Support Us

ރިޔާސީ ރޭހުގައި ބައިޑްންގެ ގޮންޖެހުންތައް

އެމެރިކާގެ ރައީސް ޖޯ ބައިޑްން 2024ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން މިއަދު އިޢުލާން ކުރައްވައިފިއެވެ. ދެހާސް ނަވާރައިގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކަން ވެސް އޭނާ އިޢުލާން ކުރައްވައިފައި ވަނީ ހަމަ އެޕްރީލް މަހެއްގެ 25 ވަނަ ދުވަހުގައެވެ.

ބައިޑްންގެ މުޝީރަކު ވިދާޅުވާ ގޮތުގައި ބައިޑްންގެ އިންތިޚާބީ ޙަމަލާތަކުގައި އިސް މުޝީރަކަށް ހުންނަވާނީ ވައިޓްހައުސްގައި ބައިޑްންގެ އިސް މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ޖޫލީ ރޮޑްރިގޭޒެވެ. އޭނާއަކީ ޑިމޮކްރެޓިކް ޕާޓިގެ ތެރޭގައި ވަރަށް ޙަރަކާތްތެރި ތަޖްރިބާކާރު ބޭފުޅެކެވެ. ރައީސް ބަރަކް އޮބާމާގެ އިދާރިއްޔަތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފައެވެ. ރައީސް ބައިޑްންގެ ސަރުކާރުގައި އޭނާ މަސައްކަތް ކުރައްވަމުން ދަނީ ރައީސް ބައިޑްންގެ ބައިނަލްއަޤްވާމީ ކަންތައްތަކާ ބެހޭ އޮފީހުގެ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.  

ރައީސް ބައިޑްން ޢުމުރުފުޅުން އަންނަ އަހަރު 82 އަހަރުވާނެއެވެ. ރައީސް ބައިޑްންގެ އިންތިޚާބީ ޙަމަލާގައި އިސްކަން ދެއްވާނީ އޭނާގެ އިޤްތިޞާދި އަދި ސިޔާސީ މައިދާނުގައި ހޯއްދަވާފައި ކާމިޔާބުތަކަށާއި ކޮންގްރެސް އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކާމިޔާބީތަކަށެވެ. 

މި އިންތިޚާބުގައި ރައީސް ބައިޑްނާ ވާދަކުރައްވާނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާއަކީ ވެސް ޢުމުރުފުޅުގެ ގޮތުން މާ ހަގު ބޭފުޅެއް ނޫނެވެ. 

ގޮންޖެހުންތައް

ރައީސް ބައިޑްނާ ކުރިމަތިވެވަޑައިގަންފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އޭނާގެ ޢުމުރުފުޅާއި އޭނާގެ ޞިއްޙަތާއި ދުޅަހެޔޮކަން ވެއެވެ. ޑިމޮކްރެޓިކް ޕާޓީން ބޭފުޅަކު ނުވަތަ ތިންވަނަ ފަރާތަކުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފިނަމަ ރައީސް ބައިޑްންގެ މަޤްބޫލުކަމަށް ނުބައި އަސަރުތަކެއް ކުރާނެއެވެ.

ރައީސް ޓްރަމްޕަށް ތާއީދު ކުރާ މީހުންގެ ތެރޭގައި އޭނާއަށް ވަރަށް ބޮޑު މަޤްބޫލުކަމެއް އޮތްނަމަވެސް ކޯޓުތަކުގައި ޓްރަމްޕާ ދެކޮޅަށް އޮތް މަސްއަލަތަކުގެ ސަބަބުން އިތުރު ވާގިވެރީންނާއި ޢާންމު ރައްޔިތުންގެ ތާއީދު އިތުރަށް ހޯއްދަވަން ޓްރަމްޕަށް ދަތިފުޅުވާނެއެވެ. 

ފެންނަނުފެންނަ ވޯޓުތައް

ޢާންމުންގެ ޚިޔާލު ހޯދުމަށް ބީބީބސީ ނިވްޒުން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއް ބުނާގޮތުގައި އެމެރިކާގެ ގިނަ ރައްޔިތުން ރައީސް ބައިޑްނަށް ވެސް އަދި ރައީސް ޓްރަމްޕަށް ވެސް ތާއީދެއް ނުކުރެއެވެ. އެމެރިކާގެ 70% މީހުން ބުނާގޮތުގައި ރައީސް ބައިޑްން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވިލެއްވުމަކީ ރަނގަނޅު ކަމެއް ނޫނެވެ. މި 70%ގެ ތެރޭގައި ހިމެނޭ 51% މީހުންނަކީ ޑިމޮކްރެޓުންނެވެ.އޭނާ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ތާއީދު ކުރަނީ ޑިމޮކްރެޓުންގެ ތެރެއިން އެންމެ 26% މީހުންނެވެ.

އެމެރިކާގެ 60% މީހުން ބުނާގޮތުގައި ރައީސް ޓްރަމްޕް 2024ގެ އިންތިޚާބަށް ކުރިމަތިލެއްވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭނާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުން ރަނގަޅުކަމަށް ބުނެ އެކަމަށް ތާއީދު ކުރަނީ އެންމެ 35% މީހުންނެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރޭގައި ރައީސް ޓްރަމްޕަށް 68% މީހުން ތާއީދު ކުރެއެވެ. އެމީހުން ދެކޭގޮތުގައި ރައީސް ޓްރަމްޕާ ބެހޭގޮތުން ކުރެވެމުންދާ ޤަޟާއީ ތަޙްޤީޤުތަކަކީ ސިޔާސީ ކަމެކެވެ.    

ހާވަރޑް ކެނެޑީ ކޮލެޖްގެ ސިޔާސީ ދިރާސާތަކާ ބެހޭ މަރްކަޒުން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއް ބުނާގޮތުގައި 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރޭގައި ރައީސް ބައިޑްނަށް ތާއީދު އޮތީ އެންމެ 38% އެވެ. އެމީހުން ދެކޭގޮތުގައި ރައީސް ބައިޑްންގެ އިޤްތިޞާދީ ސިޔާސަތާއި ލާދަޔާ ބެހޭ ސިޔާސަތު ރަނގަޅެއް ނޫނެވެ.މި ސިޔާސަތަށް ލިބިފައި ވަނީ 28% ގެ ތާއީދެކެވެ. ޔުކްރޭން ހަނގުރަމަޔާ ބެހޭ ގޮތުން ރައީސް ބައިޑްން ގެންގުޅުއްވާ ސިޔާސަތަށް ތާއީދު ކުރަނީ އެންމެ 37% މީހުންނެވެ. އެމެރިކާގެ ޒުވާނުންގެ ތެރެއިން 48% ބުނާގޮތުގައި އެމީހުންނަށް އަމާންކަމެއް ހިތްހަމަޖެހުމެއް ނެތެވެ. އެއީ ރައީސް ބައިޑްން ހަތިޔާރާއި ބެހޭގޮތުންނާއި ހަރުކަށި ޢަމަލުތައް ހުއްޓުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުންވެ.

ރައީސް ބައިޑްންގެ ދިފާޢު ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ރައީސް ބައިޑްނަށް ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ވާރުތަވެވަޑައިގަންފައި ވަނީ ވަރަށް ދަތި ވަރަށް ބުރަ ތަރިކައެކެވެ. އެހެނަސް އޭނާ ވަނީ އެމެރިކާގެ އިޤްތިޞާދު ކޮޅަށް ނަންގަވާ 12 މިލިއަން ވަޒީފާ އުފައްދަވައިފައެވެ.ޔުކްރޭނުގެ މަސްއަލައިގައި ރައީސް ބައިޑްން ވަނީ ރަޝިޔާއާ ދެކޮޅަށް ހުޅަނގާއި ނޭޓޯއާއި ޖަމާޢަތް ހަތް ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތައް އެއްގަލަކަށް އަރުވައިފައެވެ.

ރައީސް ޓްރަމްޕަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ރައީސް ޓްރަމްޕް ވެރިކަމުގައި ހުންނެވިނަމަ ޔުކްރޭން ހަނގުރާމައެއް ނުހިނގާނެއެވެ. ރަޝިޔާއަށް  އެ ކަން ކުރަން ކެރުނީ ރައީސް ބައިޑްންގެ ސިޔާސަތުގެ ދޯހަޅިކަމުންނެވެ. ޖުމްހޫރީން ވިދާޅުވާގޮތުގައި ރައީސް ބައިޑްންގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން އެއްޗެހީގެ އަގުތައް ވަނީ އަތްނުފޯރާ ވަރަށް މައްޗަށް ގޮސްފައެވެ. މި ބޭފުޅުން ވިދާޅުވާގޮތުގައި އެމެރިކާގެ އިޤްތިޞާދު މިހާރު ދަނީ ގުރުޑުވަމުންނެވެ.    

ވާދަވެރިކަން ވަރަށް ކުޑަ

ރައީސް ބައިޑްން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އޭނާއާ ވާދަކުރުން ކުޑަވެގެންދާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ. މަރިޔަން ވިލިޔަމްސަނާއި ރޮބަރޓް ކެނެޑީ ވާދަކުރައްވާނެ ކަމަށް ލަފާކުރެވެއެވެ. އެހެނަސް މި ދެ ބޭފުޅުންނަށް މާ ބޮޑު ތާއީދެއް އޮތްކަމަކަށް ނުދައްކައެވެ. ފްލޮރިޑާގެ ގަވަރނަރު ރޮން ޑި ސެންޓޮސް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފިނަމަ ޖުމްހޫރީ ޕާޓީގެ ތެރޭގައި ރިޔާސީ ރޭސް ހޫނު ވެގެންދާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *