އުނިކަމެއް އަންނާނޭ ފަދަ ނިންމުމެއް ނިންމައި، އެފަދަ ނިންމުމެއް ރަސްމީކޮށް ވިޔަސް އަދި ނުރަސްމީކޮށް ވިޔަސް، އަނގަބަހުން ވިޔަސް އަދި ލިޔުމަކުން ވިޔަސް، އަންގައިހެދުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް ބާރެއް ނޫނެވެ. ކަންމިހެން އޮތުމުން، ފޯޅަވަހީގެ މިލްކުވެރިކަމަށް މޮރިޝަސްއިން ދަޢުވާ ކުރާ ކުރުން ބަލައިގަނެ، ނުވަތަ އެކަމާ މެދު އިޢުތިރާޟު ނުކުރާކަން ބަޔާން ކޮށް ސިޓީއެއް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޤާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަމެކެވެ. އެ ސިޓީގައި ސޮއި ކުރައްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، ނުވަތަ އޭނާގެ ވަޒީރަކު ކަމުގައި ވިޔަސް، ކަން އޮންނާނީ އެގޮތަށެވެ. ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް، އެފަދައިން އޭނާގެ އެޓަރނީ ޖެނެރަލް އެއްވެސް މަންސައެއްގައި ބުނެ، އަންގައި، ވަކާލާތު ކުރާ ކުރުން ވެސް ވާނީ ބާޠިލެވެ.

3. އިސް ވެދެންނެވި ދެ ނުކުތާގައި ބަޔާން ކުރެވުނު ސިޓީ އަކީ ދިވެހިރާއްޖޭގެ ސަރަޙައްދާ ގުޅޭގޮތުން ނިންމުނު ނިންމުމެއް ބަޔާން ކުރެވުނު ލިޔުމަކަށް ވާހިނދު، އަދި ދިވެހިރާއްޖޭގެ ސަރަޙައްދާ ގުޅޭގޮތުން ދިވެހީންނަށް ލިބިގެންވާ ޙައްޤުތަކާ (Territorial Rights) ބެހޭގޮތުން ނިންމޭ ކޮންމެ ނިންމުމަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން (National Sovereignty) ބޭނުންކުރާ ކުރުމެއް ކަމުގައި ވާހިނދު، އަދި ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި އާއި އަދި އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައި ވާހިނދު، ރާއްޖޭގެ ސަރަޙައްދާ ގުޅޭ ނުވަތަ ދިވެހީންނަށް ލިބިގެންވާ ސަރަޙައްދީ އެއްވެސް ޙައްޤަކާ ގުޅޭ އެއްވެސް ނިންމުމެއް ރައްޔިތުންނަށް އެކަމުގެ މަޢުލޫމާތު ނުލިބި ކަން ހިނގާނުހިނގާގޮތް ސިއްރު ވެފައި އޮންނާނޭ ބީދައިން ނިންމުމާއި، އެފަދަ ނިންމުމެއް ރައްޔިތުންނަށް ސިއްރު ކުރުމާއި، އެފަދަ ނިންމުމަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މުޢާމަލާތެއް ރައްޔިތުންނަށް ސިއްރު ކުރުމަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ބާރު ކަނޑުވައިލައި، ދިވެހި ހުރިހައި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ސަރަޙައްދާއި ސަރަޙައްދީ ޙައްޤުތަކާ ގުޅިގެން ލިބިދޭ ސިޔާދަތީ ބާރަށް އަރައިގަތުމެއް ކަމުގައި ވާނޭކަން ކަށަވަރެވެ. ކަން މިހެން އޮތްއިރު، އިސްވެދިޔަ ދެ ނުކުތާގައި ދެންނެވުނު ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ ޣައިރުދުސްތޫރީކޮށް އަދި ޣައިރުޤާނޫނީކޮށް ސިއްރު ކޮށް ފޮރުވައިފައެވެ.

4. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގައި "ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކައުތެރިކަން ދެމެހެއްޓުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙުތިރާމު ކުރުން އިތުރު ކުރުވުން" އަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއްކަމަށް ކަނޑައެޅިފައި ވާއިރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިދާ ފަދަ ގޮތަކަށް ކަން ކުރުމާއި، އެހެން ނުކުތާތަކުގައި ދެންނެވިފައި ވާ ފަދައިން ރާއްޖެއަށް ފޯޅަވައްސާ ގުޅިގެން ލިބޭން ޖެހޭ ޙައްޤުތަކަށް އުނިކަން އަންނާނޭ މަގުން ކަން ކުރުމާއި، ދިވެހިރާއްޖޭގެ ސަރަޙައްދާ ގުޅޭގޮތުން ނިންމާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލިހަށް ނާންގައި، އަދި ރައްޔިތުންނަށް ވެސް ސިއްރުން ނިންމުމަކީ އޮޅުމެއް ނެތް ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އޭނާގެ ސަރުކާރުން ޤާނޫނުއަސާސީގެ 115 (ރ) އާ ޚިލާފަށް، ރާއްޖޭގެ ސަރަޙައްދުގެ ރައްކައުތެރިކަން ގެއްލޭ ގޮތަށް، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ޤައުމާއި ދައުލަތުގެ ސިޔާދަތާއި ސަރަޙައްދީ އިންޓެގްރިޓީ (territorial integrity) އަށް އިޙުތިރާމު ކުރުން ނެތިދާ މަގުން ކޮށްފައި ވާ ޣައިރުދުސްތޫރީ ޢަމަލުތަކެކެވެ.

5. ފޯޅަވައްސަކީ ޔޫރަޕުގެ ބައެއް ބާރުތަކުން އެ ޖަޒީރާތަކަށް އަރައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އެ ޖަޒީރާތައް އިސްތިޢުމާރު ކުރުމުގެ ކުރީން، ދިވެހިރާއްޖެ ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެ ބިމުގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ލިބިގެން ވީ ބިމެއް ނޫނެވެ. އެ ބިމަކީ ދިވެހިރާއްޖޭގެ ބިމެއް ކަމަށް ދިވެހިރާއްޖޭގެ ރަސްކަލަކު ސިއްކަ ޖައްސަވައި އެހެން ދައުލަތަކަށް ފޮނުއްވެވި ލިޔުމެއްގައި އެބައޮތެވެ. އެ ޒަމާނުގައި ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުންނާއި ރާއްޖޭގެ އާބާދީ އޮތް ގޮތުން ފޯޅަވަހީގައި ދިވެހީން ވަޒަންވެރި ވެގެން އުޅެފައި ނުވިޔަސް، އެ ބިމަށް ދިވެހީންނަށް އޮތް ޙައްޤު ނުގެއްލެއެވެ. ޚުދު ރާއްޖޭގެ ސަރަހައްދުގައި މިހާރު ޤާނޫނުއަސާސީގެ މާއްދާތަކުން ހިމަނައިފައި ވާ އަތޮޅުތަކުގައި ވެސް، ދިވެހީން ވަޒަންވެރި ވެގެން ނުއުޅޭ ރަށްރަށް ވެއެވެ. އެޔާއެކު، މީގެ އެތައް ޤަރުނެއް ކުރީއްސުރެ، ފޯޅަވަހީގެ ބިން ބޭނުން ކޮށް، އެތަނުގެ ރުއްގަހުގައި އަޅާ ތަކެތި ބޭނުންކޮށް އުޅުނީ ދިވެހީންކަމީ ތާރީޚުން ފެންނަ ޙަޤީޤަތެކެވެ. އެ ގޮތުގައި ކަން އޮއްވައި، ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކެއް އެތަނަށް އަރައި އެތަނަށް ބާރު ހިންގުމަށް ފަހު، އެ އިސްތިޢުމާރު ނިމުމަކަށް އައުމުން، ދެން ފޯޅަވަހި ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިރާއްޖެއަށްކަން ޔަޤީނެވެ. އެއީ:

5.1 އެ ޖަޒީރާތަކަކީ ޖިއޮލޮޖިކަލް ގޮތުން ބަލާއިރު ރާއްޖެ އޮތް އަށީގައި ވާ، އަދި ދިވެހިރާއްޖެ އޮތް އާރޗިޕެލަގޯއަށް ޖިއޮލޮޖިކަލް ގޮތުން ނިސްބަތް ވާ ޖަޒީރާތަކެއް ކަމުގައި ވުމާއި؛

5.2  އެ ޖަޒީރާތަކާ އެންމެ ކައިރީގައި އޮތް ޤައުމަކީ ދިވެހިރާއްޖެ ކަމުގައި ވުމާއި؛

5.3 ދިވެހިރާއްޖޭގެ ރަސްކަމުން އެއީ ދިވެހިރާއްޖޭގެ ސަރަހައްދު ކަމަށް ބުނެ މީގެ އެތައް ޤަރުނެއް ކުރީން ބައިނަލްއަޤްވާމީ ފެންވަރުގައި އެކަން ބަޔާން ކޮށްފައި ވުމާއި؛

6. އެތައް ޤަރުނެއް ކުރީއްސުރެ ދިވެހީން އެތަން ބޭނުން ކުރަމުން އައި އައުމުގެ މައްޗަށް ރިޢާޔަތް ކޮށެވެ. ދެންފަހެ، އެއްވެސް އިސްތިޢުމާރީ ބާރަކުން އެތަނަށް ވެރި ވުމަށް ފަހު ދިވެހީންގެ ކިބައިގައި އިސްތިޢުމާރާ ދެކޮޅަށް ތެދުވެ، އެތަން ހޯދައި، ނުވަތަ އެތަން ބޭނުން ކުރުމުގެ ޢަސްކަރީ ޤާބިލުކަން ނެތިގެން ދިވެހީން އެތަން ބޭނުން ކުރުން ހުއްޓިފައި އޮތް އޮތުމަކީ، އަދި އިސްތިޢުމާރު ދެމިއޮތްހައި ހިނދަކު ދިވެހީން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެކަހެރި ކޮށްލެވޭނޭ ޙާލަތާ މެދު ވިސްނާ ވިސްނުމުގެ މައްޗަށް އެކަމާ ބެހޭ ދަޢުވާތަކެއް ނުއުފުލައި ހިމޭނުން ތިބިތިބުމަކީ ދިވެހީންގެ ޙައްޤު ނަފީ ވާނޭ ކަމެއް ނޫނެވެ.

7. މޮރިޝަސްއިން ފޯޅަވައްސާ މެދު ކުރާ ދަޢުވާއަކީ ތާރީޚީ އަދި ވާޤިޢީ އެއްވެސް އަސާސެއް ނެތް، ޤާނޫނީ އެއްވެސް ބިންގަލެއް ނެތް، ބާޠިލު އަދި ނުޙައްޤު ދަޢުވާއެކެވެ. އެގޮތުން:

  1. މޮރިޝަސް ޤައުމެއްގެ ގޮތުގައި ވެސް އަދި ދައުލަތެއްގެ ގޮތުގައި ވެސް ވުޖޫދަށް އައީ، މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރަދުން ފޯޅަވައްސަކީ އެމަނިކުފާނުގެ ސިޔާދަތީ މިލްކުވެރިކަމުގެ ދަށުގައި ވާ ދިވެހި ދައުލަތުގެ ބިމެއް ކަމުގައި ބަޔާން ކުރެއްވިތާ އެތައް ޤަރުނެއް ފަހުން، އަދި ދިވެހީން ފޯޅަވަހީގެ ބިމަށް ދަތުރުކޮށް އަމިއްލަ ބިމެއްގެ ގޮތުގައި އެތަނުގެ ބޭނުން ކުރަމުން އަންނަތާ އެތައް ޤަރުނެއް ފަހުން، 1968 ވަނަ އަހަރުއެވެ. އެއިގެ ފަހުން ވެސް މޮރިޝަސްގެ ސިޔާދަތީ ބާރު އެ ބިމުގެ މައްޗަކަށް ހިނދުކޮޅަކަށް ވެސް ހިނގައިފައެއް ނުވެއެވެ.
  1. މޮރިޝަސްގެ ރައްޔިތުންގެ ތެރޭގައި ފޯޅަވައްސަށް ނޭޓިވް، އެ ބިމުގެ މައްޗަށް މިލްކުވެރިކަމުގެ ދަޢުވާ ކުރެވޭނޭ ބަޔަކު ނުހިމެނެއެވެ. އެ ބިމުގައި ދުވަސްތަކެއް ވާންދެން އުޅުނު މީހުންނަކީ، ޙަޤީޤަތުގައި އެފްރިކާގެ ބައެއް ޤައުމުތަކަށް ނިސްބަތް ވާ ބައެކެވެ. އެމީހުންނަށް ވަޠަނީ ނުވަތަ ނޭޓިވް އޮރިޖިންގެ ދަޢުވާ ކުރެވޭނީ އެފްރިކާގެ ޤައުމުތަކަށެވެ. އެމީހުން މޮރިޝަސްގައި ދުވަސްގަނޑަކު އުޅެފައި ވަނީ، އެތަނުގެ މައްޗަށް ވެރިކަން ކުރި އިސްތިޢުމާރީ ޔޫރަޕިއަން ބާރުތަކުގެ މުއައްޒަފުން ނުވަތަ އަޅުންގެ ގޮތުގައެވެ. އެފަދަ ބަޔަކަށް ފޯޅަވަހީގެ މައްޗަށް މިލްކުވެރިކަމުގެ ދަޢުވާ ކުރެވޭނޭ ބައިނަލްއަޤްވާމީ ޤާނޫނީ އެއްވެސް އަސާސެއް އަދި ސަބަބެއް އަދި ބިންގަލެއް ނުވެއެވެ.
  1. މޮރިޝަސްގެ ރައްޔިތުން އެއްވެސް ޒަމާނެއްގައި، އެއްވެސް ދުވަހެއްގައި، ފޯޅަވަހީގެ ބިމަށް ގޮސް އެ ބިމުން ފައިދާ ހޯދައި، އަމިއްލަ ބިމެއްގެ ގޮތުގައި އެތަން ގެންގުޅެފައެއް ނުވެއެވެ. ދުނިޔޭގެ އެނގޭން އޮތް ތާރީޚުގައި، އެބިމަށް ގޮސް އެ ބިމުގެ ބޭނުން އެގޮތުގައި ކުޅަ ހަމައެކަނި ބަޔަކީ ދިވެހީންނެވެ.

8. އިސްވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވިދިޔަ ފަދައިން، ފޯޅަވަހީގެ މައްޗަށް މޮރިޝަސްއަށް ސިޔާދަތީ މިލްކުވެރިކަމުގެ ޙައްޤު ޤާއިމު ވެއްޖެ ޙާލަތެއްގައި، ދިވެހިރާއްޖެއަށް ޙައްޤު ވެގެންވާ ފޯޅަވަހީގެ ޖަޒީރާތަކުގެ މިލްކުވެރިކަމުން ދިވެހީން މަޙުރޫމު ވާނީ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ދެކުނުން އައްޑުއަތޮޅާ ދިމާއިން ދިވެހީންނަށް އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ގޮތުގައި ލިބޭން ޖެހޭ ކަނޑުގެ ސަރަޙައްދުން، ޖުމުލަ މިނުން 47,914 އަކަ ކިލޯމީޓަރު ދިވެހިރާއްޖެއަށް ގެއްލިގެން ދާނެއެވެ. އެއީ ފޯޅަވަހި މޮރިޝަސްއަށް ދީފި ޙާލަތެއްގައި ފޯޅަވައްސާއި ދިވެހިރާއްޖޭގެ އައްޑުއާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަޙައްދު، އެފަދަ ސަރަޙައްދުތައް ބެހުމުގައި ބައިނަލްއަޤްވާމީ ޤާނޫނުގައި ޢަމަލު ކުރާ ޢާއްމު އުޞޫލުތަކުގެ ދަށުން ބެހުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިކުއިޑިސްޓޭންސްގެ އުޞޫލު އެއްފަރާތް ކޮށް، މި ޙާލަތުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް ލިބޭނޭކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އެހެނީ، އެ ނިންމުމަކީ ކަމާބެހޭ ޓްރައިބިޔުނަލުން އެ ޓްރައިބިޔުނަލަށް ފެންނަ ގޮތެއްގެ މައްޗަށް ފަހުން ނިންމާނޭ ނިންމުމެކެވެ.

9. މޮރިޝަސްއަށް ފޯޅަވަހި ދީފި ޙާލަތެއްގައި، ދިވެހިރާއްޖެއާ އިން ވާ ފޯޅަވަހީގެ ކަނޑުގައި މޮރިޝަސްއިން މަސްވެރިކަން ކުރުމުން ދިވެހީންނަށް އިންތިހާ ދަރަޖައިގެ ބޮޑު ގެއްލުމެއް ލިބިދާނޭކަމުގެ ވަރަށް ކަށަވަރު އިޙްތިމާލެއް އެބައޮތެވެ. އެކަން ހިނގައިފާނޭކަމަށް ބުރަ ވެވޭ ގޮތް މި ދަންނަވަނީއެވެ. މޮރިޝަސްއަކީ ޖަޕާނާއި ސްޕޭނާއި ފަރަންސޭސި ވިލާތާއި އިޓާލީ ވިލާތާ ސީޝެލްސާއި އަދި ޚުދު މޮރިޝަސްއަށް ނިސްބަތް ވާ 50 އެއްހާ ބޮޑެތި ބޯޓުފަހަރުގައި، ވަށައި އަޅައި ފޫ ބައްދާ ނުވަތަ ޕާސެއިން ދައު އަޅާ ބޯޓުފަހަރު ބޭނުންކޮށްގެން މަސްވެރިކަން ކުރާ ޤައުމެކެވެ. މިފަދަ ބޯޓުފަހަރުގައި މޮރިޝަސް ނުވަތަ މޮރިޝަސްގައި މަސްވެރިކަން ކުރުމަށް އެ ޤައުމުން ހުއްދަ ދީފައި ވާ މި ދެންނެވި ޤައުމުތަކުގެ މަސްވެރީން ފޯޅަވަހީގެ ކަނޑުން އަދި ރާއްޖޭގެ އައްޑޫ ކަނޑާއި ފޯޅަވަހީގެ ކަނޑާ އިންވާ ހިސާބާ ކައިރީން މަސްވެރިކަން ކުރާން ފެށުމުން، ރާއްޖޭގެ ދޮށިއަޅައިގެން ކުރާ މަސްވެރިކަމަށް އޭގެ ސަބަބުން ފޫ ނުބެއްދޭ ފަދަ ގެއްލުން ލިބި، މަސްވެރިކަން ދަށް ވެ، އޮޑިވެރިން ބަގުރޫޓުވެ، މަސްވެރިކަމުން ކައިބޮއިއުޅޭ ދިވެހީން ނުހަނު ބޮޑަށް ނިކަމެތި ވެ، ދިވެހި ޤައުމަށް މަސްވެރިކަމުގެ ޞިނާޢަތުން ލިބޭ އާމުދަނީ ނުހަނު ބޮޑު ތަނުން ދަށްވެ ހުއްޓުމަކަށް ދާނެއެވެ. އެހެން ވާއިރު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގެ ކުންފުނިތައް ބަނގުރޫޓު ވެ، އެތައް ދިވެހި ޢާއިލާއެއް އިޤްތިޞާދީ ގޮތުން ޙާލުގައި ޖެހުމުގެ އިޙްތިމާލު ވެސް ބޮޑެވެ. މިފަދަ ނަތީޖާތަކެއް ނުކުންނާނޭ ބީދައިން ރާއްޖޭގެ މަސްވެރިކަން ދަށް ވެގެން ދިޔުމުގެ އެއް ސަބަބަކަށް ވަނީ، ރާއްޖޭގެ ހުވަދޫ ކަނޑަށް އަންނަ ކަޅުބިލަމަހާއި ކަންނެލި ވިހައި އާލާވާ ތިލައަކީ ސަތޯރަހާ ތިލަ ކަމުގައި ވެފައި، މިފަދަ އެހެނިހެން ތިލަތަށް ހުރީ ފޯޅަވަހީގެ ސަރަހައްދުގައި ކަމަށްވުމުން، އެ ތިލަތަށްވެސް ދާނީ ފޯޅަވައްސާ އެކު މޮރިޝަސްއަށް ލިބޭ ކަނޑުގެ ސަރަޙައްދުގައި ކަމުގައި ވުމެވެ. މިއިން އެއްވެސް ކަމަކާ މެދު، އާދެ، މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލުމުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް ލިބިދާނޭ ގެއްލުންތަކާ މެދުގައި ވެސް ޢިލްމީ އަދި ސައެންޓިފިކް އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ދިވެހި ޤައުމުގެ މަޞްލަޙަތާއި ދިވެހިރާއްޖޭގެ ސަރަޙައްދާ ގުޅިގެން ދިވެހި ރައްޔިތުންނަށް ލިބިދާނޭ ގެއްލުންތަކާ މެދު އެއްވެސް ވަރަކަށް ރިޢާޔަތް ކުރުމެއް ނެތި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނުވަތަ އޭނާގެ ވަޒީރަކު ސޮއި ކުރައްވައި ފޮނުއްވި ސިޓީއަކީ މި ސަބަބަށް ބަލާ އިރު ވެސް ޤައުމަށް ދިން ފޫ ނުބެއްދޭފަދަ ގެއްލުމެކެވެ.

ވީމާ މި ނުކުތާތަކަށް ރިޢާޔަތް ކުރައްވައި:

  1. މި މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމެއް ކުރެއްވުމުގެ ކުރީން، ފޯޅަވައްސާ ގުޅޭގޮތުން އެއްވެސް ޙައިޘިއްޔަތަކުން އެއްވެސް ތަނެއްގައި އަދި އެއްވެސް ގޮތެއްގައި ދިވެހި ދައުލަތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އިޓްލޮސްގައި މޮރިޝަސްގެ ދަޢުވާއަށް މުޠުލަޤު ގޮތެއްގައި އިޢުތިރާޟުކޮށް، ދިވެހިރާއްޖެއިން ފޯޅަވައްސާ މެދު ކުރާ ދަޢުވާތައް ހުށައަޅައި އެ ދަޢުވާތަކާ މެދު ގޮތެއް ނިންމުމުގެ ކުރީން މޮރިޝަސްގެ ދަޢުވާއާ ބެހޭ އެއްވެސް ނިންމުމެއް ނިންމުމަށް ދިވެހިރާއްޖެ އެއްބަސް ނުވާނޭކަން ބަޔާން ކުރުން ފިޔަވައި އެހެން އެއްވެސް މައުޤިފެއް ނުނެގުމަށް ދައުލަތުގެ މައްޗަށް އަންގަވައި ވަގުތީ އަމުރެއް ނެރެދެއްވައި؛
  2. މައުޟޫޢީ ގޮތުން މައްސަލަ ބައްލަވައި އަންނަނިވި ގޮތަށް ނިންމަވައިދެއްވުން:
  • ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް، އޭނާ ސޮއި ކުރައްވައިފައި ނުވަތަ އޭނާގެ ވަޒީރަކު ސޮއި ކުރައްވައިފައި ވިޔަސް ފޮނުއްވެވި ލިޔުން ހާމަ ކުރުމަށް އަމުރު ކޮށްދެއްވައި؛
  • އެ ލިޔުމަކީ ޤާނޫނުއަސާސީއާ ޚިލާފު އަދި ޣައިރުދުސްތޫރީ، އެހެންކަމުން ބާޠިލު، ލިޔުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި؛
  • އެ ލިޔުމާ ގުޅިގެން ކުރެވިފައި ވާ ހުރިހައި މުޢާމަލާތުތަކާއި ހިންގައިފައިވާ އެންމެހައި މުއާޞަލާތުތަކާއި އިޖުރާއާތުތައް ބާޠިލު ކަމުގައި ކަނޑައަޅުއްވައިދެއްވައި؛
  • އެ ލިޔުމާ އެއްގޮތް ވާ ގޮތުގެ މަތީން، އަދި/ނުވަތަ ފޯޅަވައްސާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ލިބިގެންވާ މަތީގައި ދެންނެވި ޙައްޤުތަކަށް އުނިކަމެއް އަތުވެދާނޭ ފަދައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ މެންބަރެއް ކަމުގައި ވާ އޭނާގެ އެޓަރނީ ޖެނެރަލް ހިންގައިފައި ވާ އެންމެހައި މުޢާމަލާތުތަކާއި ކޮންފައިވާ އެންމެހައި ކަންކަން ވެސް ބާޠިލު ކަމަށް ކަނޑައަޅުއްވައިދެއްވައި؛
  • މި މައްސަލައާ ގުޅިގެން އިތުރު އެއްވެސް ކަމެއް ދިވެހި ދައުލަތުގެ ފަރާތުން ކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް ކަމާބެހޭ ހުރިހައި ޙަޤީޤަތްތަކެއް ހުރިހައި ލިޔެކިޔުމަކާ އެކު ހުށައަޅައި، އެ މަޖިލިހުން ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ކުރުމެއްގެ މައްޗަށް ކަމަށް ކަނޑައަޅުއްވައި ދެއްވާ، މި މައްސަލަ އަވަސް ގޮތެއްގައި ފައިސަލާކޮށްދެއްވުން އެދެމެވެ.

މި މައްސަލަ ސުޕްރީމު ކޯޓުން އަދި ބަލައެއް ނުގަނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *