ބޭޖިންގާއި ވޮޝިންގްޓަނާ ދެމެދުގައި ހިނގަމުންދާ "ފިނިހަނގުރާމައިގައި" މެދުއިރުމަތި މުހިއްމު މައިދާނަކަށް ހެދުމަށް ޗައިނާއިން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށް އެމެރިކާގެ ބްލޫމްބަރގް އޭޖެންސީން އިއްޔެ ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
މި ރިޕޯޓު ބުނާގޮތުގައި ލަފާކުރަން ވެސް ދަތިގޮތަކަށް ޗައިނާއިން ވަނީ މީގެ ހައެއްކަ މަސް ދުވަސް ކުރިން މެދުއިރުމަތީގައި މި ހަނގުރާމައިގެ މަލަތައް ކުރަހަން ފަށައިފައެވެ. މި ރިޕޯޓު ބުނާގޮތުގައި ޗައިނާ މެދުވެރިވެގެން އެއްބަސްވެވުނު ސުޢޫދީ– އީރާން އެއްބަސްވުމުގައި ޑްރެމެޓިކް ބަދަލުތަކެއް ގެންނާނެ ޢުންޞުރުތަކެއް ހިމެނެއެވެ.
ޗައިނާގެ އިނގިލީގެ ނޝާންތައް މެދުއިރުމައްޗަށް ފެތުރި ފުޅައުވަމުންދާކަން ހާމަކޮށްދިން އެއްކަމަކީ މި ދާކަށް ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ޗެން ގަންގް އިސްރާއީލު- ފަލަސްޠީނު ވާހަކަދެއްކުންތައް އަލުން ފެށުމަށް ގޮވައިލެއްވި ގޮވައިލެއްވުމެވެ. އޭނާ އިސްރާއީލުގެ ޚާރިޖީ ވަޒީރު އިލީ ކޯހެނާއި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟުލް މާލިކީއާ ފޯނުން ގުޅުއްވާ "ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކުގެ މަގަށް ފަހިކޮށްދިނުމަށް" ޗައިނާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ފެށުމަށް އޭނާ ދެ ފަރާތަށް ހިތްވަރުދެއްވިއެވެ.
ޗެން ވިދާޅުވި ގޮތުގައި ދެ ދައުލަތުގެ ޙައްލުގެ އަސާސުގެ މަތީގައި ވާހަކަދެއްކުންތައް ފެށިދާނެއެވެ.
އޭޝިޔާ ބޭންކު
މާލީ މައިދާނަށް ބަލާއިރު ބިނާރުތައް ޤާއިމުކުރުމަށް އެހީވެދިނުމަށް ޓަކައި ޗައިނާއިން އުފައްދައިފައިވާ ވުނަކުރުމާބެހޭ އޭޝިޔާ ބޭންކުން ފުރަތަމަފަހަރަށް ބޭރުގައި އެ ތަނުގެ އޮފީހެއް އަބޫ ޡަބްއިގައި ހުޅުވިކަން ފާހަގަ ކުރެވެއެވެ. މި ބޭންކުގެ މައިމަރްކަޒު ހުންނަނީ ބޭޖިންގް ގައެވެ. މި ބޭންކު ހުޅުވައިފައި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރީންނެވެ. މިއީ ހުޅަނގުގެ މާލީ މި ފަދަ މުއައްސަސާތަކާ ކުރިމަތިލުމަށް ޗައިނާއިން ހުޅުވި ބޭންކެކެވެ.
ބްލޫމްބަރގް ބުނާގޮތުގައި އަބޫ ޡަބްއިގެ ޢާލަމީ ބާޒާރުގައި މި ބޭންކުގެ ޢަމަލީ ގޮތްޕެއް ހުޅުވުމުގެ އަމާޒަކީ ޗައިނާގެ އެޖެންޑާތަކަށް އެހީވެދޭ އިސްތިރާތީޖީ މުއައްސަސާއެއް ބޭރުގައި ޤާއިމުކުރުމެވެ.
އޯޕެކް+ އިން އުފައްދަމުން ދިޔަ ތެޔޮ އުފެއްދުން މަދުކޮށްލުމުން ވެސް އެމެރިކާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. ސުޢޫދީ ޢަރަބިއްޔާއިން މި ފިޔަވަޅު އެޅީ އެކަމާ ދުރުހެލިވުމަށް ވޮޝިންގްޓަނުން ނަސޭހަތް ދެމުން ދަނިކޮށްނެވެ. ވޮޝިންގްޓަނުން ވިސްނައިދެވޭތޯ ބެލީ އެއީ ރަޝިޔާގެ މަޞްލަޙަތު ނިޔާކުރާ ކަމެއް ކަމެވެ. އެކަމުން ގަލްފުގެ ޤައުމުތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެކަން ވިސްނައި ދިނުމަށް ވޮޝިންގްޓަނުން ގަދައަޅައި މަސައްކަތް ކުރިއެވެ. މި ޤައުމުތަކުން ދުވާލަކު އުފައްދާ ތެލުން މިލިޔަނަކަށްވުރެ ގިނަ ފީފާ މަދުކުރުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމަށް މި އަންނަ މަހު ޢަމަލު ކުރަން ފެށޭނެއެވެ.
ޑޮލަރުގެ ބާރު
މިހެން ކަންތައްތައް ހިނގަމުން ދިޔަސް މެދުއިރުމަތީގައި މާރުކުރުމުގެ ބާޒާރު އަދިވެސް އޮތީ އެމެރިކާގެ ޑޮލަރާ ގުޅިފައި ކަމަށް މި ރިޕޯޓު ބުނެއެވެ. އަދި ޢަސްކަރީ ގުޅުންތަކާއި އިސްތިރާތީޖީ ގުޅުންތައް ވެސް ދެމިއޮންނާނީ އެމެރިކާއާއެކު ގައެވެ. އެހެންކަމުން އެމެރިކާއަށް މާ ބޮޑު ގެއްލުމެއް އަދި ލިބިފައިނުވާ ކަމަށް މި ރިޕޯޓު ބުންޏެވެ.
ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި ސަރަޙައްދު ހުރަސްކޮށް ކުރެވޭ މުޢާމަލާތުތަކުގައި ގަލްފުގެ ޤައުމުތަކުން އަސާސެއް ކަމުގައި ބަލާނީ އެމެރިކާގެ ފެހި ފައިސާއެވެ. އެހެންކަމުން ބަދަލުތައް އަންނަމުން ދާނީ ފިޔަވަހިކޮށެވެ.
ބްލޫމްބަރގް ބުނާގޮތުގައި އެހެނަސް މި މައިދާނަށް ވެސް ބަދަލުތަކެއް އަންނަމުންދާ ތަން ފެނެއެވެ. މި ހުސްވި މާރިޗު މަހު އިމާރާތުން ޗައިނާއަށް ޠަބީޢީ ގޭސް ވިއްކައިފައި ވަނީ ޗައިނާގެ ފައިސާ ޔުވާން އަސާސަކަށް ބަލައިގެންނެވެ.
ސުޢޫދީ ޢަރަބިއްޔާއަށް ބަލާއިރު އެ ޤައުމުން ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމަކަށް ޗައިނާ ވަނީ ބަދަލުވެފައެވެ. މީގެކުރިން ޗައިނާއިން އެންމެ ގިނައިން ތެޔޮ ގަނެފައި ވަނީ ރަޝިޔާއިންނެވެ. ޗައިނާ ބުނާގޮތުގައި ޑޮލަރުނޫން ފައިސާއަކުން ވިޔަފާރީގެ މުޢާމަލާތު ކުރުމަށް ޗައިނާ އޮތީ ހުޅުވިގެންނެވެ. ސުޢޫދީން ވިއްކާ ތެލުގެ 80% މުޢާމަލާތުތަކުގައި ޢާންމު ގޮތެއްގައި ބޭނުންކުރަނީ އެމެރިކާ ޑޮލަރެވެ.
މެދުއިރުމަތިން ހަކަތަ އެންމެ ގިނައިން ގަންނަ ޤައުމަކަށް ޗައިނާވުމާ ވިދިގެން ޗައިނާގެ ވުނަކުރުންތައް އެ ސަރަޙައްދަށް ގެނައުމަށް އެ ސަރަޙައްދުގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ދިޔަ ހަފުތާގައި އިމާރާތުގެ ޞީނާޢަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ސުލްޠާނުލް ޖާބިރު މި ދިޔަ ހަފުތާގައި ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ސާފުހަކަތައިގެ މައިދާނުގައި އެއްބާރުލުމާއި ގުޅުންތައް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަދެއްކުންތައް އޭނާ ބެއްވެވިއެވެ.
އިމާރާތުން މި ފިޔަވަޅު އެޅީ ސުޢޫދީ ޢަރަބިއްޔާއަށް ބަލައިގެންނެވެ. މި ދިޔަ ޑިސެންބަރު މަހު ޗައިނާގެ ރައީސް ޝީ ޖިން ޕިން ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެހި ހައިޑްރޯޖަންގެ މައިދާނުގައި އައުވަމުން އަންނަ ހަކަތައިގެ މައިދާނުގައި އެއްބާރުލުން ޤާއިމުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
ބްލޫމްބަރގް ރިޕޯޓު ބުނާގޮތުގައި ޗައިނާއަކީ ގަލްފު ސަރަޙައްދުގައި ޢަސްކަރީ މައިދާނުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް ނޫނެވެ. އެ މައިދާނުގައި އަދިވެސް ނަގާކިޔަނީ އެމެރިކާއިންނެވެ.



advertisment